އަޝްފާގެ ރަން އަޑުން ''ނީނާ'' ގެ ''އާ އުންމީދު'' ބެލުންތެރިންނާ ހަމައަށް ދޫކޮށްލައިފި

ގިނަ ދިވެހީން ދިގު އިންތިޒާރެއް ކުރަމުން އައި "ނީނާ" ފިލްމްގެ ލަވަ "އާ އުއްމީދު" ރިލީޒް ކޮށްފިއެވެ.

މި ލަވަ މިއަދު އައި ފިލްމްސްއިން ރިލީޒް ކޮށްފައިވާއިރު ނީނާ ފިލްމުގައި ހިމެނެނީ ދެ ލަވައެވެ. "އާ އުއްމީދު" މި ލަވައިން ފެނިގެން ދާނީ ނީނާ ފިލްމުގެ ލީޑް އެކްޓްރެސް ނުޒުހަތު ޝުއައިބު (ނުޒޫ)ގެ އިތުރުން ޝަރަފުއްދީން އަބްދުﷲ (ޝަރަފް)އެވެ.

މައިންބަފައިންގެ ލޯބިން މަހުރޫމްވެފައިވާ ނީނާ (ނުޒޫ)އަށް ލޯބި އަލުން ދަސްކޮށްދެނީ ހަމްދު (ޝަރަފް)އެވެ. ހަމްދުގެ ލޯބީގެ ވާހަކަތަކަށް އަބަދުވެސް ދެކޮޅު ހަދަމުން އައި ނީނާ ފަހު ވަގުތު ކައިވެންޏަކަށް އެއްބަސްވެއެވެ. ކައިވެންޏަށްފަހު ދެ މީހުންވެސް ހަމްދުގެ ރަށަށް ބަދަލުވެއެވެ. އެ ހިސާބުން ނީނާގެ ހަޔާތަށް އައި ބަދަލު މި ލަވައިން ރަމްޒުކޮށްދެއެވެ. ނީނާގެ ދިރިއުޅުމަށް ލިބުނު އާ އުންމީދުތައް "އާ އުއްމީދު" ލަވައިން ކުލަކޮށް ދެއެވެ.

މި ލަވައަކީ ދިވެހީން އަޑުއަހާ ހިތްވާކަހަލަ މަޑުމައިތިރި ރާގަކަށް ހަދާފައިވާ ލަވައެކެވެ. ލަވައިގެ ޅެން ބައިތުތައް އަމުނާލާފައިވަނީ ނުހަނު ފަށުވި ކަމާއެކުގައެވެ. މި ލަވައިގެ ޅެމާއި ރާގު ހަދާފައިވަނީ ދިވެހީންނަށް އެމީހެއްގެ ލަވަތައް އަބަދުވެސް ކަމުދާ މިއުޒިޝަނެއް ކަމަށްވާ މުހައްމަދު ޢަބްދުލްޣަނީ (ތޭރަވާ)އެވެ. ލަވައިގެ މިއުޒިކު ހެދީ ހުސައިން ތައުފީގެއެވެ.

"އާ އުއްމީދު" ލަވައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާގެ ހިތްގައިމު އަޑުންނެވެ.

"ނީނާ" ފިލްމު މިދިޔަ ހަފުތާގެ ހޯމަ ދުވަހު ލޯންޗުކޮށްފައިވާއިރު އެންމެންވެސް ދައްކަމުން އަންނަނީ ފިލްމުގެ ރީތި ވާހަކައެވެ. ތިން ފަހަރަށް އެ ފިލްމު ބާލާލުމަށް އޮލިމްޕަހަށް ވަން މީހުންގެ އަދަދުވެސް މަދެއް ނޫނެއެވެ.

ފިލްމަށް ފަހު ގިނަ އާންމުން ބުނީ މި ފިލްމަށް "10 އައުޓް އޮފް 10" ދޭ ވަރު ވާ ކަމަށެެވެ. އަދި މިއީ ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ މަތީ ފަންތީގައި ވާދަކުރާނެވަރުގެ ފިލްމެއް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ނީނާ ފިލްމުން ދައްކުވައިދެނީ ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެވެ. ޖިސްމާނީ އަނިޔާ ލިބެމުންދާ ފަރާތްތަކާ ދެކޮޅަށް އަމިއްލައަށް ތެދުވާން މި ފިލްމުގެ ޒަރިއްޔާއިން ވަނީ ދައްކައިދީފައެވެ. ޖިސްމާނީ އަނިޔާއަކީ މިއަދު ރާއްޖޭގައިވެސް އާންމުވަމުން އަންނަ ކަމެކެވެ. އަންހެން މީހާ އޭނާގެ އަމިއްލަ ދިފާއުގައި ތެދުވާ ގިނަ މަންޒަރުތަކެއް މި ފިލްމުން ދައްކުވައިދެއެވެ.

މި ފިލްމަކީ ގިނަ އިބުރަތްތަކެއް ބެލުންތެރިންނަށް ދޫކޮށްފައިވާ ފިލްމެކެވެ. ނޭވާ ހިފަހައްޓާލަން ޖެހޭފަދަ ގިނަ މަންޒަރުތަކެއް މި ފިލްމުގައި ދައްކުވައިދެއެވެ. އަދި އޮލިމްޕަސް އެކީ ހަމަހިމޭންވީ ގިނަ ވަގުތުތަކެއްވެސް ދިޔައެވެ. އަދި މި ފިލްމު ބެލި ގިނަ މީހުން ބުނީ ފިލްމުގެ އެކި ހިސާބުތަކުން ރޮވިފައިވެސް ވާ ކަމަށެވެ.

ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) "ސަން"އަށް މީގެ ކުރިން ބުނީ މި ޝޯގެ ރިވިއުތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެެވެ. އަދި މި ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބިފައި ވުމުން އުފާވާ ކަމަށްވެސް އިއްލެ ބުންޏެވެ.

އަދި މި ޝޯއަށް ލިބެމުންދާ ތަރުހީބާއެކު މި ހަފުތާގެ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ފިލްމުގެ ދެ ޝޯއެއް އަޅުވަން ވަނީ ނިންމާފައެވެ.

ޓިކެޓާ ގުޅޭ ކަންތައްތަކުގެ މައުލޫމާތު ހޯދައި ސީޓް ރިޒާވް ކުރުމުގެ މަސައްކަތަށް ހަމަޖައްސާފައިވާ ހޮޓްލައިން އަކީ 7242555 އެވެ. އަދި, ޓިކެޓް ދޫކުރުމުގެ ކަންތައް ހަމަޖެހިފައިވަނީ އޮލިމްޕަހުންނެވެ.

comment ކޮމެންޓް