50 ވަނަ ގައުމީ ޓެނިސް މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި

ގައުމީ ޓެނިސް މުބާރާތް ނިންމުމުގެ ރަސްމިޔާތުގެ ތެރެއިން: ފޮޓޯ// ރައީސް އޮފީސް

ރާއްޖޭގައި ޓެނިސް ކުޅޭތާ 50 އަހަރު ފުރި ގައުމީ ފެންވަރުގައި ޓެނިސް މުބާރާތްތައް އިންތިޒާމް ކުރެވޭތާ 50 އަހަރު ފުރުން ފާހާގަ ކުރުމުމުގެ ގޮތުން މިފަހަރުގެ ގައުމީ ޓެނިސް މުބާރާތް އިތުރު ހަތަރު ގައުމުގެ ކުޅުންތެރިންނާ އެކު ކުޅެ ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

މާލޭ، ޓެނިސް ކޯޓުގައި މި މަހުގެ 16 ވަނަ ދުވަހު ފެށި ބޭންކް އޮފް މޯލްޑިވްސް ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕްގައި ޖުމުލަ 145 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. ވާދަވެރި ގިނަ މެޗުތަކެއް ފެނިގެން ދިޔަ އެ މުބާރާތް ރޭ ނިންމާލާފައިވާ އިރު އެހެން އަހަރުތަކާ ޙިލާފަށް މިފަހަރުގެ މުބާރާތް ވަނީ ގިނަ ގޮތްގޮތުން ތަފާތު ކޮށްފަ އެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި އިތުރު ހަތަރު ގައުމެއްގެ ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީގެން ކުޅެފަ އެވެ.

މުބާރާތް ނިންމުމުގެ ހަފްލާ ރޭ ބޭއްވި އިރު އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަދި ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފްއާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ކުރިން މުޅި ދުނިޔޭގެ ވެސް ޓެނިހުގެ ނުވަ ވަނަ ކުޅުންތެރިޔާގެ މަގާމުގައި ހުރި ތައިލެންޑުގެ ޕްރަޑޯން ސްރިޗައްޕަން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން ސްރީލަންކާ އާއި އިންޑިއާއާއި ނޭޕާލާއި، ކެމްބޯޑިއާގެ ކުޅުންތެރިން މުބާރާތުގެ އެކި ކެޓަގަރީތަކުގައި ވާދަކުރި އިރު މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ޓެނިސް މުބާރާތެވެ. އަދި މި މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި 25،000 އެމެރިކާ ޑޮލަރު ވަނީ ދީފަ އެވެ.

ރާއްޖޭގައި މީގެ ކުރިން ބައިނަލް އަގުވާމީ ޓެނިސް މުބާރާތްތައް ބޭއްވިފައި ނުވަނީ ޓެނިސް ކުޅޭނެ ކޯޓުތައް މަދުވެގެންނެވެ. އެގޮތުން ޓެނިސްގެ ބައިނަލް އަގުވާމީ ސްޓޭންޑާޑުގެ ދަށުން ހަތަރު ކޯޓު ހުރެގެން ނޫނީ މުބާރާތްތަކެއް ނުބޭއްވެ އެވެ. އެހެންކަމުން މިފަހަރުގެ މުބާރާތް ބޭއްވުމަށް ޓަކައި ޓެނިސް ކޯޓާއި އިންވެގެން މާލޭ ހުޅަނގު ފަރާތުގައި އޮތް ވޮލީ ކޯޓު ނެގުމަށް ފަހު އެތަނުގައި އިތުރު ޓެނިސް ކޯޓެއް ވަނީ އަޅައިފަ އެވެ.

މިފަހަރުގެ މުބާރާތުގައި ނުވަ ކެޓަގަރީ އަކުން ޖުމުލަ 145 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް އަހަރުން ދަށުގެ އުމުރުފުރާ، އަށް އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، ޖޫނިއާ އޯޕަން، މެންސް އޯޕަން، ވުމެން އޯޕަން އަދި މިކްސްޑް ޑަބަލްސްގެ އިތުރުން 45 އަހަރުން މަތީގެ އުމުރުފުރާ އެވެ. އޭގެ ތެރެއިން 10 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ކެޓަގަރީތަކުގެ މެޗުތައް ކުޅޭނީ ރައުންޑް ރޮބިން ފޯމެޓަށެވެ. އަދި 10 އަހަރުން މަތީ ކެޓަގަރީގެ މެޗުތައް ކުޅޭނީ ނޮކްއައުޓް ފޯމެޓަށެވެ.

ކެޓަގަރީތަކުން ޝަރަފުވެރި އެއް ވަނަ ހޯދި ކުޅުންތެރިން:

1. ހަތް އަހަރުން ދަށުގެ (ފިރިހެން): އަލްސަން ސާމީ މުހައްމަދު

2. ހަތް އަހަރުން ދަށުގެ (އަންހެން): އިސްރާ އާރާ އިބްރާހިމް

3. އަށް އަހަރުން ދަށުގެ (ފިރިހެން): ޕަރްވޭޝް ސިވަޕަލަން

4. އަށް އަހަރުން ދަށުގެ (އަންހެން): އައިޝަތް ކަރިން ސައިޒަން

5. އަށް އަހަރުން ދަށުގެ (އަންހެން) ޑަބަލްސް: އައިޝަތް ކަރިން ސައިޒަން & އައިޝަތު ލިވިއާ

6. 10 އަހަރުން ދަށުގެ (އަންހެން): ނަބާ ނިޝާން

7. 10 އަހަރުން ދަށުގެ (ފިރިހެން): ޕަސިންދު ވަތްސަލާ ރުކުންނަޔަކާ

8. 10 އަހަރުން ދަށުގެ އަންހެން ޑަބަލްސް: ލެއި ތަމޫހް ސައީދު & ނަބާ ނިޝާން

9. 12 އަހަރުން ދަށުގެ ފިރިހެން: ލިސާލް ގޫނެޓިލެއްކެ

10. 12 އަހަރުން ދަށުގެ އަންހެން: ރުވީ ރާޖްކަރޫނާ

11. 12 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް: މުހައްމަދު ނޫހް ނަޒީހް & ދާއޫދް ޝަހީބް

12. 12 އަހަރުން ދަށުގެ އަންހެން ޑަބަލްސް: ރުވީ ރާޖްކަރުނާ އަދި އޮނެލީ ސަމަރަވިކްރަމާ

13. 14 އަހަރުން ދަށުގެ ފިރިހެން: ލިސާލް ގޫނެޓިކެލް

14. 14 އަހަރުން ދަށުގެ އަންހެން: ޝްރޫތީ އަހްލަވަތް

15. 14 އަހަރުން ދަށުގެ އަންހެން ޑަބަލްސް: ޝްރޫތީ އަހްލަވަތް & ޗާންދްނީ ޝްރިނިވަސަން

16. ޖޫނިއާ އޯޕަން ފިރިހެން: މާން ޝާހް

17. ޖޫނިއާ އޯޕަން އަންހެން: ޝްރުތީ އަހްލަވަތް

18. ޖޫނިއާ އޯޕަން ފިރިހެން ޑަބަލްސް: ރައުދަކް މައުމޫން & އައްޔޫބް ޝަހީބް

19. މެންސް އޯޕެންސް ސިންގަލް: ކެނީ ބަން

20. ވިމެންސް އޯޕެންސް ސިންގަލް: ސަވިނީ ޖަޔާސުރިއްޔާ

21. މެންސް އޯޕެންސް ޑަބަލްސް: ކެނީ ބަން & ފަލްކުން އެންޑްރޫ މަމް

22. ވިމެންސް އޯޕެންސް ޑަބަލްސް: ޖަނަލީ މަނަމްޕެރީ & ސަވިނީ ޖަޔާސުރިއްޔާ

23. މިކްސް ޑަބަލްސް: ސަންޓޯޝް ހަތިރީ & ގަންގާ ޝަރްމާ

24. 45 އަހަރުން މަތީގެ ފިރިހެން ސިންގަލްސް: ސައުދުﷲ އިބްރާހިމް

25. 45 އަހަރުން މަތީގެ ފިރިހެން ޑަބަލްސް: މުހައްމަދު އަސްލަމް & މުހައްމަދު އަމީން

26. 55 އަހަރުން މަތީގެ ޑަބްލްސް ޗެމްޕިއަން: އަދުނާން ވަހީދު & އިބްރާހިމް ހުސައިން

comment ކޮމެންޓް