އިސްރާ އާއި މިޢުރާޖަކީ ފުލޯކު ވާހަކައެއް ނޫން

މަސްޖިދުލް އަލް އަގްސާ

ޢައްލާމާ މުޙައްމަދު އަސަދުގެ "ދަ މެސެޖް އޮފް ދަ ޤުރްއާން" އަކީ ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާއެކެވެ. ކުރު ގޮތަކަށް ތަފްސީރު ވެސް ހިމަނުއްވައިގެން ކުރެއްވި ތަރުޖަމާއެކެވެ. އެހެން ބެއިފުޅުންގެ ރައުޔުފުޅުތައް ތަފާތު ވެދާނެއެވެ. އަޅުގަނޑުގެ ނަޒަރުގައި މިއީ އިނގިރޭސި ބަހަށް ކުރެވިފައި ވާ ކީރިތި ޤުރްއާނުގެ އެންމެ ރަނގަޅު ދެ ތަރުޖަމާގެ ތެރެއިން އެއް ތަރުޖަމާއެވެ. އަނެއް ތަރުޖަމާ އަކީ "ދަ ސްޓަޑީ ޤުރްއާން: އަ ނިއު ޓްރާންސްލޭޝަން އެންޑް ކޮމެންޓްރީ" މި ނަމުގައި ސައްޔިދު ޙުސައިން ނަޞްރު އިސްކޮށް ހުންނަވައިގެން ދާދި ފަހުން ކުރެވުނު ތަރުޖަމާއެވެ.

ޢައްލާމާ އަސަދުގެ ތަރުޖަމާ ނިންމަވައިލައްވައިފައި ވަނީ އެޕެންޑިކްސްތަކެއްގައި، އިސްލާމީ ޢަޤީދާ އާއި ތަޢުލީމާތާ ގުޅޭ ވަރަށް އަސާސީ ބައެއް މައުޟޫޢުތަކަށް ލިޔުއްވައިފައިވާ މަޒުމޫނުތަކަކުންނެވެ. އެއިގެ ތެރެއިން ހަތަރު ވަނަ މަޒުމޫނުގައި އަލި އަޅުއްވައިލައްވައިފައި ވަނީ ލޮބުވެތި ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަގެ އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅުގެ މައްޗަށެވެ. ތިރީގައި މި ހުށައަޅައިލަނީ އެ މަޒުމޫނުގެ ތަރުޖަމާއެކެވެ. އަސަދުގެ މަޒުމޫނަކީ ވަރަށް ޢިލްމީ ބަހުރުވަޔަކުން، އެކަޑަމިކް މަންހަޖާ އެއްގޮތަށް ލިޔުއްވައިފައިވާ މަޒުމޫނަކަށް ވާތީ، އަޅުގަނޑު ބަލައިފައި ވާނީ އަސްލު މަޒުމޫނު އޮތް ގޮތަށް ތަރުޖަމާ ކުރުމުގެ ބަދަލުގައި، އަސަދުގެ ޢިބާރާތްތަކުގެ މާނަ ނުގެއްލޭ ގޮތަށް، ވީހައި ސީދާސާދާ ގޮތެއްގައި ދިވެހި ބަހަށް ގެނައުމަށެވެ. މަޒުމޫނުގެ ތެރޭގައި އަސަދު ހިމަނުއްވައިފައިވާ ޙަވާލާތައް ވެސް ތަރުޖަމާގައި ގެނެސްފައެއް ނުވާނެއެވެ.

އަސަދުގެ މަޒުމޫނު

"ކީރިތި ނަބިއްޔާ މައްކާއިން އަލްޤުދުސަށް ކުރެއްވި "ރެއިގަނޑުގެ ދަތުރުފުޅު" ނުވަތަ "އިސްރާ" އާއި، އަލްޤުދުސުން އުޑަށް އަރައިވަޑައިގަތްގަތުން ނުވަތަ "މިޢްރާޖު" އަކީ ޙަޤީޤަތުގައި ރޫޙާނިއްޔަ ޢާލަމުގައި އިތުރު އެކަލޭގެފާނު ކުރެއްވެވި އެއް ތަޖުރިބާއެއްގެ ދެ މަރުޙަލާއެވެ. މި ޙާދިސާ ހިނގީ އިތުރު އެކަލޭގެފާނު މައްކާއިން މަދީނާޔަށް ހިޖުރަ ކުރެއްވުމުގެ އެއް އަހަރު ކުރީންނެވެ. ވަރަށް މުޢުތަބަރުކޮށް ރިވާ ކުރެވިފައިވާ ވަރަށް ގިނަ ޙަދީޘްތަކުގައި އޮންނަ ގޮތުން، ﷲގެ ނަބިއްޔާ ރެއިގަނޑުގެ ވަގުތެއްގައި، އެކަލާނގެ މަލާއިކަތާ ޖިބްރީލް ޢަލައިހިއްސަލާމްގެ އަރިއަހުގައި މައްކާއިން އަލްޤުދުސްގައި އޮންނަ ސުލައިމާނުގެފާނުގެ މިސްކިތްކޮޅުގެ ސަރަޙައްދު ނުވަތަ ބައިތުލްމަޤްދިސަށް ގެންދެވުނެވެ. އަދި އެ ބަރަކާތްތެރި ޙަރަމްފުޅުގައި އިތުރު އެކަލޭގެފާނު، އެކަލޭގެފާނުގެ ކުރީން ފޮނުއްވުނު ރަސޫލު ބެއިކަލުންނާއި ނަބީ ބެއިކަލުންގެ ޖަމާޢަތެއްގައި އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވިއެވެ. އެއީ އިތުރު އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ އެތައް ޒަމާނެއް ކުރީން ދުނިޔެ ދޫކުރައްވައި ސުވަރުގެ ވަޑައިގެންފައިވާ ބެއިކަލުންނެވެ. މިޢުރާޖުގެ ދަތުރުފުޅުގައި އުޑުތަކުން ވެސް އެއިގެ ތެރެއިން ބައެއް ބެއިކަލުންނާ އިތުރު މާތް ނަބިއްޔާއާ ބައްދަލު ވެވަޑައިގަތެވެ. އިސްލާމީ އިލާހިއްޔާތުގެ ނަޒަރުން ބަލާ އިރު، އިސްރާއަށް ވުރެ ވެސް މުހިއްމުކަން ބޮޑީ މިޢުރާޖުގެ ދަތުރުފުޅުގެއެވެ. އެހެނީ އިސްލާމް ދީނުގެ އަސާސީ ބައެއްގެ ގޮތުގައި، ފަރުޟު ފަސް ނަމާދު ޝަރުޢު ކުރެއްވެވުނީ މިޢުރާޖުގެ ދަތުރުފުޅުގެ ތެރޭގައި މާތްﷲ ކުރެއްވެވި އަމުރުފުޅަކުންނެވެ.

އިސްރާ އާއި މިޢުރާޖުގެ ޙާދިސާ ނުވަތަ އެ ކަމުގެ އަޞްލާއި ޠަބީޢަތާ ބެހޭގޮތުން، ނުވަތަ އެކަން ހިނގީ ކިހިނެއްތޯ މި ސުވާލާ މެދުގައި ކީރިތި މާތް ނަބިއްޔާ ތަފްޞީލީ ގޮތެއްގައި ސަރީޙަ ޝަރަޙައެއް ދެއްވައިފައެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމް މުފައްކިރުން އެ ދަތުރުފުޅުތަކުގެ ޙަޤީޤީ ޠަބީޢަތާ މެދުގައި ތަފާތު ގޮތްގޮތަށް ވިސްނުންފުޅު ގެންގުޅުއްވައިފައި ވެއެވެ. އިތުރު އެކަލޭގެފާނުގެ ޞަޙާބީންގެ މެދުގައި ވެސް އެކަމާ މެދުގައި ތަފާތު ވިސްނުންފުޅުތައް އޮތެވެ. ޞަޙާބީން ކުރެ މަދު ބެއިފުޅަކު ފިޔަވައި، އެހެން ހުރިހާ ބެއިފުޅުން ދެކެވަޑައިގެންނެވި ގޮތުގައި މައްކާއިން އަލްޤުދުސަށް ކުރެއްވެވި އިސްރާގެ ދަތުރުފުޅަކީ ވެސް، އަދި އަލްޤުދުސުން އުޑުތަކަށް އިތުރު އެކަލޭގެފާނު އުފުއްލެވުނު މިޢުރާޖުގެ ދަތުރުފުޅަކީ ވެސް މާއްދީ ގޮތެއްގައި ހިނގައިދިޔަ ކަމެކެވެ. އެބަހީ، އެއީ ހަމައެކަނި ރޫޙާނީ ގޮތެއްގައި ހިނގައިދިޔަ ޙާދިސާއެއް ނޫނެވެ. އެކަލޭގެފާނުގެ ރޫޙުފުޅެކޭ އެއްފަދައިން ހަށިކޮޅު ވެސް، އަޅުގަނޑުމެން ދުނިޔޭގައި އެއް ތަނުން އަނެއް ތަނަށް ދަތުރު ކޮށްއުޅޭ ބީދައިން، މާއްދީ ގޮތެއްގައި މައްކާއިން އަލްޤުދުސަށް އަދި އަލްޤުދުސުން އުޑުތަކަށް އުފުއްލެވުނު ދަތުރުފުޅެކެވެ.

ނަމަވެސް ޞަޙާބީންގެ ތެރެއިން މަދު ނަމަވެސް ބެއިފުޅުންކޮޅެއްގެ ރައުޔަކީ، އިސްރާ އާއި މިޢްރާޖަކީ ރޫޙާނީ ޙާދިސާއެއް ކަމުގެ ރައުޔެވެ. މި ރައުޔު ދެއްވެވި ބެއިފުޅުންގެ ތެރެއިން ޚާއްޞަ ގޮތެއްގައި އިތުރު އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ފާހަގަ ކޮށްލެވެއެވެ. އެކަމަނާ ވަރަށް ޔަޤީންކަމާ އެކު ވިދާޅުވެފައި އޮންނަނީ އިތުރު އެކަލޭގެފާނުގެ އިސްރާ އާއި މިޢްރާޖުގެ ދަތުރުފުޅަކީ "ރޫޙުފުޅުން" ނުވަތަ "ބިއްރޫޙިހީ" ކުރެއްވި ދަތުރުފުޅެއް ކަމުގައްޔާއި، އެކަލޭގެފާނުގެ ހަށިކޮޅު އެނދުދާންކޮޅާ ވަކި ނުވާ ކަމުގައެވެ. ތާބިޢީން ކުރެ މަތިވެރި ޢިލްމުވެރިޔެއް ކަމުގައިވާ އަލްޙަސަނުލް ބަޞްރީ ވެސް ވަރަށް ސާބިތުކަމާ އެކު ހިއްޕެވި ރައުޔަކީ މިއެވެ. އެއާ ޚިލާފަށް، އިސްރާ އާއި މިޢުރާޖަކީ މާއްދީ ގޮތެއްގައި ހިނގައިދިޔަ ކަމެއްކަމަށް ވިދާޅުވާ ޢިލްމުވެރީން ބުރަ ވެވަޑައިގަންނަވަނީ ގިނަ ޞަޙާބީންގެ ވިސްނުންފުޅަށެވެ. އެހެން ނަމަވެސް، އެ ބެއިފުޅުންގެ މައުޤިފަށް ދަލާލަތު ކޮށްދޭ ޞަރީޙު އަދި މާނައިގެ ގޮތުން ޤަޠުޢީ ނުވަތަ ޔަޤީނީ ޙަދީޘެއް ނެތެވެ. އެބަހީ، އިސްރާ އާއި މިޢުރާޖަކީ މާއްދީ ގޮތެއްގައި ހިނގި ކަމެކޭ، ނުވަތަ ތިމަން ކަލޭގެފާނު އެ ދަތުރުފުޅު ކުރެއްވީ ހަށިކޮޅުންނޭ، މިފަދައިން އިތުރު މާތް ނަބިއްޔާ އެއްވެސް އިރަކު ވިދާޅުވެފައެއް ނުވެއެވެ.

ކީރިތި ޤުރްއާނުގެ އިސްރާ ސޫރަތުގެ ފުރަތަމަ އާޔަތުގެ ފުރަތަމަ ޢިބާރާތުގައި އޮންނަނީ "އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރެއިގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ" މިފަދައިންނެވެ. މި ބަރަކާތްތެރި ބަސްފުޅުގައި އޮންނަ "ޢަބްދު" މި ލަފުޒުން، ބައެއް އިސްލާމީ ޢިލްމުވެރީން އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅަކީ މާއްދީ ގޮތެއްގައި ހިނގައިދިޔަ ކަމެއް ކަމަށް، ނުވަތަ އެ ދަތުރުފުޅު އިތުރު މާތް ނަބިއްޔާ ކުރެއްވެވީ ރޫޙުފުޅާއި ހަށިކޮޅުން ކަމަށް ދަލީލު ނަންގަވައެވެ. އެގޮތަށް ވިދާޅުވާ ބެއިފުޅުންގެ ނަޒަރުގައި، މި ޢިބާރާތުގައި ކީރިތި ރަސޫލާއަށް ނިސްބަތް ކުރައްވައިފައި ވާ "ޢަބްދު" މި ލަފުޒުން މުރާދު ކުރެވެނީ ފުރިހަމަ މަޚްލޫޤެކެވެ. މަޚްލޫޤެއްގެ ގޮތުގައި އިންސާނާ ފުރިހަމަ ވަނީ ރޫޙުގެ އިތުރުން މާއްދީ ހަށިގަނޑު ވެސް ހިމެނިގެންނެވެ. އެހެންކަމުން، ﷲ ތަޢާލާގެ ބަސްފުޅުގައި "ޢަބްދިހީ" މިފަދައިން އޮންނާނީ އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅަކީ ހަމައެކަނި ރޫޙުފުޅުން ކުރެއްވި ތަޖުރިބާއެއް ކަމުގައި ވުމުގެ ބަދަލުގައި، ރޫޙުފުޅާއި ހަށިކޮޅު ޝާމިލު ވެގެން ހިނގައިދިޔަ ކަމެއް ކަމުގައި ވާތީއެވެ. ނަމަވެސް މި މާނަ ކުރުމުގައި ރިޢާޔަތް ކުރެވިފައި ނުވާ ކަމަކީ، "ޢަބްދު" މި ލަފުޒަކީ އާޔަތުގެ ސިޔާގުގައި އިތުރު މާތް ނަބިއްޔާގެ އިންސާނީވަންތަކަމުގެ ސިފަފުޅަށް އިޝާރާތް ކުރެއްވުން ފިޔަވައި، އެކަލޭގެފާނުގެ ޒާތުފުޅާ ބެހޭ އެހެން އިތުރު ވަކި މުރާދުފުޅެއް ނެތް ލަފުޒެއް ކަމުގައި ވުމުގެ އިޙްތިމާލު ވެސް އޮންނާނޭ ކަމެވެ. މިއީ ކީރިތި ޤުރްއާނުގެ އެހެން އެތައް އާޔަތަކުން އަންގަވައިފައިވާ ޙަޤީޤަތެއްގެ ތަކުރާރުވުމެކެވެ. އެހެނީ، އިތުރު މާތް ނަބިއްޔާ އަކީ އެކަލޭގެފާނުގެ ކުރީން ފޮނުއްވެވުނު އެންމެހައި ރަސޫލުންނާއި ނަބީންނެކޭ އެއްފަދައިން އިންސާނެއް ކަމާއި، ﷲގެ އަޅުތަކުންގެ ތެރެއިން އަޅެއް ކަމާއި، އިންސާނީ ފިޠުރަތާއި ޠަބީޢަތާ ޚިލާފު އެއްވެސް ކަހަލަ "މަތީބާރެއް" އިތުރު އެކަލޭގެފާނަށް ނުދެއްވަވާކަން އެހެން އެތައް އާޔަތެއްގައި ވަނީ ބަޔާން ކުރައްވައިފައެވެ. މި ދެންނެވި އާޔަތުގެ ނިމުމުގައި ވާ ބަސްފުޅުތަކުން ވެސް މި ޙަޤީޤަތަށް އިޝާރާތް ކުރައްވާ ކަމަށް އަޅުގަނޑު ދެކެމެވެ. އެ ބަސްފުޅުތަކުގައި އޮންނަނީ "ހަމަ ކަށަވަރުން ހުރިހައި އަޑުތަކެއް އައްސަވައިވޮޑިގެން ވަނީ، އަދި ހުރިހައި އެއްޗެއްސާއި ކަންކަން ދެކެވޮޑިގެން ވަނީ ހަމައެކަނި އެކަލާނގެއެވެ" މިފަދައިންނެވެ. މި ބަސްފުޅުތައް އައިސްފައި ވަނީ، އިތުރު މާތް ނަބިއްޔާއަށް ﷲ ތަޢާލާގެ "ބައެއް އާޔަތްތައް" ދެއްކެވި ވާހަކަ އޮތް ޢިބާރާތުގެ ފަހަތުގައެވެ. އެބަހީ، އިތުރު އެކަލޭގެފާނަށް އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅުގެ ތެރޭގައި އިލާހީ ސިއްރުތަކާއި ޢިލްމުތަކުގެ ތެރެއިން، އެކަލާނގެ ކުޅަދުންވަންތަކަމުގެ ބައެއް ކަންކަން ދެއްކެވުނެވެ. ނަމަވެސް ހުރިހާ ކަމެއް ނުދެއްކެވެއެވެ. ހުރިހާ ކަމެއް ދެކެދެނެވޮޑިގަތުން ވަނީ ހަމައެކަނި އެކަލާނގެ ރަސްކަންފުޅަށެވެ.

އިސްރާ އާއި މިޢުރާޖަކީ މާއްދީ ގޮތެއްގައި ހިނގައިދިޔަ ކަމެއް ނޫން ކަމަށާއި، އެއީ ރޫޙާނީ ޢާލަމުގައި ރޫޙާނީ ގޮތެއްގައި ހިނގި ކަމެއްކަމުގެ ރައުޔަށް އެންމެ ބޮޑަށް ބާރު ލިބޭ ޢިލްމީ ސަބަބަކީ އެކަމާ ބެހޭގޮތުން ވާރިދު ވެފައިވާ ޞައްޙަ ޙަދީޘްފުޅުތަކުގައި ހިމެނޭ ނުހަނު މުތަޝާބިހު، ނުވަތަ އެލަގޮރިކަލް، ސިމްބޮލިކަލް، ނުވަތަ ރަމްޒީ ސިފަ ކުރެއްވުންތަކެވެ. މި ދަންނަވާ ސިފަކުރެއްވުންތަކަކީ އެ ކަންކަމުގެ މުތަޝާބިހުކަން، ނުވަތަ އެއީ އެލަގޮރީތަކެއްކަން، ނުވަތަ ރަމްޒީ ސިފަކުރެއްވުންތަކެއްކަން ކަނޑައެޅިގެން މުތުލަގަށް އެނގޭ ސިފަކުރެއްވުންތަކެކެވެ. އެއީ ލަފުޒީ މާނައިގައި ކުރައްވައިފައިވާ ސިފަކުރެއްވުންތަކެއް ކަމަށް ވުމުގެ އިހުތިމާލެއް ނެތް ސިފަކުރެއްވުންތަކެކެވެ. އޭގެ ތެރެއިން އެއް މިސާލަކީ، އަލްޤުދުސްގައި ވެސް، އަދި ފަހުން އުޑުތަކުގެ އެކިއެކި މަންޒިލްތަކުން ވެސް، ކުރީގެ ބައެއްބައެއް ރަސޫލުންނާއި ނަބީންނާ ބައްދަލު ވެވަޑައިގެންނެވިކަމަށް އިތުރު މާތް ނަބިއްޔާ ވިދާޅުވެފައިވާ ޙަދީޘްފުޅުތަކެވެ. އެ ހުރިހާ ބެއިބެއިކަލުންނަކީ ވެސް އިތުރު މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގެ މާކުރީން ދުނިޔެ ދޫކުރައްވައިފައިވާ ބެއިކަލުންނެވެ. އެއް ޙަދީޘެއްގައި އޮންނަ ގޮތުން، އިތުރު މާތް ނަބިއްޔާ މޫސާ ޢަލައިހިއްސަލާމްގެ ޤަބުރުފުޅަށް ޒިޔާރަތް ކުރެއްވިއެވެ. އަދި މޫސާގެފާނު ޤަބުރުފުޅުގައި ނަމާދުފުޅު ކުރައްވާން ހުންނަވަނިކޮށް ދެކެވަޑައިގަތެވެ. ދެވަނަ މިސާލަކީ، އިސްރާގެ ދަތުރުފުޅުގައި އިތުރު އެކަލޭގެފާނަށް މުސްކުޅި އަންހެނަކު ފެނިވަޑައިގެންނެވި ކަމަށް އޮންނަ ޙަދީޘްފުޅެވެ. ޖިބްރީލް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ އަރިއަހުގައި ދެންނެވީ "އެ މުސްކުޅި އަންހެން މީހާއަކީ ފަނާވެދަނިވި ދުނިޔެ" ކަމުގައެވެ. ތިންވަނަ މިސާލަކީ، އިތުރު އެކަލޭގެފާނަށް މުޑުވައް ކޮށްކޮށްފައި، ގޮވާން ކަނޑަމުން ދިޔަ ބަޔަކު ފެނިވަޑައިގަތް ކަމަށް އޮންނަ އޮތުމެވެ. އެމީހުން ގޮވާން ކެނޑުމާ އެކު، ގޮވާން ގަސްތަކުގައި ވަގުތުން ކުރާގަނޑުތައް އައިސް، ގޮވާން ހަރު ވެ ފައްކާ ވެދެއެވެ. އެމީހުން އަނެއްކާވެސް ގޮވާން ކަނޑަނީއެވެ. ޖިބްރީލް ޢަލައިހިއްސަލާމް އިތުރު އެކަލޭގެފާނަށް ދެންނެވި ގޮތުގައި، އެއީ ﷲގެ މަގުގައި ޖިހާދު ކުރާ މީހުންނެވެ. ހަތަރު ވަނަ މިސާލަކީ، އެ ބައެއްގެ ބޯތައް ހިލަތަކަކުން ޗިސްޗިސް ކުރެވެމުން ދިޔަ ބަޔަކު ފެނިވަޑައިގަތް ކަމަށް އޮންނަ ބަސްފުޅެވެ. އެ ބޯތައް ޗިސްޗިސް ވެގެން ދިޔުމާ އެކު، އެމީހުންގެ ހަށިތަކުން އައު ބޯތަކެއް ފަޅައެވެ. އަދި މިކަން ތަކުރާރު ވަމުން ދެއެވެ. ޖިބްރީލްގެފާނު ވިދާޅުވެދެއްވި ގޮތުގައި އެއީ ނަމާދުގެ މަތީން ހަނދުމަ ނެތި ކޮށްލި މީހުންނެވެ. ފަސްވަނަ މިސާލަކީ ކައްކައިފައި ހުރި ތާޒާ އަދި މާތް ކާނާގެ ގޮތުގައި ވާ މަސް އުކައިލުމަށް ފަހު، ކުނި ވެފައި ހުރި ރޯމަސް ކަމުން ދިޔަ ބަޔަކު ފެނިވަޑައިގަތް ކަމަށް އޮންނަ ބަސްފުޅެވެ. ޖިބްރީލްގެފާނު އެންގެވީ އެއީ ޒިނޭ ކުރާ މީހުން ކަމުގައެވެ. މި ހުރިހާ ކަންކަމަކީ ވެސް އެލަގޮރިކަލް ނުވަތަ މުތަޝާބިހު ސިފަ ކުރެއްވުންތަކެއްކަން ސާފެވެ.

އިތުރު މާތް ސާހިބާ އެކަލޭގެފާނުގެ އިސްރާ އާއި މިޢުރާޖުގެ ވާހަކަފުޅު ބަޔާން ކޮށްދެއްވި އެންމެ މަޝްހޫރު ޙަދީޘްފުޅުގައި އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. "ކަޢްބާގެ އަރިއަހުގައި ތިމަން ކަލޭގެފާނު އޮންނަވަނިކޮށް، ތިމަން ކަލޭގެފާނުގެ އަރިއަހަށް މަލާއިކަތް ބެއިކަލަކު ވަޑައިގެންނެވިއެވެ. އަދި ތިމަން ކަލޭގެފާނުގެ މެއިފުޅު ފަޅުއްވައިލައްވައި، ތިމަން ކަލޭގެފާނުގެ ހިތްޕުޅު ނެންގެވިއެވެ. އަދި އެ ކަންވާރެއް ފުރޭންދެން އީމާންކަން ހުރި ރަނުގެ ކަންވާރުކޮޅެއް ގެންނަވައި، އެ ކަންވާރުކޮޅަށް ތިމަން ކަލޭގެފާނުގެ ހިތްޕުޅު ލެއްވެވިއެވެ. ދެން ތިމަން ކަލޭގެފާނުގެ ހިތްޕުޅު އެއިން ދޮވެވި، އީމާންކަމުން ފުރިގެން ދިޔައެވެ. ދެން އެ މަލާއިކަތާ ތިމަން ކަލޭގެފާނުގެ ހިތްޕުޅު އަނބުރާ ތިމަން ކަލޭގެފާނުގެ މެއިފުޅަށް ލެއްވެވިއެވެ. ..." "އީމާންކަން" މިއީ މާއްދީ ސޫރައެއް ނުވަތަ ވުޖޫދެއް ނެތް، މައުނަވީ މަފްހޫމެއް ނުވަތަ އެއްޗެއްކަން އެއީ އެއްވެސް ޝައްކެއް ނެތި އެނގޭ ކަމެވެ. އެހެންކަމުން، މިފަދަ އެލަގޮރިކަލް ނުވަތަ ރަމްޒީ ސިފަކުރެއްވުމެއްގެ އިބާރާތުން އިތުރު މާތް ނަބިއްޔާ އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅުގެ މުޤައްދިމާ ސިފަ ކޮށްދެއްވިދެއްވުމުން ސާފު ވެގެން ދަނީ، އެ މުޤައްދިމާ އާއި އޭގެ ފަހަށް ދެން ހިނގައިގެން ދިޔަ ކަންތައްތަކަކީ ރޫޙާނީ ގޮތެއްގައި ހިނގައިދިޔަ ކަންތައްތަކެއް ކަމަށް ޚުދު އިތުރު އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަމެވެ.

އިސްރާ އާއި މިޢުރާޖަކީ މާއްދީ ގޮތެއްގައި، މާއްދީ ސިފައެއްގައި ހިނގައިދިޔަ ކަމެއް ކަމަށް ދަލީލު ކުރާ ހަރުދަނާ އަދި އިޢުތިރާޟު ނުކުރެވޭ ވަރުގެ ހެއްކެއް ނެތެވެ. އެހެން ނަމަވެސް، ހަމަ އެއާ އެކުއެކުގައި، އިސްރާ އާއި މިޢުރާޖަކީ ހިނގިކަމެއް ކަމާ މެދު، ނުވަތަ އެކަމުގެ މައުޟޫޢީ ޙަޤީޤަތާ މެދު ޝައްކު އުފައްދާން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތެވެ. އިސްލާމީ ތަޤުވީމުގެ ފުރަތަމަ ޤަރުނުތަކުގެ ދުވަސްވަރު ނަފްސާނީ ޢިލްމުގެ ދާއިރާ އޮތް މިންވަރުން، ފުރަތަމަ ޖީލުތަކުގެ މުސްލިމް ޢިލްމުވެރީންނަށް މިކަމުގައި ފެނިވަޑައިގަންނަވާނޭ އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ އިސްރާ އާއި މިޢުރާޖަކީ މާއްދީ ގޮތެއްގައި ހިނގައިދިޔަ ކަމެއް ކަމަށް، އަދި އެ ދަތުރުފުޅުތަކަކީ އިތުރު އެކަލޭގެފާނުގެ ރޫޙުފުޅެކޭ އެއްފަދައިން ހަށިކޮޅުން، ޢާއްމުކޮށް އިންސާނުން ދުނިޔޭގައި އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރާ ބީދައިން ކުރެއްވެވި ދަތުރުފުޅެއް ކަމަށް ބެއްލެވުމެވެ. އަނެއް ގޮތަކީ، އެއީ އިތުރު އެކަލޭގެފާނަށް ފެނިވަޑައިގަތް އާދައިގެ ހުވަފެންފުޅެއް ކަމަށް ބެއްލެވުމެވެ. އެ ބެއިފުޅުންގެ ވިސްނުންފުޅުގައި، އިސްރާ އާއި މިޢުރާޖު ފަދަ މުހިއްމުކަން ބޮޑު، އަދި އެ ކަމެއްގެ އިޢުޖާޒީ އަހައްމިއްޔަތާއި މަތިވެރިކަން އިންތިހާޔަށް ބޮޑު މިފަދަ ހާދިސާއެއް އާދައިގެ ހުވަފެނެއްގެ ދަރަޖަޔަށް ދަށް ކޮށެއްނުލެވޭނެއެވެ. އެއީ ރަނގަޅު ވިސްނުންފުޅެއް ކަމާ މެދަކު ޝައްކެއް ނެތެވެ. އެހެންކަމުން، އެއިރުގެ ގިނަ ޢިލްމުވެރީން ވަރުގަދަޔަށް ހިފެހެއްޓެވި ރައުޔަކީ، އަދި ދިފާޢު ކުރެއްވެވި ރައުޔަކީ އިސްރާ އާއި މިޢުރާޖަކީ މާއްދީ ގޮތެއްގައި ހިނގި ކަމެއްކަމުގެ ރައުޔެވެ. އުއްމުލް މުއުމިނީން ޢާއިޝާ އާއި، މުޢާވިޔަތު ބިން އަބީ ސުފްޔާނާއި، ޙަސަނުލް ބަޞްރީ ފަދަ ބެއިބެއިފުޅުންގެ ރައުޔާ ވެސް ޚިލާފަށެވެ.

