ލިވިން ބްރޯކް އިން މާލެ: ފްރިޖް ތެރެ ތަރުތީބުކޮށްލަން ހިނގާ!

ކުޑަޔަސް ބޮޑަސް، ތަނެއްގެ ސާފުތާހިރުކަމާއި ތަރުތީބު ގެއްލިއްޖެނަމަ ވަރަށް އުނދަގޫވާނެ އެވެ. ގޭގެ އެކިދިމާތަކަށް ބަލާއިރު، މިފަދައިން ތަރުތީބު އެންމެ ފަސޭހައިން ގެއްލޭ އެކައްޗަކީ ފްރިޖެވެ. ފެނާއި، އެކި ވައްތަރުތަކުގެ ބުއިންތަކާއި، ކައްކަން ބޭނުންކުރާ އެކި މޭވާ ތަރުކާރީއާއި، ގިނަ ދުވަހު ކެއުމަށް ބޭނުންކުރާ އެކި ބާވަތްތައް ގަނެ ފްރިޖުގައި ބަހައްޓާއިރު، އެތަންމިތަނަށް އޭތިމީތި އުކާފައި ހުންނަނަމަ ފްރިޖުގައި ހުރީ ކޯއްޗެއްކަމެއް، ނެތީ ކޯއްޗެއް ކަމެއް ގިނަ ފަހަރަކު ނޭނގޭނެއެވެ.

އިންސްޓަގްރާމްގައި މަގުބޫލު ބްރޯކްއޭސްއެމްވީ އާއި އެކީ މިގެނެސްދެނީ މިގޮތަށް ފްރިޖު ސާފުކޮށް ތަރުތީބުކޮށްލަން އެހީއެކެވެ. ކޮންމެހެން މި ވީޑީއޯގައި ދައްކާފަދައިން އަކުރުން އަކުރަށް ހުރިހާ ކަމެއް ކުރާށެކޭ އެއް ނޫނެވެ. ވީޑިއޯ ބެލުމަށް ފަހު، ހިތްވަރެއް ލިބިގަނެ، އެމީހެއްގެ ފްރިޖަށް އެންމެ އެކަށޭނަ ގޮތަށް މިކަން ކޮށްލާށޭ އެވެ.

ހުރިހާއެއްޗެއް ބޭރުކޮށް ސާފުކޮށްލާ!

ފްރިޖެއް ސާފުކުރުމަށްޓަކައި ފަހަރަކު ތަންކޮޅެއް ވަކިވަކިން ދޮވެ، އެއްވެހި އަތުރުމުގެ ބަދަލުގައި އެންމެ ފަސޭހަ ގޮތަކީ މުޅި ފްރިޖު އެކީގައި އެއްވަގުތެއްގައި ސާފުކޮށްލުމެވެ. ފްރިޖުގެ ތެރޭގައި އެކި ދިމާތަކުގައި ތަފާތު ދުވަސްތަކުގެ މަތީން ބެހެެއްޓިފައި ހުންނަ ތަކެތި ހުރެދާނެ އެވެ. އަދި ދިޔާއެއްޗެހިވެސް ހުންނާތީ ފްރިޖުގެ ތެރެއަށް އެޅިފައިވެސް ހުރެދާނެ އެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް މުޅި ފްރިޖުގައި ހުރި ހުރިހ އެއްޗެއް ނަގާ ބަހައްޓާށެވެ. އެއަށްފަހު ސާފު ފޮތިކޮޅެއް ނުވަތަ ސްޕޮންޖަކުން ރަނގަޅަށް އެތެރެ ފޮހެ ސާފުކޮށްލާށެވެ. އެއްފަހަރު ނޫނީ ދެފަހަރު ރިޕީޓްކޮށްލަންޖެހުނަސް އަދި ވަރުބަލިވެގެން ނުވާނެއެވެ.

އެކި ބާވަތްތައް ވަކި ވަކީން ބަހައްޓާ!

އެކި ގެތަކުގައި ފްރިޖުގައި ބަހައްޓާ އައިޓަމްތައް ވަރަށް ބޮޑަށްވެސް ތަފާތެވެ. އަދި ފްރިޖުގައި ބަހައްޓާ އެއްޗެހިވެސް އެ ބަހައްޓާ ޖާގަތަކުގެ ގޮތުން އެހާމެ ތަފާތެވެ. މި ލިސްޓުގައި ބަދަލު ނުވާނެ ހަމައެކަނި އެއްޗަކީ ބިހާއި މަހޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ސަބަބަކީ ގިނަ ފްރިޖުތަކުގައި ބިސް ބަހައްޓަން މިހާރު ވަކި ޖާގައެއް ހުންނާތީއެވެ. އަދި ކޮންމެ ގެއެއްގައި ހީވާގޮތުން މަސް ބަހައްޓާނީ ފްރިޖުގެ ގަނޑުކުރާ ބައިގައެވެ.

ދެން ހުންނާނީ ޖޫހާއި، ކިރާއި، މޭވާ ތަރުކާރީ ފަދަ ބާވްތަކެވެ. ބްރޯކްއޭސް އެމްވީ ބުނާގޮތުން އޭނާ އަށް މޭވާ އެންމެ މީރީ އެއްވެސް ވަރަކަށް ފިނި ނުކޮށެވެ. އަދި މޭވާއަކީ އެއްފަހަރާ މާ ގިނައިން ގަންނަ ބާވަތަކަށް ނުވާތީ އަބަދުވެސް ބަހައްޓަނީ ބަދިގޭގައި ނިކަން ފަސޭހައިން އަތުޖެހޭ ހިސާބެއްގައެވެ.

