އިސްކަންދޭންވީ ހަރުދަނާ ޝަހްސިއްޔަތެއްގެ ވެރި ދަރިވަރުންތަކެއް އުފެއްދުމަށް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފަންނު މަދަރުސާއަށް ޒިޔާރަތް ކުރައްވައި އެ މަދަރުސާގެ ކުދިންނާ ބައްދަލުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ތައުލީމީ ކޮންމެ މުއައްސަސާއަކުންވެސް ހަރުދަނާ ޝަހުސިއްޔަތެއްގެ ވެރި ދަރިވަރުންތަކެއް އުފެއްދުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ ކޮންމެ މުޖްތަމައެއްގައިވެސް، އިންސާނީ ވަސީލަތްތައް ބިނާކޮށްދެނީ އެތަނެއްގެ ތައުލީމީ މުއައްސަސާތަކުން ކަމަށްވާއިރު، މުޖުތަމައުގެ ތަރައްގީގެ ނާރެހެއް ކަމުގައި ބެލެވިފައި އޮންނަނީ، އެ މުއައްސަސާތައް ކަމަށެވެ.

ނަމަވެސް އެތަންތަނުގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ، ދަރިވަރުން ހާސިލުކުރާ މަތީ ދަރަޖައިގެ ސަނަދުތައް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.

"ކާމިޔާބަކީ، އެތަންތަނުން ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި އުފެދޭ ޝަހްސިއްޔަތުގެ ހަރުދަނާ ކަމެވެ. އެދަރިވަރުން އަނެކުންނާ މުއާމަލާތުކުރާ ގޮތެވެ. ގައުމުގެ ކަންކަމުގައި އިސްނަގަން ކެރޭ މިންވަރެވެ. ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުންނަ ހުޝިޔާރުކަމެވެ." ރައީސް ވިދާޅުވިއެވެ.

އެހެންކަމުން، މުދައްރިސުންގެ ދުވަހެއް ފާހަގަކުރާއިރު، ތައުލީމީ ކޮންމެ މުއައްސަސާއަކުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެފަދަ ދަރިވަރުންތަކެއް އުފެއްދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ތައުލީމީ ސިޔާސަތަކީ، ހަމައެކަނި ކިޔަވައިދިނުން ނޫން ކަމަށާއި މިއަދުގެ ތައުލީމީ ސިޔާސަތަކީ، ރަނގަޅު ތައުލީމު ލިބިފައިވާ، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ހުނަރުވެރި އުފެއްދުންތެރި ފަރުދުންތަކެއް މުޖުތަމައަށް ނެރެދިނުމުގެ އިތުރުން ޒިންމާދާރު ހެޔޮލަފާ ޒުވާނުންތަކެއް އުފައްދައިދިނުން ކަމަށެވެ.

އެހެންކަމުން ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންވެސް، ސަރުކާރުގެ ސިޔާސަތުތަކަށް ހާއްސަ އިސްކަމެއް ދެއްވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ، "ޒުވާން މުދައްރިސުން: ތައުލީމީ ދާއިރާގެ ކުރިމަގު" މިއެވެ.

ރައީސް ވިދާޅުވީ މި ޝިއާރުން އެނގެނީ، ގައުމުގެ ކުރިމަގުގެ ޖީލުތައް ބިނާކުރުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާއަށް ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރާއި، ޒުވާން މުދައްރިސުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ވަރުގަދަކަމާއި، އުފުލަންޖެހޭ ޒިންމާގެ ބޮޑުކަން ކަމަށެވެ.

އަދި ތަރައްގީއާ ފައިހަމަވާ ގޮތަށް، އެ މުޖުތަމައެއް ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ، ޒަމާނީ ތައުލީމަށް ލޯހުޅުވިފައިވާ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތޯބުގައި ވަނީ ރާއްޖޭގެ ނިސްބަތުން ބަލާއިރު، ހިދުމަތުގައި މިހާރު ތިއްބެވި މުދައްރިސުންގެ ތެރޭގައި ޒުވާނުން މަދު ނޫންކަން ފާހަގަކުރައްވައިފައެވެ.

އަދި ތައުލީމީ ދާއިރާއާ ކޮންމެ އަހަރަކު އަލަށް ގުޅޭ މުދައްރިސުންގެ ވަރަށް ބޮޑު އަގުލަބިއްޔަތަކީ ޒުވާނުން ކަމަށާއި މިހާރު ތަމްރީނުވަމުން އަންނަ މުދައްރިސުންގެ ތެރޭގައިވެސް، ޒުވާނުންގެ ނިސްބަތް މަތިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަން ދައްކައިދޭ ނިޝާނެއް ކަމަށެވެ.

ރައީސް ވަނީ ގައުމުގެ ދަރީން ރަނގަޅު ގޮތުގައި ތަމްރީނުކޮށް ތަރުބިއްޔަތު ކުރުމަށް، މުދައްރިސުންނާއި ތައުލީމީ ދާއިރާގެ ހުރިހާ ބޭފުޅުން ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް