ބާތިލް ކުރި އެމްޑީޕީ ގއ. އަތޮޅުގެ ޕްރައިމަރީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ބާއްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ގއ. ރައްޔިތުން ވޯޓުލާ މަރުކަޒު، ކަލާފާނު ސްކޫލުގައި ހަމަނުޖެހުންތައް ބޮޑުވެ، އެ އަތޮޅުގެ ނުވަ ރަށުގެ ޕްރައިމަރީ އެމްޑީޕީން ރޭ ވަނީ ބާތިލްކޮށްފަ އެވެ.
ޕްރައިމަރީއާ ގުޅިގެން މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގެ ކަންކަން ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށާއި ހަމައެކަނި މައްސަލަ ޖެހި ބާތިލް ކުރަން ޖެހުނީ ގއ. އަތޮޅުގެ ޕްރައިމަރީ އެކަނި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ހަފްތާއެއްހާ ދުވަސްތެރޭ ގއ. އަތޮޅުގެ ޕްރައިމަރީ ބޭއްވޭނެ. ޕާޓީގެ ޗެއާޕާސަންއާއި އިންތިހާބީ ކޮމިޓީން ދަނީ އެ މަސައްކަތް ކުރަމުން،" ޕްރައިމަރީ ބޭއްވޭނީ ކޮންއިރަކުތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ހަފްތާއެއްހާ ދުވަސްތެރޭ ޕްރައިމަރީ ބާއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ސީދާ ވަކި ތާރީހެއް ރައީސް ނަޝީދު ވިދާޅެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ގއ. ޕްރައިމަރީގެ ވޯޓު ލުން އޮންނާނީ އަންނަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު އެވެ.
ބާތިލް ކުރި ގއ. އަތޮޅުގެ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 5،421 މީހުންނަށެވެ. އެ އަތޮޅުގެ ނުވަ ރަށުގެ ކައުންސިލަށް ޖުމްލަ 61 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. ނުވަ ރަށުގެ ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ އަތޮޅު ކައުންސިލް ރައީސް ކަމަށް ކުރިމަތިލާފައިވަނީ ތިން ބޭފުޅެކެވެ. އެގޮތުން އަތޮޅު ކައުންސިލަށް ވާދަ ކުރަނީ، މިހާރު އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު އާއި އަތޮޅު ކައުންސިލްގެ ދާންދޫ ދާއިރާ މެމްބަރު ހުސައިން އާދަމް އަދި ގއ. ވިލިނގިލި/ކަނޑުފެހި ޝަޒްމީން ޝިޔާމް އެވެ.
އެމްޑީޕީ ގއ. ޕްރައިމަރީ ބާތިލް ކުރުމާއެކު އެ އަތޮޅުގެ ބައެއް ރަށްތަކުގައި ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށިތައް ނައްތާލުމުގެ ގޮތުން އަންދާލި އެވެ. އަދި އެކާ ގުޅިގެން ޝޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެމްޑީޕީއަށް ފާޑު ކިޔާފަ އެވެ.
އެކަމާ ގުޅިގެން ސުވާލު ކުުރުމުން ރައީސް ނަޝީދު ވިދާޅުވީ، އެކަމުގައި ގޯހެއް ނެތް ކަމަށާއި އެއީ މެމްބަރުން ޖޯޝުގައި އެގޮތަށް ކުރައްވާ ކަންކަން ކަމަށެވެ. އެގޮތަށް ސިޔާސީ ކަންކަމުގައި ޖޯޝު ނުބެއްހެޓުމަށް އެއްވެސް މެމްބަރެއް ކައިރީ ނުބުނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ވޯޓުފޮށިތައް އަންދާލައިގެންވެސް އުޅެނީ އަޅުގަނޑުމެން ދަންނަ ގާތް މީހުން. އަދި އަންދާލިޔަ ނުދެންވެގެން ފަހަތުން ދުވަނީވެސް އެއްބަޔެއް. އެއީ އެކަމުގެ ޖޯޝުގައި ވެދިޔަކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ވޯޓު ކަރުދާސް އަންދާ ފޮޓޯތައް ޝޯޝަލް މީޑިއާގައި ރޭ ވަރަށް ގިނަވި ކަމަށާއި އެ ހުރިހާ ފޮޓޯތަކަކީ، މެމްބަރުން ޖޯޝް ގަދަވެގެން އަންދާލި ރަށްތަކެއް ނޫން ކަމަށެވެ.
"އެއީކީ އެކްޓިވިސްޓުން ޖޯޝްގަދަވެގެން އެންދީކީ ނޫން. ޕާޓީގެ ފަރާތުން ގއ. ގެ ވޯޓު ކަރުދާހެއް އެންދީ،" ރައީސް ނަޝީދު ވިދާޅުވި އެވެެ.
ޖޯޝް ގަދަވެގެން ވޯޓު ފޮށި އަންދާލާ ހިސާބަށް ހިތް ނުތަނަވަސް ވުމުން ކުރައްވާނެ ކަމެއްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ވޯޓު ފޮށި އަންދާލާ ހިސާބަށް ދާ ބޮޑިއެއްގައި ހިތް ނުތަނަވެސް ވެގެން އެންމެ ބުއްދިވެރިގޮތަކަށް ވާނީ މޫދަށް އެރުން ނުވަތަ ގެއަށް ވަޑައިގެންނެވުން. ނުވަތަ ކޮންމެވެސް ބާވަތެއްގެ ފިިކަމެއް ލިބޭ ކަމެއް ކުރުން،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުގެ އިލްތިމާސެއް އެއީ އެއްވެސް ވޯޓު ފޮއްޓެއް ރައްކާތެރި ކަމެއް ނެތި އަންދާނުލުމަށް އަދި ފޮށިތައް އަންދާލުމާއި ކަރުދާސް އަންދާލުމަކީ، ކަމާ ގުޅުންހުރި އޮފިޝަލުންގެ މަސައްކަތެއްގެ ގޮތުގައި ބަހައްޓައި ދިނުމަށް،"
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެ ޕާޓީން ބޮޑު އަގުލަބިއްޔަތެއް ނަގާނެ އެވެ. އެގޮތުން ހުރިހާ ރަށެށްގެ އަގުލަބިއްޔަތު ނަގާ، 60 ޕަސެންޓު ގޮނޑި ކާމިޔާބުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.