އެމްޑީއެންގެ ރިޕޯޓު ޕީޕީއެމްގެ ވެރިކަމުގައި އާންމެއް ނުކުރޭ: މުންދު

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޕީޕީއެންގެ ވެރިކަމުގެ ދުވަސްވަރު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ރިޕޯޓު އާންމުކޮށްފައި ނުވާކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ އެމްޑީއެން އިން ނެރޭ ރިޕޯޓުތައް މީގެ ކުރިންވެސް އާންމުކުރަނީ ޕަބްލިކަށް ނޫން ކަމަށެވެ.

"މީގެ ހަޔެއްކަ މަސްކުރިން އެބޭފުޅުން ޝާއިއު ކުރާ ތަނެއްގައި އެ އެއްޗެއް ޝާއިއު ކުރީ. މީގެ ހަ މަސް ކުރިން އަޅުގަނޑުމެން ނުތިބޭނެ ވެރިކަމުގައެއް،" ޕީޕީއެމްގެ ވެރިކަމުގައި އެމްޑީއެންގެ ރިޕޯޓު އާންމު ކުރުމުން ސަރުކާރުން އެއްޗެއް ނުބުނި ސަބަބާ ގުޅޭގޮތުން މުންދު ވިދާޅުވިއެވެ.

"ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން އާންމުކުރި ރިޕޯޓުގައި އިސްލާމް ދީނާ ހިލާފު ގިނަ ވާހަކަތަކެއް ހުރުމުން، ގިނަ ބަޔކު ދަނީ ކަންބޮދުވުން ފާޅުކުރަމުންނެވެ. އަދި އެ ރިޕޯޓު އެކުލަވާލުމުގައި މަސައްކަތްކުރި ފަރާތްތަކާމެދު ފިޔަވަޅު އަޅައި އެމްޑީއެން އުވާލުމަށްވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުންދު ވިދާޅުވީ އެމްޑީއެން އުވާލަން ޖެހޭ ކަމަށެވެ. އަދި އެ ޖަމްއިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ ބަޔަކު ވިއްޔާ ހައްޔަރު ކުރަންޖެހޭ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް ވިދާޅުވެ މުންދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

"ޒިންމާދާރު ސަރުކާރަކުން ޖެހޭ އެކަމަ އެއްޗެއް ބުނަން. ރައީސުލްޖުމްހޫރިއްޔަ އެއްޗެއް ވިދާޅުނުވެ، އެހެންބޭފުޅުން ޓްވީޓު ކުރިޔަސް އެއީ ސަރުކާރުގެ ބަސް ކަމަށް ގަބޫލެއް ނުކުރަން،" މުންދު ވިދާޅުވިއެވެ.

އެ ރިޕޯޓާއި ގުޅިގެން ރޭ ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ. ފުލުހުންގެ ބަޔާނުގައި ބުނީ އެ ރިޕޯޓާ ގުޅޭ މައްސަލައެއް މި މަހުގެ ތިން ވަނަ ދުވަހު އާންމު ފަރާތަކުން ހުށަހެޅުުމުން އެ މައްސަލަ ބަލަން ނިންމާފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީއިންވެސް ހަމަ އެ މައްސަލަ އެ ދުވަހު ހުށަހަޅާފައިވާ ކަަމެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ފާޑުކިޔުމާއި އިސްލާމް ދީނުގެ އަސާސްތަކަށް ފާޑުކިޔައި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި، ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލާ މައްސަލަތަކެއް ކަމަށެވެ. އަދި އެމްޑީއެންގެ މައްސަލައިގައިވެސް ބަލަން ޖެހޭ ކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި އަންނަނީ އަންނަނީގެ ނަމުގައި އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެ އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މުންދު ވިދާޅުވިއެވެ.

comment ކޮމެންޓް