ނަމަވެސް މި ޒަމާނުގެ ޢިލްމީ ހޯދުންތަކާއި ދިރާސާތަކުގެ އަލީގައި އަޅުގަނޑުމެންނަށް ކަށަވަރު ކުރެވިފައި ވާ ކަމަކީ، މާއްދީ ގޮތެއްގައި ކަމެއް ހިނގުން ފިޔަވައި ދެން އޮންނަ ހަމައެކަނި ގޮތަކީ ހުވަފެނަކުން އެކަމެއް ހިނގުން ނޫންކަމެވެ. އަޅުގަނޑު ވެސް އެއްބަހެވެ. "ސައިކިކަލް" ޙަޤީޤަތްތަކާއި ކަންކަމާ ބެހޭ ދިރާސާތަކާއި ތަޙުޤީޤުތަކުގެ ދާއިރާގައި އަޅުގަނޑުމެން އަދި ވެސް މިތިބީ ވަރަށް ޅަފަތުގެ މަރުޙަލާއެއްގައެވެ. ނަމަވެސް މިހައި ހިސާބުން ވެސް، ވަރަށް ފައުޅުކަން ބޮޑު ގޮތެއްގައި ސާބިތު ވެފައި ވަނީ، އިންސާނަކު ތަޖުރިބާ ކުރާ ރޫޙާނިއްޔަ ކޮންމެ ކަމަކީ ހަމައެކަނި އޭނާގެ ސިކުނޑީގެ ތެރޭގައި ހިނގާ، ވާޤިޢީ ނުވަތަ ފެކްޗުއަލް އެއްވެސް އުންސުރެއް ނުހިމެނޭ، މައުޟޫޢީ ނުވަތަ އޮބްޖެކްޓިވް ޙަޤީޤަތެއް ނެތް ކަމަކަށް ނުވާކަމެވެ. "އިންސާނަކު ތަޖުރިބާ ކުރާ ރޫޙާނިއްޔަ ކަމެކޭ" މި ދަންނަވަނީ، އިންސާނާގެ މާއްދީ އެއްވެސް ގުނަވަނެއްގެ ބައިވެރިވުމެއް، ޝާމިލު ވުމެއް އެކަމެއްގައި ނެތި، ހަމައެކަނި އޭނާގެ ރޫޙާނީ ވުޖޫދުގެ ދާއިރާގެ ތެރޭގައި، ނުވަތަ ހަމައެކަނި އޭނާގެ ރޫޙު އެކަމެއްގައި ޝާމިލު ވާގޮތުން ހިނގާ ނުވަތަ ތަޖުރިބާ ކުރެވޭ ކަންކަމަށެވެ. ޒަމާނީ ޢިލްމުގެ އަލީގައި މިހާރު އަޅުގަނޑުމެންނަށް އެނގޭ ގޮތުން، ބައެއް ޚާއްޞަ އަދި އިސްތިސްނާ ޙާލަތުތަކުގައި، ރޫޙާނީ ގޮތުން އިންސާނަކު ތަޖުރިބާ ކުރާ ކަންތައްތަކަކީ، އޭނާގެ މާއްދީ ހަށިގަނޑުން ތަޖުރިބާ ކުރާ ކަންކަމަށް ވުރެ، އެ ކަންކަމުގެ ޙަޤީޤީވަންތަކަން ނުވަތަ "އޮބްޖެކްޓިވް ފެކްޗުއަލް ރިއެލިޓީ" އެއްވެސް ގޮތަކުން ކުޑަ ނޫން ކަންތައްތަކެކެވެ. މިފަދަ ކަންކަމާ ބެހޭގޮތުން އިންސާނުންނަށް ލިބިގެންވާ ޢިލްމުގެ ދާއިރާ ވަރަށް ވެސް ހަންޏެވެ. އަދި އެފަދަ ރޫޙާނީ ތަޖުރިބާތަކުގެ ޙަޤީޤީ ޠަބީޢަތާއި، އެކަން ހިނގަނީ ކިހިނެއް ކޮން ގޮތަކަށް ކަމާ މެދު، ޔަޤީނީ ޢިލްމަކާ ހަމަޔަށް އަޅުގަނޑުމެންނަށް ދެވުމަކީ ގާތްގަނޑަކަށް މުސްތަޙީލު ވެސް ކަމެކެވެ. ނަމަވެސް މި ޒަމާނުގެ ނަފްސާނީ ޢިލްމުވެރީންގެ ބައެއް ޢިލްމީ ތަޙުޤީޤުތަކުން ފެނި، އެނގި، ކަށަވަރު ވެފައި ވަނީ، އިންސާނާގެ ރޫޙު އޭނާގެ ދިރިހުރި މާއްދީ ހަށިގަނޑުގެ މާއްދީ ޤައިދުން ވަގުތީ ގޮތެއްގައި މިނިވަން ވެގެން ދާ ޙާލަތުތައް މެދުވެރިވުން އެއީ ހިނގާ ކަމެއް ކަމެވެ. މިއީ ތަފާތު އެކިއެކި ދިމަދިމާއިން ރޫޙާނިއްޔަތުގެ ދުނިޔެ ތަޖުރިބާ ކުރާ، ރޫޙާނިއްޔަތުގެ އަހުލުވެރީން އެންމެ އިހުޒަމާނުއްސުރެ ދައްކަމުން އަންނަ ވާހަކައެކެވެ. މިއަދުގެ ޢިލްމީ ތަޙްޤީޤުތައް އެމީހުންގެ ވާހަކަތަކަށް ބާރު ލިއްބައިދިނީއެވެ. މި ދަންނަވާ ފަދައިން ވަގުތީ ގޮތުން ހަށިގަނޑުގެ ޤައިދުން މިނިވަން ވެގެންދާ ރޫޙަށް، އަޅުގަނޑުމެން މި ދިރިއުޅޭ މާއްދީ ޢާލަމުގެ ޒަމާން ނުވަތަ "ޓައިމް" އާއި މަކާން ނުވަތަ "ސްޕޭސް"ގެ ކަސްތޮޅުތަކުން ވެސް މިނިވަން ވެގެން، ރޫޙާނިއްޔަ ޢާލަމުގެ ތެރޭގައި ދަތުރުފަތުރުކޮށް އުޅެވޭކަމަށް ފެނެއެވެ. އަދި އަޅުގަނޑުމެންނަށް މި ފެންނަ މާއްދީ ދުނިޔެއާ ވަކީން ވުޖޫދު ވެގެންވާ ޙަޤީޤަތްތަކުގެ މައްޗަށް އެފަދަ ރޫޙުގެ ލޯ ހުޅުވި، އެފަދަ ޙަޤީޤަތްތައް ދެކެދެނެ ވުމުގެ ޤާބިލުކަން ވެސް ލިބޭކަމަށް ވެސް ފެނެއެވެ. މި ގޮތުގެ މަތީން ރޫޙާނިއްޔަތުގެ ޢާލަމަށް ދަތުރު ކުރާ ރޫޙަކަށް ފެންނަ އަދި ތަޖުރިބާ ކުރެވޭ ކަންކަން ނުހަނު ސާފު، ޞަރީޙަ، އަދި ޝާމިލު އެލަގޮރިކަލް ނުވަތަ ރަމްޒީ ފަހުމެއްގެ ގޮތުގައި އެ ރޫޙުގެ ވެރިޔާގެ މާއްދީ ސިކުނޑިޔަށް ނަގައިގަތުމުގެ ޤާބިލުކަން ވެސް އިންސާނާގެ ކިބައިގައި ލެއްވެވި ކަމަށް ބެލެވޭމެއެވެ. ނަމަވެސް އެފަދަ ތަޖުރިބާއެއް، އެކަން ދެކެ ނުވަތަ ތަޖުރިބާ ކޮށްފައި ނުވާ އެހެން ބަޔަކަށް ސިފަ ކޮށްދެވޭނެ ހަމައެކަނި ގޮތަކީ، ޝައްކެއް ނެތް ގޮތުގައި، އެލަގޮރިކަލް ނުވަތަ މުތަޝާބިހު ސިފަކުރުންތަކަކުން ބުނެދީ ބަޔާން ކޮށްދިނުމެވެ. މި ރޮނގުން ވިސްނުމުން، އިސްރާ އާއި މިޢުރާޖުގެ މަތިވެރި ޙާދިސާގައި އިތުރު މާތް ނަބިއްޔާއަށް ދެއްކެވުނު ޙަޤީޤަތްތައް، ކުރީން ދެންނެވި ފަދަ އެލަގޮރީތަކެއް ނުވަތަ މުތަޝާބިހު ސިފަކުރެއްވުންތަކަކުން ބަޔާން ކޮށްދެއްވި ސަބަބު ސާފު ވެގެން ދެއެވެ.

މި ހިސާބުން، ކިޔުންތެރީންގެ ސަމާލުކަމަށް ގެންނާން އަޅުގަނޑު ގަސްދު ކުރަނީ "ރޫޙާނީ މިޢުރާޖު" މި މައުޟޫޢުގައި، ވަރަށް ފުންނާބު އުސް އިސްލާމީ ޢިލްމުވެރިއެއް އަދި މުފައްކިރެއް ކަމުގައިވާ އިބްނުލް ޤައްޔިމް، އެކަލޭގެފާނު ލިޔުއްވި ޒާދުލް މަޢަދުގައި ގެންނަވައިފައިވާ ބަހުސުން ތަންކޮޅެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ޢާއިޝަތުގެފާނާއި މުޢާވިޔަތުގެފާނުގެ ރައުޔުގައި، މާތް ނަބިއްޔާގެ އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅަކީ ރޫޙާނީ ގޮތެއްގައި ކުރެއްވެވި ދަތުރުފުޅެކެވެ. އެބަހީ، އެ ދަތުރުފުޅު ކުރެއްވީ ހަމައެކަނި އެކަލޭގެފާނުގެ ރޫޙުފުޅުންނެވެ. އެކަލޭގެފާނުގެ ހަށިކޮޅު، އޮންނެވި ތަނާ ވަތްކެއް ނުވެއެވެ. ރިވާ ކުރެވިފައިވަނީ މިއީ ޙަސަނުލް ބަޞްރީގެ ވެސް ރައުޔު ކަމުގައެވެ. މިކަމުގައި އަޅުގަނޑުމެން ވިސްނާ އިރު، "އިސްރާ އާއި މިޢުރާޖަކީ ހުވަފެންފުޅެއްގައި ހިނގި ކަމެކޭ" މިފަދައިން ބުނުމާ، "އިސްރާ އާއި މިޢުރާޖަކީ އިތުރު އެކަލޭގެފާނުގެ މާއްދީ ހަށިކޮޅު ޝާމިލު ވުމެއް ނެތި ހަމައެކަނި ރޫޙުފުޅުން ކުރެއްވި ދަތުރުފުޅެކޭ" ބުނުމާ ދެމެދުގައި ހުރި ތަފާތު ދެނެގަތުން ކޮންމެހެން ވެސް ލާޒިމެވެ. އެހެނީ މި ދެ ގޮތުގައި ހުރި ތަފާތަކީ ނުހަނު ބޮޑު، އެހައިމެ މުހިއްމު ތަފާތެކެވެ. ހުވަފެނެއްގައި ކަންތައްތަކެއް ފެންނަ ފެނުމަކީ، އެ ހުވަފެން ދެކޭ މީހާގެ ސިކުނޑީގައި ކުރީއްސުރެ ހުރި ސޫރަތަކެއް ވަކި ގޮތަކަށް ތަމްސީލު ވެގެން ދާދިޔުމެކެވެ. ... ﷲގެ ރަސޫލާގެ އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅުގެ ޚަބަރު އަޅުގަނޑުމެންނާ ހަމަޔަށް ފޯރު ކޮށްދެއްވެވި ބެއިފުޅުން ބެހެނީ ދެ ޖަމާޢަތަކަށެވެ. އެއް ޖަމާޢަތަކީ، އެ ދަތުރުފުޅަކީ އިތުރު މާތް ނަބިއްޔާގެ ރޫޙުފުޅާއި ހަށިކޮޅުން، މި ދުނިޔޭގައި އިންސާނުން އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރާ ފަދައިން، ކުރެއްވި ދަތުރުފުޅެއް ކަމުގައި ވިދާޅުވާ ބެއިފުޅުންގެ ޖަމާޢަތެވެ. ދެވަނަ ޖަމާޢަތަކީ، އެ ދަތުރުފުޅަކީ އިތުރު އެކަލޭގެފާނުގެ ހަށިކޮޅު އެއްވެސް ތަނަކަށް ގެންދެވުމަކާ ނުލައި، ހަމައެކަނި އެކަލޭގެފާނުގެ ރޫޙުފުޅުން، ރޫޙާނީ ގޮތެއްގައި ކުރެއްވި ދަތުރުފުޅެއް ކަމަށް ދެކެވަޑައިގަންނަވާ ބެއިފުޅުންގެ ޖަމާޢަތެވެ. މި ދަންނަވާ ދެވަނަ ޖަމާޢަތުގެ ބެއިފުޅުން ވެސް، އިސްރާ އާއި މިޢުރާޖަކީ މާތް ނަބިއްޔާއަށް ފެނިވަޑައިގަތް އާދައިގެ ހުވަފެންފުޅެއް ކަމަކަށް ވިދާޅެއްނުވެއެވެ. އެ ބެއިފުޅުން ވިދާޅުވާ އެއްޗަކީ، އިތުރު އެކަލޭގެފާނުގެ ރޫޙުފުޅު އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅުގައި ހަށިކޮޅާ ވަކީން ދަތުރު ކުރައްވައި، މުފާރަޤާ ނުވަތަ މަރަށް ފަހުގައި މެނުވީ އިންސާނަކަށް ނުފެންނާނޭ ކަންތައްތަކެއް ދެކެވަޑައިގަތް ވާހަކައެވެ. އެއިރު އެކަލޭގެފާނުގެ ރޫޙުފުޅުގެ ޙާލަތަކީ، މަރު ވުމަށް ފަހު އުފުއްލެވޭ ރޫޙުގެ ޙާލަތާ އެއްފަދަ ޙާލަތެކެވެ. ނަމަވެސް އިސްރާ އާއި މިޢުރާޖުގައި އިތުރު ނަބިއްޔާގެ ރޫޙުފުޅު ކުރެއްވި ތަޖުރިބާއަކީ، އާދައިގެ އިންސާނެއްގެ ރޫޙު އާދައިގެ މަރަކަށް ފަހު މަލަކޫތިއްޔަ ޢާލަމަށް އުފުލިގެން އެ ދާދިޔުމުގައި ކުރާ ތަޖުރިބާޔަށް ވުރެ ހުރިހައި ގޮތަކުން މަތިވެރި، އެއަށްވުރެ ހުރިހައި ގޮތަކުން މާނަވެތި، ހުރިހައި ގޮތަކުން އެއަށްވުރެ ފުރާފުރިހަމަ ތަޖުރިބާއެކެވެ. އަދި ހަމަ ކަށަވަރުން އެއީ މީހަކަށް ނިދީގެ ޙާލަތުގައި ފެންނަ ހުވަފެނަކުން މިސާލު ޖެހޭ ވަރަށް ވުރެ މާ މަތިވެރި ކަމެކެވެ. ... މިޢުރާޖުގެ ދަތުރުފުޅުގައި އިތުރު މާތް ނަބިއްޔާއަށް ފެނިވަޑައިގަތް ނަބީ ބެއިކަލުންނާ މެދުގައި ދަންނައެވެ. އެއީ އެ ބެއިބެއިކަލުން އަވަހާރަ ވެގެން ދިޔުމަށް ފަހު، އެ ބެއިބެއިކަލުންގެ މާއްދީ ހަށިކޮޅުތަކާ ވަކި ވެވަޑައިގެން މަލަކޫތިއްޔަ ޢާލަމަށް ދަތުރު ކުރައްވައިފައިވާ ރޫޙުފުޅުތައް ފިޔަވައި އެހެން އެއްޗެއް ނުނެވެ. ތަފާތަކީ އިތުރު މާތް ނަބިއްޔާގެ ރޫޙުފުޅު އެ މަތިވެރި މަޤާމަށް އުފުއްލެވުނީ އެކަލޭގެފާނު އަވަހާރަ ވުމުގެ ކުރީން ކަމުގައި ވުމެވެ."

