ސެފްރޯން - ފަހުބައި

އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

"ލެޓްސް ސެލެބްރޭޓް...... ދުޝްމިނުން ބަލިވީމަ އެކަމުގެ އުފާފާޅުކުރުން އޮންނަންވާނެ.." އާދު އާއި ކާއިން އަދި ކާރމަން އެތަނަށް ފައުޅުވެ އެކަކު އަނެކަަކަށް ސަލާމްކޮށް ބައްދާ އުފާވެރިކަން ފާޅުކޮށް ސަކަރާތްޖަަހަންފެށިއެވެ. އެއޮތް އުފާވެރިކަމުގެ ވަގުތުކޮޅުތައް ނިމުމަކަށް އައީ މޫނު ފޮރުވައިގެން ހުރި ޖިންނިއަކު ހަމަލާދިނުމުންނެވެ. ނަމަވެސް އެ ހުރިހާ ދުނިތައް އެރީ ކާރމަންގެ ގަޔަށެވެ. ކާރމަން އަމާޒުފަތްގަނޑަކަަށްވެ ހުރިހާ ވިހަ ދުނިތަކުން އެންމެން ސަލާމަތްކޮށްދީފިއެވެ.

އެންމެން ކާރމަން ކައިރިއަށް ބޮނޑިވެގަތެވެ.

"މަގޭ ދަރި. މަގޭ ފުރާނަޔާ.." ގަސްތަކުގެ ތެރެއިން ނުކުތް ޒުއްނޫރީން މޮޔައެއްހެން ހަޅޭއްލަވަމުން އުދުހިފައި އައިގޮތަށް ކާރމަންގެ ގައިގާ ހިފައިގަތެވެ. " ދަރިފުޅު ކީއްވެ ދިފާއުގައި އެރީ؟ މަންމަ އުޅުނީ މި އެއްޗެހިތައް މަރައިލާށޭ. އެކަމަކު މަންމަގެ މޮޔަ ކުއްޖާ މިފަަހަރުވެސް........"

ކާރމަންގެ ފުރާނަ ސަލާމަތްކުރުމަށް އެވަގުތު އެތަނަށް ހަކީމުން ގެނެވުނެވެ. ވިހައިގެ އަސަރު ކުޑަކުރަން ޖިންނިން ގެނައި ފަތްޕިލާވެލިން ފަރުވާކުރަން ފެށުމުން ކާރމަން ލޯ ހުޅުވައިލީ ހިތްވަރާއެކުގައެވެ. އެހާލުގައި އޮވެވެސް އޭނަ ތެދުވެ އެންމެންގެ ހާލު ރަގަޅުތޯ އަހައިލުމުން ހިތްތަކަށް އަސަރުކުރުވިއެވެ.

"ކާރ ޔޫ ޓުކް ދެމް އޯލް ފޯ އަސް. ޔޫ ރިސްކްޑް ޔޯ ލައިފް ފޯ އަސް. އަދިވެސް ތި ވިސްނަނީ އަހަރެމެންނާއިމެދު....." ސެފްރަން ކާރމަންގެ ގައިގާ ބައްދާލުމަށްފަހު މަޑުމަޑުން ޝުކުރު އަދާކުރިއެވެ.

"ދަރިފުޅާ......"

"ނޫން މަންމާ. ތި ކުށަށް އަޅުގަނޑަކަށް މާފެއް ނުދެވޭނެ. މަންމަ އަޅުގަނޑަށް ހާސްފަހަރު ހަމަލާދިން ނަމަވެސް ހާސްފަހަރު މާފުވެސްކޮށްފާނަން. އެކަަމަކު ރަސްގެފާނާއި ޝާހީ އާއިލާ ނައްތައިލަން މަންމަ ދިން ހަމަލާގެ ސަޒާ ލިބެންޖެހޭނެ...." ކާރމަން އިސްޖެހިއެވެ.

"ކާރ. އަހަރެމެން ބޮޑުދައިތައަށް މާފުދީފިން. އާއިލާއަށް ވީތީ. ނަމަވެސް ދެވަނަފަހަރަށް ތަކުރާރުވެއްޖެއްޔާ ޝަރީއަތުން ގޮތެއް ނިންމާނީ. ނަމަވެސް ޝަރުތުތަކެއް އޮންނާނެ. ކާރލީން ޖިޒީދީގެން މައިތިރިވެގެން ހުރެއްޖެއްޔާ އަމާންކަމާއެކު ހުރެވޭނެ. ބޮޑުދައިތަ ބޭނުންތާކު އުޅުމުގެ ހުއްދަ އެބައޮތް....." އަޒްކީލް ޒުއްނޫރީންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ޒުއްނޫރީން ފެންކަޅިވެގެން ދިޔުމާއެކު އަޒްކީލްގެ އަތުގައި ބޮސްދިނެވެ.

"މާތް ރަސްކަލާނގެ ރަހުމަތްލައްވާށި. ކާރމަން ރަސްކަމުގެ ތަޚުތަށް އަރުވަން ހުރިހާ މަސައްކަތެއް ކުރެވުނީ. ހުރިހާ ގޯހެއްހެދުނީ. އެކަމަކު އިރާދަނެތިއްޔާ އެކަމެއްނުވާނެ. ބޮޑުދައިތަ ދެން ތިކުދިންނަށް ގޯނާއެއް ނުކުރާނަން. ކާރލީންގެ ގަނޑުވަރުގައި ދިރިއުޅެން އެރަށަށް ގޮސްދާނަން. ކާރމަންއަށްޓަކާ އޭނަގެ ބޭބެވެސް ހުރިހާ ހަގުރާމައެއްކުރީ. ހީވާގޮތުން މާތްރަސްކަލާނގެ ވޮޑިގެންވަނީ ތިކުދިންނާއެކު.........." ޒުއްނޫރީން ހިތާމަވެރިގޮތަކަށް ހީލިއެވެ.

