ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުންޏަކަށް ސްޓެލްކޯ

މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019ގައި ޕަބްލިކް އެންޓަޕްރައިސް އޮފް ދި އިޔާގެ އެވޯޑު ލިބުނީ ސްޓެލްކޯއަށް-- ފޮޓޯ/ސްޓެލްކޯ

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުންޏަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ހޮވިއްޖެ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ ދަ މެރީނާގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019ގައި ސްޓެލްކޯއިން ވަނީ މިއަހަރުގެ ޕަބްލިކް އެންޓަޕްރައިސް އޮފް ދި އިޔާ އެވޯޑް ހާސިލުކޮށްފަ އެވެ.

ވިޔަފާރިތަކުން ހޯދާ ކާމިޔާބީތައް ފާހަގަ ކުރުމަށް މިދިޔަ އަހަރު ދޭން ފެށި ބިޒްނަސް އެވޯޑްސްގައި ސްޓެލްކޯއަށް އެވޯޑެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

ބިޒްނަސް އެވޯޑްސް 2019ގައި ފަސް ދާއިރާއެއްގެ ޖުމްލަ 29 ކެޓަގަރީއަކުން އެކި ފަރާތްތަކަށް ވަނީ އެވޯޑް ދީފަ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހަށް ސްޓެލްކޯއަށް 70 އަހަރު ފުރިފައިވާއިރު، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އެކުންފުނި މިހާރު ހިންގަމުންދަނީ 100 ޕަސެންޓު ދިވެހި މުވައްޒަފުންނާއެކު ކަމަށެވެ.

ސްޓެލްކޯއިން މިހާރު ގެންގުޅޭ މައިގަނޑު އެއް އަމާޒަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކޮށް، ރާއްޖެއިން 100 ޕަސެންޓް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާ ހަމައަށް ދިއުމާއި އެ ހިސާބަށް ވާސިލުވާނެ ގޮތްތައް ދެނެގަތުމެވެ.

މިކަމުން ރާއްޖެއަށް ކުރާނެ ފައިދާތަކާއި އިޔާދަކުރަނިވި ހަކަތައަށް މުޅިން ބަދަލު ކޮށްލުމުގައި ހުރި ގޮންޖެހުންތަކުގެ އިތުރުން އެކަމުގައި ބޭނުންކުރާނެ ސިސްޓަމްތަަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އޮކްޓޫބަރު މަހު ސްޓެލްކޯއިން ވަނީ ޚާއްސަ ވޯކްޝޮޕެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް