ފްލައިޓް ކެންސަލްވެ ބާސްކެޓް އަދި ހޭންޑްބޯލް ޓީމު ދިއްލީގައި ތާށިވެއްޖެ

ޓީމުތައް ދިއްލީ އެއާޕޯޓުގައި -- ފޮޓޯ: ޕީއެސްއެމް

ނޭޕާލުގައި ކުރިއަށްދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމުތަކާއި ހޭންޑްބޯލް ޓީމްތައް އަދި މީޑިއާ ޓީމު އިންޑިއާގެ ނިއުދިއްލީގައި ތާށިވެއްޖެއެވެ.

ޓީމުތައް ދިއްލީގައި މަޑުރަން ޖެހުނީ ރޭ މާލެ އަންނަން ހަމަޖެހިފައި އޮތް ޔޫއެލް ފްލައިޓް 198 ކެންސަލްވުމާ ގުޅިގެންނެވެ.

ރޭ ފުރަން ދިޔަ ހަތަރު ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުން އަދި މީޑިއާ ޓީމުގައި ހިމެނޭ ފަރާތްތަކާއެކު ޖުމްލަ 71 މެމްބަރުން ރެއިން ފެށިގެން ތިބީ އެއާޕޯޓުގައެވެ.

ޓީމުތައް އެއާޕޯޓުގައި 17 ގަޑިއިރަށްވުރެ ގިނަ ވަންދެން ތާށިވެފައި ތިބިކަމަށް މައުލޫމާތު ލިބެއެވެ. އެކަމާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ޓީމުތަކަށް ކެއުމާއި ހުރުމުގެ ކަންތައްތައް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިހާރު ޓީމުތައް ހޮޓަލަށް ދާން ދަތުރު ފަށާފައިވާ ކަމަށާއި، ވީހާވެސް އަވަހަކަށް ޓީމުތަކަށް މާލެ އާދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓީމުތައް ނޭޕާލްގެ ކަތަމަންޑޫއިން ދިއްލީއަށް ގޮސްފައިވަނީ އިއްޔެ ހަވީރު 4:30 ހާއިރުއެވެ.

ނޭޕާލްގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވުމަށްފަހު ބައެއް ޓީމުތައް މާލެ އައީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މި އަހަރުގެ ގޭމްސްގައި ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލް އެއް ހޯދައިދީފައެވެ. ރަން މެޑަލްގެ އިތުރުން ސާއިދު ލޮ މެޑަލް އެއް ވެސް ހޯދި އިރު ރާއްޖޭގެ ޓީޓީ ޓީމާއި އަންހެން ބާސްކެޓްބޯޅަ ޓީމު އަދި އަންހެން ފުޓުބޯޅަ ޓީމު ވެސް ވަނީ ލޯ މެޑަލް ހޯދައިފައެވެ.

comment ކޮމެންޓް