ވުހާންގައި ތިބި ދިވެހިން ގެނެވޭނެ އިންތިޒާމެއް އަދި ހަމަ ނުޖެހޭ: އަމީން

ޗައިނާގައި ވުހާން ސިޓީން ފެނުނު ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅިގެން އެ ސިޓީގައި ތިބި ދިވެހިން އަދިވެސް ގެނެވޭނެ އިންތިޒާމް ހަމަ ނުޖެހޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ވުހާން ސިޓީން ފެތުރރި، މިހާރު ދުނިޔޭގެ 18 ގައުމަކުން ފެނިފައިވާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެ ސިޓީ މިހާރު ވަނީ ބަންދުކޮށްލާފަ އެވެ. ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި، ވުހާން ސިޓީގައި ތިބި ހަތް ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާރްތަށް އެ ސިޓީން އެހެން ތަނަކަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، ވުހާންގައި ތިބި ދިވެހިންނަށް އެލަވަންސް ދިނުމުގެ އިންތިޒާމް ހަމަ ޖެހި، މާލީ އެހީތެރިކަން ދިނުމުގެ ކަންކަން ކުރިއަށް ދާކަމަށެވެ. ނަމަވެސް އަދިވެސް އެ ސިޓީން ދިވެހިން ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ނަތީޖާއެއް ނާންނަ ކަމަށް އަމީން ވިދާޅުވި އެވެ.

"ރާއްޖެ އެކަންޏެއް ނޫން ވަރަށް ގިނަ ގައުމުތަކުންވެސް މަސައްކަތް އެބަ ކުރޭ ޗައިނާގައި ތިބި އެގައުމުތަކުގެ ރައްޔިތުން ހާއްސަކޮށް ވޫހާން ނުވަތަ އެހެން ތަންތަނުގައި ތިބި ރައްޔިތުން ގެނައުމުގެ ވާހަކަތަކާއި މަޝްވަރާތައް އެބަ ކުރެވޭ. އަދި އެކަމާ ބެހޭ ގޮތުން، މި ދެންނެވީ ޗައިނާ ސަރުކާރާއި އެހެން ސަރުކާރުތަކާ ކުރެވޭެ މަޝްވަރާތަކުގައި ނަތީޖާއާ ހިސާބަކަށް ނުދެވޭ،" އަމީން ވިދާޅުވި އެވެ.

"ކޮންމެ ގައުމަކުން ބޭނުންވާއިރަކަށް އެގައުމެއްގެ ރައްޔިތުން ގެނެވޭނެ ގޮތަކަށް އަދިއަކު މުޅިން އިންތިޒާމެއް ނެތް. ވަކި ވަކި ގައުމުތަކުންވެސް އަދި ޖުމްލަ ގޮތެއްގައި ވެސް މަސައްކަތް އެބަ ކުރެވޭ،"

އަމީން ވިދާޅުވީ، އެ ސިޓީގައި ތިބި ދިވެހިން ރާއްޖެ ގެނެސް އަމަލު ކުރާނީ އެހެން ގައުމުތަކުން ވެސް އަމަލު ކުރާ އުސޫލުގެ ދަށުން ކަމަށެވެ.

"ރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކުން ވެސް ގެންނަ ހާލަތަށް ދިޔައިމަ، އެތަނުން ގެންނަ ފަރާތްތަކާ މެދު އަމަލު ކުރާނީ އެއްގޮަތަކަށް. އެއީ އައިސޮލޭޝަން ގޮތުގައިވިޔަސް އަމަލުކުރާނީ އެގޮތަކަށް ރާއްޖޭގައިވެސް،" އަމީން ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ވަނީ، ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހިން ހިލޭ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެ ފަސް ސިޓީއަކީ ޗޮންގްކިންގް، ޗެންގްޑޫ، ހަންގްޒޫ، ނަންގްޖިންގް އަދި ޒިއާން އެވެ.

ކޮރާނާ ވައިރަހަށް މިހާތަނަށް 4،500 އަށް ވުރެ ގިނަ މީހުން ވަނީ ޕޮސިޓިވް ވެފައެވެ. އޭގެ ތެރެއިން ގިނަ މީހުންނާކީ ޗައިނާ މީހުންނެވެ. އެގޮތުން ޗައިނާ ފިޔަވާ 17 ގައުމަކުން 62 މީހަކަށް މި ބަލި ޖެހިފައިވެ އެވެ. ބަލި ޖެހުނު ފަރާތްތަކގެ ތެރެއިން މަރުވި މީހުންގެ އަދަދު 105 އަށް އަރަ އެވެ.

މަރުވި އެންމެންނަކީވެސް ޗައިނާއަށް ނިސްބަތްވާ މީހުންނެވެ. މިހާތަނަށް މި ބަލި ޖެހިގެން ނުވަތަ މި ބައްޔަށް ޝައްކު ކުރެވޭ މީހަކު ނުފެންނަ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް