އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

އެތައް މޭލަކަށް ދަތުރުކުރުމަށްފަހު ޝިކާރަކުރާ ސަރަހައްދަށް މަޑުކޮށްލާފައި އަސްތަކުން ފޭބިއެވެ. ޖަންގަލިތެރޭން ދިމާވި ފުއްލާއެއް ފަހަމުން ފަހަމުންގޮސް ސެފްރަންއަށް އެކުވެރިންނާއި މާދުރަށް ދެވިއްޖެއެވެ. ގަސްތައް ބިންދަމުން ގުންފައި ޖަހަމުން އަންނަ އެއްޗެއްގެ އަޑުގަދަވުމުން ސެފްރަން އޭނަގެ ކަނޑި އުރައިން ދަމައިގެންފިއެވެ. ހަލުވިކަމާއެކު އަނެއް ފަރާތަށް އެނބުރެންވާއިރަށް އިދިކޮޅު ފަހުލަވާނު މާ ކުޅަދާނަކަމާއެކު ދިން ހަމަލާ އެރީ އޭނަގެ ވައަތް ފަޅިއަށެވެ. މޫނަށް ލައްވާނުލިޔަސް ހަށިގަނޑަށް އެއްލި ކަޅުކުލައިގެ ކުނޑިތަކާއެކު ނަގައިގަތް ދިލައަކުން ހޭވެރިކަން ނެތޭވަރުވިއެވެ. ކަނޑައިލި ރުކެއްހެން ގޮސް ވިނަތައް މަތީ ޖެހުނެވެ. އޭނަގެ ހަށިގަނޑުގައި ކުނޑި ޖެހުނު ތަންތަން ކަޅުވާން ފެށިއެވެ. ދުމާއެކު ކޮންމެވެސް ވަރަކަށް ލޭ އޮހި ހެދުން ތަތްތެޅިއްޖެއެވެ.

"އާހް........." ސެފްރަން މަޑުމަޑުން ކުކުރާލަމުން ލޯ ހުޅުވަން މަސައްކަތްކުރިއެވެ.

ކުރިމަތީގައި ހުރި އެންދެރި ގަނޑެއްފަދަ އިފްރީތު ވަގުތުން އުދުއްސައިގަތްގޮތަށް ބޮޑު ބާޒަކަށްވެގެން ގަސްކަރަމަތިން ދަތުރުކުރަން ފެށިއެވެ. މުޅި ހިސާބަށް ތޫފާނެއްގެ އަސަރު ކުރުވާފައެވެ. ބާރު ވަޔާއެކު ގަސްތައް މުލުން ލުހިގެން ހިނގައިދާނެފަދައެވެ.

"މިވަނީ ކިހިނެއް. އަހަރެން މަރުވަނީބާ............." ސެފްރަން ޝަހާދަތް ކިޔާފައި ލޯ މަރައިލިއެވެ.

އަޒްކީލް އާދު އައި ކާއިންއަށް އޭނަގެ ހާލު އެނގިގެން އަވަހަށް އަންނާނެނަމައެވެ. މާޒީގެ ތަފާތު ހާދިސާތަކާއި މަންޒަރުތައް ސިކުނޑީގެ ލޯގަނޑަށް އަރާ ފައިބަމުން ދިޔަ ހިނދުކޮޅަކަށްފަހު ހަށިގަނޑުގައި އަޅާ ވޭނުގެ ގަދަކަމުން ހުރިހާ މަންޒަރުތައް ފޮހެވިއްޖެއެވެ. ތެދުވާން އުޅުމުން އެއްފައި ހަރަކާތެއް ނުކުރިއެވެ. ވިނަގަނޑުމަތީ ދެމެމެން ކުރިއަށް ދިޔައީ އެކުވެރިންގެ ޚަބަރެއްވުމަށް އެދި ދުޢާކުރަމުންނެވެ. އެންމެފަހުން ވަރުބަލިވެ އިނގިއްޔެއް ގުޑާލާނެ ބާރެއްނެތި ބިންމައްޗަށް ދެމުނުގޮތަށް ސެފްރަންގެ ވަށައިގެންވާހާ ތަނެއް އަނދިިރިކަމުގެ ތެރެއަށް ގެނބިއްޖެއެވެ.

***

ސެފްރަންގެ ޚަބަރެއް ނުވުމުން އަޒްކީލްއާއި އޭނަގެ އެކުވެރިން މުޅި އެ ސަރަހައްދުގައި އަތްފުނާއެޅިއެވެ. އޭނަގެ ނަމުން ވާދީތެރެ ގުގުމާވަރަށް ހަޅޭއްލެވިއެވެ. ފަރުބަދަތަކުގައި ޖެހި އަޑު އަނބުރާ އައީ މާޔޫސްކަމާއެކުގައެވެ. އެކުވެރިންތައް ގަސްތަކުގެ ތެރޭ ޖެހުނުގޮތަށް މޮޅިވެރިކަމާއެކު ސެފްރަންއަށް އިންތިޒާރުކުރިއެވެ. ދެތިން ދުވަސްވާންދެން ސެފްރަން ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން އަނބުރާ ރަށަށް ދާން ދަތުރުފެށިއެވެ.

އަޒްކީލް އަސްގާޑިޔާއިން ބޭރަށް ބަލަން އިނީ މޮޅިވެރިގޮތަކަށެވެ.

"އަހަރެންގެ މި ވަރުގަދަ ފަހުލަވާނު ތިހެން އިނީމަ ނުގުޅޭ. ތީ ހިތްވަރުގަދަ ޖެހިލުންކުޑަ ބަތަލެއް. ކިހިނެއްވެފައި ތިއިންނަނީ؟ " ޒޭބް އަޒްކީލްގެ އަތުގައި އަތް އަޅުވައިލަމުން ހިނިތުުންވެލިއެވެ. އަޒްކީލް ޒޭބްގެ ލޮލަށް ބަލައިލީ ފަރުވާތެރިކަމާއެކުގައެވެ.

"އަހަންނާއިމެދު ޝައްކު ކުރަނީތަ؟ " ޒޭބް ރުޅިއާއި ލޯބީގެ ނަޒަރަކުން ބަލައިލިއެވެ.

"ޒޭބްއަށް އޭނަގެ ވަރަ ބުރިކޮށްލާން ކެރުނުގޮތަށް މަރައިނުލާނެކަމުގެ ޔަގީންކަމެއް އަހަންނަށް ނެތް. އެކަމަކު ލޮލަށް ނުފެންނަނީސް އެއްވެސް ފަރާތަކަށް ޝައްކުގެ ނަޒަރަކުން ބަލައެއްނުލާނަން. ސެފްގެ ދުޝްމަނަކީ ހަމައެކަނި ޒޭބްއަށް ނުވީތީ. އެހެން އެތައް ފަރާތަކުން އޭނަގެ ފުރާނައަށް ދަހިވެތިވެފައިވާކަން ދެނެހުރިން. ސެފް އަދި ވަރަށް ޅަ. ހެވާއި ނުބައި ވަކިކުރެވޭވަރަށް ވުރެ އުމުރުން ޅަކަމަށް އަހަރެން ގަބޫލުކުރަނީ. އެހެންވެ އޭނައަށް ވުރެ ބާރުގަދަ ފަރާތްތަކަށް ހަމަލާދޭކަށް ފަހެއް ނުޖެހޭ. އަހަރެންގެ ދުއާއަކީ ސެފްރަން ކޮންމެތަނެއްގައި ހުއްޓަސް ރަހުމްތަ ލެއްވުން. ސަލާމަތުން ދުނިޔޭގައި ހުރުން. އަހަރެންގެ ކޮއްކޮއަށް މި ޚަބަރު ލިބޭއިރު އޭނައަށް ވާނެ ގޮތެއްވެސް ނޭގޭ................" އަޒްކީލް ބުނެލިއެވެ.

"މިރިއަމް އާއި ކާރމަން ކައިވެނި ކުރާށޭ ބުނަންވީ ނު ހަބީބީ..." ޒޭބް ބުނެލިއެވެ.

"އަހަރެމެންގެ އާއިލާ ގުޅުން ތިއަށް ވުރެ ގޯސް." އަޒްކީލް މިރިއަމްއާއި މެދު ހަމްދަރުދީވިއެވެ. އެއްފަރާތުން ވެވޭ ލޯތްބެއްގައި އުފާވެރި އިހުސާސްތަކެއް ނުވާނެއެވެ. މިރިއަމް ސެފްރަންދެކެ ލޯބިވާއިރު ސެފްރަންގެ ހިތުގައި މިރިއަމްއަށްޓަކާ އިހުސާސެއް ނެތެވެ. ކާރމަން ގެ ދީވާނާކަމަކީވެސް އެއްފަރާތުން ވެވޭ އެއްޗެކެވެ. އެ އިހުސާސްތައް ކާރމަން ފޮރުވައިގެން ހުއްޓަސް އެ ލޮލުގައިވާ އަސަރުތަކާއި މަޑުމޮޮޅިކަން އޭނަ ފެންނަ ކޮންމެ ފަހަރެއްގައި އޭނަގެ ހިތުގެ ހާލަތު އަޒްކީލްއަށް ބަޔާންކޮށްދެއެވެ.

***

އަޒްކީލް މިރިއަމް ގެނެސް އެ ޚަބަރު ދިނުމުން މިރިއަމް ގަނޑުވެފައި ބުނާނެ އެއްޗެއް ނޭގި ތިރިވެވުނީ ސިޓިންރޫމްގެ މާބްލް ތަޅުންމަތީ ޖަހާފައި ހުރި ކުޝަންތަކުގެ ތެރެއަށެވެ. ސެފްރަންގެ އަތުގައި އޮންނަ ކަނޑިން އެހެން ޖިންނިންގެ ފަރާތުން ދިފާއު ވެވޭނެ އިރު ދިމާވީ ކޮންފަދަ ކަންތައްގަނޑެއް ބާވައެވެ. ރަސްކަމާއިހެދި ވާދަ ބޮޑުވެފައިވަނިކޮށް ސެފްރަންގެ ފުރާނައާއި ކުޅެލާނީ އާއިލާގެ ފަރާތުންކަން ޔަގީނެވެ. އަޒްކީލް ކޮއްކޮ ގެނެސް މޭގައި ޖައްސާލުމުން މިރިއަމްގެ ކެތްތެރިކަން ކޮޅުން ލައިގެންގޮސް ރޮއިގަނެވިއްޖެއެވެ.

"ހިތްވަރުކުރޭ. އަދި ސެފްރަން އަންނާނެ އިންޝާﷲ."

"ސެފްރަންގެ ބޮލުގެ އިސްތަށްޓަކަށް ގެއްލުމެއް ދިނަސް އަހަރެން އެ މީހެއްގެ ފުރާނަ ދަމައިގަންނާނަން. މަތް ﷲ ގަންދީ ހުވާކޮށްފައި މިބުނަނީ.. ސެފްއަށް އަނިޔާވެރިވީ މީހަކަށް ދުވަހަކު މާފެއް ނުކުރެވޭނެ........" މިރިއަމް ގެ ހިތާމަތައް ރުޅިވެރިކަން ޚިޔާރުކުރިއެވެ.

"އަހަންނަށް އެނގޭ އެ ކާރމަން ޖިންނި ގަނޑުގެ އަތެއް މިކަމުގައިވާނެ..." މިރިއަމް ތުން ފިތައިގަތެވެ.

"ސެފްއަކީ ކާރމަންގެ އެންމެ ގާތް އެކުވެރިއެއްކަން ކޮއްކޮ ހަނދާން ނައްތައިލީތަ؟ ކާރމަން ބަދަލުހިފާކަހަލަ ޒުވާނެއްނޫން. އެއަށްވުރެ ހިތްވަރުގަދަ.." އަޒްކީލް ދިފާއުކުރިއެވެ.

"ލޯތްބަކީ ކިހާ ނުރައްކާތެރި އެއްޗެއްކަން ބޭބެއަށް ނޭގެނީތަ؟ "މިރިއަމް ގެ ސުވާލުން އަޒްކީލްގެ ބަސް ހުސްވިއެވެ. ހަގީގަތުގައިވެސް ލޯތްބަށްޓަކާ އިންސާނުންނާއި ޖިންނިންވެސް ރަސްކަމާއި ތަޚުތުދޫކޮށްލާކަށްވެސް ފަހެއް ނުޖެހޭނެއެވެ.

ލޯބި ހާސިލުކުރަން ކުށުގެ މަގު ޚިޔާރުކުރުމަކީވެސް ލޯބިވެރިޔަކު ގުރުބާންވުން ކަމުގައި ދެކެފާނެއެވެ.

މިިރިއަމް އަށް ކާރމަންގެ އެ ހިމޭންކަމުގެ ފުރަގަހުގައި ހުރީ ކިހާވަރެއްގެ ޒުވާނެއްކަން އެނގެއެވެ. ލަޝްކަރުގެ ވެރިޔާކަމުގައިވިޔަސް އޭނަ ކޮށްފައިވާ ފާފަ ކުޑައެއް ނޫނެވެ. އެފަދަ ފަރާތަކުން ލޯތްބަށްޓަކާ މަރަައިލަންވެސް ޖެހިލުމެއް ނުވާނެއެވެ. އަޒްކީލްއަށް ފެންނާނީ އެމީހުންގެ އޮންނަ ވަރުގަދަ އެކުވެރިކަމެވެ.

***

މިރިއަމް ގަސްތަކުގެ ތެރެއިން ވަދެގެން ހިޔަނިއެއް ފަދައިގެން ފެނި ގެއްލެމުންގޮސް އެތައް މޭލެއް ހުރަސްކުރީ ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އިފުރީތުންގެ ރަށުގައި ގިނަ އިފުރީތުން ދިރިއުޅެނީ ފަރުބަދަތަކާއި ހޮހަޅުތަކުގައެވެ. މަދުމަދުން ފޭލިގެތައް ޖަހައިގެން އުޅެނީ އިންސާނުންނާއި ވާދައަށޭ މިރިއަމް ހިތަށް އެރިއެވެ. ކާރލީންމެން ދިރިއުޅޭ ފަރުބަދައިގެ ތިރީ އޮތް ފެންގަނޑެއްގެ ކައިރީ ކާރމަންއާއި ކާރލީން ވާހަކަދައްކަން ތިބިތަން ފެނި މިރިއަމް ކަނޑި ނެގިއެވެ.

"ކާރމަން. ކީކޭ ހިތަށް އަރާފައި ސެފްރަން ގެއްލުވައިލީ؟ ސެފްރަންއަށް ގޮތެއް ވެއްޖެއްޔާ ދުވަހަކު މާފު ނުދޭނަން. ލައުނަތް ލެއްވުމަށް އެދި ދުޢާކުރާނަން..."

"މިރިއަމް ގަބޫލުކުރޭ. އަހަރެންގެ ގާތް އެކުވެރިޔަކަށް ދެރަގޮތެއް ހަދާހާ ނުބައި މީހެއް ނޫނޭ...." ކާރމަން ހުރީ ސީރިޔަސްވެފައެވެ.

"ﷲ ގަންދީ ހުވާކުރޭ.." މިރިއަމް ކަޅިއެޅިއެވެ.

ކާރމަން ހިމޭންވިއެވެ. އޭނަގެ ބޭބެގެ ކުރިމަތީ މިރިއަމް ޑްރާމާ ކުޅެން އުޅެގަތުމުން ނުތަނަވަސްވެ އެތަނުންދާން ބޭނުންވިއެވެ. އެއާއެކު ނަޒަރު ހުއްޓައިލެވުނީ މިރިއަމްގެ ބަނޑަށެވެ. އޭނަގެ ހަށިގަނޑުގެ ބަޔެއް ނަމަވެސް އެކުއްޖާގެ މައްޗަށްވެސް އޭނަގެ ހައްގު ނޯންނާނެކަން ޔަގީންވެ ލޯ މަރައިލެވުނެވެ. ކާރމަންގެ އިހުސާސްތައް ކާރލީންއަށް އެނގުނެވެ.

"މިރިއަމް ތިހެން އުޅެންޏާ ރަގަޅަށްވެސް ސެފްރަންއަށް ގޮތެއް ހަދައިލަން ޖެހިދާނެ. ކެތްތެރިކަން އިމްތިހާނު ނުކުރުވާ...." ކާލީން އިންޒާރުގެ ރާގަކަށް ވާހަކަދެއްކިއެވެ.

"ޖިންނި ގަނޑު...." މިރިއަމް ކުދިކިޔަމުން ދުރަށް ދިޔައެެވެ. ކާލީން ނުރުހުމާއެކު ބަލަން ހުރެފައި ޣައިބުވިއެވެ.


***

ސެފްރަން ގެއްލުނު ޚަބަރު ގަނޑުވަރުތެރޭ ފެތުރުމުން އެންމެ ފުން އަސަރުތަކެއް ކޮށް ރޮވުނީ އާރްޔާއަށެވެ. ސެފްރަންނެތި ޖިންނިންގެ ތެރޭ ހިނދުކޮޅަކަށް އުޅެންވެސް ހިތް ނުރުހުނެވެ. ނުރޯން މަސައްކަތް ކުރިޔަސް ލޮލުން ކަރުނަ ހިކެނީއެއް ނޫނެވެ. ހެދުނުން ފެށިގެން އެއްޗެއް އަނގަޔަށް ނުލާ ހުރުމުން ވަރު ދެރަވެ ތެދުވެ އުޅޭނެ ހިތްވަރެއްވެސް ނެތެވެ.

"އާރްޔާ ބަނޑުހައިކަމުގެ ހަޅުތާލެއް ފެށީތަ؟ " ޕަރީ އެހިއެވެ،

"ސެފްރަން އެހެން ދުނިޔެއަކަށް ދިޔައީކަމަށް ވުން އެކަށީގެން ވޭ..ސެފްރަންގެ އަތުގައި އެ ކަނޑި އޮތްވާ ޖިންނިއެއް ކީއްކުރަން އިންސިއަކަށްވެސް ގެއްލުމެއް ނުދެވޭނެ...." ސޯރާ މޭބިސްކަދުރު ކޯންޏެއް ދިއްކޮށްލިއެވެ. " ކުޑަކޮށް ކާލާ. ހިތާމަ ކުރާނެ ހިތްވަރެއްވެސް އޭރަށް ލިބޭނީ. ސެފްރަން ފެނޭތޯ އަހަރެމެން ޖަންގައްޔަށް ދާނީ..."

އާރްޔާވެސް އެއީ ތެދެއްކަމަށް ގަބޫލުކުރިއެވެ. ސޯރާގެ އެ ޖުމްލައިން ވަގުތުން ހިތްވަރު ލިބި ތެދުވެ ކައިގެން އާރްޔާ ތައްޔާރުވާންފެށިއެވެ. ޒޭބްއަށް ސިއްރުން ގެއިން ނުކުމެވިއްޖެއްޔާ ފަހުން ވާނެ ގޮތަކާއިމެދު ޖެހިލުމެއް ނުވެއެވެ. ހެދުމުގެ މަތިން ކާޑިގަންއެއް ލައިގެން ސްކާފް އެޅުމަށްފަހު އާރްޔާ ފިނީގެ ތެރެއަށް ނުކުތެވެ.

ސެފްރަން ދާނެ ހެން ހީވާތަންތަން ހޯދުމުގައި އުޅެފައި ބޫއަށް ކާންދޭން އުޅުމުން އެސޮރު އިންކާރުކުރިއެވެ. ބޫވެސް ސެފްރަން ގެއްލުމުގެ ހިތާމައިގާ ބިންމަތީ ބަނޑު ޖައްސާލައިގެން އޮތްއިރު ބޮޑު ކަޅު ލޮލުގައި މޮޅިވެރިކަމެއްވިއެވެ. ޖަނަވާރުތައްވެސް ގެންގުޅޭމީހާދެކެ ލޯބިވާވަރު އޭގެ އަމަލުުު ހުރިގޮތުން ސާބިތުކޮށްދިނެވެ. އާރްޔާ ބޫ ގެ ކެހެރި ގަނޑުގެތެރޭ މޫނު ފޮރުވައިގެން ހުރެފައި ތެދުވުނުއިރު ކަރުނުން ދެލޯ ފުރިއްޖެއެވެ.

"ބޫ ނޮޓް އޮންލީ ޔޫ. އަހަރެންވެސް ވަރަށް ވަރަށް މިސް އެބަވޭ"


***

ސެފްރަން ހޭލެވުނުއިރު އޭނަގެ ގައިގެ އެއް ފަޅީގައި ކޮންމެވެސް ވަރެއްގެ ރިހުމެއް ހުއްޓެވެ. ވަށައިގެން ހޯދައިލުމުން އެނގުނީ މި އޮވެވުނީ ހޮހަޅައެއްގެ ތެރޭގައި ކަމެވެ. އެތަން މިތާ ހުޅުދާންކޮށްފައިވާއިރު އެއްފަރާތުގައި ފެން ތެއްޔެއް އުދާފައި ހުރިތަން ފެނުނެވެ. މަޑު ހުޅުކޮޅަކުން ފެންތެލި ކެކެއެވެ.

"ދަރިފުޅާ ހާލު ކިހިނެއްތަ؟ " ހޮހަޅުގެ ހިލަތައް މަތިން ކައިރިއަށް އައި މަޚުލޫގުގެ ދިގު އިސްތަށިގަނޑާއި ތުނބުޅީގެ ދިގުކަމުން ސެފްރަން ސިހޭގޮތްވިއެވެ. މޫނުގެ ކުލަ އެނގޭވަރެއްވެސް ނޫނެވެ. ބާވެ ހަސްފަސްކެނޑިފައިވާ ލިބާސް ގަނޑެކެވެ.

"ކާއެއްޗެއް ތައްޔާރުކޮށްފައި ހުންނާނެ. ވަރަށް ބޮޑަށް ޒަޚަމްވެފައި އޮތްވާ ފެނިގެން ގެނައީ........" މަޚުލޫގު ތަބަކެއްގައި ކާއެއްޗެހިތައް ގެނެސް ސެފްރަން އޮތް ތަންމަތީގެ އެއްފަރާތުގައި ބެހެއްޓިއެވެ.

"ތިއީ ކާކުތަ؟ " ސެފްރަން އެހިއެވެ.

"އަހަންނަކަށްވެސް އެކަމެއް ނޭގޭ. މިހެން ދަތުރުކުރާ މުސާފިރުންނަށް ކާއެތިކޮޅު ދީ ބޭސްފަރުވާކޮށްދިނުމުގައި އުމުރު ހޭދަ މިކޮށްލަނީ. އަހަރެންގެ އާއިލާއެއް ނަމެއް ނެތް. ދަރިފުޅު ބޭނުން ނަމަކުން ކިޔަންވީ...................." މަޚުލޫގު ހީލައިފިއެވެ.

ސެފްރަން ހައިރާންވިއެވެ.

ތަފާތު މަޚުލޫގެކެވެ.

"މިތާ ކައިރީ ދުރުނޫން ހިސާބެއްގައި ހުރޭ ގަނޑުވަރެއް. ޖިންނި ރަސްދަރިކަނބަލުންތައް ފެންވަރަން އެތާ އޮންނަ ފެންގަނޑަށް އެރި ތިބޭ. އެކުދިން ހަނދުވަރު ރީތި ރޭތަކުގައި އެއްވެސް ފިކުރެއް ޚިޔާލެއްނެތި އެގަނޑުވަރުގައި ހޭދަކުރޭ. ދަރިފުޅު އެކުޅިވަރު ބަލަން ބޭނުމިއްޔާ ގެންގޮސްދީފާނަން.............." މަޚުލޫގުގެ ތުންފަތުގައި ހިނިތުންވުމެއްވިއެވެ.

ސެފްރަން ގެ ސިކުނޑީގެ ކަނެއްގައި އާރްޔާ ފިޔަޖަހައިލިއެވެ. އަންހެންކުދިންގެ ވާހަކަ ފަށާއިރަށް ސިކުނޑި ހިސާރުކޮށްލާ ހަމައެކަނި ކުއްޖަކީ އެއީއެވެ.

(ނުނިމޭ...)

https://sun.mv/127096

comment ކޮމެންޓް