ތަކަންދޫ ކުއްލި ހާލަތަކަށް، ރަށް ބަންދުކޮށްފި

ހއ. ތަކަންދޫ

ހއ. ތަކަންދޫން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ތިން މީހަކު ފެނި، އެރަށް މޮނިޓަރިންގެ ހާލަތަށް ގެންދިއުމާ ގުޅިގެން އެރަށުގައި ކުއްލި ހާލަތު އިއުލާނުކޮށް ރަށް އެއްކޮށް ބަންދުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހުންނަކީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކާވިޔާ ބޯޓުން އެ ރަށަށް ދަތުރު ކުރި ބައެކެވެ. މިހާރުވެސް ކާވިޔާ ބޯޓު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެ ބޯޓުން ދަތުރި ކުރި ގިނަ އަދަދެއްގެ ތަކަންދޫ މީހުން މިހާރުވެސް ހޯމް އައިސޮލޭޝަނަށް ލާފައި އެބަ ތިއްބެވެ.

ތަކަންދޫ ކައުންސިލުން މިއަދު ވަނީ ތަކަންދޫ މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާތީ ތަކަންދޫގައި ކުއްލި ހާލަތު އިއުލާންކޮށް މިހާލަތުގައި ރައްޔިތުން އަމަލުކުރަންވީ ގޮތުގެ އުސޫލު އެކުލަވާލައި އާންމުކޮށްފައެވެ.

އެ އުސޫލުގައި ތަކަންދޫ ރައްޔިތުން ގެއިން ބޭރަށް ނިކުމެ އުޅުން ވަނީ އެއްކޮށް މަނާކޮށް، ރަށަށް އަރާ ފޭބުން ވެސް ވަނީ އެއްކޮށް މަނާކޮށްފައެވެ.

ހަމައެއާއެކު ކޮންމެ ގޭބިސީއެއްގައި ވެސް ބައްޔަށް ޝައްކު ކުރެވޭ މީހުން ގައިދުރުކޮށް ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައި
ކަރަންޓީންކުރެވޭ ފަރާތްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތައް ފުއްދޭނެ އިންތިޒާމް ކަރަންޓީން ކުރެވޭ ފަރާތުން ނުވަތަ އެފަރާތުގެ އާއިލާއިން ހަމަޖެއްސުމަށް ދަތިވެއްޖެނަމަ ކޮވިޑް 19 ޓާސްކް ފޯސްގެ ފަރާތުން އެ ތަކެތި އެފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އަދި ކަރަންޓީން ކުރެވޭ ފަރާތްތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފިހާރަތަކުން ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

ކައުންސިލުން ބުނީ ޑޮކްޓަރަށް ދައްކަން ދާ ފަރާތްތަކުން ސިއްހީ މަރުކަޒުގެ ފާމަސީއާއި ދިމާލުގެ އުތުރު ފަރާތު ދޮރު ބޭނުން ކުރާގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ތަކަންދޫ ކައުންސިލުން ބުނީ އެ ރަށް މޮނިޓރިންގ ހާލަތަށް ގެންގޮސްފައި ވަނީ ގިނަ ބަޔަކު އެ އުޅަނދުން ރަށަށް ދަތުރު ކޮއްފާވާތީ ކަމަށެވެ.

އަދި އެރަށުގައި ދިރިއުޅޭ އާބާދީގެ ގިނަ ބަޔަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި ހިމެނޭ ދޮށީ އުމުރު ފުރައިގެ މީހުންނާއި ދިގު މުއްދަތަށް ބޭސް ބޭނުން ކުރާ ބަޔަކު ދިރިއުޅޭ ރަށެއްކަމަށް ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

އެހެންކަމުން ކޮވިޑް19 އާއި ގުޅިގެން، ޓާސްކް ފޯހުން ނިންމާފައިވާ ނިންމުންތަކަށް ހުރިހާ ރައްޔިތުން ފުރިހަމައަށް އަމަލުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކާވިޔާ ބޯޓު ދަތުރުކުރި ރަށްތައް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. އުތުރުގެ އަތޮޅުތަކުން ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު، ސަރުކާރުން ބުނެފައި ވަނީ އުތުރުގައި ގާއިމްކޮށްފައިވާ ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީތައް މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް