މިއަދު ބޭއްވީ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި އައްޑޫގެ މޭޔަރަކަށް މިހާރު ހުންނެވި، އަބްދުﷲ ސޯދިގު (ސޯބެ) އާއި ފުވައްމުލަކުގެ މިހާރުގެ މޭޔަރު ފަލާހުއަށް ނާކާމިޔާބާ ކުރިމަތިވެއްޖެ އެވެ.
އެމްޑީޕީއިން އާންމުކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސޯބެގެ މައްޗަށް ކުރި ހޯއްދެވީ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރެވެ.
މޭޔަރު ސޯބެ ވެސް ވަނީ، ބަލި ގަބޫލު ކުރައްވައި ނިޒާރަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި ސޯބެ ވިދާޅުވީ، އެމްޑީޕީއަށް އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިތައް ކާމިޔާބުކޮށް ދިނުން ވަރަށް މުހިންމު ކަމަށާއި އެކަމުގައި އޭނާގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
އަދި ފުވައްމުލަކު މޭޔަރު ފަލާހު ޝަރީފްގެ މައްޗަށް ކުރިހޯދީ، އިސްމާއިލް ރަފީގު (އިއްސެ) އެވެ. އޭނާ ވަނީ، 1،599 ވޯޓް ހޯއްދަވައިފަ އެވެ. އަދި އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި، މުހައްމަދު ނިޒާމް ހަސަންއަށް ވަނީ، 546 ވޯޓް ލިބިފަ އެވެ. މިހާރުގެ މޭޔަރު ފަލާހަށް ލިބިވަޑައިގަތީ، 468 އެވެ.
ފުވައްމުލަކު މޭޔަރު، ފަލާހު އާއި އައްޑޫ މޭޔަރު ސޯބެއަށް ޕްރައިމަރީގައި ނާކާމިޔާބާ ކުރިމަތިވީއިރު މާލޭގެ މޭޔަރު ޝިފާ މުހައްމަދަށް ވެސް ވަނީ ބޮޑު ނާކާމިޔާބަކާ ކުރިމަތިވެ އެވެ. ގާތްގަނޑަކަށް 200އެއްހާ ވޯޓްގެ ތަފާތުން ޝިފާގެ މައްޗަށް ކުރި ހޯއްދެވީ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ.
އަނަސްއަށް 1،025 ވޯޓު ލިބުނު އިރު، ޝިފާއަށް ލިބިވަޑައިގެންނެވީ 835 ވޯޓް ދައްކަ އެވެ. ދެން އެންމެ ކައިރިން ވާދަކުރެއްވީ މާލޭގެ ފުރަތަމަ މޭޔަރުކަން ކުރެއްވި، ސަރަނގު އާދަމް މަނިކެވެ. ވަގުތީ ނަތީޖާއިން ދައްކަނީ އާދަމް މަނިކަށް ލިބުނީ 780 ވޯޓު ކަމަށެވެ.