ވާދަވެރި އިންތިހާބުގެ ވަގުތީ ނަތީޖާއިން ކުރީގައި ޕްރޭމަދާސަ

(ކ-ވ) ސަޖިތު ޕްރޭމަދާސަ އަދި ގޯޓބަޔަ ރާޖަޕަކްސަ ---

ކޮލަމްބޯ (ނޮވެމްބަރު 16): ސްރީލަންކާގެ އަށްވަނަ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތާއި ނަތީޖާތައް އިއުލާނުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ.

އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގެ ވޯޓުލުން ލަންކާ ގަޑިން ހަވީރު 5:00 (ރާއްޖެ ގަޑިން 4:30) ގައި ނިމުނު ނަމަވެސް، ވަގުތީ ނަތީޖާތައް އިއުލާނުކުރުން ފެށުނީ މެންދަންވެސް ފާއިތުވި ފަހުން، މިރޭ ލަންކާ ގަޑިން 2:00 (ރާއްޖެ ގަޑިން 1:30) ހާއިރުއެވެ. ނަތީޖާ އިއުލާނުކުރަމުން ދަނީ ޑިސްޓްރިކްޓުތަކުން ޕޯސްޓަލް ވޯޓުގެ 22 ނަތީޖާއަށްފަހު، ޕޯލިންގް ޑިވިޝަންގެ ގޮތުގައި ކަނޑައަޅާފައިވާ 160 ސަރަހައްދެއްގެ ނަތީޖާ ވަކިވަކިންނެވެ. އެހެންކަމުން ޖުމްލަ 182 ނަތީޖާއެއް އިއުލާނުކުރާނެއެވެ.

އިންތިހާބުގައި 15.9 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު އޭގެ ތެރެއިން 80 ޕަސަންޓެއްހާ މީހުން ވޯޓު ލިއެވެ. އެއީ ގާތްގަނޑަކަށް 12 މިލިއަނެއްހާ މީހުންނެވެ.

މިހާތަނަށް ގުނިފައިވަނީ އެއް މިލިއަނެއްހާ ވޯޓެވެ. ނަތީޖާ ދައްކަނީ ޕޮޑުޖަނަ ޕާޓީގެ ގޯޓާބަޔަ ރާޖަޕަޖްސައާއި ޔޫއެންޕީގެ ސަޖިތު ޕްރޭމަދާސަ ވަރަށް ގާތްގާތުގައި ނަތީޖާ ހޯއްދަވާ ކަމެވެ.

މިވަގުތު ޕްރޭމަދާސައަށް 682،777 ވޯޓު (51.31 ޕަސަންޓު) ލިބިފައިވާ އިރު، ރާޖަޕަކްސައަށް ލިބިފައިވަނީ 547،896 ވޯޓު (41.17 ޕަސަންޓު)އެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި ގޯޓާބަޔަ ރާޖަޕަކްސަ ވޯޓު ލައްވަނީ -- ފޮޓޯ: އޭއެފްޕީ

ދެން އެންމެ ގާތުން ވާދަކުރައްވާ ކޮމިއުނިސްޓް (މާކްސިސްޓް-ލެނިނިސްޓް) ފިކުރުގެ ޕާޓީއެއް ކަމުގައިވާ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ލީޑަރު އަދި ކެންޑިޑޭޓު އަނޫރަ ކުމާރަ ޑިސާނާޔަކައަށް ބައި ލައްލަ ވޯޓުވެސް ހަމަނުވެއެވެ.

އަދިވެސް ގިނަ ނަތީޖާތަކެއް ކުރިއަށްހުރުމާއެކު، މިހާރު ނަތީޖާ އޮތް ގޮތް ބަދަލުވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.

ގޯޓާބަޔަ ރައީސްކަމަށް އިންތިހާބުވެއްޖެނަމަ އެވާނީ ލަންކާގައި ކުރިން ރައީސްކަން ކުރެއްވި ބޭފުޅެއްގެ ކޮއްކޯފުޅު ވެރިކަމަށް އިސްވެވަޑައިގަންނަވާ ފުރަތަމަ ފަހަރަށެވެ. އަދި އޭނާ ބޮޑުވަޒީރު ކަމަށް ހިޔާރު ކުރައްވާނީ ބޭބޭފުޅު މަހިންދަ ކަމަށް ބެލެވެއެވެ.

