ޑެޕިއުޓީ މިނިސްޓަރުކަން ދިނުމާ އެކު، ޕްރައިމަރީން ނަން އަނބުރާ ނަގައިފި

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަނުކުރެވުނު އަހްމަދު އާތިފް ---

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ހދ. ކުޅުދުއްފުށި މާވިނަ، އަހްމަދު އާތިފް ހަމަޖައްސައިފިއެވެ.

އާތިފްއަށް ޑެޕިއުޓީ މިނިސްޓަރުކަން މިއަދު ދިނުމާ ހަމައަށް ހުންނެވީ ހދ. އަތޮޅު ކައުންސިލުގެ މެމްބަރެއްގެ މަގާމުގައެވެ. އަތޮޅު ކައުންސިލު މެމްބަރެއްގެ މަގާމުގައި ދެވަނަ ދައުރެއް ފުރުއްވަމުން ގެންދެވި އާތިފް މީގެ ކުރިން ވަނީ އެ ކައުންސިލުގެ ރައީސްކަމާއި ނައިބު ރައީސްގެ މަގާމުވެސް އަދާކުރައްވާފައެވެ.

އާތިފްއަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ކުރިމަތިލައްވާ ބޭފުޅެކެވެ.

އެނގިފައިވާ ގޮތުގައި އާތިފްއަށް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު މިއަދު ލިބިވަޑައިގަތުމާ ގުޅިގެން އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

އާތިފް މީގެ ކުރިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓު ހޯއްދެވުމަށްވެސް ކުރިމަތިލެއްވިއެވެ. ނަމަވެސް އޭނާއަށް ޓިކެޓު ކާމިޔާބެއް ނުކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި އާތިފް މީގެ ކުރިން ވަނީ އެވިޑް ކޮލެޖުން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ގްރެޖުއޭޓް ޑިޕްލޮމާ ހާސިލުކުރައްވާފައެވެ. އަދި މިހާރު އޭނާ ގެންދަވަނީ ބްރިޓިޝް ސްކޫލް އޮފް ކޮމާސްއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން މާސްޓާސްއަށް ކިޔަވާ ވިދާޅުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގައި އާތިފް ހިމެނޭ ގޮތުން، އިތުރު ދެ ބޭފުޅާކުވެސް ޑެޕިއުޓީ މިނިސްޓަރުކަމުގައި ހުންނަވައެވެ. އެއީ ޑރ. ނައުޝާދު މުހައްމަދުގެ އިތުރުން އައްސަދު ރިޒާއެވެ.

comment ކޮމެންޓް