ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ގޯޓާބަޔަ: ލަންކާގެ އިލެކްޝަން ކޮމިޝަން

ލަންކާގެ އިލެކްޝަން ކޮމިޝަނުން ވަނީ އިންތިހާބު ކާމިޔާބު ކުރެއްވީ އެސްއެލްޕީޕީގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ ކަން އިއުލާންކޮށްފަ -- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ (ނޮވެމްބަރު 17): ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު އަދި ޕޮޑުޖަނަ ޕާޓީގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަކަން އެގައުމުގެ އިލެކްޝަން ކޮމިޝަނުން ޔަގީންކޮށްދީފި އެވެ.

ލަންކާގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އިއްޔެގެ އިންތިހާބުގައި ވޯޓު ލާން 15.9 މިލިއަން މީހުން ރެޖިސްޓާ ކުރި އެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވި އެވެ.

އެ އިންތިހާބުގައި 35 ކެންޑިޑޭޓުން ވާދަ ކުރެއްވި އިރު ވޯޓު ކަރުދާހުގެ ދިގުމިނުގައި 26 އިންޗި ހުއްޓެވެ. އެއީ އެގައުމުގެ ރިޔާސީ އިންތިހާބެއްގައި އެހާވަރަށް ގިނަ މީހުން ވާދަ ކުރި ފުރަތަމަ ފަހަރެވެ.

އެ އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާއިން ދައްކާ ގޮތުގައި ކުރީގެ ޑިފެންސް މިނިސްޓަރު ގޯޓާބަޔަ ވަނީ 6.9 މިލިއަން (52.25 ޕަސެންޓު) ވޯޓު ކާމިޔާބު ކުރައްވާފަ އެވެ. އަދި އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސައަށް ލިބުނީ 5.6 މިލިއަން (41.99 ޕަސެންޓު) ވޯޓެވެ.

އެ ދެ ބޭފުޅުންނަށް ފަހު އެންމެ ގިނަ ވޯޓު ހޯއްދެވީ ކޮމިއުނިސްޓް (މާކްސިސްޓް-ލެނިނިސްޓް) ފިކުރުގެ ޕާޓީއެއް ކަމުގައިވާ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ލީޑަރު އަދި ކެންޑިޑޭޓު އަނޫރަ ކުމާރަ ޑިސާނާޔަކަ އެވެ. އޭނާއަށް ލިބުނީ 418,553 (3.16 ޕަސެންޓު) ވޯޓެވެ.

އިންތިހާބުގެ ނަތީޖާ ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން ގޯޓާބަޔަ ވަނީ ކާމިޔާބީ އިއުލާން ކުރައްވާފަ އެވެ. އަދި ޕްރޭމަދާސަ ވަނީ ބަލި ގަބޫލު ކުރައްވާ، ޔޫއެންޕީގެ ޑެޕިއުޓީ ލީޑަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

މީގެ ކުރިން 2015 ވަނަ އަހަރު މައިތިރިޕާލާ ސިރިސޭނާ ރިޔާސީ އިންތިހާބު ކުރެއްވީ 51.28 ޕަސެންޓު ވޯޓާ އެކުގަ އެވެ. އަދި އޭގެ ކުރިން 2010ގައި މަހިންދަ އިންތިހާބު ކާމިޔާބު ކުރެއްވީ 57.88 ޕަސެންޓު ވޯޓާއެކުގަ އެވެ.

ގޯޓާބަޔަގެ ކެމްޕެއިން ތެރޭ ޕޮޑުޖަނަ ޕާޓީގެ އޮފިޝަލުން ވަނީ ދެން ބޮޑުވަޒީރު ކަމަށް ހޮވަން ހުށަހަޅާނީ މަހިންދަގެ ނަން ކަމަށް ބުނެފަ އެވެ. މަހިންދަ ވަނީ ލަންކާގައި 2005އިން 2015އަށް ރައީސްކަން ކުރައްވާފަ އެވެ. އަދި މިދިޔަ އަހަރު 26 އޮކްޓޯބަރުން 15 ޑިސެމްބަރަށް ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.

ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ، ބޮޑުވަޒީރު ކަމަށް މަހިންދަ އައްޔަން ކުރެއްވީ ކުއްލި ގޮތަކަށް ރަނިލް ވިކްރަމަސިންހަ އެމަގާމުން ދުރު ކުރެއްވުމަށް ފަހުގަ އެވެ. ނަމަވެސް އެއީ ސައްހަ ނިންމުމެއް ނޫން ކަމަށް ގައުމުގެ ސުޕްރީމް ކޯޓުން ނިންމުމުން، މަހިންދަ އިސްތިއުފާ ދެއްވި އެވެ.

comment ކޮމެންޓް