ދިވެހި ފިލްމު އެވޯޑްސްގައި މިއަހަރު 13 ފިލްމެއް ވާދަކުރާނެ

އަށްވަނަ ދިވެހި ފިލްމު އެވޯޑްސް ހަފްލާގެ ތެރޭގައި މަޝްހޫރު އެކްޓްރެސް އައިޝަތު ރިޝްމީ --- ސަން ފައިލް ފޮޓޯ

އަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފިލްމު އެވޯޑްސް 9" އަކަށް ޖުމްލަ 13 ފިލްމެއް ހުށަހަޅައިފި އެވެ.

ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފިލްމު އެވޯޑްސްއަށް މިއަހަރު ހުށަހަޅާފައިވަނީ 12 ފީޗަރ ފިލްމާއި އެއް ކުރު ފިލްމެވެ.

ދިވެހި ފިލްމީ އުފެއްދުންތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރެއްްގައި ދެމުން އަންނަ ދިވެހި ފިލްމް އެވޯޑްސްގައި މި އަހަރު ބައިވެރިކުރުމަށް ހަމަޖައްސާފައިވަނީ 2017ވަނަ އަހަރާއި މިދިޔަ އަހަރުގެ ފިލްމުތަކެވެ.

ފިލްމު އެވޯޑްސްއަށް ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ އެކެއްގައެވެ.

ފާއިތުވި ދެ އަހަރު ދިވެހި ފިލްމު އިންޑަސްޓްރީން ވަނީ ތަފާތު ގިނަ ފިލްމުތަކެއް ނެރެފައެވެ. އެގޮތުން 2017 ވަނަ އަހަރުގައި އަށް ފިލްމެއް ނެރުނު އިރު މިދިޔަ އަހަރު ވަނީ ފަސް ފިލްމެއް ނެރެފައެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ނެރުނު މަގުބޫލު ފިލްމުތަކުގެ ތެރޭގައި "މަލިކާ" އާއި "ވިޝްކާ" އާއި "މިއީ ލޯތްބަކީ" އާއި "ހައްދު" އަދި "ބޮސް" ހިމެނެއެވެ.

މިިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފިލްމު އެވޯޑްސް ވަނީ ކެންސަލް ކޮށްލާފައެވެ. އެންސީއޭ އިން ބުނީ އެގޮތަށް ނިންމާފައިވަނީ ދެ އަހަރުގެ ފިލްމުތައް އެއްކޮށްގެން އެވޯޑް ދިނުމަށެވެ.

އަންނަ މަހުގައި ފިލްމު އެވޯޑްސް 9 ބޭއްވުމަށް ނިންމި ނަމަވެސް އަދި ސީދާ ދުވަހެއް ހަމަޖައްސާފައެއް ނުވެއެވެ.

comment ކޮމެންޓް