ރޭޕްގެ ތުހުމަތުކުރެވުނު ހަތަރު މީހުން ފިލަން އުޅެނިކޮށް ބަޑިޖަހާ މަރާލައިފި

ޖަނަވާރުންގެ ޑޮކްޓަރު ކަަމަށްވާ ޕްރިޔަންކާ ރެޑީ ރޭޕްކޮށް މަރާލުމާ ގުޅިގެން މުޒާހަރާކުރަނީ--- ފޮޓޯ: ރޮއިޓާސް

އިންޑިއާގައި ދާދި ފަހުން އަންހެނަކު ރޭޕްކޮށް އަންދާލި ހާދިސާގައި ތުހުމަތުކުރެވޭ ހަތަރު މީހުންގެ ގަޔަށް އެގައުމުގެ ފުލުހުން ބަޑިޖަހާ މަރާލައިފިއެވެ.

ރޭޕްކޮށްފައިވަނީ އިންޑިއާގެ ހައިދަރުއާބާދުގެ ޝަމްޝަބާދަސ ނިސްބަތްވާ 27 އަހަރުގެ ވެޓެރެނޭރިއަން (ޖަނަވާރުންގެ ޑޮކްޓަރެއް) ކަަމަށްވާ ޕްރިޔަންކާ ރެޑީއެވެ.

ރޭޕްކުުރިކަމަށް ތުހުމަތު ކުރެވޭ މީހުން މަރާލީ އެމީހުން ރޭޕްކުރި ސަރަހައްދަށް ގެންގޮސް އެ ހާދިސާ ހިނގިގޮތް އެމީހުން ލައްވައި ކުޅުވަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއަކާ ހުރެއެވެ. އެގޮތުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް ރޭޕްގެ ތުހުމަތު ކުރެވޭ އެކަކު ފުލުހުންގެ އަތުގައި އޮތް ބަޑިއެއް ޖަހައިގަނެ ވަނީ ބަޑި ޖަހައި ފިލަން މަސައްކަތް ކޮށްފައެވެ. އެ ހަތަރުު މީހުން މަރުވީ ފުލުހުން ރައްދުގައި ދިން ހަމަލާތަކުގެ ތެރެއިންނެވެ.

އެ ހަތަރު މީހުން ހައްޔަރުކުރީ މިދިޔަ މަހު ފަހުކޮޅުގެ ތެރޭގައެވެ.

ރޭޕްގެ ތުހުމަތުވާ މީހުން މަރާ ލުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން އެކަމަށް ތާއިދުކޮށްފައެވެ. ނަމަވެސް ބައެއް މީހުން ވަނީ އެ ހާދިސާއަކީ ފުލުހުންގެ މޫނު މަތި ރީތިކުރަން ޖެއްސި ސްޓަންޓްއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި ހަތަރު މީހަކު ވެގެން އެ އަންހެން މީހާ ރޭޕްކޮށް މަރާލީ ދުރާލާ ރާވައިގެންނެވެ. އެގޮތުން އެ އަންހެން މީހާ ބަސް ސްޓޮޕެއް ކައިރީ އޭނާގެ ސައިކަލު ޕާކު ކުރި މަންޒަރު އެމީހުންނަށް ފެނުނު ކަމަށާއި އަދި އެ އަންހެން މީހާ އެނބުރި އަންނަންވާ އިރަށް އެމީހުން އޭނާގެ ސައިކަލުގެ ފުރޮޅު ފަޅާލި ކަމަށެވެ.

އެ އަންހެން މީހާ ސައިކަލު ނަގަން އެނބުރި ދިޔައީ ރޭގަނޑު ނުވައެއް ޖަހާކަށްހާ އިރެވެ. އަދި އެވަގުތު ހަތަރު މީހުންގެ ތެރެއިން އެކަކު، ސައިކަލުގެ ފުރޮޅު ރަނގަޅު ކޮށްދޭނެ ކަމަށް ބުނެ ސައިކަލު ގެންދިޔަ އެވެ. އެވަގުތު އަންހެން މީހާ އޭނާގެ ކޮއްކޮއަށް ގުޅާ، އެ ދެ މީހުން ދެއްކި ވާހަކައިގެ ރެކޯޑިންއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އެރެކޯޑިންގައި އަންހެން މީހާ ވަނީ އެތާ ކައިރީ އޮތް އުޅަނދެއްގައި ތިބި މީހުން އޭނާއާ ދިމާލަށް ބަލަން ތިބި ކަމަށާއި އެކަނި ހުންނަން ޖެހުމުން ބިރު ގަންނަ ކަމަށް ބުނެފަ އެވެ.

އެފޯނު ކޯލަށް ފަހު 15 މިނިޓު ފަހުން އަންހެން މީހާގެ ފޯނު އޮތީ ނިއްވާލައިފަ އެވެ. ފުލުހުން ބުނި ގޮތުގައި އަންހެން މީހާ ފޯނުން ވާހަކަ ދައްކައި ނިމުމުން، އެތަނުގައި ތިބި ތިން މީހުން ވަނީ އޭނާ އެހެން ތަނަކަށް ގެންގޮސް ރޭޕްކޮށްފަ އެވެ. އަދި އަންހެން މީހާގެ ސައިކަލު ގެންދިޔަ މީހާ ވެސް ފަހުން އެމީހުންނާ ބައިވެރިވި އެވެ.

ފުލުހުން ބުނި ގޮތުގައި އަންހެން މީހާ މަރުވީ އޭނާ ހަޅޭއްލެއްވުން ހުއްޓުވުމަށް އެކަކު އޭނާގެ އަނގަ އާއި ނޭފަތް މަތީ އަތް އެޅުމުން، ނޭވާ ހާސްވެގެންނެވެ. އޭގެ ފަހުން އެ ހަތަރު މީހުން އަންހެން މީހާގެ ހަށިގަނޑު ދުރު ސަރަހައްދަކަށް ގެންގޮސް އަންދާލީ އެވެ. އެ އަންހެންމީހާގެ ހަށިގަނޑު ފެނުނީ ޖެހިގެން އައި ދުވަހުގެ ހެނދުނެވެ.

comment ކޮމެންޓް