ގައުމީ ދެ ޓީމާއި 39 ފަރާތަކަށް މަތީ ދަރަޖަ އިނާމު

މިރޭގެ ޖަލްސާގައި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދަށް، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ލިބިވަޑައިގަންނަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މަތީ ދަރަޖަ ހޯދާ ފަރާތްތަތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 39 ފަރާތަކާއި ރާއްޖޭގެ ދެ ގައުމީ ޓީމަކަށް ދެއްވައިފިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކޮށް މޮޅެތި ވަނަތައް ހޯދާފައިވާ ފަރާތްތަކާއި ރާއްޖެއަށް ރީތި ވަނަތައް ހޯދައިދީފައިވާ ފަރާތްތަކަށް ވަނީ ރައީސްގެ ހާއްސަ އިނާމު ދެއްވާފައެވެ.

ރާއީސުލްޖުމްހޫރިއްޔާ ދެއްވާ މަތީ ދަރަޖަ ހޯދުމުންދޭ އިނާމަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކާއި ހުނަރުވެރިކަމާއި މަސައްކަތްތެރިކަމާއި އަދި އިލްމީ ގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލްކުރާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ގައުމީ ފުޓުބޯޅަ ޓީމަށް ވަނީ މަތީ ދަރަޖަ އިނާމު މިރޭގެ ޖަލްސާގައި ލިބިފައި --- ފޮޓޯ : ރައީސް އޮފީސް

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވައި މެޑަލް ހާސިލު ކުރައްވާފައިވަނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 32 ބޭފުޅުންނެވެ. މިރޭ މި މެޑަލް ހާސިލުކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅުންނަށްވެސް ވަނީ މިރޭގެ ޖަލްސާގައި އިނާމު ދެއްވާފައެވެ. އެ ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ފިލްމީތަރި އައިމިނަތު ރިޝްމީ ރަމީޒާއި ޓޭބަލް ޓެނިސް ކުޅުންތެރިން ކަމަށްވާ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ ހިމެނެއެވެ.

މިރޭގެ ޖަލްސާގައި ރައީސްގެ ހާއްސަ އިނާމު އަރުވާފައިވާ ދެ ޓީމަކީ ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި ގައުމީ ޓޭބަލް ޓެނިސް ޓީމެވެ. ގައުމީ ފުޓުބޯޅަ ޓީމަށް ހާއްސަ އިނާމު ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދުމުންނެވެ. އަދި ގައުމީ ޓޭބަލް ޓެނިސް ޓީމަށް ހާއްސަ އިނާމު ލިބުނީ މި އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އެ ޓީމުން ހޯދި ކާމިޔާބަށެވެ.

comment ކޮމެންޓް