ރާއްޖޭގެ ޒުވާން ޓެނިސް ޓީމުން ފުރަތަމަ ފަހަރަށް އިންޑިއާ ބަލިކޮށްފި

ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ ފައިނަލް ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމު--

ކަޒަކިސްތާނުގައި ކުރިއަށްދާ ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ ފައިނަލް ކޮލިފިކޭޝަންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ އަންހެން ޓެނިސް ޓީމުން ވަނީ ޑަބަލްސް މެޗެއްގައި އިންޑިއާ ބަލިކޮށް ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. ސިންގަލްސް މެޗުތަކުން ބަލިވެ ޓައި ބްރޭކުން ރާއްޖެ ބަލިވި ނަމަވެސް، މިއީ ރާއްޖޭގެ ޖޫނިއާ ޓީމަކުން މި މުބާރާތުގެ ފައިނަލް ކޮލިފިކޭޝަންގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ، ޗައިނާ އަދި އިންޑޮނޭޝިއާއެކު ވަރަށް ވަރުގަދަ ގްރޫޕެއްގައެވެ.

  • ރާއްޖޭގެ 16 އަހަރުން ދަށުގެ އަންހެން ޓެނިސް ޓީމުން ޑަބަލްސް މެޗުގައި އިންޑިއާ ބަލިކުރުން
  • މެޗުގެ ނަތީޖާއަކީ 7-6، 3-6 އަދި 11-09 އިން ރާއްޖެ މޮޅުވުން
  • ސިންގަލްސް ދެ މެޗުން ބަލިވުމުގެ ސަބަބުން ޓައި ބްރޭކުން 2-1 އިން އިންޑިއާ މޮޅުވުން
  • މިއީ ރާއްޖޭގެ ޖޫނިއާ ޓީމަކުން ބިލީ ޖީން ކިންގް ކަޕްގެ ފައިނަލް ކޮލިފިކޭޝަނަށް ދަތުރުކުރި ފުރަތަމަ ފަހަރު

ކަޒަކިސްތާނުގެ ޝިމްކެންޓުގައި މިހާރު ކުރިއަށްދާ ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ ފައިނަލް ކޮލިފިކޭޝަންގައި، އޭޝިއާގެ ގަދަބާރެއް ކަމަށްވާ އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ 16 އަހަރުން ދަށުގެ އަންހެން ޓެނިސް ޓީމުން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފުރަތަމަ ކުރިމަތިލުމުގައި، ރާއްޖޭގެ އުންމީދީ ޒުވާން ޓީމުން ވަނީ ޑަބަލްސް މެޗުގައި އިންޑިއާގެ މައްޗަށް ކުރި ހޯދާފައެވެ.

ވަރަށް ވާދަވެރި ކުޅުމަކަށްފަހު ރާއްޖޭގެ ޓީމުން މި މެޗު ކާމިޔާބުކުރީ 7-6، 3-6 އަދި 11-09 ގެ ނަތީޖާއަކުންނެވެ. ނަމަވެސް، ސިންގަލްސް ދެ މެޗުވެސް އިންޑިއާއިން ކާމިޔާބުކުރުމާ ގުޅިގެން، ޓައި ބްރޭކްގައި ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ ފައިނަލް ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމު ކުޅުނު މެޗެއްގެ ތެރެއިން--

މިއީ ރާއްޖޭގެ ޖޫނިއާ ޓީމަކުން ބިލީ ޖީން ކިންގް ކަޕްގެ އޭޝިއާ/އޯޝޭނިއާ ގްރޫޕްގެ ފައިނަލް ކޮލިފިކޭޝަނަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ރާއްޖެ މި ފުރުސަތު ހޯދީ މިދިޔަ މަހު ސްރީލަންކާގައި އޮތް ޕްރީ-ކޮލިފިކޭޝަނުގައި ތިންވަނަ މަގާމު ހާސިލްކޮށްގެންނެވެ.

ބިލީ ޖީން ކިންގް ކަޕް ޖޫނިއާސްގެ ފައިނަލް ކޮލިފިކޭޝަންގައި ރާއްޖޭގެ ޓީމު ކުޅުނު މެޗެއްގެ ތެރެއިން--

މި މަހުގެ 11 އިން 16 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ މަންހާ މުހައްމަދު، އައިޝަތު ކަރިން ސައިޒާން އަދި ކިޔާރާ އުސާމާ އަލީއެވެ. ޓީމުގެ ކެޕްޓަނަކަށް ގައުމީ ކޯޗު، އީރާނުގެ އަލީ ރިޒާ ހުރިއިރު، މެނޭޖަރަކީ އައިމިނަތު އިރުފާ މާހިރެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ، ޗައިނާ އަދި އިންޑޮނޭޝިއާއާއެކު ވަރުގަދަ ގްރޫޕެއްގައެވެ. ރާއްޖޭގެ ޓީމުން ދެން ނުކުންނާނީ މިއަދު ޗައިނާއާ ދެކޮޅަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް