މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެ ކަމާމެދު ސުވާލު އުފައްދައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނދިވަޅުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާމެދު ސުވާލު އުފައްދައި، ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފަށައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށްޓަކައި މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް، ސަރުކާރުގެ ފަރާތުން ވަނީ އިސްލާހެއް ހުށަހަޅައިފަ އެވެ.

އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމުގެ ކުރިން، މި ހާލަތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާމެދު ސުވާލު އުފެއްދެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

"ގާނޫނު އަސާސީގައި އެބަ ބުނޭ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހުކޮށްގެން ނުވާނޭ. އެހެންވީމަ އަޅުގަނޑުމެން އިތުރު ވިސްނުމެއް ވިސްނާލުމަކީ އަޅުގަނޑު ދެކޭގޮތުގައި މުހިންމު ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ގާނޫނު އަސާސީގެ 267 ވަނަ މާއްދާގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ވަގުތެއްގައި ގާނޫނު އަސާސީއަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ މިހާރު ދިމާވެފައި މިއޮތީ ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތު ކަމަށާއި، މި ހާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ލިބިވަޑައިގަންނަވާ ބާރުތައް ނުނަންގަވާ ކަމަށެވެ.

ކުއްލި ހާލަތެއްގައި ގާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ސަބަބު ވެސް ދެނެގަތުން މުހިންމު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް މިއަދު އެބަ ބަހުސް ކުރާންޖެހޭ މިއަދު ދިވެހިރާއްޖެ މިއޮތީ ގާނޫނީ ކޮން ހާލަތެއްގަތޯ. ކުއްލި ނުރައްކަލުގެ ހާލަތަށް ވަނީކަމަށް ވަންޏާ އަޅުގަނޑުމެންނަކަށް ގާނޫނެއް އިސްލާހެއް ނުކުރެވޭނެ. އެހެންވީމަ އަޅުގަނޑުމެން ދެނެގަންނަން ބަލަން އެބަ ޖެހޭ މިއީ ކޮން ހާލަތެއްތޯ،" ނަޝީދު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރާހާ ހިނދަކު ގާނޫނު އަސާސީ އިސްލާހުކުރަން ހުރަހެއް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އެހެންކަމުން މިކަމަށް އެންމެ ފަސޭހަ ގޮތަކަށް ވާނީ ގާނޫނުއަސާސީގެ 253 ގެ ދަށުން ބަލިމަޑުކަމުގެ ހާލަތެއް ރާއްޖޭގައި އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކޮށް، ބައެއް ގާނޫނުތަކަށް އަމަލު ކުރެއްވުން ފަސްުކުރެއްވުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެހެން ނޫނިއްޔާ މިކަހަލަ ޓެކްނިކަލް މައްސަލަތައް ނުކުންނާނީ. ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އަންނަނީ އެމަޖެންސީ ހިންގަމުން. އެހެންވީމަ ރާއްޖޭގައި ވެސް އެބަ ޖެހޭ ހިންގަން،" ޝަރީފް ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތަށް މި ހާލަތު ވާކަމުގައި ވާނަމަ، މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށެވެ.

އޮކްޓޯބަރ 7، 2019: 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އިމްތިޔާޒް ފަހުމީ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތަކީ ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތަކަށް ވާންޖެހޭ ކަމަށް ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ނުބުނާ ކަމަށެވެ. އެހެންކަމުން މިހާރު ދިމާވެފައި އޮތީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި ގާނޫނު އަސާސީގެ 267 ގައި ބުނާ ކުއްލި ނުރައްލުގެ ހާލަތަކަށް ނުވާންވީ ސަބަބެއް އަޅުގަނޑަކަށ ނުވިސްނޭ. ނަތީޖާ އަކީ ވެސް އެކައްޗެއް،" މެމްބަރު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ އެންމެ ރަނގަޅަށްތޯ ވެސް ސުވާލުއުފައްދަވައިފަ އެވެ.

comment ކޮމެންޓް