ހުރިހާ ރަށަކުން އަގުލަބިއްޔަތު ލިބޭނެ، 60 ޕަސެންޓް ގޮނޑި ނެގޭނެ: ނަޝީދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝިދު ވާޙަކަ ދައްކަވަނީ: އިންތިހާބު 60 ޕަސަންޓު ކާމިޔާބު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ހުރިހާ ރަށެއްގެ އަގުލަބިއްޔަތު ނަގާ، 60 ޕަސަންޓް ގޮނޑި ނޭގޭނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން އެއްޔެ ވަނީ އެ ޕާޓީން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމަށް ނެރޭ ކެންޑިޑޭޓުންް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ބާއްވާފަ އެވެ.

ޕްރައިމަރީއަށް ފަހު، މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ރައީސް ނަޝީދު ވިދާޅުވީ، ޕްރައިމަރީގެ ކަންކަން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށް އެޕާޓީ ފުރިހަމައަށް ތައްޔާރުވެ، އިންތިހާބު ބޮޑުތަކުން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މޮޅުވި ކެންޑިޑޭޓަށް ލިބުނު އަދަދަށްވުރެ ގިނައިން އެމްޑީޕީގެ ޕްރައިމަރީގައި މޮޅުވި ކެންޑިޑޭޓަށް ލިބުނު ވޯޓުގެ އަދަދު ގިނަ. އެއްވެސް ޝައްކަކާ ނުލާ 60 ޕަސެންޓް ގޮނޑި [ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން ކަމާ]އެކު މި ފަށަނީ. އެއްވެސް ޝައްކަކާ ނުލާ 60 ޕަސެންޓްގެ ގޮނޑިއާ އެކު މިފަށަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި އިންތިހާބުގައި އެމްޑީޕީއަށް ތާއީދު މަދު ދާއިރާތަކީ ކޮބާތޯ ބަލާ އެ ދާއިރާތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"[ތާއީދު މަދު ދާއިރާތަކުން] ފަސް ގޮނޑި އެމްޑީޕީއަށް ނާންނާނެ. އެހެން ނަމަވެސް އަގުބަލިއްޔަތު މުޅި ރާއްޖޭގައި ލިބޭނެ ހަމަ މުޅި ރާއްޖޭގެ ހުރިހާ ރަށަކުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވާދަވެރި ޕާޓީތަކުން މި އިންތިހާބަށް ކެންޑިޑޭޓުން ނެރެ ބައިވެރިވާނެ ކަމަށްވެސް ގަބޫލެއް ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އެ ޕާޓީތަކުގައި އެ ހިތްވަރު ނެތް ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން މިސާލަކަށް ޕީޕީއެމް އިން މި އިންތިހާބުގައި ވާދަ ކުރުމުގެ ގާބިލުކަން ހުރި ކަމަށް. އަދި އަޅުގަނޑު ލަފައެއް ނުކުރަން ޖުމްހޫރީ ޕާޓީން ވެސް މި އިންތިހާބުގައި ބައިވެރިވެ، ކެންޑިޑޭޓުން ފީޑް ކުރުމާއި ކެންޑީޑޭޓުން ނެރެ ހިންގަންޖެހޭ އެއްވެސް މަސައްކަތެއް ކޮށްފައި ނެތް،" ވާދަވެރި ޕާޓީތަކަށް ރައްދުކުރައްވާ، ރައީސް ނަޝީދު ވިދާޅުވި އެވެ.

މިހާތަނަށް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބާއްވާފައިވަނީ ހަމައެކަނި އެމްޑީޕީންނެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީންވެސް ވަނީ ޕްރައިމަރީ ބާއްވާނެ ކަން އިއުލާން ކޮށް، ޕްރައިމަރީ ބޭއްވުމަށް މަސައްކަތް ފަށައިފަ އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިފަހަރު އިންތިހާބުގައި އެޕާޓީން ނެރޭ މެނިފެސްޓޯ ތައްޔާރުކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށާއި އެ މެނިފެސްޓޯ އެހެން އިންތިހާބުތަކުގައި ނެރޭ މެނިފެސްޓޯއަށް ވުރެ ތަފާތު ވާނެ ކަމަށެވެ.

"އާންމުކޮށް މެނިފެސްޓޯތަކުގައި އަޅުގަނޑުމެން ބުނަން ވައުދެއް، މިވެެނި ކަމެއްކޮށްދޭނަމޭ. މިފަހަރު ވައުދުވާއިރު، އެ ވައުދު ފުދެމުންދާތަން، ކަންސިލް މެދުވެރިވެގެން އެކަން ހިނގަމުންދާތަން ރައްޔިތުންނަށް ފެންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ 60 ޕަސަންޓު ކާމިޔާބު ކުރާނެ ކަމަށް ރައީސް ނަޝިދު ވިދާޅުވި އިރު، މިދިޔަ އެޕްރީލް މަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެޕާޓީން ވަނީ 65 ގޮނޑި ނަގައި، މަޖިލީހުގެ ސުޕާ މެޖޯރިޓީއެއް ހޯއްދައި އެންމެން ސިއްސުވާލައިފަ އެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރާނެ ކަމަށް އެޕާޓީއިން ބުންޏެވެ. މިހާތަނަށް ނަތީޖާތައް ދައްކާގޮތުން ސިޓީތަކުގައި މިހާރު ތިބި ހުރިހާ މޭޔަރުން ވެސް ވަނީ ޕްރައިމަރީއިން ކަނޓައިފަ އެވެ.

comment ކޮމެންޓް