ލުބުނާނުގެ މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

ލުބުނާނުގެ މުޒާހަރާތަކާ ގުޅިގެން އިސްތިއުފާ ދެއްވާނެ ކަމަށް ބޮޑުވަޒީރު ސާދު ހަރީރީ ވަނީ ވިދާޅުވެފަ -- ފޮޓޯ: ރޮއިޓާސް

ބެއިރޫތު (އޮކްޓޯބަރު 30): ލުބުނާނުގެ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ސާދު ހަރީރީ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ވެރިކަމަށް އަރާ ވަޑައިގެންނެވި ހަރީރީ ވިދާޅުވި ގޮތުގައި ލުބުނާނުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ގައުމު އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި އެމައްސަލަ ހައްލު ކުރުމަށްޓަކައި ކުރާ މަސައްކަތްތަކުން އިތުރު ކުރިއެރުމެއް ނުލިބުމުން، އޭނާ އިސްތިއުފާ ދެއްވަން ވަނީ މަޖުބޫރުވެފަ އެވެ.

"[ލުބުނާނު]ގެ ހާލަތު އިތުރަށް ގޯސްވުން ހުއްޓުވުމަށް ސިޔާސީ ހައްލެއް ހޯދޭތޯ ބަލަން ގައުމުގެ ރައްޔިތުން މަޑުކޮށްގެން ތިބޭތާ 13 ދުވަސްވެއްޖެ. އަދި އެމުއްދަތުގައި އަޅުގަނޑު ވަނީ ރައްޔިތުންގެ އަޑު އަހާ، މި ހާލަތުން އަރައިގަނެވޭނެ ގޮތެއް ހޯދަން މަސައްކަތްކޮށްފަ. މި މައްސަލަ ހައްލު ކުރުމަށް ބޮޑު ބަދަލެއް ގެނައުމަށް ވަނީ މަޖުބޫރުވެފަ،" ހަރީރީ ވިދާޅުވި އެވެ.

ހަރީރީގެ އިސްތިއުފާއާ ބެހޭ ގޮތުން ރައީސް މިޝޭލް އައޫން އަދި އެއްޗެކޭ ވިދާޅުނުވެ އެވެ. ނަމަވެސް ރައީސް އެ އިސްތިއުފާ ގަބޫލު ކުރެއްވިޔަސް، އާ ސަރުކާރެއް ގާއިމު ކުރެވެންދެން ހަރީރީ ވެރިކަމުގައި ހުންނަވަން ޖެހޭނެ އެވެ.

ބޮޑުވަޒީރުގެ އިސްތިއުފާ އިއުލާން ކުރުމުން މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އުފާ ފާޅުކޮށްފަ -- ފޮޓޯ: އޭއެފްޕީ

މިމަހުގެ 17އިގައި ލުބުނާނުގެ މުޒާހަރާތައް ފެށުނީ އެގައުމުން އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގައި، ވަޓްސްއެޕް ފަދަ އެޕްތަކުން އޮންލައިންކޮށް ކުރާ ކޯލުތަކުން ޓެކްސްއެއް ނަގަން ކެބިނެޓުން ނިންމުމުންނެވެ.

އެ މުޒާހަރާތައް ފެށުމުން ސަރުކާރުން ވަނީ އެ ޓެކްސް ނުނަގާނެ ކަމަށް ބުނެފައެވެ. އަދި އާ ޓެކްސްތަކާ ނުލައި ގައުމުގެ އިގުތިސާދު ރަނގަޅު ކުރުމަށް އިސްލާހުތަކެއް ގެންނާނެ ކަމަށް ހަރީރީ ވިދާޅުވި އެވެ.

ނަމަވެސް ފަހުން އެމުޒާހަރާތައް ފުޅާވެ، މުޒާހަރާގެ ބައިވެރިން ވަނީ ގައުމުގެ އިގުތިސާދާއި ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކުގެ ހާލަތު ރަނގަޅު ކުރެވޭ ފަދަ މިނިވަން މާހިރުން ހިމެނޭ ސަރުކާރަކަށް ފުރުސަތު ދިނުމަށްޓަކައި، މިހާރު އޮތް ސަރުކާރުން އިސްތިއުފާ ދިނުމަށް ގޮވާލަން ފަށާފަ އެވެ.

އަދި އިއްޔެ ހަރީރީ އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރުމުން މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އުފާ ފާޅުކޮށްފަ އެވެ. ނަމަވެސް އެހާ ވަރުން ނުފުދޭ ކަމަށާއި މުޅި ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި އެބަދަލުތައް ގެންނަންދެން މުޒާހަރާތައް ނުހުއްޓާނެ ކަމަށްވެސް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް