ގޭގެއިން ކުނި ނެރެންވީ މެންދުރު 12:00 އިން 2:00އަށް

އޭޕްރީލް 8، 2020: ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް މުޅި ރާއްޖޭގައި އަޅަމުންދާއިރު، ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ވެމްކޯގެ ކުނި ކަހާ އަންހެނުން ހިމެނޭ. ކޮންމެ ދުވަހަކު އެ މީހުން މަގުތައް ސާފު ކުރަން ނުކުންނަނީ އަމިއްލަ ނަފްސު ނުރައްކަލަށް ހުށަހަޅަމުން. އެ މީހުން ބުނާ ގޮތުގައި ބޭނުންކޮށްފައި ހުންނަ ޓިޝޫއާއި ފޭސް މާސްކުތައް މަގުމަތިން ކަހަން ޖެހޭ. އެ މީހުން އާދޭސްކޮށްފައި ބުނަނީ އެފަދަ ކުނި މަގުމައްޗަށް ނާޅަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގެ ގޭބީސީތަކުގައި އުފެދޭކުނި ގޭގެ ތިރިއަށް ބާލާނެ ގަޑި ވެމްކޯ އިން ހާމަކޮށްފި އެވެ.

ވެމްކޯ އިން ބުނީ ގޭގެގައި އުކާލާ ކުނި ރަނގަޅަށް ބަންދުކުރުމަށް ފަހު ކޮންމެ ދުވަހެއްގެވެސް މެންދުރު 12:00 އާއި 2:00 ދެމެދު ގޭގޭގެ ތިރިއަށް ބާލާފައި ބެހެއްޓުމަށް އެދޭކަމަށެވެ.

އައިސޮލޭޝަންގައި ހުންނަ ގޭގެއިން ކުނި ބޭރަށް ނުނެރުމަށާއި އެކަމަށް ހާއްސަ ޓީމަކުން ގޮސް އެފަދަ ގޭގެއިން ކުނި ނަގާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.

މާލެ އިން އިއްޔެ ކޮވިޑް-19ގެ ބަލި މީހަކު ފެނުމާ އެކު ވެމްކޯއިން ދެމުން އައި ހިދުމަތްތައް ވެމްކޯ އިން އިއްޔެ ވަނީ މެދުކަނޑާލައިފައެވެ.

ނަމަވެސް ކުނި އުކައިދިނުމުގެ ހިދުމަތް އަލުން ފަށަން ނިންމާ، އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ މުހައްމަދު ޝާން ވިދާޅުވީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ކަސްޓަމަރުން ކޮންމެ ދުވަހެއްގެ 12 އިން 14:00 އަށް ކުނި ތިިރިއަށް ބޭލުމަށް އެދޭ ކަމަށެވެ.

"އެލީވޭ އެއް ވެއްޖެއްޔާ އެލީވޭ އިން ބޭރަށް ނެރެފައި ބަހައްޓާ ދެއްވާށޭ. އަޅުގަނޑުމެންގެ ޓީމު ގޮސް އެ ކުނިތައް ބަރާބަރަށް ނަގަމުން ދާނެ،" ޝާން ވިދާޅުވިއެވެ.

ކުނި ބަންދު ކުރާއިރު ޑަބަލް ކޮތަޅަށް ލުމަށް ޝާން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"ހައުސްހޯލްޑްގެ ކުނި ނަގާއިރު ބައެއް ހާލަތްތަކުގައި ދިމާވެދާނެ ގޭގައި ހުންނަ އެހެން ކަހަލަ، އައިސްއަލަމާރި، ފަރުނީޗަރު ފަދަ ތަކެތި އުކާނުލެވޭނެ. މި ފުރުސަތުގައި ރައްޔިތުންގެ ފަރާތުން އެދެން އެފަދަ ކުނިތައް އެހަށް ބެހެއްޓުމަށް،" ޝާން ވިދާޅުވިއެވެ.

މީގެ އިތުރުން ތޫނުތަކެއްޗާއި ތެޅިފައި ހުންނަ ތަކެތި ކަރުދާހަށް ލައި ވަކިން ޕެކް ކުރުމަށްފަހު ކުނިކޮތަޅު ތެރެއަށް ލުމަށާއި ކުނި ކޮތަޅަށް އަޅާއިރު ކޮތަޅުގެ ހަތަރު ބައިކުޅަ ތިންބަޔަށްވުރެ ގިނައިން ކުނި ނޭޅުމަށްވެސް ޝާން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

"ރަނގަޅަށް ގޮށް ޖަހާފައި އޭގެން އެއްޗެއް ލީކުނުވާނެހެން ބަންދުކުރައްވާ،" ޝާން ވިދާޅުވިއެވެ.

މިހާލަތުގައި އައިސޮލޭޝަންގައި ހުރި ގޭގޭގެ ކުނި ނެގުމަށް އެކަމަށް ހާއްސަ ޓީމުތަކުން އެގޭގެއަށް ދާނެކަމަށާއި އެފަދަ ގޭގޭގެ ކުނި ބޭރަށް ނުނެރުމަށް އެދޭކަމަށްވެސް ޝާން ވިދާޅުވިއެވެ.

"މިދުވަސްވަރަށް ގުޅޭގޮތުން ތަމްރީނުތައް ދެވިފައިވަނީ. މުވައްޒަފުން މަސައްކަތަށް ނިކުންނާނީ ޓެމްޕަރޭޗާ ޗެކް ކުރެވި އެބޭފުޅުންނަސް ހާއްސަ ޕީޕީއީ އާއެކު،" ޝާން ވިދާޅުވިއެވެ.

"މާލެ ގޮނޑުވިޔަ ދޭކަށް ބަލަހައްޓައިގެން އަޅުގަނޑުމެންނަކަށް ނުތިބެވޭނެ. ކުނި ޕެކް ކުރާއިރުވެސް ވިސްނަވާށޭ ކުނި ކޮތަޅު އުފުލާ މީހާއަށް މީގެ ސަބަބުން ވާނީ ކޮން ގެއްލުމެއްތޯ،" ކުނިކޮތަޅު ބަންދު ކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމަށް ސަމާލުވުމަށް ތަކުރާރުކޮށް ޝާން އިލްތިމާސް ކުރެއްވިއެވެ.

ވެމްކޯ އިން ބުނީ އެކުންފުނީގެ ކޯލް ސެންޓަރު 1666 ގެ ހިދުމަތް ހެނދުނު 10 އިން ހަވީރު ހަތަރަށް ދޭނެ ކަމަށެވެ. އަދި ކޮމާޝަލް ކަސްޓަމަރުންނަށް ހިދުމަތްދޭނީ ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް ކަމަށް ވެމްކޯ އިން ބުންޏެވެ.


comment ކޮމެންޓް