ޓްރަމްޕް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރެއްވި: ހައުސް ރިޕޯޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމަށް ހައުސްގެ އިންޓެލިޖެންސް ކޮމިޓީން ވަނީ ބުނެފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޑިސެމްބަރު 4): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ އިންޓެލިޖެންސް ކޮމިޓީން ނިންމައިފި އެވެ.

އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން އިސްކޮށް ތިއްބަވާ އިންޓެލިޖެންސް ކޮމިޓީން ޓްރަމްޕާ ގުޅުން ހުރި ތުހުމަތުތަކެއް ތަހުގީގު ކުރުމަށް ފަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ޓްރަމްޕް ވަނީ އަމިއްލަ ބޭނުމަކަށްޓަކައި ޔޫކްރެއިންގެ ރައީސް ލައްވާ ވަކި ކަމެއް ކުރުވުމަށް އެމެރިކާގެ އަސްކަރީ އެހީ ބޭނުން ކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސް ޓްރަމްޕް ވަނީ އެތަހުގީގަށް ހުރަސްއެޅުމުގެ ގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ދިނުމަށް ދެކޮޅުހައްދަވާ، ސަރުކާރުގެ އޮފިޝަލުން ހެކި ބަސް ދިނުން ހުއްޓުވުމަށް މަސައްކަތް ކުރައްވާފައި ކަމަށް އެ ކޮމިޓީން ނެރުނު ރިޕޯޓުގައިވެ އެވެ.

"ރައީސް ޓްރަމްޕް އުސޫލުތަކާ ހިލާފަށް އަމަލު ކުރެއްވި ކަމާއި ކޮންގްރެސްގެ މަސައްކަތަށް ހުރަސް އަޅަން މަސައްކަތް ކުރެއްވި ކަމުގެ އެތައް ހެއްކެއް އެބަހުރި،" އެ ރިޕޯޓުގައިވެ އެވެ.

ނަމަވެސް ޓްރަމްޕް ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން މަސައްކަތް ކުރަނީ 2016 ވަނަ އަހަރު އޭނާ ކާމިޔާބު ކުރެއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލު ކުރަން ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ޖުލައި މަހު ރައީސް ޓްރަމްޕް ވަނީ ބައިޑެން ތަހުގީގު ކުރުމަށް ޔޫކްރެއިންގެ ރައީސްގެ ގާތުގައި އެދިލައްވާފަ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނޭ -- ފޮޓޯ: ޓަސް

ޑިމޮކްރެޓުން ބުނި ގޮތުގައި އިންޓެލިޖެންސް ކޮމިޓީން އެ ރިޕޯޓު ފާސް ކުރަން 13 މެމްބަރުން ވޯޓު ދެއްވި އިރު އެއާ ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެމްބަރުންނެވެ. އަދި ދެން އެ ރިޕޯޓު ފޮނުވާނީ ހައުސްގެ ޖުޑިޝަރީ ކޮމިޓީއަށެވެ.

އޭގެ ފަހުން ޑިމޮކްރެޓިކް ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ތުހުމަތުތަކާ ބެހޭ ގޮތުން ވޯޓެއް ނަގާނެ އެވެ. އަދި އެރިޕޯޓަށް ގިނަ މެމްބަރުން ވޯޓު ދިނުމުން ޓްރަމްޕާ ދެކޮޅަށް ހައުސްގައި "ދައުވާ" ކުރެވޭނެ އެވެ. އެއަށް ފަހު އެ މައްސަލައިގެ "ޝަރީއަތަށް" ކޮންގްރެސްގެ މަތީގެ ކަމަށްވާ ސެނެޓަށް ދައުވާތައް ހުށަހަޅާނެ އެވެ.

އެމެރިކާގެ ގާނޫނު އަސާސީގައިވާ ގޮތުން ގައުމުގެ ރައީސް މަގާމުން ދުރު ކުރެވޭނީ ތިރީގެއިން ހުށަހެޅި ދައުވާތައް ސާބިތުވާ ކަމަށް، 100 މެމްބަރުން ހިމެނޭ ސެނެޓުގެ 67 މެމްބަރުން ވޯޓު ދެއްވުމުންނެވެ. ނަމަވެސް ސެނެޓުގެ އަޣުލަބިއްޔަތު އޮތީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ކަމުން، ޓްރަމްޕް މަގާމުން ދުރު ކުރުމަކީ ނާދިރު ކަމެކެވެ.

ހައުސްގެ އިންޓެލިޖެންސް ކޮމިޓީން ތަހުގީގުކޮށްފައި ވަނީ، އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއާއި އޭނާގެ ފިރިހެން ދަރިފުޅާ ގުޅުން ހުރި ތަހުގީގެއް ކުރުމަށް ޓްރަމްޕް، ޔޫކްރެއިންގެ ރައީސްގެ ގާތުގައި އެދިލެއްވި ކަމަށް ބުނާ ތުހުމަތުތަކެކެވެ.

ޓްރަމްޕް އެ ދެބަފައިންނާ ގުޅުން ހުރި ތަހުގީގަކަށް އެދިލެއްވުމުގެ މަގުސަދަކީ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެމްޕެއިން ކުރައްވާމުންދާ ބައިޑެންއަށް ތާއީދު ކުޑަވާ ފަދަ މައުލޫމާތު ހޯދުން ކަމަށް ޑިމޮކްރެޓުން ބުނެ އެވެ. އަދި އެއީ ބޭރު ގައުމަކާ ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ގޮތުގައި ސިފަކޮށްފައެވެ.

އެމެރިކާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ޓްރަމްޕް ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީއާ ގުޅުއްވުމުގެ ކުރިން، އެމެރިކާއިން ޔޫކްރެއިންނަށް ދޭ އަސްކަރީ އެހީ ހުއްޓުވަން އަންގަވާފައެވެ. އެއީ ބައިޑެން ތަހުގީގުކުރުމަށް ޔޫކްރެއިނަށް ޕްރެޝަރު ކުރުމަށްޓަކައެވެ.

comment ކޮމެންޓް