އެއްވެސް ޝައްކެއް ނެތް ގޮތުގައި، މި ދެންނެވި ގޮތުގެ މަތީން އިންސާނަކަށް ރޫޙާނީ ގޮތެއްގައި ކުރެވޭ ތަޖުރިބާ، ނުވަތަ ދިމާ ވާ ކަންތައްތަކަކީ، ނުވަތަ ހިނގާ ޙާދިސާތަކަކީ، މާއްދީ ގޮތެއްގައި އޭނާގެ ހަށިގަނޑު ޝާމިލު ވެގެން ހިނގާ ކަންތައްތަކަށް ވުރެ ދެރަވަރު، ނުވަތަ އެއަށްވުރެ ބަލިކަށި، ނުވަތަ އެއަށްވުރެ ޙަޤީޤީވަންތަކަން ކުޑަ، ނުވަތަ "އޮބްޖެކްޓިވް ރިއެލިޓީ" އެއްގެ ޙައިޘިއްޔަތުގައި އެއަށްވުރެ އުނި ކަންތައްތަކެއް ނޫނެވެ. އަދި ކީއްތޯއެވެ! އެއީ މާއްދީ ގޮތެއްގައި ހިނގާ ކަންކަމަށް ވުރެ މާ ފުރިހަމަ، މާ ޠާހިރު، މާ މާނަވެތި، އަދި މާ މަތިވެރި ކަމެކެވެ. އެފަދަ ރޫޙާނީ ޙާދިސާތަކަކީ އިންސާނާގެ މާއްދީ ހަށިގަނޑަށް ތަޖުރިބާ ކުރެވޭ ވަރަށް ވުރެ، އަދި ފުރިހަމަޔަށް ދެނެގަނެވޭ ވަރަށް ވުރެ މަތިވެރި ކަންތައްތަކެކެވެ. ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، އަދި އިބްނުލް ޤައްޔިމް ވެސް ވިދާޅުވެފައި އެވާ ފަދައިން، އެފަދަ ރޫޙާނީ ކަންތައްތަކަކީ އާދައިގެ ހުވަފެނެއްގައި ފެންނަ ކަންތައްތަކަށް ވުރެ ވެސް މާ މަތިވެރި ކަންތައްތަކެކެވެ. ސަބަބަކީ ހުވަފެނެއްގައި ފެންނަ ކަންކަމަކީ ހަމައެކަނި އެ ހުވަފެން ދެކޭ މީހާގެ ސިކުނޑީގެ ތެރޭގައި ތަމްސީލު ވެގެންދާ، އަދި އޭނާގެ ސިކުނޑީގެ ދާއިރާއިން ބޭރުގައި އެއްވެސް ކަހަލަ ވާޤިޢީ ނުވަތަ ފެކްޗުއަލް ޙަޤީޤަތެއް އޮންނަ ކަންކަން ކަމުގައި ނުވުމެވެ. އަދި ރޫޙާނީ ގޮތެއްގައި ހިނގާ ކަންކަމަކީ، މާއްދީ ހަށިގަނޑުގެ ވަސީލަތުން ކުރެވޭ ތަޖުރިބާތަކަށް ވުރެ އެއްވެސް ގޮތަކުން ޙަޤީޤީވަންތަކަން ކުޑަ ކަންތައްތަކެއް ކަމަށް ނުވުމެވެ.

އެހެންކަމުން، ކީރިތި ނަބިއްޔާގެ އިސްރާ އާއި މިޢުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނުގެ ހަށިކޮޅު އެކަމުގައި ޝާމިލު ނުވެ، ހަމައެކަނި ރޫޙާނީ ގޮތެއްގައި ކުރެއްވި ދަތުރުފުޅެކޭ، އަދި އެއީ ރޫޙާނިއްޔަ ޢާލަމުގައި ހިނގައިދިޔަ ކަމެކޭ ދެންނެވުމަކީ، އެއްވެސް ޙާލެއްގައި އިސްރާ އާއި މިޢުރާޖުގެ އާދަޔާ ޚިލާފު އަހައްމިއްޔަތާއި މަތިވެރިކަން ކުޑަ ވާނޭ ކަމެއް ނޫނެވެ. އެއާޚިލާފަށް، އެ ޙާދިސާ ރޫޙާނީ ގޮތެއްގައި ހިނގައިދިޔުމަކީ، ދުނިޔޭގައި އެއް ތަނުން އަނެއް ތަނަށް މީހުން ދަތުރުފަތުރު ކޮށްއުޅޭ ބީދައިން އެކަން ހިނގުމަށް ވުރެ އެތައް ގުނައެއް ބޮޑު މުޢުޖިޒާތެކެވެ. ހަމައެހެންމެ، އެއިން ދައްކުވައިދެނީ އިތުރު އެކަލޭގެފާނުގެ މަތިވެރި ޝަޚްޞިއްޔަތުގެ ޢަޖާއިބު ކުރުވަނިވި ރޫޙާނީ ފުރާފުރިހަމަކަމާއި މަތިވެރިކަމާއި ދަރަޖައެވެ. އެ ދަރަޖަޔަކީ މާތްﷲ ގ ރަސޫލު ބެއިކަލެއްގެ ޝަޚްޞިއްޔަތުގައި ހުރުން ކޮންމެހެން ލާޒިމު ދަރަޖައެކެވެ. ނަމަވެސް އަޅުގަނޑުމެން ފަދަ އާދައިގެ އިންސާނުންނަށް، މި ބާވަތުގެ ރޫޙާނީ ކަންކަން ހިނގާ ގޮތާއި، އެ ކަންކަމުގެ ޠަބީޢަތާއި ޒާތު ފުރިހަމަޔަށް އެނގުމަކީ ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ. އިންސާނުންގެ ސިކުނޑިތައް މަސައްކަތް ކުރަނީ، އިންސާނާ މިއުޅޭ ކައުނުގެ ޒަމާނާއި މަކާނުގެ ޤައިދުތަކުގެ ތެރެއިން އެނގޭ އެނގުންތަކެއްގެ ދާއިރާގައެވެ. އޭގެ ބޭރުން ހިނގާ ކަމެއް ޞަރީޙަ އަދި ޔަޤީނީ ގޮތެއްގައި، ފުރިހަމަޔަށް ދެނެގަނެ ސިފަ ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް އަބަދުވެސް ވަކި ހިސާބަކުން ޖެހޭނީ އިތުރަށް ކުރިޔަށް ގެންދެވޭނޭ ގޮތެއް ނުފެނިގެން ހުއްޓައިލާށެވެ.

ނިންމައިލުމުގެ ގޮތުން ދަންނަވައިލާން އޮތީ، އިތުރު މާތް ނަބިއްޔާ މިޢުރާޖުގެ ދަތުރުފުޅުގައި އުޑުތަކަށް އުފުއްލެވުމުގެ ކުރީން، އިސްރާގެ ދަތުރުފުޅުގައި މައްކާއިން އަލްޤުދުސަށް އެކަލޭގެފާނު ގެންދެވިގެންދެވުމަކީ، އެކަލޭގެފާނު އެ ދީނަކާއިގެން ވަޑައިގަތް މާތް ވެގެންވާ އިސްލާމް ދީނަކީ އައު ދީނެއް ނޫންކަމާއި، އެއީ އެ ބެއިބެއިކަލުންގެ ރޫޙާނީ ވަޒަނެއް ކަމުގައި އަލްޤުދުސް ހިމެނުނު ކުރީގެ ނަބީރަސޫލުން ވެސް ގެންނެވި އިލާހީ ދީނުގެ ފުރިހަމަވުމެއް ކަން ދެއްކެވުމަށް މާތްރަސްކަލާނގެ އެދިވޮޑިގެން، އެގޮތުން ކުރެއްވި ކަމެއް ކަމުގައި ބެލެވިދާނެކަމެވެ. އެހެން ޢިބާރާތްތަކަކުން ދަންނަވާ ނަމަ، އަލްޤުދުސް ރަމްޒު ކޮށްދެނީ ކުރީގެ ރަސޫލުންގެ ދަޢުވަތެވެ. ސީދާ މައްކާއިން އިތުރު އެކަލޭގެފާނު އުޑުތަކަށް އުފުއްލެވުމުގެ ބަދަލުގައި، އެންމެ ފުރަތަމަ މައްކާއިން އިސްރާގެ ދަތުރުފުޅުގައި އަލްޤުދުސަށް، އެއަށްފަހު އަލްޤުދުސުން އުޑުތަކަށް އެކަލޭގެފާނު އުފުއްލެވި އުފުއްލެވުމަކީ ކުރީގެ ރަސޫލުންގެ ދަޢުވަތާއި އިތުރު ނަބިއްޔާ މުޙައްމަދުގެފާނުގެ ދަޢުވަތަކީ އެއް ދަޢުވަތެއް ކަމުގެ، އަދި އެކަލޭގެފާނަކީ އެ ބެއިކަލުންގެ "ރޫޙާނީ ވާރިޘެއް" ކަމުގެ ރަމްޒެކެވެ. ހަމައެފަދައިން، އިސްރާގެ ދަތުރުފުޅުގައި އަލްޤުދުސްގެ ބައިތުލްމަޤްދިސްގައި، އިތުރު އެކަލޭގެފާނު ކުރީގެ ހުރިހައި ރަސޫލުންނާއި ނަބީންނާއިގެން ނަމާދުފުޅެއް ކުރެއްވިކުރެއްވުމުން ވެސް ރަމްޒު ކޮށްދެނީ، އިތުރު އެކަލޭގެފާނުގެ ދަޢުވަތަކީ ނަބީރަސޫލުންގެ މަތިވެރި ދަޢުވަތުގެ ރަން ސިލްސިލާ އާއި އިންސާނިއްޔަތުގެ ދީނީ އަދި ރޫޙާނީ ތަރައްޤީގެ ފަހު މަރުޙަލާ ފުރިހަމަ ކުރެއްވުނު ކުރެއްވުމެއް ކަމެވެ. އިތުރު އެކަލޭގެފާނަކީ ﷲ ތަޢާލާގެ ދީނުގެ ދަޢުވަތު ގެންނެވި ރަސޫލުންނާއި ނަބީންގެ ތެރެއިން އެންމެ ފަހުގެ އަދި އެންމެ މަތިވެރި ރަސޫލާކަމެވެ."