ތަރުކާރީ އަފި ފަތްފަދަ ބާވަތްތައްވެސް އިސްރާފުވެ ހަލާކުވެދާނެތީ މާ ގިނައިން އެއްފަހަރާ ނުގަންނައިރު، ހުރިހާ ތަރުކާރީއެއްހެން އެއް ކޮންޓެއިނާގައި ބަހައްޓަނީއެވެ. އަދި ހިކަނދިފަތް، ރާނބާފަތް ކޮރިއަންޑާ ފަދަ ބާވަތްތައްވެސް ވަކީން ކޮންޓެއިނާގައި ނުވަތަ ޒިޕްލޮކް ބޭގްތަކުގައެވެ.

އެމީހެއްގެ ބޭނުމަށް އަތުޖެހޭ ހިސާބެއްގައި!

އެންމެ ގިނައިން ފްރިޖުން ނަގަންޖެހޭ ބާވަތް ފްރިޖުގެ އެންމެ އަޑީގައި ނުވަތަ އެންމެ ފަހަތުގައި ބަހައްޓާފައި ހުންނަނަމަ ކޮންމެފަހަރަކު ޖެހޭނީ މުޅި ފްރިޖުގެ ހުރިހާ އެއްޗެއް ބޭރުކުރުމަށްފަހު ދެން އެ ބާވަތެއް ނަގާށެވެ.

މިކަމުގެ ހައްލަކީ އެމީހެއްގެ ބޭނުމަށް ބަލައި އަތުޖެހޭ ހިސާބެއްގައި ބޭނުންވާ އެއްޗެހި ބެހެއްޓުމެވެ. މިސާލެއްގެ ގޮތުން ބްރޯކްއޭސްއެމްވީ ތަރުކާރީތައް ބަހައްޓާފައިވަނީ ފްރިޖުގެ އެންމެ ތިރީވައްގަނޑުގައެއް ނޫނެވެ. ސަބަބަކީ ވިހަން ގާތްވެފައި ވުމުން ކޮންމެ ފަހަރަކު ގުދުވާން އުނދަގޫވާތީ އެވެ. ގިނަފަހަރަށް މިކަހަލަ އުނދަގުލެއް ކުރިމަތިވާނަމަ އަހަރެމެން ދެން ތިބޭނީ އެ އެއްޗެއް ނުކައިތާއެވެ. އެހެންކަމުން އެމީހަކަށް ފަސޭހަ ދިމާލެއްގައި އެންމެ ބޭނުންވާ އެއްޗެހި ބެހެއްޓުމަކީވެސް ފްރިޖު ތަރުތީބުކޮށްލުމުގައި ކުރެވިދާނެ ކަމެކެވެ.

ވަސްދުވާ އެއްޗެހީގެ މަތި ބަންދުކުރާތި!

ބަދިގޭގައި އަހަރެމެން ބޭނުންކުރާ އެކި ބާވަތްތަކަކީ ފަސޭހައިން ވަސް ފެތުރޭ ނުވަތަ ފަސޭހައިން ވަސް އަށަގަންނަ ތަކެއްޗެވެ. މިގޮތުން އެއްފަހަރު ބޭނުންކޮށްފައި ބަހައްޓާ މަސްދަޅު، ފިޔާ ފަދަ ތަކެތިން ވަރަށް ފަސޭހައިން ވަސް ފެތުރޭނެއެވެ. އެހެންކަމުން މިކަހަލަ ބާވަތްތައް އަބަދުވެސް މަތިޖަހާ ބަންދުކުރަން ހަނދާން ބަހައްޓަން ވާނެއެވެ.

މުއްދަތު ހަމަވާ ތާރީޚަށް ވިސްނާތި!

މީގެއިތުރުން އެކްސްޕައިރީ ޑޭޓް، ނުވަތަ ބައެއް ތަކެތީގައި "ބެސްޓް ބިފޯ" ލޭބަލްކޮށް ތާރީޚެއް ދެވިފައިވާނެއެވެ. މިފަދަ ތަކެތި ގެންގުޅޭނަމަ އަބަދުވެސް ނޯޓްކޮށް ފަސޭހައިން ފެންނަގޮތަށް ބަހައްޓާ އަވަހަށް ބޭނުންކުރަން ހަނދާން ކުރަންވާނެއެވެ. އަދި ބައެއްފަހަރު، ކައްކާފައި އިތުރުވާ ބައެއް ރިހަތަކާއި، ސޯސްއާއި، މަސްގަނޑުތައްވެސް ހޫނުކޮށްގެން ފަހުން ކެއުމަށް ބަހައްޓާއިރު، ރަނގަޅަށް މަތިބަންދުކޮށް އެ ތައްޔާރުކުރި ވަގުތު ނުވަތަ ތާރީހު ނޯޓުކޮށްލާށެވެ. ކާއެއްޗެހި ހަލާކުވެ، އިސްރާފުވުމުން ދުރުކޮށްދޭނެއެވެ.

comment ކޮމެންޓް