"ހައްގު މަގުގައި ތިބި ބަޔަކާއެކު މާތްﷲ ވޮޑިގެންވޭ. ބޮޑުދައިތައަށް ހިދާޔަތް ދެއްވުމަށް އެދި އަބަދުވެސް ދުއާކުރާނަން...." އެލިއަސް ޒުއްނޫރީންގެ އަތްތިލައިގާ ބޮސްދިނެވެ. ކާރމަންގެ މަންމަ އަދި ބޮޑުބޭބެގެ އަންހެނުންނަށް ވުމުން އޭނަގެ ހިތުގައި އިހުތިރާމާއި ގަދަރުވެއެވެ.

"އާންޓް ޕްލީޒް ޓެލް ކާރލީން ދެދުނިޔެއިންވެސް ނަސީބު ލިބޭނެ ހަމައެކަނި ފޯމިއުލާއަކީ އިސްލާމް އޭ. އަަދި ސިފަ ޗޭންޖުކޮށްގެން ކެހިނުދޭށޭ. ސްޕެޝަލީ ސެފްކަމަށް ހެދުނީމަ ބައެއް ފަރާތްތައް އަދިވެސް ކޮންފިއުޒްވެފައި. މިހެންބުނީމަ އޭނައަށް އެނގޭނެ..." އާރްޔާ ނިކަން "ސްވީޓް"ކޮށް ހިނިތުންވެލަމުން ބުނެލިގޮތުން އެންމެންގެ ސަމާލުކަން ހުއްޓުނެވެ.

ޒުއްނޫރީން ރުޅިއަންނަގޮތް ވިޔަސް އެކަމެއް ނުދެއްކިއެވެ.

އާރްޔާމެންނަށް ފަތަހަ ލިބިފައިވާކަން މިއަދު ގަބޫލުކުރެވިއްޖެއެެވެ.

***

ސެފްރަންގެ ގަނޑުވަރުގެ ކުރިމަތީގައި އޮތް ކޯރުކައިރީ އޭނަގެ އާއިލާ އަދި އެކުވެރިންނަށް މެންދުރު ކެއުމަކަށް ދައުވަތުދެވުނެވެ. އެންމެން ހައިރާންވީ ދައުވަތުނުދޭ ބީރައްޓެހި މެހުމާނަކު ހާޟިރުވިތަން ފެނިއެވެ. އެންމެންގެ ސަމާލުކަން ހުއްޓުނީ ކޯޓު ފަޓުލޫނެއްގައި ހުރި މާތް އިންސާނާގެ މޫނަށެވެ. ކުރުކޮށް ކޮށައިލެވިފައިވާ އިސްތަށިގަނޑާއި ތުނބުޅިއަށެވެ. އޭނަ ހީލުމާއެކު އެންމެންގެ ހައިރާކަން ފިލާ ދިޔައެވެ. ހީކުރިހެން އެއީ ބީރައްޓެއްސަކަށް ނުވިއެވެ. ދައުވަތު ނުދޭ މީހަކަށްވެސް ނުވިއެވެ. އޭނަ ސަލާމް ގޮވައިލުމުން އެންމެން އެކީ ޖަވާބުދިނެވެ.

"ޔޫ ލުކް ސޯ އަންލައިކް ދަ ރިއަލް ޔޫ. ޔަޒްދަންޔާރު..." އާރްޔާ ދެލޯ ބޮޑުކޮށްލިއެވެ.

"ނޫނޭ މިއީ ހަގީގީ މީހަކީ. ދިރިއުޅުމަށް ހީނުކުރާފަދަ ޒަލްޒަލާއެއް އައުމަށްފަހު އާވާރާވެގެން ޖަންގަލިތެރޭ އާވާރާއެއްހެން އުޅެވުނީ. މިހާރު ބޭނުމަކީ ހަމައެކަނި ދަރިފުޅު އެންޖެލާ ފެނުން. އަދި އަޅުކަމާއި އިންސާނީ ޚިދުމަތުގައި އުމުރުގެ ބާކީ ބައި ހޭދަކުރުން. ޖިންނީންގެ ޚިދުމަތުގައި އުޅުނު ދުވަސްތަކަކަށް ހިތާމަ ނުކުރަން. އެކަމުގެ ސަބަބުން ޖިންނީންގެ ހިތްވަރުގަދަ އެތައް ޒުވާނުންނެއްގެ އެކުވެރިކަން ލިބިއްޖެ. އެކަމައި ފަޚުރުވެރިވޭ. އެންޖެލާ ހޯދުމަކީ ދަތި އުދަގޫ މަރުހަލާއެއް. އެހެންވެ އެންމެނަށް އަލްވަދާއުވެސް ކިޔަން މި ދައުވަތު ގަބޫލުކުރީ..." ޔަޒްދަންޔާރުގެ މޫނުން މިއަދުވެސް ފެނުނީ އުފާވެރިކަމެވެ. ފަގީރު ހާލަތުގައިވެސް ބަދަލުނުވި ސިފައަކީ ލިބޭ އެއްޗަކަށް ރުހި ޝުކުރު ކުރުމެވެ.

"ޑޮކްޓަރ ސާހަބު. މާތްﷲ ތި އުދަގޫ މަރުހަލާވެސް ފަސޭހަކޮށްދެއްވައިފި. އެންޖެލާ ވީތަން އެނގޭ......" އާދު އިސްޖަހައިގެން އިނަސް ދެރަވެފައިވާވަރު އެނގުނެވެ.

"ޑޮކްޓަރ މިހައިލް ކިޔާ އިންސާނެއްގެ ގައިދުގައި..."

"އޯހް.....އަލްހަމްދުލިﷲ..." ޔަޒްދަންޔާރުގެ ތުންފަަތަށް ވެރިވި ހިނިތުންވުން ފުޅާވިއެވެ. ވަގުތުން ހުރިތަނަށް ތިރިވީ ޝުކުރުގެ ސަޖިދައަކަށެވެ.

"ވަޓްސް ދެޓް ފޯ..." އާރްޔާ ހައިރާންވެގެން ސުވާލުގެ ޖަވާބު ހޯދަން ބޭނުންވާ ފަދަ ގޮތަކަށް އެންމެންގެ މޫނަށް ބަލައިލިއެވެ. އެންމެންވެސް ބޯ ހޫރައިލީ ނޭގެއޭ ބުނާފަދަ ގޮތަކަށެވެ. ޔަޒްދަންޔާރު ސަޖިދައިން ބޯ ހިއްލައިލިއިރު ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ.

"ދުނިޔެއަކީ ކުޑަ ތަނެއް. އެނގޭތަ. މިހައިލްއަކީ އަަހަރެންގެ ބޭބެއެއްގެ ދަރިފުޅު. އޭނަ އުޅުން ވަރަށް ތަފާތު ކުޑައިރުއްސުރެން އޭލިއަނުންނާއި ޖިންނިން އަދި ރޫހާނީ ދުނިޔެއަށް ޝައުގުހުރީ. އުމުރުން ތިން އަހަރުގައި ސިއްރުން ގޫޒްބަމްޕް ސީރީޒް ކިޔަން ފަށައިފިިކަމަށް ބޭބެބުނި. މުޅިންވެސް އެކަހަލަ ވާހަކަތަކާއި ފޮތްތައް އަދި ފިލްމުތަކަށް އޭނަ ޝައުގުވެރިވީ. އޭނަ ސައިންޓިސްޓަކަށްވުމަށްފަހު އަމިއްލަ ރަށެއްގައި ތަހުލީލުކުރަން ފެށީ....." ޔަޒްދަންޔާރުގެ ވާހަކަތައް އަހަން އެންމެން ތިބިއިރު އެތަނަށް ވެރިވެފައިވި ހިމޭންކަން ސާބިތުކޮށްދިނީ ޝައުގުވެރިކަމެވެ. "މިހައިލް" ދެނެގަންނަން ސެފްރަންވެސް ބޭނުންވިއެވެ.

"އޭނަ ސެފްރަންގެ ގަޔަށްވެސް ފާޑެއްގެ ސީރަމްތަކާއި ސްޓިރޮއިޑްތައް އަޅަމުން ދިޔައީ....." އާދު އެ ސިއްރު ކިޔައިދިނެވެ.

"ދެޓް އެކްސްޕްލެއިންސް ހިޒް ވިއާޑް ބިހޭވިއާ. ބައެއްފަހަރު އިންސިން ގޮތަށް ވީކްވެ ފިނިވެފައި. ހީ ކާންޓް ފްލައި އޯ ވެނިޝް.........." އާރްޔާ ސެފްރަންގެ އަތުގައި ހިފާބާރުކޮށްލިއެވެ. "ސޯ މިހައިލް އުޅުނީ ފްރެންކެސްޓައިންފަދަ މޮންސްޓާއެއް ކްރިއޭޓްކުރަން ދޯ...."

"ސެފްރަންގެ މަންމައަކީ ޖިންނިއެކޭ އާރްޔާ ސްވީޓްހާޓް. އެކަމަކު މިހުރިހާދުވަހު އަހަރެން އެމަޚުލޫގެއް ދެކެ އެންމެ ނަފްރަތުކުރި ޑެވިލްއަކީ ތި ބުނާ މިހައިލް. އޭނަ މަންމަ ކިޑްނެޕްކޮށްގެން ތަހުލީލުކުރަން އޭނަގެ ލެބްގައި ސްޕެސިމެންއަކަށް ގެންގުޅެ ސެފްރަންފަދަ ޑިޒައިނާ ބޭބީއެއް ދުނިޔެއަށް ގެނައީ................" ޒޭބް ދެލޯ މަރައިލިއިރު ކަރުނައިގެ ރޮގުތައް ތިރިއަަށް ދެމިގެންފިއެވެ.

"އޯ ގޯޑް..."

އެންމެނަށް ލިބުނު ޝޮކްގައި ބުނާނެ އެއްޗެއްވެސް ނޭގިފައި ތިއްބާ ސެފްރަން ފުންނޭވައެއް ދޫކޮށްލިއެވެ.

"އޭގެ މާނައަކީ މައި ސޯ ކޯލްްޑް ފާދާއަކީ މިހައިލްއޭ. އަދި އޭނަގެ އަންކަލްއަަކީ އަހަރެންގެ އެންމެ ފެވެރިޓް އެކެކޭ؟ ނޭގިވެސް އާއިލާއާއެކު މިއުޅެވެނީ؟ ހެހެ އަސްލުވެސް ދުނިޔެއަކީ ހަމަ ކުޑަ ކުޑަތަނެއް. ޔަޒްދަންޔާރާއިވެސް ގުޅިފައި. އާރްޔާގެ އާއިލާއާވެސް...އަދި ކިތައް ސަޕްރައިޒް އެބަހުރިބަ.." ސެފްރަން އާރްޔާގެ މޫނަށް ބަލައިލަމުން ހީލިއެވެ.

"ކެން އިޓް ގެޓް އެނީ މޯ އެކްސައިޓިން......." އާރްޔަ ބޭނުންވީ ފުންމައިގަންނާށެވެ. އެހާވެސް ޖޯޝާއި ފޯރި ހިތުގައި އުތުރި އަރައިގަތެވެ.

"އަހަންނަށް މިހާރު މަންމައާއި ބައްޕައަކީ ކޮން ބަޔެއްކަން އެނގިއްޖެ. ނަމަވެސް ބައްދަލުކުރާކަށް ބޭނުމެއްނޫން. އަހަންނަކީ އެއްވެސް މީހަކު ބޭނުންވެގެން ލިބުނު ކުއްޖެއްނޫން. އެއްކަލަ ބުނާހެން އަންވޯންޓެޑް ކުއްޖެއް......" ސެފްރަން ނަޒަރު ހުއްޓާލައިގެން އިނީ ދުރަށެވެ. މުށް ހުޅުވާފައި ލައްޕައިލިއެވެ.