ފަށަމުން ވެސް ދެންނެވި ފަދައިން، މިއީ ޢައްލާމާ މުޙައްމަދު އަސަދު އިސްރާ އާއި މިޢުރާޖާ ބެހޭ ގޮތުން ލިޔުއްވި މަޒުމޫނުގެ ތަރުޖަމާއެވެ. އެ މަޒުމޫނުގެ ތަރުޖަމާއެއް ގެނެސްދިނުމުގައި، އަޅުގަނޑުގެ މަގުސަދަކީ އިސްރާ އާއި މިޢުރާޖާ ބެހޭގޮތުން އިސްލާމީ އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރީން ކުރައްވައިފައިވާ ވަރުގަދަ ޢިލްމީ ބަހުސްތަކާ ދިމާޔަށް ހަމައެކަނި އިނގިލި ދިއް ކޮށްލައި އިޝާރާތް ކޮށްލުމެވެ. މިއީ ދީނުގެ ޢިލްމެއް، ޢަޤީދާ އާއި އިލާހިއްޔާތުގެ ފުން ބަހުސްތަކުގެ ޢިލްމެއް، ނަފްސާނީ ޢިލްމެއް، މަންޠިޤުގެ ޢިލްމެއް ފަދަ އެއްވެސް ޢިލްމެއް ނެތި ތިބެގެން "ޖަޖްމެންޓް" ނެރެގަންނަ ވަރުގެ ކަންކަން ނޫންކަން، ކުރު ގޮތަކަށް ބަޔާން ކޮށްލުމެވެ. ޢައްލާމާ އަސަދުގެ "ދަ މެސެޖް އޮފް ޤުރްއާން" އިން، މި މަޒުމޫނުގެ އިނގިރޭސި އަޞްލު ބައްލަވައިލައްވާން ބޭނުންފުޅު ބެއިފުޅުން މި ސަފުހާ ބައްލަވާށެވެ. އަޅުގަނޑުގެ މި މަޒުމޫނަށް ވުރެ ބޮޑަށް މައުޟޫޢުގައި އަސަދު ވިދާޅުވެފައިވާ ވާހަކަތައް ސާފު ވާނީ، އަދި އަޅުގަނޑުގެ ތަރުޖަމާގެ އުނިކަމުގެ ސަބަބުން އަރާ އޮޅުންތަކެއް ފިލާނީ ވެސް އަޞްލު ބައްލަވައިލެއްވިއްޔާއެވެ.

ދެ ރައުޔު

މި މައްސަލައިގައި ވަރަށް މުހިއްމު އެހެން ނުކުތާއެއް ވެސް އެބައޮތެވެ. އެއީ އިސްރާ އާއި މިޢުރާޖުގެ ބަރަކާތްތެރި ދަތުރުފުޅަކީ އިތުރު މާތް ނަބިއްޔާގެ ރޫޙުފުޅާއި ޖިސްމުފުޅު ނުވަތަ ހަށިކޮޅު ޝާމިލު ވާގޮތުން، މާއްދީ ގޮތެއްގައި، އަޅުގަނޑުމެން މާއްދީ ދުނިޔޭގައި އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރާ ބީދައިން ކުރެއްވި ދަތުރުފުޅެއް ކަމުގެ ރައުޔަކީ އެއިރު ވެސް އަދި މިހާރު ވެސް އިސްލާމީ ދުނިޔޭގެ ގިނަ ޢިލްމުވެރީންގެ ރައުޔު ކަމެވެ. ޢައްލާމާ އަސަދު ބޮޑަށް ބުރަ ވެވަޑައިގަންނަވަނީ އެއީ ހަމައެކަނި ރޫޙުފުޅުން ކުރެއްވި ދަތުރުފުޅެއް ކަމުގައި ވީނަމަވެސް ވެހެވެ. އެއީ މާއްދީ ގޮތެއްގައި ހިނގި ޙާދިޘާއެއް ކަމަށް ބުރަ ވެވަޑައިގަންނަވާ ބެއިފުޅުން ފާހަގަ ކުރައްވާ ގޮތުގައި، އުއްމުލްމުއުމިނީން ޢާއިޝާގެ ރައުޔާ މެދު އޮތް ޙަދީޘަކީ ބަލިކަށި ސަނަދަކުން ރިވާ ވެފައި ވާ ޙަދީޘެކެވެ. ޚުދު އަސަދު ވެސް ވަނީ މި ރައުޔަށް އިޝާރާތް ކުރައްވައި، އެ ރައުޔުގެ އަހުލުވެރީންގެ ވިސްނުންފުޅު ހުރި ގޮތް ކުރު ގޮތަކަށް ބަޔާން ކޮށްދެއްވައިފައެވެ.

މި ދަންނަވާ ދެ ރައުޔުގެ ތެރެއިން، މުސްލިމުންނަށް ކޮންމެ ރައުޔެއް ވެސް ނެގިދާނެއެވެ. މީގެ ތެރެއިން ވަކި ރައުޔަކަށް ކަނޑައެޅިގެން ތަރުޖީޙު ނުދީ ވެސް ހުރެވިދާނެއެވެ. މުހިއްމު ކަމަކީ، ކީރިތި ޤުރްއާނުގައި އޮތީތީ، އަދި ޞައްޙަ ޙަދީޘްފުޅުތަކުން އެނގި ސާބިތުވާން އޮތީތީ، އިތުރު ސާހިބާ އިސްރާ އާއި މިޢްރާޖުގެ ދަތުރުފުޅު ކުރެއްވިކަން، ކޮންމެ ގޮތަކަށް ކުރެއްވިޔަސް، ކުރެއްވިކަން ޤަބޫލު ކުރުމެވެ. އެ ދަތުރުފުޅުގައި އެކަލޭގެފާނު ދެކެވަޑައިގަން ކަންކަން ދެކެވަޑައިގަތް ކަމުގައި، ޤަބޫލު ކުރުމެވެ. އެ ދެކެވަޑައިގަތީ މާއްދީ ލޯފުޅުންތޯ ނުވަތަ ރޫޙާނީ ލޯފުޅުންތޯ، މިއީ އޭގެ ތެރެއިން ވަކި ގޮތަކަށް ތަރުޖީޙު ދިނުމަކުން މުސްލިމެއްގެ ޢަޤީދާޔަށް އެއްވެސް އުނިކަމެއް ނުވަތަ ތަޣައްޔަރުކަމެއް ނާންނާނޭ، ހަމަ މުޅީން ޢިލްމީ ބަހުސެކެވެ.

ސައެންސާއި ބުއްދީގެ ބަސް

ދެން އޮތީ އިސްރާ އާއި މިޢުރާޖަކީ ސައެންސާއި އިންސާނީ ބުއްދި ޤަބޫލު ކުރާ ކަމެއް ނޫނޭ ބުނާ ބުނުމެވެ.

އިސްރާ އާއި މިޢުރާޖަކީ ރޫޙާނީ ގޮތެއްގައި ހިނގި ކަމަކަށް ވިޔަސް، އަދި މާއްދީ ގޮތެއްގައި ހިނގި ކަމަކަށް ވިޔަސް، އެއީ ޙަޤީޤީ "ރޭޝަނަލް" އަސާސެއްގައި އަޅުގަނޑުމެންނަށް އިންކާރު ކުރެވޭކަށް އޮތް ކަމެއް ނޫންކަމެވެ. ހަމަ އެހެންމެ، އެއީ "ސައެންސް" އެކަން ދޮގު ކުރާ، "ސައެންސަށް" އެކަން ދޮގު ކުރެވޭނޭ ކަމެއް ވެސް ނޫންކަމެވެ. "ސައެންސް"ގެ ނަމުގައި، ނުވަތަ "ރޭޝަނާލިޓީ"ގެ އަސާސުގައި، ނުވަތަ "މަންޠިޤު" ނުވަތަ ލޮޖިކްގެ ބޭނުން ކޮށްގެން އެއްވެސް މީހަކު އެކަމަށް އިންކާރު ކުރާ ނަމަ، އެއިން ދައްކުވައިދެނީ އެ މީހަކަށް "ސައެންސް" އާއި "ރޭޝަނާލިޓީ" އާއި "މަންޠިޤު" އެއީ ކޮން އެއްޗެއްސެއްކަން ރަނގަޅަށް ނޭނގޭކަމެވެ. ދިގު ތަފްޞީލަކަށް ނުދަމާ ހިންގަވާށެވެ. ކުރުކޮށް ދަންނަވާ ނަމަ، "ސައެންސް" އާއި "ރޭޝަނާލިޓީ" އާއި "ލޮޖިކް" އަކީ ވަރަށް ހަނި ދާއިރާއެއްގައި މަސައްކަތް ކުރާ "ޓޫލް" ތަކެކެވެ. އެއިން އިންސާނާޔަށް ދެނެގަނެވޭ ކަންތައްތަކުގެ ދާއިރާ ވަރަށް ހަންޏެވެ.

އިންސާނާޔަށް ޚުދު އޭނާގެ އަމިއްލަ ނަފުސު ވެސް ފުރިހަމަޔަށް ދެނެއެއްނުގަނެވެއެވެ. މިއީ ދުނިޔޭގެ ހުރިހާ ސައިންސްވެރީންނާއި، ނަފްސާނީ ޢިލްމުވެރީންނާއި، ރޫޙާނިއްޔަތުގެ މައުޟޫޢުތަކުގެ ތެރެޔަށް ފީނައިވަޑައިގަންނަވާ ހުރިހާ ބެއިފުޅުން އިއްތިފާޤު ވެވަޑައިގަންނަވާ ޙަޤީޤަތެކެވެ. އިސްލާމް ދީނާއި، ނަޞާރާ ދީނާއި، ޔަހޫދީ ދީނުގެ އިތުރުން، އެހެން ދީންތަކުގެ ޢިލްމުވެރީން ވެސް މިކަމަށް އިންކާރެއް ނުކުރައްވައެވެ. އިންސާނީ ބުއްދި އާއި، އިންސާނާ ކުރާ ދިރާސާތަކާއި، އިންސާނާ އަމިއްލަޔަށް ހޯދައިގަންނަ ޢިލްމަކީ އޭނާގެ ޙިއްސުތަކުގެ ޒަރީޢާއިން ހޯދައިބެލޭ ދާއިރާ އާއި، އޭނާގެ "ރޭޝަނަލް ފެކަލްޓީ" ނުވަތަ ޢަޤުލީ ޤާބިލިއްޔަތުގެ ޙުދޫދުތަކުން މަޙްދޫދު ވެފައިވާ އެއްޗެކެވެ. މައިނަސް ކަށިގަނޑަކުން، ޕްލަސް ބޮލެއް ހުރި އިސްކުރެއްގައި ނުހިފޭނޭ ފަދައިން، އިންސާނީ ބުއްދިއާއި މަންޠިޤާއި ޙިއްސީ ފެކަލްޓިތަކަށް، އެ އެއްޗެހި ނުވަތަ ކަންކަމުގެ ބާރުގައި ދެނެގަނެވޭ ހިސާބުން ބޭރުގައި ހުންނަ ކަންކަން ދެނެއެއްނުގަނެވެއެވެ. މިގޮތުން އިންސާނާގެ ބުއްދިޔަށް ދެނެނުގަނެވޭ "މެޓަފިޒިކަލް" ޙަޤީޤަތްތަކުގެ ދުނިޔޭގެ އެންމެ ޢަޖާއިބު ކުރުވަނިވި އެއް ކަމަކީ، ނުވަތަ އެއް "ފެނޯމެނަން" އަކީ ރޫޙާނިއްޔަތެވެ. ރޫޙަކީ ވާ އެއްޗެއްކަން، އިންކާރު ނުކުރެވޭ މިންވަރަށް އިންސާނާއަށް އެކިއެކި މަޞްދަރުތަކުން ލިބިފައިވާ ޢިލްމުން ކަށަވަރު ވެފައި ވާ އިރު، ރޫޙާ ބެހޭ އެއްވެސް ދެނެގަތުމެއް ދެނެގަންނާކަށް އަޅުގަނޑުމެންގެ ފަސް ޙިއްސުން ކުރެ ޙިއްސަކަށް ކުޅަދާނަކަމެއް ނުވެއެވެ. އަދި އެ ރޫޙާ ބެހޭ އެންމެ އަސާސީ ސުވާލުތަކަށް ވެސް ފުރިހަމަޔަށް ޖަވާބު ދިނުމަކީ އަޅުގަނޑުމެންގެ ބުއްދިޔަށް ވެސް ލިބިގެންވާ ޤާބިލުކަމެއް ނޫނެވެ. އެންމެ ކުޑަމިނުން ރޫޙު ފެށެނީ ކިހައި ހިސާބަކުންކަން، އޭގެ ޒާތަކީ އަދި ޠަބީޢަތަކީ، އަދި އޭގެ ސޫރަޔަކީ ކޮބައިކަމާއި، އޭގެ ފަނާ ނުވަތަ ނިމުން ވަނީ ކިހިނެއްކަން ފަދަ އެއްވެސް ސުވާލަކަށް އިންސާނީ ބުއްދިޔަކުން، "ރޭޝަނަލް" ނުވަތަ ޢަޤުލީ ތަޙުޤީޤަކުން ފުރިހަމަ ޖަވާބުތަކެއް ނުލިބެއެވެ. އިންސާނެއްގެ ހަށިގަނޑު ފަނާ ވެގެން ދިޔުމަށް ފަހު އޭނާގެ ރޫޙަށް ވަނީ ކިހިނެއްކަމެއް ވެސް އަޅުގަނޑުމެންގެ ބުއްދިޔަކުން ނޭނގެއެވެ. ކަން މިހެން ހުރި އިރު، ރޫޙާނިއްޔަތުގެ ކަންކަން "ޖަޖް" ކުރުމަށް ޓަކައި އިންސާނީ މަންޠިޤު ބޭނުން ކޮށް، މަންޠިޤުގެ އުނިކަމުން އެ ސުވާލުތަކަށް ޖަވާބު ނުލިބި "އެރަރ" އެރީމާ، ރޫޙާނިއްޔަތު ދޮގުކޮށް، އެފަދަ ކަންކަމަށް ހަޖޫ ޖަހައި ހެދުމަކީ ބޮޑާކަމާއި ކިބުރުވެރިކަމާއި، ތިމާޔަށް އެއްޗެއް ނޭނގޭކަން ވެސް ތިމާޔަށް ނޭނގޭކަން ދައްކައިދޭ ކަމެއް ނޫންތޯއެވެ؟ ބިލިޔަނަކާ ބިލިޔަނެއް ގުނަ ކުރީމާ ވާނޭ ވަރު ހިސާބު ކުރުމުގެ ގާބިލުކަން ނެތް ކަލްކިޔުލޭޓަރަކުން، ގުނަ ޖެހީމާ "އެރަރ" އެރުމުން، އޭގެ މާނަޔަކީ ބިލިޔަނަކާ ބިލިޔަނެއް ގުނަ ކުރުމުން އެއްވެސް އަދަދެއް ނާންނާނީޔޭތޯއެވެ؟

އިންސާނީ ބުއްދިޔާއި، އޭނާގެ މަންޠިޤާއި، އޭނާގެ ޙިއްޞުތަކާއި، މުޅި ކާއިނާތާއި، އެ ކާއިނާތުގެ ނިޒާމާއި ޤާނޫނުތައް ހެއްދެވި މަތިވެރިވަންތަ ރަސްކަލާނގެ، ކާއިނާތުގެ ޠަބީޢީ ޤާނޫނުތައް ތަޢުލީޤު ކުރައްވައިފައި، އެ ޤާނޫނުތައް "ބައިޕާސް" ކުރައްވައިފައި، އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު ނުވަތަ އެދިވޮޑިގެންނެވި އެއްޗެއް އުޑުތަކުން ބިމަށް، ނުވަތަ ބިމުން އުޑުތަކަށް، ނުވަތަ ކާއިނާތުގެ އެއް ކޮޅުން އަނެއް ކޮޅަށް ވިޔަސް ގެންދަވާން އިރާދަފުޅު ކުރައްވައި، އެކަލާނގެ "އޮމްނިޕޯޓެންސް" އިން އެކަން ކުރެއްވީމާ، އެއީ ސައެންސާއި ރޭޝަނާލިޓީ އާއި މަންޠިޤުގެ މިންގަނޑުތަކުން ކިރައި ވަޒަން ކުރެވޭނޭ ކަމެއް ނޫނެވެ. އިންސާނީ ޙިއްސުތަކާއި ބުއްދިޔަކީ އެކަން ތަޙުޤީޤު ކުރާކަށް ފަރުމާ ކުރެވިފައި ވާ ޓޫލްސްތަކެއް ނޫނެވެ. ކީރިތިވަންތަ މާތްﷲ ގެ ޒާތުފުޅާއި އެކަލާނގެ ކުރައްވާ ކަންކަމާ ބެހޭ ގޮތުން އިންސާނާގެ ބުއްދި އެކަމަށް އިޢުތިރާޟު ކުރާ އެއްވެސް ކަމެއް އިސްލާމް ދީނަކު ނެތެވެ. ނަމަވެސް ބުއްދިޔަށް "ދެނެނުގަނެވޭނޭ" އަދި އިންސާނީ ސައެންސާއި ރޭޝަނާލިޓީ އާއި މަންޠިޤަށް އެ ކަންކަން ތަޙުޤީޤު ނުކުރެވޭނޭ ކަންކަން އެބަހުއްޓެވެ. އިސްރާ އާއި މިޢުރާޖަކީ ވެސް އެގޮތުން އިންސާނާޔަށް ފުރިހަމަޔަށް ދެނެނުގަނެވޭނޭ ކަމެކެވެ. އަޅުގަނޑުމެންނަށް ދެނެނުގަނެވޭ ކަމެއް، ފުރިހަމަޔަށް ތަޙްލީލު ނުކުރެވޭ ކަމަކާ މެދު، އެއީ ޙަޤީޤަތެއް ނޫނޭ ބުނުމަކީ ބުއްދި ހަމަޖެހޭ ކަމެއްތޯއެވެ؟ މިސާލަކަށް، ހިސާބު ޢިލްމުގެ އަލީގައި އަޅުގަނޑުމެންނަށް ތިނެއް އެކަކަށް، އަދި އެކެއް ތިނަކަށް ނުވާނެ ކަމަށް ބުނެ، އެއީ އިންސާނީ ބުއްދި އިޢުތިރާޟު ކުރާ ކަމެއް ކަމަށް ބުނެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ކާއިނާތުގެ ޤާނޫނެއް ވަކި މީހެއްގެ މައްޗަށް، ވަކި ޙާލަތެއްގައި ނުހިނގާ ގޮތް ހެއްދެވުމަކީ ބުއްދި އިޢުތިރާޟު ކުރާ ކަމެކޭ ބުނެވިދާނެތޯއެވެ؟ ތިޔަހެންނެއް ނުވާނެޔޭ އަޅުގަނޑުމެންނަށް ބުނެވޭނެތޯއެވެ؟ ޝައްކެއް ނެތް ގޮތުގައި އެހެންނެއް ނުބުނެވޭނެއެވެ. އަޅުގަނޑުމެންނަށް ބުނެވޭނެހައި ވެސް އެއްޗަކީ "ތިޔަހެން ވާނީ ކިހިނެއް ކަމެއް އަހަރެމެންގެ ވިސްނުމަކަށް ނާދެޔޭ" މިއެވެ.

