ދިރިލިސް އަރްތުޣްރޫލް ބެލުމަށް ފަހު ...

ތުރުކީގެ ހޮޓަލެއްގައި ނަމާދު ކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް--

ޓީވީ ޑްރާމާއެއް ބަލައިގެން މީހަކު އިސްލާމް ވީ ވާހަކައެއް އެއްސެވީމުތޯއެވެ؟

އެފަދަ ކަންކަން މީގެ ކުރީން ވެސް ހިނގައިފައި ހުރެދާނެއެވެ. ނަމަވެސް އަޅުގަނޑަށް އެނގިގެން ފުރަތަމަ އެކަން ހިނގީ ދާދި ފަހުންނެވެ. ތުރުކީ ވިލާތުގައި އުފައްދައިފައި ވާ "ދިރިލިސް: އަރްތުޣްރޫލް" ޓީވީ ސީރީޒް ބެލުމަށް ފަހު މެކްސިކޯގެ ދެމަފިރިޔަކު އިސްލާމް ވީއެވެ. މި ސީރީޒް ބެލުމަށް ފަހު، ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް މީހުން އިސްލާމް ވާ ކަމުގެ ޚަބަރުތައް ދޭތެރެޔަކުން ފެތުރެއެވެ. ހަމައެހެންމެ މުސްލިމުންގެ ތެރެއިން އެތައް ބަޔެއްގެ އިސްލާމީ ޣީރަތާއި ޝަޚްސިއްޔަތު، އެ ސީރީޒްގެ ސަބަބުން ހޭލަމުންދާ ވާހަކަތައް ވެސް އެހައި ގިނައެވެ. އެފަދަ އެއް ވާހަކަ މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

"ދިރިލިސް: އަރްތުޣްރޫލް" އަކީ ފަސް ސީޒަނުގެ މައްޗަށް އެކުލެވިފައިވާ ޓީވީ ޑްރާމާއެކެވެ. މިހާރު ދުނިޔޭގެ މުސްލިމުންގެ ތެރޭގައި އެންމެ މަގުބޫލު ޑްރާމާ ސީރީޒަކީ މި ސީރީޒް ކަމުގައި ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. ބައެއް ގައުމުތަކުގައި "ޓާރކިޝް ގޭމް އޮފް ތްރޯންސް"ގެ ނަމުން މަޝްހޫރު ވެފައި ވާ މި ސީރީޒަށް ލެޓިން އެމެރިކާ އާއި އެފްރިކާގެ ބައެއް ގައުމުތަކުގައި ވެސް ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ދެއްކި މި ސިލްސިލާ ދެކުނު އޭޝިޔާގައި ވެސް ދިވެހިރާއްޖެ ފިޔަވައި، ދެން ހުރި ހުރިހައި އިސްލާމީ ގައުމުތަކެއްގައި ދެއްކިއެވެ. ދިވެހިރާއްޖޭގައި ނުދައްކާނޭކަން އެއީ ދެން އެނގޭ ކަމެއް، އެހެން ނޫންތޯއެވެ!

"ދިރިލިސް: އަރްތުޣްރޫލް" އަކީ މެދުތެރޭ އޭޝިޔާއިން، ޝާމުކަރަޔާއި އަނާޠޫލިއްޔާއަށް ހިޖުރަ ކުރި އޮޣޫޒް ތުރުކީ ގަބީލާތަކުގެ ތެރެއިން ގަބީލާއަކަށް ނިސްބަތް ވެވަޑައިގަތް އަރްތުޣްރޫލް ޣާޒީގެ ހަޔާތްޕުޅުގެ މުހިއްމު ދައުރުތައް ދައްކައިދޭ ސީރީޒެކެވެ. އަރްތުޣްރޫލް ޣާޒީ އަކީ މުސްލިމުންގެ ތެރެއިން އުފެދުނު އެންމެ މަތިވެރި ބަޠަލުންގެ ސަފުގައި ހިމެނިވަޑައިގަންނަވާ ބެއިފުޅެކެވެ. އާދަޔާ ޚިލާފު ކުޅަދާނަ ހަނގުރާމަވެރިޔެއް ކަމުގައި ވުމުގެ އިތުރުން، އެމަނިކުފާނަކީ އިސްލާމް ދީނުގެ ރަޙްމަތާއި، ޢަދާލަތާއި، މަތިވެރިކަމުގެ ރަމްޒެއް ކަމުގައި ވެވަޑައިގަތް ބަޠަލެކެވެ. އަނާޠޫލިއްޔާގެ ހުޅަނގުގައި މުސްލިމް އޮޣޫޒް ތުރުކީންގެ ވަޒަނެއް ގާއިމު ކުރެއްވެވި އެންމެ ފުރަތަމަ އެއް ބެއިފުޅަކީ އެމަނިކުފާނެވެ. އެމަނިކުފާނު ނިސްބަތް ވެވަޑައިގަންނަވާ ކާޔިލާރް ނުވަތަ ކާޔީ ގަބީލާގެ ތެރެއިން އެމަނިކުފާނަށް ތަބައަ ވީ މަދު ބަޔަކާއިގެން ވަޑައިގެން، އެއިރުގެ ކޮންސްޓެންޓިނޯޕްލްއާ ދާދި ގާތުގައި، އަނާޠޫލިއްޔާގެ ހުޅަނގު ފަރާތުގެ އައްސޭރިޔާ ވީ ހިސާބެއްގައި ވަޒަންވެރި ވެވަޑައިގަތީ މީލާދީން 1240 ހައިތަނުގައެވެ. އެމަނިކުފާނަށް ފަހު، ދަރިކަލުން ޢުޘްމާން ޣާޒީ، ބައްޕާފުޅު ބިނާ ކުރެއްވި ގައުމަށް މުސްތަގިއްލު ދައުލަތެއްގެ ހައިސިއްޔަތު ހޯއްދެވި ހިސާބުން އުފަން ވެގެން ދިޔައީ މަޝްހޫރު ޢުޘްމާނީ ދައުލަތެވެ. ފަހުން ޢުޘްމާނީ ޚިލާފަތެވެ. ސޯޅަ ސަތޭކަ ވިހި ވަނަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ޢުޘްމާނީ ރަސްކަމެވެ. ޞަލީބީންގެ އަނިޔާވެރި އަދި ޖައްބާރު ބާރުތަކުގެ ކުރިމަތީގައި އިސްލާމީ އުއްމަތުގެ ދިފާއުގައި ފާރަވެރިޔެއް ފަދައިން ހުއްޓިވަޑައިގަތް އެއް ބަޠަލަކީ އަރްތުޣްރޫލްއެވެ. އެއަށްފަހު އެމަނިކުފާނުގެ ދަރިކަލުން ޢުޘްމާން އިއުލާން ކުރެއްވެވި ދައުލަތެވެ. އެ ދައުލަތަކީ އިސްލާމީ އުއްމަތުގެ ހައިބަތާއި، އާރާއި ބާރުގެ އެންމެ އަލިގަދަ ދަންމަރުގެ ގޮތުގައި އެތައް ޒަމާނެއް ވާންދެން އޮތް ދައުލަތެކެވެ. އެއް އިރެއްގައި ޢުޘްމާނީންގެ ނަން އިވުމުން، ޔޫރަޕް ބިރުން ރޫރޫ އެޅިއެވެ. ނަމަވެސް އެތެރެއިން އުފެދުނު ފަސާދަތަކާއި، ޔޫރަޕުގެ ޞަލީބީ ބާރުތަކުގެ ހުއްޓުމެއް ނެތް ޢުދުވާންތަކާއި ރޭވުންތަކުގެ ސަބަބުން، އާޚިރުގައި ޢުޘްމާނީ ޚިލާފަތު ބަލިކަށި ވެގެން ދިޔައީއެވެ. އަދި މުސްލިމުންގެ ތެރެއިން ޔޫރަޕުގެ ޞަލީބީންނާ ގުޅިގެން އުޅުނު ބާޣީންނާއި ޣައްދާރުންގެ އެހީތެރިކަމާ އެކު، ޔޫރަޕަށް ޢުޘްމާނީން ބަލި ކޮށް ނެއްތައިލުމުގައި ކާމިޔާބު ލިބުނީއެވެ. ޢުޘްމާނީ ޚިލާފަތު އުވިގެން ދިޔައީ 1922 އާއި 1924 އާ ދެމެދުގައި، ޖުމްހޫރީ ތުރުކީ ވިލާތުގެ ފުރަތަމަ ރައީސް މުޞްޠަފާ ކަމާލް އަތާތުރްކު އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިންނެވެ.

