ވަކީލުންގެ އިހުމާލަށް ބަދަލު ދިނުމަށް ފަންޑެއް ހުޅުވަން ގަސްތުކުރާ ކަމަށް ބުނެފި

--- ސަން ފޮޓޯ/ އަހުމަދުﷲ ހާދީ

ވަކީލުކަން ކުރާ ފަރާތްތަކުގެ ނޭދެވޭ އަމަލެއްގެ ސަބަބުން ލިބޭ ގެއްލުމަކަށް ބަދަލުދިނުމަށް ފަންޑެއް ހުޅުވުމަށް ގަސްދުކުރާ ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.

ރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ބާ ކައުންސިލުގެ އެންމެ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ހަމީދު ވިދާޅުވީ ވަކީލެއްގެ ނޭދެވޭ އަމަލެއްގެ ސަބަބުން ކުރިމަތިވެދާނޭ ދަތިތަކަށް ބަދަލުދިނުމަށް ފަންޑެއް ނުވަތަ "ލޯޔާޒް ފަންޑް ފޯ ކްލަޔަންޓް ޕްރޮޓެކްޝަން" ހުޅުވުމާ އެކު ވަކީލުންގެ ނުރަނގަޅު އަމަލުތަކަށް ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އެ ފަންޑާ އެކު އާންމުންގެ މެދުގައި ގާނޫނީ ފަންނަށް އޮންނަ އިތުބާރު ވެސް އިތުރުވެގެންދާނޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެ ނުރަނގަޅު އަމަލުތަކުގެ ސަބަބުން އެ ނިކުންނަ ނަތީޖާ މިޓިގޭޓް ]ހައްލު] ކުރެވޭނެ ގޮތެއް އަޅުގަނޑުމެންނަށް ފަހިވެގެންދާނެ." ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި މި އަހަރު ބާ ކައުންސިލުން އިތުރަށް ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ މައުލޫމާތު އާންމު ކުރި އެވެ.

މި އަހަރުގެ މަސައްކަތްތަކުގެ ތެރޭގައި ގައުމީ މޫޓް މުބާރާތެއް ބޭއްވުން، ލޯ ފާމްތައް ރެޖިސްޓާ ކުރުން އަދި ބާ އިމްތިހާނުގެ ދިރާސާތަކުގެ މަސައްކަތުގެ އިތުރުން ގާނޫނީ ވަކީލުންގެ ސުލޫކާ ބެހޭ ގަވާއިދެއް ހެދުން ވެސް ރޭވިފައިވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

މައުމޫން ހަމީދު ވަނީ މިހާރު ގާނޫނީ ދާއިރާއިން ދަސްވެނިވެފައިވާ ދަރިވަރުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ވެސް އެ ޖަލްސާގައި އަލިއަޅުވާލައިފަ އެވެ. މައުމޫން ވިދާޅުވި ގޮތުގައި ގާނޫނުގެ ތެރެއިން މިހާރުގެ ވަކީލުންނަށް ލުއިތަކެއް ލިބިފައިވާ އިރު ދެން އެ ދާއިރާއަށް ނިކުންނަން ތިބި ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމީ އިންސާފުވެރިގޮތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

"މި ފްރެޓާނިޓީއަށް ވަދެވަޑައިނުގެންނެވޭނެ ގޮތަށް އޮތީމަ، [މިހާރުގެ ވަކީލުންނަށް އޮތް] މިންވަރަށް އެބޭފުޅުންނަށް ލުޔެއް ލިބުން އެއީ އެބޭފުޅުންގެ ހައްގެއް ނޫންތޯ އަޅުގަނޑުމެން އެބަޖެހޭ ވިސްނާލަން. އަޅުގަނޑު އެދެން އެކަމަށް ހުރިހާ ބޭފުޅުން ވަރަށް ފުންކޮށް ވިސްނާވަޑައިގަންނަވަން." މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ވަނީ ކައުންސިލަށް ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭ ޙަރަދު ކުޑަކުރުމަށް ވިސްނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ދައުލަތުގެ މާލިއްޔާއިން ބާ ކައުންސިލަށް ކުރަން ޖެހޭ ޙަރަދު ކުޑަ ކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ. އެގޮތުން އަޅުގަނޑުގެ އަމާޒަކީ އަހަރުން އަހަރަށް ވަކި މިންވަރަކުން މަދުކުރަމުން ގެންދިޔުން." މައުމޫން ވިދާޅުވި އެވެ.

comment ކޮމެންޓް