"ހެހެސް"ގެ ޝޫޓިން ފެށޭ ހަފްތާގައި ނިންމާލެވޭނެ!

ހެހެސް ފިލްމް ޕޯސްޓަރު ---

ދިވެހިންގެ ތެރޭގައި މަގުބޫލު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ކުރިޔަށް ގެނެސްދޭން ނިންމާފައިވާ ދިވެހި ފިލްމު "ހެހެސް" ގެ މަންޒަރުތައް މިހާރު ބ ގޮއިދޫގައި ކުރިއަށްދާއިރު މި ފިލްމުގެ ޝޫޓިން އެއްކޮށް އަންނަ ހަފްތާތެރޭ ނިންމާލެވޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުނެފިއެވެ.

"ސަން"އާ ވާހަކަ ދައްކަމުން ޝަފީގު ބުނީ ފިލްމުގެ ޝޫޓިން ޝެޑިއުލް އާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި ފެށޭ ހަފްތާގެ މެދެއްހާ ތެރޭ ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މާލޭގައި ޝޫޓްކުރަން ހަމަޖެހިފައިވާ ބައި ޝޫޓްނުކޮށް ފިލްމުގެ ހުރިހާ މަންޒަރެއްވެސް ނަގާނީ ގޮއިދޫގައި ކަމަށްވެސް ޝަފީގު ބުންޏެވެ.

ޝަފީގު ބުނީ މި އަހަރު ފިލްމު އެޅުވުމުގެ މަގު ތަނަވަސްވެއްޖެނަމަ މި އަހަރުތެރޭ ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ތައްޔާރަށް ތިބި ކަމަށެވެ. ހެހެސްގައި ޖުމްލަ ތިން ލަވަ ހިމެނެއެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ސްްކްރީން ޕްލޭއަކަށް ހަދާ "ހެހެސް" ޑައިރެކްޓްކުރަނީ ކާމިޔާބު ޑައިރެކްޓަރު އަހުމަދު ނިމާލެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެސް ޔޫއްޕެ ހިމެނޭ އިރު ދެން އެ ފިލްމުން ފެންނާނީ އަރަމުން އަންނަ ތަރިން ކަމަށްވާ ޝިފާ، އިރުފާނާ އިބްރާހީމް، ލަހުފާ އަދި އަލަށް ތައާރަފްވާ ތަރިއެއް ކަމަށްވާ ވާޝިއާގެ އިތުރުން ނިއުމާ މުހައްމަދުގެ ކުރިޔަށް އޮތް ފިލްމު "ކަޅަކި"އިން މުހިންމު ރޯލަކުން ފެނިގެންދާނެ ޝިޔާއެވެ.

އަދި ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ދެ މޫނު ކަމަށްވާ އިބްރާހިމް ޖިހާދުއާއި އަލީ އާޒިމް (ދޮން އައްޔަ)ވެސް ފެނިގެންދާނެއެވެ.

comment ކޮމެންޓް