"މަންމަމެން ދެކެލަން ހަމަ ނުދާނީތަ؟ " ލޫސިއަސް އެހިއެވެ.

"ސޮރީ. އައި ކާންޓް. އުއްމީދުކުރަން އަންޑަސްޓޭންްޑްވާނެކަމަށް. އެހިތްވަރެއް ނުކުރެވޭނެ. އާއިލާގެ ބައެއް މެމްބަރުންނާއި ބައްދަލުކުރުމުގެ ނަސީބު ލިބިއްޖެ. އެއްވެސް ގްރަޖެއް އޮތީއެއްނޫން. ނަމަވެސް........" ސެފްރަން ތުންފަތުގައި ދަތްއަޅާލިއެވެ. އޭނަ މައިންބަފައިންނަށް ހެޔޮ ދުޢާކުރާނެއެވެ. ދަރިންގެ ފަރާތުން ލިބޭނެ އެންމެ ބޮޑު އެއް ހަދިޔާއަކީ އެއީއެވެ.

"އަހަރެމެން ސެފްރަންގެ ޖަޒުބާތުތަކަށް ގަދަރުކުރަން...." ލޫސިއަސް އެއްބައިވިއެވެ. ޒޭބް ގެ ލޮލުން ކަރުނަ ހިލޭގޮތްވިއެވެ.

"އަހަރެން ދާނީ އާރްޔާއާއެކު...." ސެފްރަން ނިންމިއެވެ. އެންމެންގެ ނަޒަރު އޭނައަށް ހުއްޓިފައިވާތަން ފެނުމުން ސެފްރަން ހީލިއެވެ.

"އާރްޔާގެ އާއިލާއިން ބަލައިގަންނާނެކަމެއް ވެސް ނޭގޭ އެކަމަކު އާރްޔާއާއެކު އިންސާނުން ތެރޭ އުޅޭނީ..........." ސެފްރަން އެންމެންގެ މޫނަށް ވަކިން ބަލައިލިގޮތުން އެންމެންގެ ސިކުނޑީގައިވާ އެއްޗެއް ދެނެގަތްފަދައެވެ.

"ސެފް މައިންޑް ރީޑްކުރަން ވަރަށް މޮޅު. އެންމެންގެ ހިތަށް އެރީ ހަމަ ތިހެން. އާރްޔާގެ ފެމިލީ އިން އެއްބަސްވާނެހެއްޔޭ...." އާދު ބުނެލިއެވެ.

"ދުނިޔެ ކުޑަ އެކަމަކު އަހަންނާއި ސެފްއަށްވެސް ޖާގަ އޮންނާނެ. އެއްވެސް ބަަޔަކު ބަލައިނުގަތަސް އަހަރެމެންނަށް އެކީ އުޅެވިދާނެ. މަރުވަންދެން އެކީ އުޅޭނެކަމަށް އަހަރެން ވައުދުވިން. ފަހު ނޭވަޔާ ހަަމަޔަށް އެ ވައުދު ފުއްދާނަން އިންޝާﷲ..." އާރްޔާ ޔަގީންކަން ދިނެވެ." ދުޢާއަކީ ބާރުގަދަ ހަތިޔާރެއް. އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަގަޅަށްދާނީ.."

ޔަޒްދަންޔާރު އެންމެނާއި ކަރާ ކަރު ޖައްސާ ސަލާމްކުރިއެވެ. އޭނަގެ ގައުމަށް އެނބުރިދަނީ ކަމަށާއި ސުވަރުގޭގައި އެންމެން ބައްދަލުވުމަށް އުއްމީދުކުރާ ކަމުގައި ބުނެލިއެވެ. ސެފްރަންގެ އަތުގައި ބޮސްދިންއިރު ޔަޒްދަންޔާރު ފެންކަޅިވިއެވެ.

"މަލާއިކަތުންގެ އެކުވެރިޔާ. ކޮންފަދަ ރީތި ނަމެއް...ހުރިހާ ކަމަކަށް ޝުކުރިއްޔާ. ޖިންނި ދުނިޔެއިން ލިބުނު ތަޖުރިބާއާއި އިލްމު އަދި ލޯބި ދުވަހަކު ހަދާނެއް ނުނެތޭނެ. ހުރިހާ ކަމަކަށް ހަމްދުކުރަން..........." ޔަޒްދަންޔާރު ފެންކަޅިވެފައި ހުރެވެސް ހިނިތުންވެލިއެވެ.


***

އެތައް ލައްކަ ބަޔަކު މައިދާނަށް އެއްވެފައި އޮތެވެ. ގަންދީޝާއަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރާ މަންޒަރު ދެކުމަށެވެ. އެންމެ ފަހުގެ އެދުމަކީ ކޮބާތޯ އެހުމުން އޭނަ ބުނީ ނަމާދުކުރަން ބޭނުންވާ ކަމުގައެވެ. ދެ ރަކުއަތް ނަމާދެއްކޮށްލުމަށްފަހު އޭނަ ތެދުވުނުއިރު ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. މިރިއަމްގެ ހިތް ފަޅައިގެންދާ ވަރުވިއެވެ. ދުވެފައިގޮސް މަންމަގެ ގައިގާ ހިފައިގަނެވުނުއިރު ތުއްތު ކެންޝިންވެސް މާމައޭ ކިޔާފައި ކުޑަ ދެއަތުން ބައްދައިގަތެވެ.

"ދަރިފުޅާ. ސޯލިހު ދަރިއެއްގެ ދުޢާއިން މައިންބަފައިންނަށް އޭގެ ދަރުމައާއި ސަވާބުލިބޭނެ. މަންމައަށް ހެޔޮ ދުޢާކޮށްދީ. މިއީ މަންމަގެ ކުށުގެ ހައްގު ސަޒާ. ކުށެއްނެތް އެތައް ބަޔަކަށް އަނިޔާވެރިވެވުނީ. މަންމަގެ އާދޭހަކީ ދަރިފުޅު މަންމަ ހިނގި މަގުން ނުގޮސް ތެދުމަގު ޚިޔާރުކުރުން. ބަދަލު ހިފުމާއި އަނިޔާވެރިވުމަކީ ނުބައި ސިފަތައް. އެކަންތައް ދޫކޮށް އަޅުވެރި ހެޔޮ ލަފާ ކުއްޖަކަށްވެ ކާރމަންއާއެކު އުޅެންޏާ މަންމަގެ ފުރާނައަށްވެސް ހިތްހަމަޖެހުން ލިބޭނެ. ދަރިފުޅު ނުރޮއްޗޭ ހިތާމަ ނުކުރައްޗޭ....." ގަންދީޝާ މިރިއަމްގެ ގައިގާ ފިރުމާފައި ބޮސްދިނެވެ. "އަލްވަދާއު ދަރިފުޅާ...."

މިރިއަމް އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. އަޒްކީލްއާއި ސެފްރަންއަށްވެސް މަންމައަށް މާފުކޮށްދިނުމަށް އެދި އާދޭސްކުރިއެވެ. އެލިއަސްވެސް މިރިއަމްގެ ކަރުނަތައް ނުދެކެން ދެލޯ މަރައިލިއެވެ.

"މިރިއަމް. މާފުކުރޭ. އެކަމަކު އެންމެނަށް އިބުރަތަކަށްވާނީ އަނިޔާވެރިން ދުނިޔެއިން ވަކިކޮށްލީމަ. މަންމަ ސާފު ހިތަކުން ތައުބާވެއްޖެއްޔަ އަފޫ ކުރައްވާ އާޚިރަތުގެ ނަސީބު ލައްވާނެ. ދުޢާކުރޭ...."

"ނޫން ނޫން. މަގޭ ލޯބިވާ މަންމަ....ނުދޭ......." މިރިއަމް އަނބުރައިގަތެވެ.

އެލިއަސް ޚައްދާމުންނަށް އެންގީ މިރިއަމްއާއި ކެންޝިން ގަނޑުވަރަށް ގެންދިޔުމަށެވެ.

އެންމެ ފަހު ވަގުތު ގަންދީޝާ ބާރު އަޑަކުން ޝަހާދަތްކިއެވެ.

ޖައްލާދު އޭނަގެ ބޯ ކަނދުރާއާއި ވަކިކޮށްލުމުން ކަޅުކުލައިގެ އޮލަ ދުންގަނޑެއް އަރަންފެށިއެވެ. ފަޓާސް ގޮއްވުމުން ދުވާފަދަ ވަހެއް މާހައުލުގައި ހިފައިލިއެވެ. އާރްޔާ މޭނުބައިކުރާގޮތްވެ އޯކަށް ދެމުމުން ސެފްރަން މޭގައި ފިރުމައިލަމުން ހަތަރުކަޅި ހަމަކޮށްލިއެވެ.

"ބޯ ކަނޑައިލި ވަގުތު ދުރު ބަލައިލަން މަޖުބޫރުވި. ކިތަންމެ އަނިޔާވެރި ޖިންނިއަކަސް އައި ފެލްޓް ސޯ ބޭޑް. މޭ ﷲ ފޮގިވް ހާ....." އާރްޔާ ވާހަކަދައްކަމުންގޮސް ރޮވުނީ ހަމަ ކުއްލިއަކަށެވެ.

"އާމީން..." ސެފްރަން ކިޔައިލިއެވެ. އާރްޔާ ބޯ އަޅައިލީ ސެފްރަންގެ މޭގައެވެ. ދުވަހެއްގެ ކޮޅުންވެސް ގަންދީޝާއަށްޓަކާ އޭނަގެ ހިތުގައި ކުލުނާއި ރަހުމް ހިނގައިފާނެކަމަކަށް އޭނަ އުއްމީދެއް ނުކުރެއެވެ. ނަމަވެސް އޭނަގެ މަރުން އަސަރުކޮށް ރޮވުނު މީހުންގެ ތެރޭ އޭނަވެސް ހިމެނިއްޖެއެވެ.

"މިރިއަމް ހާދަ ދެރަވާނެއޭ. އޭނަގެ މަންމަ...އިހުސާސްކުރެވޭ. އަހަރެންގެ މަންމަ އެ މަގާމުގައި ހުރިނަމަ. ކެތް ކުރާނެ ގޮތެއްވެސް ނޭގޭނެ..........."

ސެފްރަން އާރްޔާގެ ހިތް ހަމަޖައްސައިދޭން ވާހަކަދެއްކިއިރު އެ ކްރިމްސަން ލޯ ވެސް ކަރުނުން ފުރުނެވެ.

***

ދެތިން ދުވަސްވީއިރުވެސް މިރިއަމްގެ ހާލަތު ރަގަޅެއްނުވިއެވެ. ހަތަރުދަމުހެން މަންމައަށް ގޮވާފައި ރޮއި ހިތާމަކުރަނީއެވެ. ނަކްބާ ހަތަރުދަމު ގާތުގައި އިނދެއެވެ. ހިތްވަރުދެއެވެ. މަންމަ ރޯތަން ފެނި ކެންޝިންވެސް މޮޅިވެރިކަމާއި ހިތާމައިގެ ޝިކާރައަކަށް ވެއްޖެއެވެ. ކާރމަން ފެނުމުން ކެންޝިން ދުވެފައި ގޮސް ކާރމަންގެ އަތު ތެރެއަށް ވަނެވެ.

"މާމަ އުޑަށް ހިނގައްޖެ. ދުވަހަކު ދެން ނާންނަނެއޭ މަންމަ ބުނީ. މަންމަ އަބަދު ރޮނީ..." ކެންޝިން ކަރު އެލުވާލައިގެން ހުރި ތަން ފެނި ކާރމަންގެ ލޮލުން ކަރުނަ ހިލުނެވެ.

