ލިވިންގް ބްރޯކް އިން މާލެ: ކަރަންޓާއި ފެން ބިލް ކުޑަކޮށްލަމާ!

އަބަދުވެސް މި ދެއްކެނީ ހަރަދުބޮޑު ވާހަކަ އެވެ. މަހުގެ މެދާއި ހަމައަށް އަންނައިރު އަތުގައި ބައި ރުފިޔާވެސް އޮންނަނީ މަދު ފަހަރަކު އެވެ. މިކަމަށް އޮތް ހައްލު އެންމެނަށްވެސް އެނގެ އެވެ-- ހަރަދު ކުޑަ ކުރުމެވެ. ނަމަވެސް މިގޮތަށް އަމަލު ނުކުރެވިގެން މިއުޅެނީ ކީއްވެބާ އެވެ. ފަހަރެއްގައި މި ލިސްޓުކޮށްލާ ކަންކަމަކީ އެންމެނަށްވެސް އެނގޭ އާދައިގެ ކަންކަމަށް ވެދާނެ އެވެ.

ނަމަވެސް "ބްރޯކްއޭސްއެމްވީ"އާ އެކު މި ކަންކަމުގެ މަތީން ހަނދާން އާ ކޮށްލަން ހިނގާށެވެ.

މަހެއްގެ މައްޗަށް ގެއަކަށް ދައްކަންޖެހޭ ކުލި ކަނޑާލުމަށްފަހު ދެން އެންމެ ބޮޑު ހަރަދެއް ދާނީ ކަރަންޓާއި ފެނަށެވެ. ފަހަރެއްގައި ވަރަށް ބަލައިގެން އުޅޭ ގެތަކުގެ ބިލު 500-800 ރުފިޔާގައި ހުރެދާނެ އެވެ. ނަމަވެސް އެވަރެޖްގޮތެއްގައި މާލޭގައި މި ބިލުތައް އުޅެނީ 1،000 ރުފިޔާއިން އިން މަތީގަ އެވެ. އެ ގޭގައި މީހުން އުޅޭ ނިސްބަތުން އެއްވަރެއްގައި އަދި އަތްފޯރާ ފަށުގައި ބިލްތައް ހިފެހެއްޓުމަކީ ހަރަދު ކުޑަކޮށް ދިރިއުޅެން ކުރުން ވަރަށް މުހިންމު ކަމެކެވެ.

އަމިއްލަ އަށް އޮޑިޓް ކުރޭ!

މިހެން ބުނުމުން ފަހަރެއްގައި ޖޯކު ޖަހާނެ ބަޔަކުވެސް ތިބެ ދާނެއެވެ. ނަމަވެސް ހަގީގަތް ވާނީ ހަމަ ހަގީގަތަކަށެވެ. އަމިއްލައަށް އެމީހެއްގެ ޚަރަދުތައް ހިނގާގޮތް ބަލައި ނޯޓްކޮށް، ވީ އެންމެ ބޮޑަކަށް ހަރަދު ކުޑަކުރުމަކީ ކުރުން ވަރަށް މުހިންމު ކަމެކެވެ. ބްރޯކްއޭސްއެމްވީއިން އުޅެނީ ކުއްޔަށްކަމުން ކޮންމެ މަހެއްގެވެސް ކުއްޔާއެކު، ފެންބިލާއި ކަރަންޓު ބިލު ދެއްކުމަށްފަހު އެކަން ގޭގެ ވެރިފަރާތަށް ރިޕޯޓުކުރަން ޖެހެ އެވެ. އެހެންވެއާއެކު، މިހާތަނަށް ދައްކަންޖެހިފައި ހުރި ހުރިހާ ބިލުތައް ހުރީ ރެކޯޑު ކުރެވިފަ އެވެ. އެހެންކަމުން ކިރިޔާވެސް ކަރަންޓު ބިލް މައްޗަށްދާނަމަ އެކަން ފާހަގަވެ، ހަރަދު ކުޑަކުރުމަށް އަނެއް މަހު މަސައްކަތްކުރުމަށް މިކަމުން މަގުފަހިވެ އެވެ.

އިސްރާފު މަދުކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން!

އެންމެ ކުޑައިރުއްސުރެވެސް އަޑު އިވޭނެ އެއް ވާހަކައަކީ އިސްރާފު ކުރުން ހުއްޓާލާށޭ ބުނާ އަޑެވެ. އެހެންނަމަވެސް އަދިވެސް މިއުޅެނީ ގިނަބަޔަކަށް އެކަން ދަސްނުވެގެނެވެ. މީގެ އެއް މިސާލަކީ ބްރޯކްއޭސްއެމްވީއިން ބުނާގޮތުން، ބަދިގޭގައި ފެން ހޫނުކުރުމެވެ. ޔަގީނުންވެސް ގިނަބަޔަކު ފެން ކައްކާނީ އިސްކުރޫ ދޫކޮށްގެން އެ ފުރެންދެން ނުވަތަ ފެންފުޅިއަކުން ނަމަވެސް ހިތުހިސާބަށެވެ.

