އާރްއޯއެލް ކަސްޓަމަރުންނަށް މި މަހު 200 ޕަސެންޓާ ހަމައަށް ހިލޭ ޑޭޓާ

އާރްއޯއެލްގެ ފްރަންޓް އޮފީސް. ކޮވިޑް19އާ ގުޅިގެން މި މަހު އާރްއޯއެލްގެ ގިގަ-ފައި ހޯމް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބޮޑު ލުއިތަކެއް ދިނުމަށް އެކުންފުނިން ވަނީ ނިންމާފައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖެ އޮންލައިން (އާރްއޯއެލް)ގެ ކަސްޓަމަރުންނަށް މި މަހު 100-200 ޕަސެންޓާ ހަމައަށް ހިލޭ ޑޭޓާ އެލަވަންސް ފޯރުކޮށްދޭން ނިންމައިފިއެވެ.

އާރްއޯއެލްގެ ސްޕޯކްސްޕާސަން މުހައްމަދު މުއައްޒިން ނައީމް ވިދާޅުވީ މިއީ ގައިދުރުވެ ގޭގައި ތިބުމަށް ބާރުއަޅައި. ސަރުކާރުގެ އެއްބާރުލުމާއެކު އާރްއޯއެލްއިން ކަސްޓަމަރުންނަށް ދޭ ލުއި ފަސޭހައެއް ކަމަށެވެ.

އާރްއޯއެލްއިން ހިލޭ ޑޭޓާ އެލަވަންސް ދިނުމަށް ނިންމާފައިވަނީ އެކުންފުނީގެ "ގިގަ-ފައި ހޯމް ފައިބާ ބްރޯޑްބޭންޑް" ކަސްޓަމަރުންނަށެވެ. އެގޮތުން މި މަހު އާރްއޯއެލްގެ 75 ޕަސެންޓު ކަސްޓަމަރުންނަށް 100-200 ޕަސެންޓާ ހަމައަށް ހިލޭ ޑޭޓާ އެލަވަންސް ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކޮރޯނާވައިރަހާ ގުޅިގެން އާރްއޯއެލް ގިގަ-ފައި ހޯމް ފައިބާ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އަގުން 50 ޕަސެންޓުވެސް މީގެ ކުރިން ވަނީ އަގުހެޔޮކޮށްދީފައެވެ.

އާރްއޯއެލްއިން ބުނީ މި ލުއިތަކާއެކު ގޭގައި ތިބެ މަސައްކަތްކުރާ ފަރާތްތަކަށާއި އޮންލައިންކޮށް ކިޔަވާ ކުދިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

https://sun.mv/134045

މި ދުވަސްވަރާ ދިމާކޮށް އިތުރު އެކި ލުއިފަސޭހަތައް ފޯރުކޮށްދޭން މަސައްކަތްކުރަމުންދާ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އެޑްއޮންތައް ވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ އާރްއޯއެލް ގިގަ-ފައި ޕެކޭޖުތަކުގައި ބަހާލާފައިވަނީ ހަތް ސްޕީޑުގެ ޕެޖޭޖުތަކަށެވެ. އެއީ ހަ އެމްބީޕީއެސްއިން ފެށިގެން 100 އެމްބީޕީއެސްއާ ދޭތެރޭގެ ސްޕީޑުތައް ހިމެނޭ ޕެކޭޖުތަކެކެވެ.

މި ޕެކޭޖުތަކުގެ މައުލޫމާތު އާރްއޯއެލްގެ ވެބްސައިޓުން ބަލައިލެވޭނެއެވެ.

comment ކޮމެންޓް