މުވައްޒަފުންގެ ސަސްޕެންޝަނަށް ހަފްތާއެއްތެރޭ ހައްލު ލިބޭނެ ކަމަށް ބެލެވޭ: ސީއެސްސީ

ސީއެސްސީގެ ރައީސް ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލި ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ މުވައްޒަފުންގެ ސަސްޕެންޝަން މައްސަލައަށް ގާނޫނުގެ ތެރެއިން ހަފްތާއެއްހާ ދުވަސްތެރޭ ހައްލެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެ އެވެ

ލޯކަލް ކައުންސިލްތަކުގެ އިންތިހުބުގެ ގާނޫނުގައި ބުނާގޮތުން، ސީއެސްސީ މުވައްޒަފަކު ކައުންސިލަށް ކުރިމަތިލައިފިނަމަ، އެމީހަކު އެ އިންތިހާބަކަށް ކުރިމަތިލާ ތާރީހުން ފެށިގެން އެމީހަކު ހުރި ސިވިލް ސާވިސްގެ ވަޒީފާއިން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑްވާނެ އެވެ.

ޑރ. ޝަމީމް މިއަދު "ސަން" އަށް ވިދާޅުވީ، އިންތިހާބަށް ކުރިމަތިލި މުވައްޒަފުންނަށް ސަސަޕެންޝަންގައި ހޭދަވާ މުއްދަތު ދިގުވެގެން ދިޔުމަކީ އެ ކޮމިޝަނުގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަަމަށެވެ. މިކަމުގައި އެޓާނީ ޖެނެރަލް އޮފީހުގެ ލަފައަކަށްވެސް އެދިފައިވާނެ ކަމަށް ޑރ. ޝަމީމް ވިދާޅުވި އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި އެކަމުގައި މަޖިލީހުން ފާސްކުރާ ގާނޫނުން ޖުމްލަ ހައްލެއް ލިބިގެންދާނެ ކަމަށް ޑރ. ޝަމީމް ވިދާޅުވި އެވެ.

"ކަންބޮޑުވޭ. ހިތާމަ ކުރާ ކަމެއް މިއީ. ސަސްޕެންޝަން ދިގުލައިގެން ދުވަސްތަކެއް ވެއްޖެ. އެބޭފޫޅުންނަށް ހަމްދަރުދީވަން. އުންމީދަކީ ވީހާވެސް އަވަަހަކަށް ގާނޫނުން އެ މުވައްޒަފުންނަށް ހައްލެއް ލިބިގެން ދިޔުން،" ޝަމީމް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން އާންމު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިން މިމަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިހާބު އެޕްރީލް 18 އަށް ފަސްކޮށްފަ އެވެ. ނަމަވެސް މިހާރު ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަނީ، ސަންސެޓް ގާނޫނެއްގެ ތެރެއިން އިންތިހާބު އަންނަ އަހަރު ޖެނުއަރީ 18 އަށް ފަސްކުރުމަށެވެ.

ޝަމީމް ވިދާޅުވީ، ހަފްތާއެއްހާ ދުވަސް ތެރޭ އެ ގާނޫނުގެ މަސައްކަތް ނިމިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ގާނޫނުން ފާސްވެެގެން އަންނަ އިރު، އެ މުވައްޒަފުންނަށް ލުއެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިހާބު ޖެނުއަރީއަށް ފަސް ކުރުމަށް މަޖީލީހުން އަންގައިގެން އެޓާނީ ޖެނެރަލް އޮފީހުން ވަނީ ބިލު ޑްރާފްޓްކޮށް ރައީސް އޮފީހަށް ފޮނުވާފަ އެވެ. އަދި އެ ބިލު މަޖިލީހަށް ފޮނުވާފައެއް ނުވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ޖެނުއަރީއަށް ފަސްކުރާކަން އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ބިލުގައި ހިމަނަނީ އަންނަ އަހަރުގެ ޖެނުއަރީއަށް އިންތިހާބު ފަސްކުރުމަށެވެ.

ލޯކަލް ކައުންސިލްގެ ގާނޫނުގައި ބުނާގޮތުން، އިންތިހާބަށް ކުރިމަތިލީ ގޮނޑިއަށް އެމީހަކު ނުހޮވިއްޖެނަމަ، އެމީހާއަށް ވަޒީފާއަށް އެނބުރި ރުޖޫއަވުމުގެ ފުރުސަތު އެމީހަކަށް ދޭންވާނެ އެވެ.

comment ކޮމެންޓް