"ބައްޕަގެ ޕްރިންސް. މާމަ އެނބުރި ނުދުރުވާނެ. އެކަމަކު ކޮންމެވެސް ދުވަަހަކުން ބައްޕަ އަދި ދަރިފުޅުވެސް މާމައަށް ޒިޔާރަތް ކުރާނެ.."

"ރަންކުލައިގެ ސިޑިއަކުން ތަ " ކެންޝިން އެހިއެވެ.

"އެކަހަލަ ގޮތަކަށް....އެހެންވީމަ ބަސްއަހާ ކުއްޖަކަށްވާންވާނެ.." ކާރމަން ކެންޝިންގެ ނިތުގައާއި ކޯތާފަތުގައި އެތައް ފަހަރު ބޮސްދިނުމަށްފަހު އުފުލައިލިއެވެ.

"ކާރމަން މަންމަ ގެނެސްދީ...." ކާރމަން ފެނުމާއެކު މިރިއަމް އާދޭސްކުރަންފެށިއެވެ.

"މިރިއަމް. ތި ކަރުނަތަކުން މަންމަގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެ. ކަށްވަޅުގައި ހަމަޖެހިގެން އޮތިޔަދީ. މިއަދު މަންމަ ބޭނުންވަނީ އެންމެންގެ ދުޢާ. އަދި ބެންތިކް އައިލެންޑް ހުރިހާ އެންމެނަށް ކެންޝިންގެ ހަގީގަތްވެސް އަންގާނަން. މަގޭ ދަރިއެއްކަން އެނގެން ޖެހޭނެ......." ކާރމަން އެނދުގެ މަގަތުގައި އިށީނެވެ. މިރިއަމްއަކީ މިއަދު އެކަނިވެރިއެކެވެ. ހުރިހާ އެއްޗެއް ގެއްލިފައިވާ ކުއްޖެކެވެ. ކާރމަން މިހިރީ މިރިއަމްއާއި ދަރިފުޅަށް ހިމާޔަތްދޭށެވެ. ގަންދީޝާ ނެތުމަށްފަހު މިރިއަމް އިސްލާހުވެ ރަގަޅު ބައިވެރިޔަކަށްވުމަކީ އޭނަގެ ދުޢާއެވެ.

***

ސެފްރަންއާއި އާރްޔާ ޒެބްލަން އާއި އާއިލާ ގާތު ބުނީ އެމީހުން ގައުމުން އެނބުރި އަންނަންދެން އެގަނޑުވަރު ގެ ހުރިހާ ކަމެއް ބަލަހައްޓާ އެތަނުގެ ވަޒަންވެރިންގެ ގޮތުގައި އުޅުމަށެވެ. ޒެބްލަންގެ އާއިލާއަށް ލިބުނު ނިއުމަތެއްގެ ގޮތުގައި ދެކުނެވެ. ކިތަންމެ ނިކަމެތިކޮށް އުޅުނަސް ހާލަތު ބަދަލުވާން ހިނދުކޮޅެއްވެސް ނުނަގާނެއެވެ. މިއަދު އެ ފަރާތްތަކަށްވެސް ޖިންނި ރަސްކަލެއްގެ އަރިސް މަގާމެއް ލިބިއްޖެއެވެ. ރީތި ގަނޑުވަރެއްގައި ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދެއްވި ފަރާތުގެ ކުޅަދުންވަންތަކަމާއެވެ.


***

ބަހާރުގެ ރީތިކަން ގަނޑުވަރުގެ ވަށައިގެން ފެންނައިރު އެ މަންޒަރުން އާރްޔާގެ ހިތަށް އުފާ ލިބުނެވެ. އެތައް ހާސް މާތަކެއް ފޮޅި ކުލަތަކުގެ ވާދީއެކޭ ތަފާތެއް ނެތެވެ. ޑެފޮޑިލްތަކާ ލިލީ އަދި ޓިއުލިޕާއި ލައިލަކްއެވެ. ހައިސިންތުއާއި ޑޭޒީ ވައިލެޓް އަދި ފިނިފެންމާތަކެވެ. އޯކިޑްމަލެވެ. ގަސްތަކުގެ ތެރޭ މަލުގެ ވަސްބަލަމުން އޭނަ އުޅުނުއިރު ޕަރީއެއްފަދައެވެ. ހުދު ލިނެން ހެދުން ބައެއް ދިމާލުން ގަޔަށް ހިފާފައިވާއިރު ރީތި ވަނާތައް ހާމައަށެވެ. އިސްތަށިގަނޑު ހުޅިއެއް ޖަހާ ޖަވާހިރުން ވިދާ ބަބުޅާ ތާޖަކުން ޕަރީންގެ ފެޝަނަށެވެ. ޖަވާހިރު ގަހަނާތަކުން ހަތަރެސްފަޔާއި ކަނދުރާ ފަޅުފިލާފައެވެ. އުނަގަނޑުގައި އަޅާފައިވަ ހިމަ ބެލްޓް ފިޔާތޮށިކުލައިގެ އަލިމަސްތަކުން ވިދައެވެ. ރިހި ހީލްއެކެވެ. ދެލޯ އަނދުން ފަވާފައިވާއިރު އަޅިކުލައިގެ ލޯ ވަކިން ރީތިކޮށް ފާހަގަވެއެވެ.

"މައި ކްއީން...." ސެފްރަން އާރްޔާގެ ނިތުގައި ބޮސްދިނެވެ. " ވަރަށް ރީތި...........ކޮންމެ ހެދުމެއްގައިވެސް އެހާ ފުރިހަމަ....."

"ސެފް ދިން މި ގަނޑުވަރާއި ހުރިހާ ރީތި ހެދުންތައް އަދި ގަހަނާތަކާއި ހީލްސްތަކާއި ގިފްޓްސް ދޫކޮށްފައި ސްވިޒަލޭންޑަށް ދާންވީމަ ދެރަވޭ. އިޓްސް ނޮޓް ލައިކް ދުނިޔޭގެ ތަކެއްޗާއިހެދި މޮޔަވަނީއޭ. ސެފްދިނީމަ ސްޕެޝަލްވީ. މިއީ އަހަރެމެންގެ ލޯބީގެ މަންޒިލް.....އޯލް ދަ މޮމޮރީސް. ކިހިނެއް ވަކިވާނީ މައި ކިންގް....ކިންގް އޮފް މައި ހާޓް...." އާރްޔާ ބުނެލިއެވެ.

"ޗުއްޓީތައް އާކްޓިކްގައި ހޭދަކުރާނީ.. މަގޭ އެކުވެރިން އަބަދަށް މިތަނުގެ ފާރަވެރިންގެ ގޮތުގައި ތިބޭނެ......."

"ސޯ އެކަަކަށްވެސް ވަގަށް ނުގެންދެވޭނެ. އައި ލަވް ދިސް ސީސީޓީވީ ކެމެރާތަކަށްވުރެ. އެކަމަކު އިޒް އިޓް އެލަވްޑް އިން އިސްލާމް؟ ޖިންނީންގެ ޕްރޮޓެކްޝަން ހޯދުން ވާހަކަ........" އާރްޔާ ސުވާލުކުރިއެވެ.

"ޖިންނީންގެ ހިމާޔަތް ހޯދުމާއި ވަރަށް ތަފާތު އިނގޭ. ބޭބީ ގާލް ހަނދާން ނައްތާނުލާ. ޔޯ ހަޒްބެންޑަކީ ހާފް ޖިންނިއެއް......."

"އޯ އައިމް ސްކެއާޑް.." އަރްޔާ ބިރުގަތްކަމަށް ހެދުނެވެ. އަނބުރައިގެން ވެއްޓިގަތީ ސެފްރަންގެ އަތުތެރެއަށެވެ.

ވިނަގަނޑުމަތީގައި ގަހެއްގެ ހިޔަލުގައި އިށީދެލައިގެން ތިބިއިރު އާރްޔާއިނީ ސެފްރަންގެ މޭގައި ބޯ ޖައްސާލައިގެންނެވެ. ސްވިޒަލޭންޑަށް ދިޔުމާއި ބެހޭގޮތުން އެކި ވާހަކަތައް ދައްކަން ތިއްބާ ޒޭބްއާއި ލޫސިއަސް އަންނަތަން ފެނުނެވެ. އަދަބު އަދާކުރުމުގެ ގޮތުން ދެމަފިރިން ތެދުވުނެވެ. ސެފްރަން ލޫސިއަސްގެ އަތުގައި ބޮސްދިނެވެ.

"ސެފް. މާފަށް އެދުމަކީ އެމީހާ ބަލިކަށިވާކަމެއް ނޫން. ރަހިމްގެ ގުޅުން ކެނޑުމަކީ ބޮޑު ފާފައިގެ ތެރެއިން ހިމެނޭކަމެއް. ޝޭޚަކު ބުނުއްވިގޮތުން ކިތަންމެ އަޅުވެރިވިޔަސް މިފަދަ ދެމިގެންވާ ފާފައެއް ކުރުމުގެ ސަބަބުން އެމީހަކު އަބާއްޖަވެރިންގެ ތެރެއިން ހިމެނިދާނެ. އަހަންނަށް ކޮއްކޮއަށް އަނިޔާވެރިވެވިއްޖެ. ވެވެންޏާ މާފުކޮށްދީ......" ޒޭބް ސެފްރަންގެ އަތުގައި ހިފެހެއްޓިއެވެ. " މިއަދުން ފެށިގެން ތިއީ ދިރިއުޅުމުގެ އެއްބައި ކަމުގައި ބަލައިގެންފިން. މި ހިތުން ތިކުއްޖާއަށް ކޮއްކޮއެއްގެ މަގާމު ދީިފިން. އަދި އާރްޔާއަށްވެސް..."

"ތެންކިއު ސިސް..." އާރްޔާ ޒޭބްގެ ގައިގާ ބައްދައިލިއެވެ.

"ޒޭބް ސިސް. އަހަންނާއިމެދު އަނިޔާވެރިވި ހުރިހާ ފަރާތްތަކަށް މާފުކޮށްފިން. އަސްލުވެސް މާފަށް އެދުމާ މާފުކުރުމަކީ އިސްލާމީ ރީތި ސިފައެއް. ހިތްހަމަނުޖެހިގެން ތިބޭވަރަށްވުރެ އުމުރު މާ ކުރު. ފަހަތަށް އެނބުރި ބަލައިލުމެއްނެތި ކުރިއަށް ދާންވީ........" ސެފްރަން ޒޭބްގެ އަތްތިލައިގާ ބޮސްދިނުމުން ޒޭބްގެ ލޮލުން ކަރުނަ އައެވެ. ލޮލުން އޮހިގަތް ކަރުނަތަކާއެކު ސެފްރަންގެ ނިތްކުރީގައި ބޮސްދެމުން އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

ބަގީޗާތެރޭ ސުފުރާ ތައްޔާރުކޮށްލުމަށްފަހު އެންމެން ކާން ތިއްބާ ރުއާނާ އެތަނަށް ހާޟިރުވީ ޝާހީ ރަސްދަރިކަނބަލުން އަޅާފަދަ ހެދުމަކާއި ތާޖެއްވެސް ބޮލުގައި އަޅައިގެންނެވެ. ސެފްރަންގެ މޫނުމަތިން ނުތަނަވަސްކަން ފެނިލިއިރު ލޫސިއަސްއަށް ތެދުވެވިއްޖެއެވެ.

"އަޅުގަނޑު މިއައީ ފެމިލީއަށް އަލަށް ވަން މެހުމާނުންނަށް މަރުހަބާކިޔަން. އަދި ސެފްރަންގެ އަންހެނުން ގައުމަށް އެނބުރިދާން އުޅޭ ޚަބަރު ލިބުުމުން ހަދިޔާ ހިފައިގެން... ޖިލްވާ..." ރުއާނާ ތަންކޮޅެއް ބާރަށް ގޮވައިލުމުން އެކުއްޖާ ރަނުން ހަދާފައި ހުރި ފޮށްޓެއް ހިފައިގެން އައިސް ވިނަގަނޑުމަތީ ބެހެއްޓިއެވެ. އާރްޔާ އެ ހުޅުވާފައި ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ތަފާތު ވައްތަރުގެ ގަހަނާތަކާއި ކުލަކުލައިގެ ބަބުޅާ ޖަވާހިރުތަކެވެ.

"އަންހެންކުދިން އެންމެ ބޭނުންވާނީ ޑައިމަންޑްސް. އާރްޔާއަށް މި ހަދިޔާ ކަމުދާނެކަމަށް ހީކުރަން. ވަރަށް އުފަލުން އުޅެއްޗޭ. ދުވަހަކު ވަކިނުވައްޗޭ." ރުއާނާ އާރްޔާގެ އަތުގައި ހިފައިލީ ހިތްހެޔޮ ހިނިތުންވުމަކާއެކުގައެވެ. ސެފްރަންއާއި ވެސް ވާހަކަދެއްކީ މަޖާވެލާފައެވެ. އެތެރެއިން ހިތް ރުޔަސް ރުއާނާ ހުރިހާ ޖަޒުބާތުތަކެއް ހިތުގައި ވަޅުލައިފިއެވެ.

އެތައް އިރެއްވާންދެން އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރަމުން ދަނިކޮށް ވަށައިގެންވާހާ އަލިފާންތަކެއް ނިވި އެހިސާބު އަނދިރިކަމުގެ ތެރެއަށް ގެނބުނެވެ. ލަވަޖަހަމުންދިޔަ ދޫނި ތަކާއި ޖަނަވާރުތަކުގެ އަޑު ހިމޭންވިއެވެ. ވަރުގަދަ ފަރާތެއް ހާޟިރުވިކަން އެންމެނަށް އިހުސާސްކުރެވި އަދަބުވެރިވުމުގެ ގޮތުން ކޮޅަށް ތެދުވުނުއިރު އާރްޔާގެ ހިތަށް ބިރުވެރިކަން ވަދެ ސެފްރަންގެ އަތުގައި ހިފައިލެވިއްޖެއެވެ. ހުރިހާ ކަމެއް ހައްލުވެ ފުރަން ޖެހުނުތަނުން މިލައިގަންނަން އުޅެނީ ކޮންފަަަދަ މުސީބާތަކާއިހެއްޔެވެ؟

"ކޮންމެވެސް ޚާއްސަ ފަރާތަކުން ސެފްރަންއާއި ބައްދަލުކުރަން ބޭނުންވޭ....." ލޫސިއަސް ބުނެލިއެވެ. "މިއީ އަހަރެމެންގެ ބޭބެ ރަފައިލް...."

އަނދިރީގެ ތެރެއިން ކުރިއަށް ޖެހިލި އިސްކޮޅުން ދިގު ބިޔަ ޒުވާނާ ކަޅުކުލައިގެ ހެދުމުން ނިވާވެގެން ހުރިއިރު ހައިބަވަންތަކަމުން ގައިން ހީބިހިނަގާވަރުވިއެވެ. ލޮލުގެ ރީތިކަމުން އާރްޔާވެސް ހައިރާންވިއެވެ. ހުދުކުލައިގެ ބޯ އިސްތަށިގަނޑު ވަޔާއި ވިހުރެމުންދިޔައެވެ.

"އަހަރެމެންގެ އާއިލާއަށް މަރުހަބާ ސެފްރަން އާރްޔާ..." ރަފައިލް ރުހުންދިނެވެ. ސެފްރަންއާއި އާރްޔާއަށް ޝެހެންޝާހު ޚުސްރޫގެ ރަށަށް އައުމަށް އެދުނެވެ. ޒޭބާ ބުނީ އަދި މި ގަނޑުވަރާއި މި ބަގީޗާތައް އެތަނާއި ބަލާއިރު އެއްވެސް އެއްޗެއް ނޫންކަމަށެވެ. ފިނިފެންމާ ބަގީޗާތައް ފެނި އާރްޔާ މޮޔަވާނެކަމުގައެވެ. ގަނޑުވަރާއި އެތަނުގެ އަހުލުވެރިންނާއި ކުދިންގެ ޝާހީކަމުން ހައިރާންވާނެކަމުގައެވެ. ހަގީގީ ޖިންނި ރަސްކަން އޮތީ އެތާ ކަމުގައެވެ. މިއީ އެ ރަށާ ބަލާއިރު ކަޅާއި ހުދުގެ މަންޒަރެއްފަދައެވެ. ކުރިން ދާންވީ ކޮންރަށަކަށް ކަން ނުނިންމިފައި ތިއްބަސް އެންމެންގެ އުއްމީދަކީ މާޒީ ހަދާން ނައްތާލާފައި އުފާވެރި ހަޔާތެއް ފެށުމެވެ. ހުރިހާ ހަމްދެއް ހުރީ މާތްﷲއަށެވެ. މިއީ އިމްތިހާނުގެ ގޮވަތިކަން ދެނެެގެން ކޮންމެ ދުވަހަކީ ހަޔާތުގެ ފަހު ދުވަހަކަށް ވެދާނެކަމަށް ދެކެގެން ދިރިއުޅުމަކީ ސެފްރަންގެ އަޒުމެވެ. އަދި އާރްޔާއާއެކު އަބަދަށްޓަކާ ވުމަކީ އޭނަގެ ދުޢާއެވެ. ސާފު ތާހިރު ހަގީގީ ލޯބި ވަކިކުރެވޭނެ ބާރެއް ހެއްދެވިފަރާތް ނޫނީ ނުވާނެއެވެ.

(ނިމުނީ.)

https://sun.mv/131174

comment ކޮމެންޓް