ލަންކާގައި 2005އިން 2015އަށް ވެރިކަން ކުރެއްވި މަހިންދަގެ ވެރިކަމުގައި ގޯޓާބަޔަ ޑިފެންސް ސެކްރެޓަރީގެ މަގާމު އަދާކުރެއްވިއެވެ. އަދި އެގައުމުގެ 26 އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އެ ދެ ބޭފުޅުން އިސް ދައުރެއް އަދާކުރެއްވިއެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި ޔޫއެންޕީގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސަ ވޯޓު ލައްވަނީ -- ފޮޓޯ: އޭއެފްޕީ

ސަޖިތު ޕްރޭމަދާސައަކީ ލަންކާގައި 1989 އިން ފެށިގެން މެއި 1993 އަށް ރައީސްކަން ކުރެއްވި ރަނަސިންހަ ޕްރޭމަދާސަގެ ދަރިކަލުންނެވެ. ނަވާރަސަތޭކަ ނުވަދިހަ ތިންވަނަ އަހަރު ތަމަޅަ ޓައިގަރުން ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ރައީސް ޕްރޭމަދާސަ އަވަހާރަވިއެވެ. ސަޖިތު އިންތިހާބު ކާމިޔާބުކުރައްވައިފިނަމަ އެކަން ވާނީ ކުރީގެ ރައީސެއްގެ ބޭފުޅަކު ވެރިކަންކުރައްވާ ފުރަތަމަ ފަހަރަށެވެ.

ސަޖިތު ރައީސްކަމަށް އިންތިހާބުވެއްޖެނަމަ ބޮޑުވަޒީރުކަމަށް އައްޔަނުކުރައްވާނީ އެ މަގާމު މީގެ ކުރިން އަދާކުރައްވާފައި ނުވާ، މުޅިން އާ ބޭފުޅެއްކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

ލަންކާގެ އިންތިހާބު މޮނިޓާ ކުރި ފަރާތްތަކުން ވަނީ އެއީ އެގައުމުގައި މިހާތަނަށް ބޭއްވި އެންމެ ސުލްހަވެރި އެއް އިންތިހާބު ކަމަށް ބުނެފަ އެވެ. އެގޮތުން އިންތިހާބުތެރޭ ހިނގާ ހަމަނުޖެހުންތައް ބަލާ ސެންޓާ ފޯ މޮނިޓަރިން އިލެކްޝަން ވަޔޮލެންސް (ސީއެމްއީވީ)އިން ބުނި ގޮތުގައި އިއްޔެ 7:00 އާއި 17:00އާ ދޭތެރޭ އިންތިހާބުގެ ގަވާއިދާ ހިލާފު 196 ކަމެއް ފާހަގަ ކުރެވުނެވެ.

އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް ކެމްޕޭން ކުރުމުގެ 67 މައްސަލަ އާއި ވޯޓުދޭ މީހުންނަށް ބިރު ދެއްކުމާއި ނުފޫޒު ފޯރުވުމުގެ 58 މައްސަލަ އާއި ހަމަލާ ދިނުމުގެ ތިން މައްސަލައެއް ފާހަގަ ކުރެވުނެވެ.

އެ އިންތިހާބު އިއްޔެ ފެށުމުގެ ކުރިން، ވޯޓު ލާ މަރުކަޒަކަށް މުސްލިމުން ގެންދިޔަ ދެ ބަހަކަށް ބަޔަކު ގާ އުކާ، ބަޑިން ހަމަލާ ދިނެވެ. ކޮލަމްބޯގެ އުތުރުން 240 ކިލޯމީޓަރު (150 މޭލު) ދުރުގައި އޮންނަ ޕުއްތަލަމްއިން މަންނާރަށް ދަތުރު ކުރަމުން ދިޔަ އެ އުޅަނދުތަކަށް ދިން ހަމަލާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެއެވެ. އަދި ފުލުހުން ވަނީ އެހަމަލާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް