ރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ރޭ މާލޭ ޖަލު ސަރަހައްދުގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި، މާލޭ ޖަލު ކައިރީގައި ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ، ރައީސް ޔާމީން ނިސްބަތްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުން ވަނީ ރޭގައި ޖަލު ސަރަހައްދަށް އެއްވެ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި މުޒާހަރާކޮށްފަ އެވެ.

އެ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނެފައި ވަނީ ރޭގައި ހައްޔަރުކުރި ތިން މީހުން ވެސް ވަނީ ރޭގައި ދޫކޮށްލާފައި ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ޖަލު ސަރަހައްދަށް އެއްވެ ކުރި މުޒާހަރާ ރޫޅާލައި މީހުންތައް ފޮނުވާލުމުގެ ގޮތުންނެވެ.

ޕާޓީގެ މެމްބަރުން މާލޭ ޖަލު ކައިރިއަށް ރޭގައި އެއްވީ ރޭ އޮތް އެ ދެ ޕާޓީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމަކަށް ފަހު އެވެ. އެ ބައްދަލުވުމުގައި އެ ދެ ޕާޓީން ވަނީ ރައީސް ޔާމީން މިނިވަންކުރަންދެން މާލޭގައި ކޮންމެ ރެޔަކު މުޒާހަރާކުރުމަށް ނިންމައިފަ އެވެ.

އަދި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ހަރަކާތްތައް ހިންގުމަށް ވެސް ރޭ އޮތް ކައުންސިލް ބައްދަލުވުމުން ފާސްކުރި އެވެ.

comment ކޮމެންޓް