"ދިރިލިސް: އަރްތުޣްރޫލް"ގައި މައިގަނޑު ގޮތެއްގައި ފެނިގެން ދަނީ އަނާޠޫލިއްޔާގެ ހުޅަނގުގައި ކާޔީ ގަބީލާގެ ދާއިމީ ވަޒަނެއް ގާއިމު ކުރައްވާން އަރްތުޣްރޫލް ކުރެއްވެވި މަސައްކަތްޕުޅު ދައްކުވައިދޭ ޑްރާމާއެކެވެ. މޮންގޯލިޔަން ބަރުބަރީންނާއި، ޔޫރަޕްގެ ޞަލީބީންނާއި، ޞަލީބީ ޖަމާއަތްތަކުގެ ތެރެއިން ނައިޓްސް ޓެމްޕްލަރޒް އާއި، ބީޒަންޓައިން އަމްބަރާޠޫރިއްޔާއާ ދެކޮޅަށް އެމަނިކުފާނު ކުރެއްވެވި މަސައްކަތްޕުޅުތަކާއި މަތިވެރި ޖިހާދު، ޑްރާމާއިން ވަރަށް ފުރިހަމަޔަށް ފެނިގެން ދެއެވެ. އަބަދުވެސް މުސްލިމުންނަށާއި އިސްލާމީ އުއްމަތަށް އެންމެ ބޮޑެތި ގެއްލުންތަކެއް ދެނީ މުސްލިމުންގެ ސަފުތަކުގެ ތެރެއިން ޣައްދާރު ވެގެން، ދުޝްމަނުންނާ ބައިވެރި ވެގެން އުޅުނު ޚާއިނުންކަމުގެ ހަގީގަތް ވެސް ޑްރާމާއިން ދައްކައިދީފައި ވެއެވެ. އެއިރުގެ އިސްލާމީ ދުނިޔޭގެ ހާލަތު އޮތް ގޮތް މި ސީރީޒްއިން ފެނިގެން ދާއިރު، މިއަދުގެ މުސްލިމް ޒުވާނުންނަށް، އެބައިމީހުންގެ ހާލަތާއި، އެބައިމީހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތާ ބެހޭގޮތުން ދެވޭނެ އެންމެ ރަނގަޅު އެއް ފިލާވަޅަކީ ވެސް މި ސީރީޒް ކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. މި ސީރީޒަކީ ކޮންމެ މުސްލިމަކު، ޚާއްސަކޮށް ކޮންމެ މުސްލިމް ޒުވާނަކު ބަލައިލުން ކޮންމެހެން މުހިއްމު ސީރީޒެކެވެ.

ތާރީޚު ކިޔައިދިނުން ފަދަ ބޭނުންތަކުގައި ވެސް، އަދި އެހެން ބޭނުންތަކަށް ޓަކައި ވެސް، ފިލްމާއި ޑްރާމާ ފަދަ "ޕާރފޯރމިންގ އާރޓްސް" އާއި އަދަބިއްޔާތު ބޭނުން ކުރުމުގައި، މުސްލިމުން ތިބީ ހުޅަނގަށް ވުރެ މާ ބޮޑުތަން ވެސް ފަހަތުގައެވެ. އަދަބިއްޔާތުގެ ދާއިރާއިން ޕާކިސްތާނުގެ މަޝްހޫރު ލިޔުންތެރިޔާ ނަސީމް ޙިޖާޒީ ފަދަ ބެއިބެއިފުޅުން، ތައުރީފު ހައްގު މަސައްކަތްޕުޅުތަކެއް ކުރައްވައިފައި ވެއެވެ. ނަސީމް ޙިޖާޒީގެ "އާޚިރީ މަޢްރިކާ" އާއި "މުޙައްމަދު ބިން ޤާސިމް" ދިވެހީންގެ ކުޅަދާނަ ލިޔުންތެރިޔާ އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަންގެ ގަލަންކޮޅުން ތަރުޖަމާ ވެގެން ދިވެހި ބަހުން ޝާއިއު ކުރެވިފައިވާ ކަމާއި، ނަސީމް ޙިޖާޒީގެ "ޤާފިލާއޭ ޙިޖާޒް" ވެސް