ވީމާ، މުޙައްމަދު ނަބީ ކަލޭގެފާނު ރެއިގަނޑެއްގެ ހަމަ ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި މައްކާއިން އަލްޤުދުސަށް، އަދި އަލްޤުދުސުން އުޑުތަކަށް، އެޔަށްފަހު އެނބުރި މައްކާޔަށް ގެންދެވުމަށް ޓަކައި ﷲ ސުބުޙާނަހޫ ވަ ތަޢާލާ އިރާދަ ކުރެއްވީ ކިހިނެއްކަން އަޅުގަނޑުމެންނަކަށް ނޭނގެއެވެ. އެކަން ކުރެއްވެވީ މަކާން (ސްޕޭސް) އާއި ޒަމާން (ޓައިމް) އާއި ދަތުރު (ޓްރެވަލް) އާ ބެހޭގޮތުން އަޅުގަނޑުމެން ދަންނަ ޠަބީޢީ ނުވަތަ ސައެންޓިފިކް ޤާނޫނުތައް އެ ޙާދިސާޔަށް ޓަކައި ތަޢުލީޤު ކުރައްވަވައިގެން ކަމުގައި ވެސް ވެދާނެއެވެ. ނުވަތަ އިންސާނާޔަށް އަދި ހޯދިފައި ނުވާ ޠަބީޢީ ޤާނޫނެއްގެ ވާސިޠާއިން ކަމުގައި ވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް، އެއީ އެކަލާނގެޔަށް ނުކުރެއްވެވޭނޭ ކަމެކޭ ބުނުމަކީ އިންސާނީ ބުއްދިޔާއި މަންޠިޤާއި ސައެންސް ބުނާނޭ ވާހަކައެއް ނޫނެވެ. އެހެން ބުނާ މީހަކު އެހެން އެ ބުނަނީ މި އެއްޗެތި އެއްލައިލައިފައި، އޭނާގެ ޖަހާލަތާއި ކިބުރުވެރިކަމުގެ ދުލުންނެވެ.

އެހެންކަމުން، އިސްރާ އާއި މިޢްރާޖަކީ ސައެންސާ ޚިލާފު، "އިރޭޝަނަލް" ކަމެކޭ، ނުވަތަ "އިލޮޖިކަލް" ވާހަކައެކޭ ބުނުމަކީ ޢިލްމީ އަދި ފިކުރީ އެއްވެސް ހަމަޔަކުން ތާކުންތާކު ނުޖެހޭ ބުނުމެކެވެ. "ނޮންސެންސް އަޕޯން ސްޓިލްޓްސް" ފަދަ ސިފަކުރުމުން މެނުވީ ސިފަ ނުކުރެވޭނޭ ބުނުމެކެވެ. ހަމައެކަނި އިސްރާ އާއި މިޢްރާޖެއް ނޫނެވެ. އިބްރާހީމް ޢަލައިހިއް ސަލާމް އަލިފާނަށް ލެއްވުމުން، އަލިފާނަށް އެކަލޭގެފާނު އަންދައިނުލެވުނު ޙާދިސާ އަކީ ވެސް ހަމަ އެފަދައިން އިންސާނީ ސައެންސާއި ރޭޝަނާލިޓީ އާއި މަންޠިޤުން ޝަރަހަ ކޮށްނުދެވޭނެ މުޢުޖިޒާތެކެވެ. ބަފައިކަލަކާ ނުލައި ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ފޮނުއްވުން ވެސް ހަމަ އެފަދައެވެ. މި ހުންނަނީ މާތްރަސްކަލާނގެ އެކަލާނގެ މަތިވެރިވަންތަކަން އިންސާނީ ދުނިޔެއަށް ދައްކަވާ ދެއްކެވުންތަކެވެ. އެކަލާނގެ އާޔަތްތަކެވެ. މުސްލިމުން އެކަންކަން ދިރާސާ ކޮށް ދެނެގަންނާން މަސައްކަތް ކުރާން ވާނީ އިންސާނީ ބުއްދިޔާއި ޙިއްސުތަކުގެ "ލިމިޓޭޝަންތަކާ" މެދުގައި ފިސާރި ރަނގަޅަށް ހެއިލައި ތިބެގެންނެވެ. މި ކަންކަމުގެ ޢިލްމަކީ މާތްރަސްކަލާނގެ ދެއްވުމުން މެނުވީ ލިބޭނޭ ޢިލްމު ނޫންކަމާއި، މާއްދީ ދުނިޔޭގެ އިތުރުން ރޫޙާނީ ދުނިޔެއެއް ވެސް އޮންނަކަމާއި، އެ ރޫޙާނީ ދުނިޔޭގެ ކަންކަމަށް އިންކާރު ކޮށްގަތުމަށް ޓަކައި މާއްދީ ވިސްނުމަކުން ވިސްނައިގެން ގޮތް ނިންމުމަކީ އިންތިހާ ދަރަޖައިގެ މޮޔަ ކަމެއްކަން ގަދަ ހަނދާނުން ހަނދާން ކޮށްގެން ތިބެއެވެ.

އިބްރާހީމް ޢަލައިހިއްސަލާމްގެ އަލިފާންގަނޑާއި، މޫސާ ޢަލައިހިއްސަލާމްގެ އަސާކޮޅާއި، ޢީސާ ޢަލައިހިއްސަލާމްގެ މީލާދާއި، ނުވަތަ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްރާ އާއި މިޢުރާޖާ މެދު މުސްލިމުން ޤަބޫލު ކުރާ ކަންކަމަކީ އަސާސެއް ނެތި ދައްކާ ފުލޯކު ވާހަކަތަކެއް ނޫނެވެ. އެއީ މަތިވެރިވަންތަ ރަސްކަލާނގެ ކަލާމްފުޅާއި، އެކަލޭގެފާނުގެ އެންމެ ޙަސަދަވެރި އަދި އެންމެ ނުބައި ދުޝްމަނުން ވެސް "އަލްއަމީން" ގެ ލަޤަބު އެރުވި މަތިވެރި އިންސާނާގެ "އަމީން" ދޫފުޅުން ވިދާޅުވި ތެދުވެރި ބަސްފުޅުގެ މައްޗަށް ހެޔޮ އިތުބާރެއް ކޮށްގެން އަޅުގަނޑުމެން ޤަބޫލު ކުރާ ކަންތައްތަކެވެ. އެއީ ހޮޅުދޫ ޢަބްދުﷲ "ދެންންން ފެނިވަޑައިގަތީ" އެވެ ވިދާޅުވެ ކިޔުއްވި ޅެމެއް އަހައިގެން އަޅުގަނޑުމެން ޤަބޫލު ކުރާ ކަމެކޭ ހީވާ ބަޔަކަށް ކުރެވިގެން އެ އުޅެނީ ވަރަށް ބޮޑު ކުށްހީއެކެވެ. އިސްވެ ދެންނެވި ފަދައިން، ރޫޙަކީ ވާ އެއްޗެއްކަމާ މެދަކު އިންކާރު ކުރެވޭކަށް ނެތެވެ. އިންސާނާގެ ވަނީ ހަމައެކަނި މާއްދީ ހަށިގަނޑެއް ނޫނެވެ. ރޫޙާނީ ބައެއް ވެސް އިންސާނާގެ ވެއެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އިންސާނާއަކީ މާއްދީ ހަށިގަނޑަކާއި ރޫޙާނީ އަސާސެއް ލިބިގެން، އެ ދެބައި ގުޅިގެން ފުރިހަމަ ވާ މަޚްލޫޤެކެވެ. އިންސާނާޔަށް ބައެއް އެއްޗެތި ފެންނަނީ އޭނާގެ މާއްދީ ލޮލުންނެވެ. ހަމައެހެންމެ، ބައެއް އެއްޗެތި އޭނާޔަށް ފެންނާނީ ހަމައެކަނި "ރޫޙާނީ ލޮލުން" ނެވެ. ވީއިރު، މާއްދީ ލޮލަށް ނުފެންނަ ކޮންމެ އެއްޗަކީ "ފޭބަލް" އެއް ކަމަށް، ނުވަތަ ހަދަހަދައިގެން މީހުން ދައްކާ ފުލޯކެއް ކަމަށް، ނުވަތަ "ޑިލޫޝަނެއް" ކަމަށް ބުނުމަކީ ކަނޑައެޅިގެން ހުރި ގޯހެކެވެ. ޙަޤީޤަތް ޙަޤީޤަތަށް، ދޮގު ދޮގަށް ވަނީ އިންސާނުން އިއްވާ ނިޔާއަކުން ނޫނެވެ. ޙައްޤު ޙައްޤަށް، އަދި ބާޠިލު ބާޠިލަށް ވަނީކީ ވެސް އިންސާނަކު އިއްވާ ނިޔާއަކުން ނޫނެވެ. ފެތުރިގެންވާ ބިޔަ ކާއިނާތާއި، އޭގެ ބޭރުން ވުޖޫދުގައި ވަނިވިހައި އެއްޗެއްސާއި ކަންކަމާ މެދު ޚިޔާލުފުޅު ކުޑަކުޑައިކޮށް ހިންގެވޭތޯ ބައްލަވަބައްލަވާށެވެ! ދެން ފުންކޮށް ވިސްނައިވަޑައިގަންނަވާށެވެ! "އިން ދަ ގްރޭންޑް ސްކީމް އޮފް ތިންގްސް" – މި ބިޔަ އަދި މަތިވެރި ނިޒާމާއި އެ ނިޒާމުގެ ސިޔާގުގައި، އަޅުގަނޑުމެންގެ މަޤާމަކީ ކޮބައިބާވައެވެ!

ރޫޙާނިއްޔަތުގެ ދުނިޔެއަށް އަޅުގަނޑުމެންގެ "ރޫޙާނީ ލޯތައް" ހުޅުއްވަވައިދެއްވެވި މަތިވެރި ރަސޫލުންނަށް ޞަލަވާތާއި ސަލާމް ލައްވަވާށިއެވެ. އެ ބެއިފުޅުންނަށް ފުރައްސާރަ ކޮށް، އެ ބެއިފުޅުންނަށް އެއްޗެތި ގޮވުމުގެ ދަށުދަރަޖަޔަށް، ނަފްރަތާއި ޖަހާލަތާއިގެން ވެއްޓިގަންނަ ބައެއް ކަމުގައި އަޅުގަނޑުމެން ނުވަމާތޯއެވެ؟ މިއަދު ޖަވާބު ނުލިބޭ ސުވާލެއް އޮތަސް، މާދަމާ އެ ސުވާލަށް ޖަވާބު ވެސް ހަމަ ލިބިދާނެއެވެ. ރަނގަޅު ގޮތަކީ އިޚްލާޞްތެރި ހިތަކާއި، މަތިވެރި އަޚްލާޤަކާ އެކު، ޙައްޤު ހޯދާން ހިތާއި ނަފުސު ސީދާ ކުރުމެވެ. ތެދުމަގަކީ އިންސާނާގެ މޮޅުކަމުން ހޯދާ އެއްޗެއް ނޫނެވެ. އެއީ މާތްރަސްކަލާނގެ ރަޙްމަތްޕުޅާއި އޯގާވަންތަކަމާއި "ގްރޭސް" އިން ދެއްވަވާ އެއްޗެކެވެ. އެ ލިބެނީ އިޚްލާޞްތެރި އަދި މަޑުމޮޅި ހިތްތަކާއި، ތެދުވެރި އަދި ޠާހިރު ނަފްސުތަކާއި، ރިވެތި އަޚްލާޤުގެ އިމުގެ ތެރޭގައި ތިބެ ތެދުމަގަށް އެދޭ މީހުންނަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް