ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އަދި ބާއްވާނީ ތިން ތަނެއްގައި: ޖޭޕީ

ޖޭޕީގެ އަސާސީ ގަވައިދު: އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަދި ތިން ތަނެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަ ކުރުމަށް ނެރޭ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ އެތެރެގޭ ޕްރައިމަރީ އަދި ބާއްވަން އޮތީ ތިން ތަނެއްގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިދިޔަ ހަފްތާ ބުދަ ދުވަހު ޖޭޕީގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވާއިރު، ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފު މިއަދު "ސަން" އަށް ވިދާޅުވީ، ޕްރައިމަރީ އަށް ކުރިމަތިލީ ފަރާތްތަކުގެ ފޯމުތައް ޕްރޮސެސް ކުރުމުގެ ކަންކަން މިހާރުވެސް ކުރިއަށް ދާކަމަށާއި މިހާތަނަށް ގާނޫނީ އަދަދަށްވުރެ ގިނައިން ކުރިމަތިލާފައި ވަނީ ތިން ތަނެއްގައި ކަމަށެވެ.

" މިހާތަނަށް ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ 15 [މާފަންނު ހުޅަނގު އުތުރު]، އދ. މާމިނގިލި، [އަދި] އދ. ފެންފުށި،" އަލީ އާރިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއީ މިވަގުތަށް ޕްރައިމަރީ ބާއްވާނެ ކަން ޔަގީންވެފައިވާ ތަންތަން ކަމަށާއި ނަމަވެސް އަދިވެސް އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ހުޅުވާލައިގެން ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު، މިއީ އެ ޕާޓީގެ ތާރީހުގައި މި ގޮތަށް އެ ޕާޓީން ޕްރައިމަރީ ބާއްވާ ފުރަތަމަފަހަރެވެ.

އަންނަ އެޕްރީލް މަހު ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓުން އެމްޑީޕީ އަދި ޕީޕީއެމް އިން މިހާރު ވަނީ ޕްރައިމަރީ ބާއްވައިގެން ކަނޑައަޅާފަ އެވެ.

comment ކޮމެންޓް