ރާއްޖޭގެ ހަތް ކުލަބަކަށް އޭއެފްސީ ލައިސެންސް ލިބިއްޖެ

މިއަހަރުގެ ލީގުގައި މާޒިޔާއާއި އޭއެފްސީ ބައްދަލު ކުރި މެޗެއްގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މުޅި ދެކުނު އޭޝިޔާގައި ވެސް ނިސްބަތުން އެންމެ ގިނަ ކުލަބުތަކަކަށް އޭއެފްސީ ލައިސެންސް ލިބުނު ގައުމަކަށް ދިވެހި ރާއްޖެ ވެއްޖެ އެވެ.

ވޭތުވެ ދިޔަ އަހަރު ދިމާވި އޭއެފްސީ ލައިސެންސިންގް މައްސަލައާ އެކު މިއަހަރު އޮތް އޭއެފްސީ އެއްވެސް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ރާއްޖޭގެ އެއްވެސް ކުލަބަކަށް ނުލިބެއެވެ. ލައިސަންސް ނުލިބުނީ މުއްދަތު ހަމަވުމުގެ ކުރިން އެ ކްލަބްތަކަށް ދީފައިވާ ލޮގިން އިން އޭއެފްސީގެ ކްލަބް ލައިސަންސިން ސިސްޓަމް (ކްލާސް) އަށް ލިޔެކިޔުންތައް އަޕްލޯޑްކޮށްފައިނުވާތީ އެވެ. ކްލަބްތަކުން ކްލާސް އަށް ލިޔެކިޔުންތައް އެޕްރޫވްކުރާނީ އެފްއޭއެމްގެ ކްލަބް ލައިސަންސިން އޮފިސަރެވެ. އޭއެފްސީ އަށް އެ ލިޔުންތައް ފެންނާނީ އެފްއޭއެމްގެ ކްލަބް ލައިސަންސިން އޮފިސަރު އެ އެޕްރޫވްކުރުމުންނެވެ.

ކްލަބް ލައިސަންސިންގައި އޮންނަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިފަ އެވެ. އެއީ ސްޕޯޓިން، އިންފްރާސްޓްރަކްޗާ، ލީގަލް އަދި ފައިނޭންޝިއަލް އެވެ. މި ބައިގެ ދަށުން އެކި ބައިތަކެއް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ކުޅުންތެރިންގެ މެޑިކަލް ކަންތައްތައް ފުރިހަމަވުމާއި ކްލަބްގެ މާލީ ރިޕޯޓާއި އެކެޑަމީ ޕްލޭނާއި އަދި އޭގެ އިތުރުން ވެސް އެކި އެކި ކަންތައްތަކާ ބެހޭ ލިޔެކިއުންތައް ހުށަހަޅަން ޖެހެ އެވެ.

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ// އަހްމަދު އަވްޝަން އިލްޔާސް

އެކަންކަން ފުރިހަމަ ނުކުރުމުގެ ސަބަބުން ވޭތުވެ ދިޔަ ސީޒަނުގައި ރާއްޖޭގެ އެއްވެސް ކުލަބަކަށް ލައިސެންސް ލިބިފައި ނުވުމުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެފްއޭއެމުން ވަނީ އެފްއޭއެމްގެ ކްލަބް ލައިސަންސިން އޮފިސަރަކަށް ކުރިން ވެލެންސިއާގެ މެނޭޖަރުކަންކުރި އަބްދުﷲ ޝިބާއު (ޝިބާ) ހަމަޖައްސައިފި އެވެ.

ޝިބާ ވަނީ ރާއްޖޭގެ ކުލަބުތަކާ އެކު އޭގެ ފަހުން ވަރަށް ގާތުން މަސައްކަތްކޮށް އަންނަ އަހަރުގެ އޭއެފްސީ މުބާރާތްތަކުގައި ބައިވެރިވެވޭނެ ފުރުސަތު ހޯދައިދީފަ އެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ނުވަ ކުލަބުގެ ތެރެއިން ހަތް ކުލަބަކަށް މިހާރު ވަނީ ލައިސެންސް ލިބިފަ އެވެ. މިއީ ދެކުނު އޭޝިޔާގައި ވެސް ނިސްބަތުން އެންމެ ގިނަ ކުލަބުތަކަށް ލައިސެންސް ދޫކޮށްފައިވާ މިންވަރެވެ.

"ފަސޭހަ ކަމެއް ނޫން އޭއެފްސީ ކުލަބު ލައިސެންސް ހޯދުމަކީ. އޭތި ފެންނަންތާ މިއޮތީ. އިންޑިއާއިން 19 ކުލަބުން [އޭއެފްސީ ލައިސެންސަށް] ހުށައަޅައިގެން ހަ ކުލަބަށް ލިބިފައި މިއޮތީ. އެއީ މިވަގުތު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ގައުމު." މިއަދު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ހަ ކުލަބަކުން އޭއެފްސީ ލައިސެންސަށް ލައިގެން ލިބިފައިވަނީ ތިން ކުލަބަށެވެ. ބޫޓާނުން 10 ކުލަބަކުން އެކަމަށް ލައިގެން ފަސް ކުލަބަކަށް ލިބުނު އިރު ނޭޕާލުގެ އެއްވެސް ކުލަބަކަށް ނުލިބެ އެވެ. ދެކުނު އޭޝިޔާއިން އެންމެ ގިނައިން ލައިސެންސް ލިބިފައި ވަނީ ސްރީ ލަންކާއަށެވެ. ނަމަވެސް އެ ގައުމަށް ވެސް ޖާގަ ލިބުނީ ވަރަށް ގިނަ ކުލަބުތަކަކުން އެކަމަށް ލައިގެން ކަމަށް ޖަވާ ވިދާޅުވި އެވެ.

ވޭތުވެ ދިޔަ އަހަރު ދިމާވި މައްސަލަތަކަށްފަހު އެނގިގެން ދިޔަ އެއްކަމަކީ އެފްއޭއެމްއާއި ކުލަބުތައް ލައިސެންސަށް އަހުލުވެރިވެފައި ނުވާ މިންވަރެވެ. އެހެން ނަމަވެސް އެކަން ހައްލު ކުރުމުގެ ގޮތުން މިއަހަރު ވަނީ އޭއެފްސީ ލައިސެންސަށް ކުލަބުތައް އަހުލުވެރި ކުރުމުގެ ގޮތުން ރާއްޖޭގެ ލީގުގައި ބައިވެރި ވުމަށް ވެސް ކުލަބު ލައިސެންސް ފުރިހަމަ ކުރުމަށް މަޖުބޫރު ކޮށްފަ އެވެ. ކުލަބު ލައިސެންސާއި އޭއެފްސީ ލައިސެންސްގައި ދާދި އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސް މިއަހަރަކީ އެކަން ކަމަށް ކުލަބުތަކަށް އައު އަހަރެއް ކަމުން އެފްއޭއެމުން ކުލަބުތަކަށް ކޮންމެސް ވަރަކަށް ވަނީ ދޫ ދީފަ އެވެ.

އެހެން ނަމަވެސް އަންނަ އަހަރުގެ ސީޒަނުގައި ކުލަބު ލައިސެންސްގެ ހުރިހާ ކަމެއް ވެސް ވަރަށް ހަރުކަށިކޮށް ބަލާނެ ކަމަށް ޝިބާ ވަނީ ވިދާޅުވެފަ އެވެ.

"ކޮންމެސް ވަރަކަށް ކުލަބުތައް ސިސްޓަމަކަށް އެޅިފައި މިއޮތީ. މިއީ އަދި ނިމުނީއެއް ނޫން. އަންނަ އަހަރުން އެފްއޭއެމްއާ އެކު މި މަސައްކަތް ކުރާ އިރު މިއަހަރު މި ލިބުނު ފިލާވަޅުތަކުގެ އަލީގައި ކަންތައްތަކެއ ރަނގަޅު ކުރަން މަސައްކަަތް ކުރާނަން،" ޝިބާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އެންމެ ކުޑަ ކަމެއް ވެސް ހާމަނުކޮށް އޮވެއްޖެ ނަމަ ލޯކަލް ލައިސެންސް ވެސް ދޫނުކުރާނެ ކަމަށެވެ. އެހެން ކަންތައް ވެއްޖެ ނަމަ ބައެއް ކުލަބުތައް ނުފެނުން ވެސް އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް އެފްއޭއެމްއާއިި ކުލަބުތައް ހަރުދަނާ ކުރުމުގެ ގޮތުން އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ޝިބާ ވަނީ ވިދާޅުވެފަ އެވެ.

މިއަހަރުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކުލަބުތަކުގެ ތެރެއިން އޭއެފްސީ ލައިސެންސް ލިބިފައި ނުވަނީ ނިލަންދޫ އަށާއި ވިކްޓަރީއަށެވެ. ނިލަންދޫއަށް އެފުރުސަތު ލިބިފައި ނުވަނީ އެ ކުލަބު ގައުމީ ލީގުގައި ވާދަކޮށްފައިވާ އަހަރު މަދުވީމަ އެވެ. އެހެން ނަމަވެސް ވިކްޓަރީއަށް އެފުރުސަތު ނުލިބުނީ އެ ކުލަބުގެ އެޑްމިނިސްޓްރޭޓިވް ގިނަ ކަންތައްތަކެއް ފުރިހަމަ ނުކޮށް ހުރުމުންނެވެ.

އޭއެފްސީ ކުލަބު ލައިސެންސް ލިބުނު ކުލަބުގެ ތެރެއިން މިހާރު ހަ ކުލަބުގެ ހުރިހާ ކަމެއް ނިމފައިވާ އިރު ފޯކައިދޫގެ އިދާރީ ކުދި ކުދި މައްސަލަތަކެއް ހުރުމުން އެކަން ހައްލު ކުރުމާ އެކު އެކުލަބުގެ ލައިސެންސްގެ ކަންތައްތައް ވެސް ނިމޭނެ އެވެ.

މި ފަހަރު ރާއްޖޭގެ އެއްވެސް ކްލަބެއް އޭއެފްސީ ކަޕްގައި ވާދަނުކުރާއިރު ފުޓްބޯޅަ ފޯމެޓަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން މި އަހަރު ޖުލައި މަގު ފެށި ފުޓްބޯޅަ ސީޒަން ނިމޭނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ ވެސް ފަހުންނެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ދޭނެ ކަމަށް ބެލެވެނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބަށާއި ލީގުގެ ދެ ވަނަ އަށް ދިޔަ މާޒިޔާ އަށެވެ. ކްލަބްތަކާ އެކު ބޭއްވި މަޝްވަރާއާ އެކު މިދިޔަ އަހަރުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވަ އެވެ.

އޭއެފްސީ ކަޕަކީ ރާއްޖޭން 2004 އިން ފެށިގެން ވާދަކުރަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހި ކުޅުންތެރިންނަށް ކްލަބް ލެވެލްގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ތަޖުރިބާތަކެއް މީގެ ކުރިން ލިބިފައިވާ މުބާރާތެކެވެ. އަދި ރާއްޖޭގެ ކްލަބްތަކުން ވަނީ އޭޝިއާގެ ނަން މަޝްހޫރު ޓީމުތައް އަތުން މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ވެސް ހޯދައިފަ އެވެ. އެގޮތުން ރާއްޖޭގެ ނިއު ރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައި 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.

comment ކޮމެންޓް