ކޮރޯނާ ވައިރަސް އަށް ޓެސްޓު ކުރެވެނީ މަދު ގައުމަކުން

ޗައިނާގެ ވޫހާންގައި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލުކުރުމަށް ދަނީ ތަފާތު މަސައްކަތްތައް ކުރަމުން --- ފޮޓޯ : ސީއެންއެން

ޗައިނާގައި ހަލުވިކަމާ އެކު ފެތުރެން ފަށާފައިވާ ކޮރޯނާ ވައިރަސްގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަނީ މިހާރު ފޯރަން ފަށައިފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެ ވައިރަސް ކޮންޓްރޯލުކުރުމަށް ގިނަ މަސައްކަތްކުރާ އިރު އެ ވައިރަސް އަށް ޓެސްޓުކުރެވޭނެ ފަސޭހަ ގޮތްތަކެއް ވެސް ހޯދައިދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ވައިރަހުގެ ބިރު ބޮޑުވަމުން އަންނަ އިރު އެ ވައިރަސް އަށް ޓެސްޓު ކުރެވެނީ ދުނިޔޭގެ މަދު ސަރަހައްދުތަކަކުންނެވެ.

ދާދި ފަހުން ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ވައިރަސް އަށް ރާއްޖެއިން ޓެސްޓު ނުކުރެވޭނެ ކަމަށެވެ. އަދި މިހާތަނަށް އެ ވައިރަސް އަށް ޓެސްޓު ކުރެވެނީ ހަމައެކަނި ހޮންކޮންގް އާއި ނެދަލެންޑްސް އިން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވޭތޯ ބެލުމަށް ޖެހެނީ ޕޮލިމަރޭސް ޗެއިން ރިއެކްޝަން (ޕީސީއާރު) ޓެސްޓެކެވެ.

ޗައިނާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ވައިރަސް އުފެދުނު ވޫހާން ސިޓީގައި ވެސް ޕީސީއާރު ޓެސްޓު ހެދޭނެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފު ވިދާޅުވީ ވޫހާން އިން ފެނުނު ކޮރޯނާ ވައިރަސް އަކީ އާ ވައިރަސްއެއް ކަމަށާއި އެކަމަށް ހާއްސަ ޓެސްޓް ކިޓެއް އުފައްދާފައި ނުވާ ކަމަށެވެ.

"ޕީސީއާރު ޓެސްޓު ހެދޭ ރިފަރެންސް ލެބްތައް ދުނިޔޭގައި މަދުވާނެ. ރާއްޖެ އިންވެސް ޓެސްޓު ހަދަން ލެބަށް ފޮނުވާނީ. އަދި އަވަހަށް ރިޕޯޓު ލިބޭނެ،" ނިޔާފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުން ބޭނުންކުރަނީ އެއް ރެފަރެންސް ލެބުތަކެއް ކަމަށާއި ރާއްޖެއިން ވެސް ފޮނުވަން ޖެހޭނީ އެގައުމުތަކަށް ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ވައިރަސް ދެނެގަންނަން ބޭނުންކުރާނީ އެއް މިންގަނޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާފު ވިދާޅުވީ އެ ވައިރަސް އަށް ސީދާ ޓްރީޓްމެންޓެއް ނެތް ކަމަށެވެ.

ރާއްޖެއިން އެ ބަލި މިހާތަނަށް ފެނިފައި ނުވާ އިރު އެ ބަލި ފެނިއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ބަލި ފުޅާވެއްޖެ ނަމަ މާލެ ކައިރީ އޮތް ފުނަދޫއަކީ އައިސޮލޭޝަން ރަށެއްގެ ގޮތުގައި ބޭނުންކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ހުޅުމާލޭގައި އެކަމަށް ހާއްސަ އައިސޮލޭޝަން ފެސިލިޓީއެއް ވެސް ބޭނުންކުރާނެ އެވެ.

comment ކޮމެންޓް