ބީއެމްއެލްއަށް ލިބޭ ބޮޑު ފައިދާ އިންވެސްޓް ކުރަނީ މުޖުތަމައަށް: ސީއީއޯ ޓިމް

ބީއެމްއެލްގެ އާ ސީއީއޯ ޓިމް ސޯޔާ: އާ ހިދުމަތްތަކުން ދިވެހިން އުފާކޮށްދޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ/ ބީއެމްއެލް

ގައުމީ ބޭންކް، ބީއެމްއެލްއަށް ބޮޑު ފައިދާއެއް ލިބޭތީ އެކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔާ ކަމަށާއި އެހެން ނަމަވެސް އެ ފައިދާ އަނބުރާ އިންވެސްޓް ކުރަނީ ދިވެހި މުޖުތަމައަށް ކަމަށް އެ ބޭންކްގެ އާ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

ފުރަތަމަ ފަހަރަށް މީޑިއާތަކާ މިއަދު ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން ސީއީއޯ ޓިމް ވިދާޅުވީ، ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމަށް ދިނުމަށް އިންވެސްޓްމަންޓްތައް ކުރުމަށް އިސްކަން ދޭ ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ހިންގުނު 100 ސީއެސްއާރު ޕްރޮގްރާމާ އެކު އެކި މުޖުތަމައުތަކަށް ވަރަށް ބޮޑު މަންފާއެއް ލިބިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ބީއެމްލްއިން ބޮޑު ފައިދާއެއް ނަގާތީ މީހުން ފާޑުކިޔާ. އެހެން ނަމަވެސް އެ ފައިދާ މި ބޭންކުން މިދަނީ އަނބުރާ މުޖުތަމައަށް އިންވެސްޓް ކުރަމުން،" ޓިމް ވިދާޅުވި އެވެ.

ބޭންކުން މިއަދު ހާމަކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެކަނި އެ ބޭންކަށް ވަނީ 307 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އަދި، މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ހަތަރު ޕަސެންޓު އިތުރު އަދަދެކެވެ.

ބޭންކުން ހޯދަނީ މާ ބޮޑު ފައިދާއެއް ކަމަށް ބުނެ، އެ ބޭންކަށް އަބަދުވެސް ފާޑުކިޔުންތައް އަމާޒުވެ އެވެ.

ޓިމް ވިދާޅުވީ ބޭންކުގެ މާލީ ހާލަތު އޮތީ ރަނގަޅަށް ކަމަށާއި މިހާރު ބެންކުން އެންމެ އިސްކަމެއް ދޭ ކަމަކީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތްދީ، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ވިޔަފާރީގެ މުހިއްމު ގިނަ ދާއިރާތަކުން ބޭންކުގެ އަމާޒުހުރީ ރަނގަޅު މިސްރާބުގައި ކަމަށާއި އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭންކުގެ ހިދުމަތްތައް ޒަމާނީ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ޓިމް ވިދާޅުވި އެވެ.

ބޭންކުގެ ސީއީއޯ ޓިމް ސޯޔާ ވިދަޅުޗީ ބޭންކުގެ ފައިންޑިން ކޮސްޓާއި ޕްރޮވިޝަން ޗާޖު އިތުރުވިނަމަވެސް ބޭންކަށް ލިބުނު ފައިދާ އިތުރުވެފައިވަނީ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ކުރިއެރުން ލިބުމުގެ ސަބަބުން ކަމަށެވެ.

comment ކޮމެންޓް