"ނީނާ"ގެ ޝޫޓިން އަންނަ މަހު ފަށަނީ

އައިފިލްމްސް ޕްރޮޑަކްޝަންގެ ދަށުން ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފިލްމު "ނީނާ"ގެ ޝޫޓިން އަންނަ މަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިދިޔަ އަހަރު ނެރުނު ސައިކޮލޮޖިކަލް ތްރިލާ "ބަވަތި"ގެ ކާމިޔާބީއަށްފަހު ދެވަނަ ފީޗާ ފިލްމެއް އުފެއްދުމަށް އިއްލެއާއި ޓީމު ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން އަންނަ މަހުގެ ފުރަތަމަ ދުވަހު ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިއްލެ ވަނީ ބުނެފައެވެ.

އެ ފިލްމުގެ ބޮޑު ބައެއް ޝޫޓުކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގެ ގުޅިފައިވާ ތިން ރަށް ހިމެނޭ ސަރަހައްދުގައެވެ. އެގޮތުން ޝޫޓިން ކުރިއަށް ގެންދާނެ ސީދާ ލޮކޭޝަނެއް ހަމަޖެއްސުމަށް އިއްލެ ވަނީ ލ. އަތޮޅަށް އިއްޔެ ގޮސްފައެވެ.

ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިން ލ. އަތޮޅުގައި ކުރިއަށްދާތީ ސައިޑް ރޯލުތަކަށް އެރަށުން އެކްޓަރުން ބޭނުންވާކަމަށް އިއްލެ ބުންޏެވެ. އަދި ރޯލުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 7930005 އަށް ގުޅުމަށް އިއްލެ ވަނީ އެދިފައެވެ.

ބަވަތި ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެރެފައިވާ އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

ބަވަތިގެ ލީޑް ރޯލުންވެސް ފެނިގެންދާ ނުޒުހަތު ޝުއައިބަކީ ނީނާގެވެސް ލީޑު އެކްޓްރެސްއެވެ. އޭގެ އިތުރުން ނީނާއިން ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅީން އާ މޫނެއް ލީޑު ރޯލުން ތައާރަފުކުރާނެއެވެ. އެއީ ޝަރަފު އަބްދުﷲ އެވެ. އޭގެ އިތުރުން ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ މަގުބޫލު އެއް އެކްޓަރު ކަަމަށްވާ ޖުމައްޔިލް ނިމާލްވެސް ނީނާގެ ލީޑުން ފެނިގެންދާނެއެވެ.

އެ ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނީ ހަމްދާން ފާރޫގު، އަލީ ޔޫޝައު، ނާޖިހާ އަޒޫރު، އަލީ އިނާޒް، މުހައްމަދު އަލީ، ހަސަން ޝިނާންގެ އިތުރުން މަރިޔަމް ޝަކީލާ އާދަމްއެވެ.

comment ކޮމެންޓް