އެމްޑީއެން އުވާލަން ނިންމި ނިންމުން އަނބުރާ ގެންދަން އެމްނެސްޓީއިން ގޮވާލައިފި

އޮކްޓޫބަރު 25، 2019: އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނައި، ރިޕޯޓުު ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ގޮވާލާ މާލޭގައި ކުރި މުޒާހިރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދަން އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ.

އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ މި ފަހުން ހޫނުވެ ގިނަ ބަޔަކު ވަނީ އެ ޖަމިއްޔާ އުވާލައި އެ ޖަމިއްޔާގެ މައްސަލަ ބަލަން ގޮވާލައިފަ އެވެ. އެ ޖަމިއްޔާ އުވާނުލައިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެ ޖަމިއްޔާގެ ރަޖިސްޓްރޭޝަން ބާތިލު ކުރަން ނިންމާފައިވާކަން އިއްޔެ ޖަމިއްޔާތަކުގެ ބެލެނެވެރި ފަރާތް، ޔޫތު މިނިސްޓްރީއިން ވަނީ އިއުލާނުކޮށްފަ އެވެ.

އެކަމާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލްގެ އިން އިއްޔެ ބުނީ ސަރުކާރުގެ ނިންމުމުން އެނގެނީ އަދި ވެސް ރާއްޖޭގައި ހައްގުތައް ހަނިކުރުމަށް އަދި ވެސް ހުއްޓުމެއް ނާންނަކަން ކަމަށެވެ.

"އާ ސަރުކާރުން ރާއްޖޭގައި ހައްގުތައް ހަނި ކުރުމުގެ މާޒީއަށް ހުއްޓުމެއް ގެންނާނެ ކަމަށް އޮތީ ގަބޫލު ކުރެވިފައި. އެހެންނަމަވެސް، އެމްޑީއެންގެ އޮޕަރޭޝަންތައް ހުއްޓުވަން ނިންމި ނިންމުމުން ދައްކުވައިދެނީ އަދި ވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކަށާއި ސިވިލް ސޮސައިޓީއަށް ބިރުދެއްކުމުގެ ސަގާފަތް އަދިވެސް އޮތްކަން،" އެމްނެސްޓީގެ ސައުތު އޭޝިއާ ޑިރެކްޓާ ޑިނުޝިކާ ޑިސަނަޔަކެ ބުންޏެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްޑީއެން އަށް ފިޔަވަޅު އަޅާފައި ވަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކޮށްގެން ކަމަށެވެ. އަދި ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރިޕޯޓަކާ މެދު މިއަދު ފިޔަވަޅު އެޅުމުން ސުވާލު އުފެދޭ ކަމަށް ބުންޏެވެ.

ޑިސަނަޔަކެ ގޮވާލެއްވީ، އެމްޑީއެން އުވާލަން ނިންމި ނިންމުން ސަރުކާރުން އަނބުރާ ގެންގޮސް، އެ ޖަމިއްޔާގެ މުވައްޒަފުންނަށް އިންޒާރު ދިން ފަރާތްތަކުގެ މައްސަލަ ބަލައި، ހިމާޔަތްދީ، މަދަނީ ޖަމިއްޔާތަކަށް ބިރަކާ ނުލައި މަސައްކަތް ކުރެވޭނެ މާހައުލެއް ތަނަވަސް ކުރުމަށެވެ.

އެމްނެސްޓީ އިން ވަނީ މިއަދުގެ ސަރުކާރުގައި އެ ޖަމިއްޔާގެ ކުރީގެ ޕްރިޒަނާސް އޮފް ކޮންޝަންސް ހިމެނޭކަން ފާހަގަކޮށްފަ އެވެ. އަދި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އިހުތިރާމު ކުރަން މަޖުބޫރު ކުރާ އައިސީސީޕީއާރް ފަދަ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ރާއްޖެއިން ބައިވެރިވެފައިވާކަން ވެސް އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެ އެވެ.

އެމްޑީއެން އުވާލަން ނިންމި ނިންމުމާ ގުޅިގެން އެ ޖަމިއްޔާ އިން ބުނެފައި ވަނީ އެ ނިންމުމަކީ ޑިއު ޕްރޮސެސްއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެ ނިންމުން އަނބުރާ ގެންދަން އެ ޖަމިއްޔާ އިން ވެސް ގޮވާލި އެވެ.

އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާ އިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. އެ ރިޕޯޓު ޝާއިއު ކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ ހޫނުވުމުން އެންމެ ފުރަތަމަ އެ މައްސަލަ ފުލުހަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެފަހުން އިސްލާމިކް މިނިސްޓްރީއިން ވެސް އެ މައްސަލަ ފުލުހަށް ހުށަހެޅި އެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ނިންމައި ދީނީ އިލްމުވެރިންނާ ހަވާލުކޮށްގެން ދިރާސާއެއް ހެދި އެވެ. އަދި ޔޫތު މިނިސްޓްރީއިން އެ ޖަމިއްޔާ ސަސްޕެންޑުވެސް ކުރިއެވެ. ފުލުހުން ހެދި ދިރާސާއިން ދެއްކީ އެމްޑީއެންގެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް އެބަ ހުރި ކަމަށެވެ.

އެ ރިޕޯޓް ތައްޔާރު ކުރި މީހުންނަށް ވެސް ފިޔަވަޅު އަޅަން ގޮވާލަމުންދާ އިރު، ރިޕޯޓު ލިޔުމުގައި އުޅުނު ޝަހިންދާ އިސްމާއީލާއި ޑރ. އަޒްރާ ނަސީމް ފުލުހަށް ހާޒިރުވުމަށް މިހާރު ވަނީ ޗިޓު ފޮނުވައިފަ އެވެ. އެ ދެ މީހުން ވެސް މިހާރު އުޅެނީ ރާއްޖެ އިން ބޭރުގަ އެވެ. އަޒްރާ ވަނީ ފުލުހަށް ހާޒިރުވާން އުޒުރުވެރިވެފަ އެވެ.

އެމްޑީއެންގެ ރަޖިސްޓްރޭޝަން އުވާލަން ނިންމި ނިންމުމާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އިއްޔެ ވިދާޅުވީ، ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނޫން ކަމަށެވެ.

comment ކޮމެންޓް