ފައިސާގެ އަގު ވެއްޓުމުން ލުބްނާނުގައި ވަރުގަދަ މުޒާހަރާތަކެއް

ލުބްނާނަނުގައި މުޒާހަރާތައް ހޫނުވެ ރޯކޮށްލައިފައި--- ފޮޓޯ: ރޮއިޓާސް

ލުބްނާނުގެ ފައިސާ ނުވަތަ ލެބަނީޒް ޕައުންޑްގެ އަގު ދަށްކުރުމާ ގުޅިގެން އެގައުމުގެ މުޒާހަރާތައް ހޫނުވެ ބޮޑެތި ހަމަނުޖެހުމަކަށްް ބަދަލުވެއްޖެއެވެ.

އެ ހަމަނުޖެހުންތަކުގައި ލުބްނާނުގެ ސިފައިން ނުކުމެ ބަޑިއާއި ކަރުނަގޭހާއި ރަބަރު އުންޑަތަކުން ކުރިމަތިލުމުން އެކަކު މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

މުޒާހަރާތަކުގައި އާންމުންވަނީ މަގުތައް ބަންދުކޮށް ބޭންކްތަކަށް ގެއްލުންދީފައެވެ.

ލުބްނާންގެ ފައިސާ ޑީވެލިއުކުރުމުން އެގައުމުގެ ގިނަ ބަޔަކު ބޭންކްތަކުގައި ރައްކާކޮށްފައި ހުރި ފައިސާ މިހާރު ވަނީ އަގެއް ނެތް އެއްޗެކަަށްވެ ބޮޑުތަނުން ގެއްލިފައެވެ.

އިގްތިސާދީ ކާރިސާއަކަށް ލުބްނާން ގޮސްފައި އޮންނަތާ މިހާރު ހަ މަސް ވަނީ ވެފައެވެ. އެއާއެކު ލުބްނާނުގައި ޑޮލަރު ލިބުން ވަރަށް ބޮޑަށް ދަށްވެ ލެބަނީޒް ޕައުންޑްގެ އަގު 50 ޕަސެންޓް ވަނީ ވެއްޓިފައެވެ.

މުޒާހަރާތަކުގައި މަރުވި މީހެއްގެ ދައްތަ ބުނީ އޭނާގެ ބޭބެ މަރުވީ ލުބްނާނުގެ ސިފައިންދިން ބަޑީގެ ހަމަލާއެއްގައި ކަމަށެވެ.

ލުބްނާނުގެ ސިފައިން ބުނީ މުޒާހަރާތަކުގައި ލައިވް ވަޒަން ބޭނުންކުރި ކަމަށާއި އެހެން ނަމަވެސް ބަޑި ޖެހީ ވަޔަށް ކަމަށް ބުންޏެވެ.

ލުބްނާނުގައި މުޒާހަރާތައް ފެށީ މިިދިޔަ އޮކްޓޫބަރުމަހުއެވެ. މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މުޒާހަރާތައް އޮތީ މަޑުޖެހުނު ނަމަވެސް އަނެއްކާވެސް އެ މުޒާހަރާތައް ވަނީ ފެށިފައެވެ.

އަލްޖަޒީރާ

ގުޅޭ ޓެގު
comment ކޮމެންޓް