ސެންޓަރަލް ޒޯންއަށް ދާން ބެޖެޓު ހޯދުމަށް ލަތީފް މިނިސްޓްރީއަށް

ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް --- ފޮޓޯ/ ވީއޭއެމް

ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނުން އުފައްދާފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަނެ ކުރީގެ އިންތިހާބީ ކޮމިޓީއާ މުއާމަލާތު ކޮށްގެން ކުރިއަށް އޮތް ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތުގައި ބައިވެރިވި ނަމަވެސް އެކަމަށް ބޭނުންވާ ބަޖެޓު ނެތުމުން ވީއޭއެމްގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް އެހީއަށް އެދި ކުޅިވަރު މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފި އެވެ.

ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ލީޑާޝިޕާ ގުޅުން ހުރި ސީރިއަސް މައްސަލަތައް ތަހުގީގުކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް، ވީއޭއެމްގެ އޭރުގެ ހިންގާ ކޮމިޓީ އުވާލައި އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ވީއޭއެމްގެ ނޯމަލައިޒިން ކޮމިޓީ ސައްހަ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ހާމަކޮށްފައިވަނިކޮށް އެ ކޮމިޓީ ބަލައިނުގަންނަ ކަމަށް އެފްއައިވީބީން ވަނީ ހާމަކޮށްފަ އެވެ.

އެހެން ކަމުން މި މަހު (14 - 7) އަށް ބަންގްލަދޭޝްގައި އޮންނަ ސެންޓަރަލް ޒޯން އަންހެން ވޮލީ މުބާރާތުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނޯމަލައިޒޭޝަން ކޮމިޓީން ކުރި މުއާމަލާތްތައް ބަލައި ނުގަންނަން އޭވީސީ އިން ވެސް ވަނީ ނިންމާފަ އެވެ. ރާއްޖެ އެ މުބާރާތުގައި ބައިވެރިވުމަށް ލިސްޓް ފޮނުވީ ކުރީގެ އިންތިހާބީ ކޮމިޓީންނެވެ. ނަމަވެސް މުބާރާތަށް ޓީމު ފޮނުވުމަށާއި އިތުރު ހަރަދުތައް ކުރުމަށް ބަޖެޓު ނެތުމުން އެކަމަަށް ހައްލެއް ހޯދައިދިނުމަށް އެދި ވޮލީގެ އިންތިހާބީ ރައީސް ލަތީފް ވަނީ ކުޅިވަރު މިނިސްޓަރު އަހްމަދު މަހްލޫފަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވައިފަ އެވެ.

މިއަދު ފޮނުވި ސިޓީގައި ލަތީފް ފާހަގަކޮށްފައި ވަނީ ސްޕޯޓްސް ކޯޕަރޭޝަނުން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީ ބައިނަލް އަގުވާމީ އިދާރާތަކުން ބަލައި ނުގަންނަ ކަމުގެ ވާހަކަތަކާއި މުބާރާތްތަކުގައި ބައިވެރިވުމަށް މުއާމަލާތު ކުރަނީ ވީއޭއެމްގެ އިންތިހާބީ ކޮމިޓީއާ ކަމަށެވެ. އެހެން ކަމުން މުބާރާތުގައި ބައިވެރިވުމަށް އެދި ނޯމަލައިޒޭޝަން ކޮމިޓީން ފޮނުވި ހުރިހާ ލިޔެ ކިޔުންތަކެއް އަނބުރާ ފޮނުވާފައިވާ ކަން ވެސް ލަތީފް ފާހަގަ ކުރި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީން ގޮތްދޫ ނުކުރުމުގެ ސަބަބުން މުބާރާތުން ގެއްލުމުގެ ތުންފަތް މަތީގައި އޮއްވާ ކުރީގެ ލީޑާޝިޕް އިސްވެ ހުރެ މުބާރާތުގައި ބައިވެރިވުމަށް އެދި ލިސްޓް ވަނީ ފޮނުވައިފަ އެވެ. އެކަމަކު މުބާރާތް ފެށެން ބާކީ ފަސް ދުވަސް އޮތް އިރު މުބާރާތަށް ދެވޭނެ ގޮތެއް އިންތިހާބީ ކޮމިޓީއަކަށް ނެތެވެ.

"ސްޕޯޓްސް ކޯޕަރޭޝަން އިސްވެ ހުރެ، ގަދަބާރުން ވޮލީ އެސޯސިއޭޝަނުގެ އިންތިހާބީ ކޮމިޓީ އުވާލީ 11 ޖޫން 2019 ވަނަ ދުވަހު. އޭރު މި އެސޯސިއޭޝަނުގެ އެކައުންޓުގައި ހުންނާނެ 65،000 ޔޫއެސް ޑޮލަރު. އެއީ މިފަދަ މުބާރާތްތަކަށް ބޭނުން ކުރުމަށް ހުރި ބެޖެޓް. އެކަމަކު އެ އެކައުންޓް ވެސް ބަންދުކޮށްފައި މިހާރު ހުރުމުން މުބާރާތަށް ދިއުމަށް ހަރަދު ކުރެވޭނެ ގޮތެއް ނެތް،" ލަތީފް މިއަދު މަހްލޫފަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ލަތީފް އިތުރަށް ބުނީ، އެ ފައިސާ ލިބޭނެ ގޮތް މިނިސްޓްރީން ހަދައިދީގެން ނޫނީ މުބާރާތަށް ޓީމަށް ނުފުރޭނެ ކަމަށެވެ. އަދި އެހެން ކަމަށްވާ ނަމަ ވޮލީއަށް ލިބިގެންދާނީ ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އެހެން ކަންތައް ވެއްޖެ ނަމަ އެފްއައިވީބީގެ ފިޔަވަޅެއް އެޅުން ވެސް އެކަށީގެންވާ ކަމަށް ލަތީފް ބުނެފައިވެ އެވެ.

https://sun.mv/126627

ލަތީފް އިސްވެ ހުރެ މުބާރާތުގައި ބައިވެރިވީ ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އޭނާ ބަލައި ނުގަންނަ ކަމަށް ބައިވެރިވި ކުލަބުތަކުގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް