އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއެއް ވެނަޒުއޭލާއަށް

ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގަންނަ މިއަހަރު އދ.އިން ނެރުނު ރިޕޯޓެއްގައިވޭ -- ފޮޓޯ: އޭޕީ

ކަރާކަސް (އޮކްޓޯބަރު 18): އިންސާނީ ހައްގުތަކަށް އަރައިގަންނަކަމުގެ ގިނަ ތުހުމަތުތަކެއް ރައްދުވެފައިވާ ވެނެޒުއޭލާ، އދގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ގޮނޑިއަކަށް އިންތިހާބުވެއްޖެއެވެ.

ރައީސް ނިކޮލަސް މަޑޫރޯގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ކަމުގެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް، އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ވެނެޒުއޭލާ އިންތިހާބުވީ އދގެ އާންމު މަޖިލީހުގެ 193 މެމްބަރު ގައުމުގެ ތެރެއިން 105 ވޯޓުންނެވެ.

އިއްޔެ އދ.ގެ އާއްމު މަޖިލީހުން ވަނީ 47 މެމްބަރުން ހިމެނޭ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް 14 މެމްބަރުން ހޮވާފައެވެ. އޭގެ ތެރެއިން ލެޓިން އެމެރިކާއަށް ހާއްސަކޮށްފައިވާ ދެ ގޮނޑި ކާމިޔާބު ކުރީ ވެނަޒުއޭލާގެ އިތުރުން ބްރެޒިލް އެވެ.

އަދި އެއީ އިންސާނީ ހައްގުތަކަށް އަރައިގަންނަކަމުގެ ތުހުމަތު ކުރެވިފައިވާ ސަރުކާރުތައް އޮންނަ ދެ ގައުމު ކަމުން، އދއަށް ވަނީ ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ.

އެގޮތުން، މިދިޔަ ޖުލައި މަހު އދގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރު އާންމު ކުރެއްވި ރިޕޯޓެއްގައިވާ ގޮތުން ވެނަޒުއޭލާގެ ސަރުކާރާއި ސަލާމަތީ ފައުޖުތަކުން ދަނީ އިދިކޮޅު ފަރާތްތަކަށް އަނިޔާކޮށް، މަރާ، ސިޔާސީ ފައިދާއަށްޓަކައި ރައްޔިތުންނަށް ބޭހާއި ކާނާ ފޯރުކޮށްނުދީ ހިފަހައްޓަމުންނެވެ.

އަދި މިދިޔަ އަހަރު ވެނަޒުއޭލާގައި ބޭއްވި ރިޔާސީ އިންތިހާބު މަޑޫރޯ ކާމިޔާބު ކުރެއްވީ ނަތީޖާ އޮޅުވާލައިގެން ކަމަށް ވިދާޅުވެ، އެގައުމުގެ އިދިކޮޅު ލީޑަރު ހުއަން ގުއައިޑޯ ވަނީ އަސްލު ރައީސަކީ އޭނާ ކަމަށް އިއުލާން ކުރައްވާފައެވެ.

ގުއައިޑޯއަކީ ގައުމުގެ ވެރިޔާކަމަށް ބަލައިގަތް ދުނިޔޭގެ 50 ގައުމުގެ ތެރޭގައި އެމެރިކާއާއި އިނގިރޭސިވިލާތްވެސް ހިމެނެ އެވެ.

މީގެ އިތުރުން، ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ވަނީ އެގައުމުގައި މީގެ ކުރިން 21 އަހަރުވަންދެން އޮތް އަނިޔާވެރި އަސްކަރީ ވެރިކަމަށް ތައުރީފު ކުރައްވާ، ކުށްވެރިން މެރުމަށް ފުލުހުންނަށް ހިތްވަރުދެއްވާފައެވެ.

މިދިޔަ އަހަރު އެމެރިކާއިން ވަނީ އދގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން އިސްރާއީލާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ، އެ މަޖިލީހުން ވަކިވެފައެވެ.

މީގެ ކުރިންވެސް އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމުގެ ތުހުމަތު ރައްދުވެފައިވާ ބައެއް ގައުމުތަކުން އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ މެމްބަރުކަން ކޮށްފައިވެއެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ، ކިއުބާ އަދި ޗައިނާވެސް ހިމެނެއެވެ.

comment ކޮމެންޓް