ފާރޫޤު ޙަސަން ތަރުޖަމާ ކުރައްވައި، ދިވެހި އޮންލައިން ނޫހެއްގައި މިހާރު ޝާއިއު ކުރެވެމުން ދާކަން ޝުކުރުވެރިކަމާ އެކު ފާހަގަ ކުރަމެވެ. ނަމަވެސް މުޅި އިސްލާމީ ދުނިޔެއަށް ބަލައިލާ އިރު، މި މަސައްކަތްތައް އަދި އޮތީ ވަރަށް ޅަފަތުގައެވެ. ޚާއްސަކޮށް، ފިލްމާއި ޑްރާމާތައް އުފެއްދުމުގައި މުސްލިމުން އަދި ތިބީ ޅަފަތުގެ ދައުރުގައެވެ. މި ދާއިރާގައި ނަގާކިޔަނީ ހުޅަނގުގެ ގައުމުތަކެވެ. އެމީހުންގެ ފިލްމުތަކާއި ޑްރާމާތަކުގައި ވަރަށް މަދު އިސްތިސްނާ ހާލަތެއްގައި މެނުވީ މުސްލިމުންނާއި މުސްލިމުންގެ ތާރީޚު ދައްކުވައިދެނީ، އިސްލާމް ދީނާއި މުސްލިމުންގެ އަބުރު ކަތިލެވޭނޭހައި ގޮތްގޮތަށެވެ. މުސްލިމުންނަކީ ނާތަހުޒީބު، އަނިޔާވެރި، އުސޫލެއް ނެތް، އަދި ހުޅަނގާއި ހުޅަނގުގެ އުނގުކުއްތާތަކެއް ކަމުގައި ވެފައި ތިބި "މުސްލިމުން" އެ ކިޔާ ކަހަލަ "ޓެރަރިސްޓް" ބައިގަނޑެއް ކަމުގައި ދައްކުވައިދެވޭ ގޮތްގޮތަށެވެ. މި ގޮތަށް ކުރާ މަސައްކަތްތަކާ ބެހޭ ތަފްސީލުތައް ޖެކް ޝަހީން ލިޔުއްވި މި ފޮތުން ވެސް ފެނިވަޑައިގަންނަވާނެއެވެ.

އިސްލާމް ދީނާ ދެކޮޅަށް ޞަލީބީންނާއި، ޒައިނިސްޓުންނާއި، ލިބަރަލިސްޓް އެއިތީސްޓުން ފަތުރަމުން ގެންދާ ޕްރޮޕެގެންޑާގެ ތެރޭގައި އާއްމުކޮށް ކިޔާ އެކައްޗަކީ މުސްލިމުން "ﷲ އަކުބަރު" އެވެ ކިޔައި ކަނޑި އަނބުރަމުން ގޮސް މީހުން މަރާ ވާހަކައެވެ. މި ޕްރޮޕެގެންޑާ ފެތުރިލެއް ބޮޑުކަމުން، އިސްލާމީ ލަޝްކަރުތަކުން ފާއިތު ވި ތަނުގައި ކުރި ޖިހާދުގެ މަތިވެރި ހަނގުރާމަތަކުގައި "ﷲ އަކްބަރު" ގެ ނަޣަރާ ކުރި ކުރުން ދިފާއު ކުރުމަށް މުސްލިމުން "އެޕޮލޮޖިސްޓިކް" ލިޔުންތައް ލިޔާ ހިސާބަށް ކަންތައް ވަނީ ގޮސްފައެވެ. "ދިރިލިސް: އަރްތުޣްރޫލް" ބައްލަވައިލެއްވުމުން، މި ޕްރޮޕެގެންޑާގެ ދޮގުކަން ނިކަން ރީތިކޮށް ފެނިވަޑައިގަންނަވާނެއެވެ. "ﷲ އަކްބަރު"ގެ ނަޣަރާ ކުރަމުން މުސްލިމުންގެ ބަޠަލުން ދިޔައީ އިންޞާފުގެ ކަނޑި ހިފައިގެންކަމާއި، އެ ކަނޑީން ކުރި ކަމަކީ އަނިޔާވެރިކަމާއި ބާޠިލްގެ އަނދިރި ކިއްލާތައް ފުނޑުފުނޑުކޮށް، އިންސާނުންނާއި އިންސާނިއްޔަތަށް މިނިވަންކަމާއި، އޯގާވެރިކަމާއި، ޢަދުލުއިންޞާފާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމާތާއި ޙުރުމަތް ޔަޤީން ކޮށްދިނުންކަން އެނގިވަޑައިގަންނަވާނެއެވެ. "ﷲ އަކްބަރު" އަކީ ހުރިހައި ހެޔޮކަމެއްގެ ގޮވައިލުންކަމާއި، އެ ނަޣަރާއަކީ ޝައިޠާނިއްޔަތާއި އަނިޔާވެރިކަމާ ދެކޮޅަށް، އިންސާނުންނަށް ހެޔޮކަމާއި ރައްކައުތެރިކަން ގެނެސްދިނުމުގެ ގޮވައިލުންކަން ފުރިހަމަޔަށް އިޙްސާސް ކުރެއްވޭނެއެވެ. އެ މަތިވެރި ނަޣަރާއަކީ ހުރިހައި މަތިވެރިކަމެއްގެ ވެރިފަރާތަކީ ﷲ ކަމަށް އިއުތިރާފު ވެ، ފަތަހަޔާއި ނަސްރަކީ އަޅުގަނޑުމެންގެ މޮޅުކަމާއި ބޮޑުކަމުން ހޯދާ އެއްޗެއް ނޫންކަން އިޙުސާސް ކުރުމުގެ ގޮވައިލުމެކެވެ. ހުރިހާ ހެޔޮކަމަކާއި ބަރަކާތަކާއި ރަހްމަތާއި އަދުލުއިންސާފުގެ ވެރި ރައްބުގެ އިސްމުފުޅު އުފުލައި، އަނިޔާއާއި ބޭއިންސާފާއި ޒުލުމުވެރިކަމާ ދެކޮޅު ހެދުމުގެ ގޮވައިލުމެކެވެ. އެއީ ﷲ ފިޔަވައި އެހެން އެއްވެސް ބާރަކަށް އަޅުވެތި ނުވުމުގެ ގޮވައިލުމެކެވެ. ހަގީގީ މިނިވަންކަމާއި ހުއްރިއްޔަތުގެ ގޮވައިލުމެކެވެ.

މީގެ އިތުރުން ވެސް މިފަދަ އެތައް ކަމެއްގައި، "ދިރިލިސް: އަރްތުޣްރޫލް" އިން މުސްލިމުންގެ މަތިވެރިކަން ދައްކުވައިދެއެވެ. މުސްލިމުން ބިނާ ކުރީ ޢަދުލުއިންޞާފާއި، ރަޙްމަތާއި، އިންސާނީ ކަރާމާތާއި ޙުރުމަތާއި ޝަރަފް ނެގެހެއްޓުމުގެ މަތިވެރި ލެގަސީއެއްކަން ފެނިގެން ދެއެވެ. ސީރީޒް ބައްލަވައިލެއްވުމުން އެކަން އެނގިވަޑައިގަންނަވާނެއެވެ. "ދިރިލިސް: އަރްތުޣްރޫލް" ތުރުކީ ސީރީޒެކެވެ. ތުރުކީ ބަހުން ހެދިފައި ވާ ސީރީޒެކެވެ. އޭގައި ފެނިގެން ދަނީ ތުރުކީންގެ ތާރީޚުގެ މުހިއްމު ބާބެކެވެ. ނަމަވެސް އެއީ މުޅި އިސްލާމީ އުއްމަތުގެ އެއްޗެއް ކަމާ މެދަކު ޝައްކެއް ނެތެވެ. އެހެނީ އިސްލާމީ އުޚުއްވަތުގެ ގުޅުމަކީ ނަސްލީ، ބަހަވީ، ސަގާފީ އެންމެހައި ގުޅުންތަކަށް ވުރެ ވަރުގަދަ އަދި ބަދަހި ގުޅުމެކެވެ. މުސްލިމުންގެ ތެރެއިން އިސްލާމީ އުއްމަތާއި މުސްލިމުންގެ މޫނަށް ކުޅު ޖަހައިފައި، "ދޮން މީހުން" ނާއި، ދެންވެސް މުސްލިމް އުއްމަތާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކާ ބައްދަބައްދައިފައި، އެފަދަ މީހުންނާ ލޮލާ ލޯ ދިމާ ކުރާ ޣައްދާރުންނަށް އެކަން ނުވިސްނުނު ނަމަވެސް، މިއީ ހަގީގަތެވެ.

