ރިޔާސީ އިންތިހާބުގައި ގޯޓާބަޔައަށް ތާއިދު ކުރަން ސިރިސޭނާ ނިންމަވައިފި

ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ އޭނާ ރިޔާސީ އިންތިހާބުގައި ތާއިދު ކުރައްވާނީ ގޯޓާބަޔަ ރާޖަޕަކްސައަށް ކަމަށް ވިދާޅުވެފަ -- ފޮޓޯ: ލަންކާފަސްޓް

ކޮލަމްބޯ (އޮކްޓޯބަރު 6): ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ އިދިކޮޅު ޕާޓީ ޕޮޑުޖާނަ ޕެރަމުނަ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސައަށް ތާއިދު ކުރަން ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި އޭނާގެ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)އިން ނިންމައިފި އެވެ.

އެސްއެލްޕީޕީގެ ލީޑަރު އަދި ގޯޓާބަޔަގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސައާ ރޭ ބައްދަލު ކުރައްވާ ސިރިސޭނާ ވިދާޅުވި ގޮތުގައި ރާޖަޕަކްސައަށް ތާއިދު ކުރަން ނިންމެވީ އެއްވެސް ޝަރުތަކާ ނުލަ އެވެ. ނަމަވެސް ދެ ޕާޓީގެ މެދުގައި މަޝްވަރާކޮށް، ދެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި އަދި ސޮއި ކުރަން ޖެހޭނެ އެވެ.

އެއީ އެސްއެލްއެފްޕީ އާއި ކެންޑިޑޭޓު ރާޖަޕަކްސައާ ދެމެދުގަ އާއި އެސްއެލްއެފްޕީން އެސްއެލްޕީޕީގެ އެލަޔަންސްއާ ގުޅުމަށް ހަދާ ދެ އެމްއޯޔޫ އެވެ.

ލަންކާގެ ސަންޑޭ ޓައިމްސްގައިވާ ގޮތުން އެސްއެލްއެފްޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ އެޕާޓީގެ ފަރާތުން ސިރިސޭނާ އިންތިހާބުގައި ވާދަ ކުރެއްވުމަށް ތާއިދުކޮށްފަ އެވެ. ނަމަވެސް ރައީސް ވާދަ ނުކުރަން ނިންމެވީ، އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ ވަރަށް ވޯޓު ނުލިބޭނެ ކަމަށް ލަފާކޮށްފައި ކަމަށް އެނޫހުގައިވެ އެވެ.

ލަންކާގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން މިހާތަނަށް އިއުލާންކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ކުރީގެ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސަ އާއި ކޮމިއުނިސްޓް ފިކުރުގެ ޖަނަތަ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ލީޑަރު އަނޫރަ ކުމާރަ ޑިސާނާޔަކަ އާއި ނެޝަނަލް ޕީޕަލްސް މޫވްމެންޓް (އެންޕީއެމް)ގެ ފަރާތުން ވާދަ ކުރައްވާ، ލަންކާ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ހިމެނެ އެވެ.

comment ކޮމެންޓް