ބޭނުން ނުކުރާއިރު އެއާކޮންޑިޝަން ނިއްވާލުން ނުވަތަ އޭގެ ބޭނުންކުރާ ވަގުތުތައް ލިމިޓުކުރުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަމެއް -- ސަން ފޮޓޯ

އޭގެ ބަދަލުގައި އެ ވަގުތެއްގެ ބޭނުމަށް ބޭނުންވާ މިންވަރަށް އެއްފަހަރުން ފެން ކެއްކުމުން ހަރަދު ކުޑަވީ އެވެ. އަންނައުނުވެސް ކޮންމެ ފަހަރަކު ދެތިން އެތި ދޮވުމުގެ ބަދަލުގައި، މެޝިން ފުރެންދެން އެއްޗިހި ހަމަކޮށް އެއް ފަހަރާ ދޮވުން ބުއްދިވެރި އެވެ. ޓީވީ ބެލުމުގައިވެސް ކޮންމެވެސް ވަރެއްގެ ލިމިޓުތަކެއްކޮށް، ފަންކާ ނުވަތަ އޭސީ ބޭނުންކުރުމުގައިވެސް މިފަދައިން ވިސްނާލުން މުހިންމެވެ.

ދުވާލު އިރުގެ އަލިކަން ލިބޭނަމަ ބޮކި ނިއްވާލާ!

މިއީވެސް ވަރަށް އާދައިގެ ކަމެކެވެ. އިރުގެ އަލިކަން ލިބި އެވަރުން ފުދޭނަމަ ކޮންމެހެން ބޮކިތައް ދިއްލުމުގެ ބޭނުމެއް ނެތްތާއެވެ. ބޭކާރު ވަނީ އަތުންދާ ފައިސާއާއި، އަދި އަހަރެމެންގެ ގުދުރަތީ ވަސީލަތެވެ.

ބޭނުން ނުކުރާއިރު ބޮކިތައް ނިއްވާލުމަކީ ކަރަންޓު ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަމެއް -- ސަން ފޮޓޯ

ހަމައެއާއެކު، ބޮކީގެ އަލި ބޭނުންވާ ގެތަކުގައި ބައިވަރު ބޮކިތަކެއް ދިއްލާފައި ބެހެއްޓުމުގެ ބަދަލުގައި ވަރުގަދަ އެއް ބޮކި އެ ބޭނުންވާ ސަރަހައްދެއްގައި ބެހެއްޓުމަކީވެސް ކުރެވިދާނެ ކަމަކެވެ. އަދި ރޭގަނޑު ނިދަމުން ބޭނުންނުވާ ހުރިހާ ބޮކިތަކެއް ނިއްވާލާ، އެ ބޭނުންކުރާ ހުރިހާ ބޮކިތަކަކީ އެނާޖީ ސޭވިން ބޮކިތަކަށްތޯވެސް ޔަގީންކޮށްލާށެވެ.

މަހުން މަހަށް ގަވާއިދުން ބިލްތައް ދައްކާތި!

ފަހަރެއްގައިވެސް އަންނަ މަހުގައި ބިލްދައްކަން މަޑުކޮށްލުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ޚަރަދު ކުޑަކުރަން އުޅޭއިރު، އެއަރާ ޖޫރިމަނާތަކުން ސަލާމަތްވެ ތިބުންވެސް އެހާމެ މުހިންމެވެ. މަހުގެ ވަކި ހާއްސަ ދުވަހެއް ކުލިދެއްކުމާއި، ބިލްތަކަށް ފައިސާދެއްކުމަށް ހާޢްސަކުރާށެވެ. ހުރިހާ ކަމެއް ޑިޖިޓަލައިޒްވެފައިވާއިރު، އޮންލައިންކޮށް މިހާރު މިހުރިހާ ބިލެއްވެސް ބަލާލެވި ދައްކާވެސް ލެވެއެވެ. އެހެންކަމުން ލަސްނުކޮށް ފަސޭހަކަމާއިއެކު މިކަންކަން ކުރާށެވެ.

ފަހަރެއްގައިވެސް މިކަންކަމަކީ އާދައިގެ ކަންކަން ކަމުގައި ނުނަގާށެވެ. ޚާރަދު ކުޑަކޮށް މިކަންކަމަށް ފަރުވާތެރިވެގެން އުޅޭ ގެތަކުގައި ފެން ބިލް އަދި ކަރަންޓު ބިލް އެންމެ ފަސްސަތޭކަ ރުފިޔާއަށްވެސް ނާރާ ހިފަހައްޓާލެވެއެވެ. އެހެންކަމުން ތިމާގެ ގޭގައި ކަރަންޓާއި ފެން ބިލު ކުޑާކުރުމަށް ވަކި ހާޢްސަ ކަމެއް ކުރާނަމަ އެކަން ކޮމެންޓް ސެކްޝަންގައި އަވަހަށް ހިއްސާކޮށްލާށެވެ. ކޮންމެވެސް މިީހަކަސް މިކަމުން ފައިދާއެއްވާނެ ތާއެވެ.

comment ކޮމެންޓް