ހަމައެހެންމެ، "ދިރިލިސް: އަރްތުޣްރޫލް" އަކީ ޚިޔާލީ ޕްލޮޓްލައިންތަކެއް ވެސް ހިމެނޭ ޑްރާމާއެކެވެ. ނަމަވެސް ނަފީސާ ކާރާ ވިދާޅުވި ފަދައިން އެއީ އިސްލާމީ ސަގާފަތާއި، އިސްލާމީ އާޓު ތަރައްގީ ކުރުމަށް ޓަކައި މުސްލިމުން މިއަދު ކުރާން ޖެހޭ މުހިއްމު މަސައްކަތުގެ އެންމެ މުހިއްމު އެއް ބައެވެ. ހަމައެހެންމެ، އެ ޑްރާމާއިން ހޭލައްވައިލަދެނީ އެތައް ގަރުނުތަކަކުއްސުރެ ނިދައި، ޣަފްލަތުގެ ތެރެޔަށް ގެއްލިފައި ވާ އިސްލާމީ ޣީރަތާއި ޖޯޝެވެ. އެހެންކަމުން، މިއީ އިސްލާމީ އުއްމަތުގެ ހައްގުގައި ވެސް ކުރެވުނު ނުހަނު މުހިއްމު މަސައްކަތެކެވެ.

އިސްލާމީ އުއްމަތުގެ ޒުވާން ޖީލުތައް ފިކުރީ ގޮތުން ފަސާދަ ވެ، އިސްލާމީ ޝަޚްސިއްޔަތު ގެއްލި، ލާދީނިއްޔަތާއި ކުފުރާއި ފާފަޔާއި ފާހިޝްކަމުގެ ޑިސްކޯ ދުނިޔެއަށް އުނގުރުވަތަށް ވެއްޓެމުން ދާ މައިގަނޑު އެތައް ސަބަބެއް ވެއެވެ. އޭގެ ތެރެއިން އެއް އެއް ސަބަބަކީ ހުޅަނގުގެ އަދަބިއްޔާތު ކިޔައިގެން ކުދީން ބޮޑެތި ވުމެވެ. އިސްލާމީ ފިކުރާއި ޝަޚްސިއްޔަތާ ޚިލާފު ވާހަކަތައް، މަދަރުސާތަކުގެ އެއްބާރުލުމާ އެކުގައި، ކިޔާ ކުދިބަޔަކަށް މުސްލިމް ކުދީން ވުމެވެ. ދެވަނަ ސަބަބަކީ ހުޅަނގާއި އިންޑިޔާ ފަދަ ތަންތަނުގެ ފިލްމުތަކާއި ޑްރާމާތައް ބަލައިގެން ކުދީން ބޮޑެތި ވުމެވެ. އިންސާނަކު ވަކި ގޮތަކަށް ބައްޓަން ކޮށް، ވަކި ގޮތަކަށް ތަރުބިއްޔަތު ކޮށް، ވަކި ގޮތަކަށް އޭނާގެ ވިސްނުމާއި ފިކުރާއި އާދަތައް ބިނާ ކުރުމުގައި ފަންނުވެރިކަމުގެ ދައުރަކީ ވަރަށް ބޮޑު ދައުރެކެވެ. ފަންނުވެރިކަމުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމުގައި ވާ އަދަބިއްޔާތާއި މުނިފޫހި ފިލުވުމުގެ ދާއިރާގެ ތެރެއިން، އާޓުގެ ޒަރީއާއިން މީހެއްގެ ސިކުނޑި ވަކި ތައްގަނޑަކަށް އަޅައިލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެހެންކަމުން، ހިންދީ ލޯބީގެ ފިލްމުތައް ބަލައިގެން ބޮޑެތި ވާ އަޅުގަނޑުމެންގެ ޒުވާނުންނަށް، ދުނިޔޭގައި ދިރިއުޅުމުގައި އެންމެ ބޮޑު ކަމަކީ "ބިޓުން ނެގުން" ކަމުގައި ވުން އެއީ ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. ހޮލީވުޑްގެ ފިލްމުތަކާއި ސީރީޒްތައް ބަލައިގެން ބޮޑެތި ވާ ކުދީންނަށް އެމީހުންގެ ގޮތްތައް ރީތި ވުމަކީ އަޖާއިބު ވާން ޖެހޭ ކަމެއް ނޫނެވެ. "ސްވީޓް ވެލީ" އިން ފެށިގެން ގޮސް "މިލްސް އެންޑް ބޫން" އާ ހަމަޔަށް، ހުޅަނގުގެ އަދަބިއްޔާތު ކިޔައިގެން ބޮޑެތި ވާ ކުދީން، އިސްލާމް ދީނާއި އިސްލާމީ ފިކުރަށް ބީރައްޓެހި ވުމަކީ "މިސްޓްރީއެއް" ނޫނެވެ. އެ އެއްޗަކުން ނެގޭނީ އެ އެއްޗަކަށް އެޅި އެއްޗެކެވެ.

އިސްލާމީ ދުނިޔޭގެ ހާލަތު ހުރި ގޮތުން، އާޓު ނުވަތަ ފަންނުވެރިކަމުގެ ދާއިރާއިން މުސްލިމުން ވަރަށް ފަގީރެވެ. ހަމައެހެންމެ، މިއަދު އިސްލާމް ދީނުގެ ބަސް ބުނާ ބައެއް ކަމުގައި، އުއްމަތުގެ ބަދުނަސީބުވެރިކަމުން، ވެފައި ތިބި "ޝައިޚުން" ގެ ފަތުވާތައް ވެސް އަންނާނީ ފިލްމާއި މިޔުޒިކާއި އާޓުގެ އެހެނިހެން ވެސް އެފަދަ ގިނަ އެއްޗެއްސަކީ ހަރާމް ތަކެތި ކަމުގައެވެ. އެހެންކަމުން، މިއަދާ ހަމަޔަށް ވެސް މުސްލިމުން ވަނީ، އެމީހުންގެ ދަރީންނަށް ހުޅަނގާއި ހޮލީވުޑާއި ބޮލީވުޑްގެ އަދަބިއްޔާތާއި ފިލްމާއި ޑްރާމާ އާއި މިޔުޒިކުގެ ބަދަލުގައި، "މުސްލިމް އާޓު" ފޯރު ކޮށްދިނުމަށް ނުކުޅެދިފައެވެ. މިހެން އޮއްވައި، "ދިރިލިސް: އަރްތުޣްރޫލް" ފަދަ މަސައްކަތްތަކުގެ ސަބަބުން ދިއްލިގެން ދަނީ އުއްމީދުގެ އަލިގަދަ ބައްތިތަކެކެވެ. މިއީ މި ރޮނގުން ކުރެވޭ އެންމެ ފުރަތަމަ މަސައްކަތެއް ވެސް ނޫނެވެ. މީގެ ސާޅީހަކަށް އަހަރު ކުރީން ނެރެވުނު މަޝްހޫރު ދަ މެސެޖް އަށް ފަހު، އެފަދަ އެހެން މަސައްކަތެއް ނުފެނި ދުވަސްތަކެއް ފާއިތު ވެގެން ދިޔައެވެ. ނަމަވެސް ފަހަކަށް އައިސް އީރާނާއި ތުރުކީ ފަދަ ގައުމުތަކުގައި ދަނީ އިސްލާމީ ތާރީޚު ދައްކައިދޭ މުހިއްމު ފިލްމުތަކާއި ޑްރާމާތައް ނެރެމުންނެވެ. ތުރުކީ ވިލާތުގައި ދާދި ފަހުން ހެދި ފާތިޙް 1453 ފިލްމަކީ މީގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތެވެ. އެއީ މުސްލިމުންގެ މަތިވެރި ފާތިޙް، ޢުޘްމާނީ ސުލްޠާން، އަދި އަރްތުޣްރޫލްގެ ހަވަނަ ކާފަ ދަރިކަލުން މުޙައްމަދުލް ފާތިޙް ކޮންސްޓެންޓިނޯޕްލް ފަތަހަ ކުރެއްވި ހާދިސާގެ މައްޗަށް މިހައިތަނަށް ކުޅެވުނު އެންމެ މޮޅު ފިލްމެވެ. މިފަދަ އިތުރު މަސައްކަތްތަކުގެ ތެރޭގައި، 2007 ވަނަ އަހަރު އީރާނުގައި ހެދި "ދަ މެސާޔާ" ފިލްމާއި، 2008 ގައި އީރާނުގައި ހެދި "އަބްރަހަމް: ދަ ފްރެންޑް އޮފް ގޯޑް" ފިލްމާއި، ޤަޠަރުގައި 2012 ވަނަ އަހަރު ތައްޔާރު ކޮށް ނެރުނު ޢުމަރު ފާރޫޤް ސީރީޒާއި، 2010ގައި އީރާނުގައި ހެދި "ދަ ކިންގްޑަމް އޮފް ސޮލޮމޮން" އާއި، 2015 ވަނަ އަހަރު އީރާނުގައި ހެދި "މުޙައްމަދު: ދަ މެސެންޖަރ އޮފް ގޯޑް" ފިލްމު ފަދަ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، "ދިރިލިސް: އަރްތުޣްރޫލް" އަށް ފަހު، ތުރުކީ ވިލާތުގައި މިހާރު ވަނީ "ކުރުލުސް: އޮސްމާން"ގެ ނަމުގައި، އަރްތުޣްރޫލްގެ ދަރިކަލުން އަދި ޢުޘްމާނީ ވެރިކަމުގެ ފުރަތަމަ ސުލްޠާންގެ ހަޔާތްޕުޅުގެ މައްޗަށް ސީރީޒްއެއް ހަދައި ދައްކާން ފަށައިފައެވެ.

މިފަދަ މަސައްކަތްތައް އިތުރު ކުރާން ޖެހެއެވެ. އަޅުގަނޑުމެން ދިވެހީންނަކީ ކިތަންމެ ބައިމަދު، ކިތަންމެ ކުޑަކުޑަ ގައުމެއް ކަމުގައި ވީ ނަމަވެސް، މިއީ އިސްލާމީ އުއްމަތުގެ އަސާސީ އެއް ބައެވެ. މި މަސައްކަތުގައި އަޅުގަނޑުމެންގެ ދައުރު ވެސް ކުޑަ ވާކަށް ނުޖެހެއެވެ. އެންމެ ފުރަތަމަ ކަމަކީ ރައްޔިތުންގެ ބަސް އިއްވައިގެން، ޓީވީއެމުން މިފަދަ އިސްލާމީ ފިލްމުތަކާއި ސީރީޒްތައް ގަވާއިދުން ގެނެސްދޭނޭ ގޮތެއް ހެދުމެވެ. މިއީ ފަސޭހަ ކަމަކަށެއް ނުވާނެއެވެ. އަޅުގަނޑުމެން އުޅޭން ވާނީ ދޮން މީހުން އުޅޭ ގޮތަށް ކަމަށް ބުނެ، ޞަލީބީންނާއި ޒައިނިސްޓުން ރުޅި އަންނަ ކޮންމެ މުސްލިމަކީ ހައްދުފަހަނައެޅި މުއްލާއެއް ނުވަތަ ޓެރަރިސްޓެއް ކަމަށް ބުނެ ރިޕޯޓުތަކާއި ލިޔުންތައް ލިޔާ ޚާއިނުންނާއި ޣައްދާރުންގެ ބާރު މިއޮތީ މުޅި ގައުމުގައި ކެންސަރެއް ފަދައިން ފެތުރިފައެވެ. ނަމަވެސް ކެތްތެރިކަމާ އެކު، ރިވެތި ގޮތުގައި، މި މަސައްކަތް ކުރާން އެބަޖެހެއެވެ. ނަވެއްގައި ހުންނަ ފީ ލަކުޑި ނަގައި އުކައިލާހެން، އިސްލާމީ ދުނިޔެއިން ޣައްދާރުން ބޭރުކޮށް، އުއްމަތް ސާފު ކުރުމުގެ އެއް ބިންގަލަކީ މިއެވެ. އެފަދަ ޣައްދާރުންގެ ނުލަފާކަމާއި ނުބައިކަމުން، އެމީހުންގެ މަކަރުވެރި ދަޅަތަކުގައި ޖެހިފައި ތިބި މުސްލިމުން ސަލާމަތް ކުރާން ކުރެވޭ މަސައްކަތުގެ އެއް ބިންގަލަކީ މިއެވެ.

comment ކޮމެންޓް