ނޫން ނޫން ނުފޫޒެއް ނޫން...ހަމަ އިސްލާހު

އަބްދުﷲ ގާޒީ، ޝައިހު ރަޝީދު، ޖަމީލު ދީދީ، ފާއިޒު --- ފައިލްް ފޮޓޯ

މީލާދީން 1468 ވަނަ އަހަރެވެ. އަލްޙާއްޖު ޙަސަން ސިރީ ރާދަވީރު މަހާރަދުން، ނުވަތަ ދިވެހި ތާރީޚުގައި މަޝްހޫރު ހަދި ޙަސަން ރަސްގެފާނު ދިވެހިރާއްޖޭގައި ކުރެއްވި ސައްބީސް އަހަރުގެ ދިގު ރަސްކަން ނިމިގެން ދިޔަ އަހަރެވެ. އެ އަހަރުގެ ތެރޭގައި، ރަދުން ގެންގުޅުއްވި ޚާއްސަ އަޅުންގެ ޖަމާއަތެއްގެ ތެރެއިން އެކަކު ނުހައްގުން ދިވެހި ރައްޔިތަކު މަރައިލިއެވެ. މި އަނިޔާވެރި އަމަލާ ގުޅިގެން، އެއިރު ދިވެހިރާއްޖޭގެ އިސް ފަނޑިޔާރެއްގެ ގޮތުގައި، މިހާރުގެ އިބާރާތުން ނަމަ އުއްތަމަ ފަނޑިޔާރެއްގެ ގޮތުގައި، ހުންނެވި އަލްޤާޟީ ޙަސަން ޝީރާޒީ އެންގެވީ ގާތިލަށް ހައްގު ސަޒާ ދެއްވުމަށެވެ. ނަމަވެސް ރަދުން ފަނޑިޔާރު ކަލޭގެފާނުގެ ނިންމެވުމާ ދެކޮޅު ހައްދަވައި އިއުތިރާޒު ކުރެއްވިއެވެ. ފަނޑިޔާރު ކަލޭގެފާނު ރަދުންގެ ކުރިމަތީގައި ސާބިތުކަމާ އެކު ހައްގު ގޮތުގައި ބަސްފުޅު އިއްވެވީއެވެ. ނަތީޖާއަކީ ރަދުންގެ ކޯފާ އެކަލޭގެފާނާ އަމާޒު ވުމެވެ. އެ ހިސާބުން ރަދުންގެ އަމުރުފުޅަށް، ފަނޑިޔާރު ކަލޭގެފާނުގެ ގައިކޮޅުގައި ކަފަ ބަނދެ، އެ ކަފަގަނޑު ތެލުން ތެންމައި، ކަފަގަނޑުގައި އަލިފާން ރޯ ކޮށްލައި، ފަނޑިޔާރު ކަލޭގެފާނު ދިރިހުންނަވަނިކޮށް އަންދައިލައިގެން ޝަހީދު ކޮށްލެވުނެވެ.

އެއްގޮތަކަށް ވެސް ނުފޫޒެއް ނޫނެވެ. ބާރު އޮތީތީ، ބާރުގެ ބޭނުން ކޮށްގެން ފަނޑިޔާރުގެ ފުނޑައިލުމެއް ވެސް ނޫނެވެ. ހަމަ އިސްލާހެކެވެ. ކީރިތި މަހާރަދުންގެ ހިރިޔާސުއްދައިން އިއްވެވި އިސްލާހީ ބަސްފުޅުގެ މައްޗަށް، ނުބައި އަދި އަނިޔާވެރި ފަނޑިޔާރު ކަލޭގެފާނު އަންދައިލައިގެން، އޭނާޔަށް ހައްގު ސަޒާ ދީގެން ގެނެވުނު އިސްލާހެވެ. އަޅުކަލޭގެ މީހަކު މަރައިލީމާ އޭނާޔަށް ހައްގު ސަޒާ ދޭ ވާހަކަ ފަނޑިޔާރު ކަލޭގެފާނު ދެއްކެވީ ބޮޑު އޮޅުމަކުންނެވެ. ދިވެއްސަކު ގަތުލު ކުރި ކުރުމުގައި އަޅުކަލޭގެ ހުރީ ހައްގު ގޮތުގައިކަން ރަދުން ދެނެވަޑައިގަންނަވާނެއެވެ. އެހެން އެންމެންނަށް ނޭނގޭ ކަންތައް ރަދުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެމަނިކުފާނު ވިދާޅުވި ބަސްފުޅަކާ އެއްވެސް ގޮތަކުން ފަނޑިޔާރު ކަލޭގެފާނު ޚިލާފު ވެވަޑައިގަތުމީ، ފަނޑިޔާރު ކަލޭގެފާނަކީ މަގާމަށް ކުފޫ ހަމަ ނުވާ، ދުނިޔޭގައި ހުރުމުގެ ހައްގެއް ވެސް ނެތް ނުބައި މީހެއް ކަމުގެ ހެކި ނޫންތޯއެވެ؟ އަނެއްކާ، މި ފަނޑިޔާރަކީ އެއްވެސް ޑިމޮކްރެޓިކް މުޖުތަމައަކުން ކިޔަވައިގެން ވެސް ހުރި މީހެއް ނޫނެވެ. ދަންނަނީ މުއްލާ އަރަބި ބަހެވެ. މިފަދަ މީހެއްގެ ގައިގައި ތެޔޮ ބަނދެފައި އަންދައިލައިގެން މަރައިލުން އެއީ އިސްލާހެއް ކަމަށް މެނުވީ ވާނެ ގޮތަކީ ކޮބައިތޯއެވެ؟

ނަވާރަސަތޭކަ ފަސްދޮޅަސް ހަތް ވަނަ އަހަރެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ ޝަރަފުވެރި މަގާމުގައި ހުންނެވީ ދިވެހީންގެ ޖީލުލް އުސްތާޛު ފަޟީލަތުއް ޝައިޚް މުޙައްމަދު ޖަމީލު ދީދީއެވެ. ސަރުކާރުގެ ފަރާތުން، ޝަރީއަތްތައް ކުރާން ވީ ގޮތުގެ ބައެއްބައެއް އިރުޝާދުތައް، ބައެއްބައެއް ފަހަރު އަންނާން ފަށައިފިއެވެ. މި ކަމާ އުއްތަމަ ފަނޑިޔާރު މަނިކުފާނު ރުހިވަޑައެއްނުގަތެވެ. ގާނޫނުއަސާސީއާ ވެސް ހަވާލާ ދެއްވައި، އެންގެވީ ޝަރީއަތުގެ ކަންކަމަކީ މާތް ވެގެންވާ އިސްލާމް ދީނާއި، ދިވެހި ދުސްތޫރުގެ ހަމަތަކުގެ މަތީން، މިނިވަންކަމާ އެކު ހިނގާން ޖެހޭ ކަމެއް ކަމުގައެވެ. އެ ހިސާބުން ބޮޑުވަޒީރުގެ އޮފީހުން އުއްތަމަ ފަނޑިޔާރަށް އެންގެވީ އެ ދުވަހަށް ފަހު މަޙްކަމަތުއް ޝަރުޢިއްޔާ މުޅީން މިނިވަން ވީ ކަމުގައެވެ. އެ މަޙްކަމާ އާއި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ އެއްވެސް ކަމަކާ ސަރުކާރުން ބެހިވަޑައިނުގަންނަވާނެ ކަމުގައެވެ. ކުރައްވާ ޝަރީޢަތަކާ ވެސް ނުބެހޭނަމޭ، އިދާރީ އެއްވެސް ކަމަކާ ވެސް ނުބެހޭނަމޭ، ޝަރުޢިއްޔާގެ މުއައްޒަފުންގެ މުސާރަޔާއި ތަނުގެ ވަސީލަތްތައް މަރާމާތު ކޮށް ބެލެހެއްޓުމާއި ބޭނުންވާ ފޮތް ފަންސުރު ފަދަ ތަކެތި ހޯދުން ފަދަ އެއްވެސް ކަމަކާ ވެސް ނުބެހޭނަމޭ، މިހެންނެވެ. މި ކަންކަން ވެސް އުއްތަމަ ފަނޑިޔާރު އަމިއްލަފުޅަށް ފައިސާ ހޯއްދަވައިގެން ކުރައްވާނޭ ގޮތަކަށް ކުރައްވާށޭ، މިހެންނެވެ. މިގޮތުގެ މަތީން ސަރުކާރުން ޢަދުލުއިންޞާފުގެ ދާއިރާ ހުއްޓުވައިލެއްވުމުން، އުއްތަމަ ފަނޑިޔާރު މަގާމުން އިސްތިއުފާ ދެއްވެވީއެވެ.

އެއްގޮތަކަށް ވެސް ނުފޫޒެއް ނޫނެވެ. ނުފޫޒަކަށް ވާނީ ވެސް ކިހިނެއްތޯއެވެ؟ ދިވެހިރާއްޖޭގެ އިއްޒަތްތެރި ބޮޑުވަޒީރާއި ސިޔާސީ ލީޑަރުންގެ ހިކުމަތުއަމަލީގެ ދަށުން އަންގަވާ އެންގެވުންތަކާއި ދެއްވާ އިރުޝާދަށް ނުފޫޒޭ ބުނާން ހެޔޮ ވެސް ވާނެތޯއެވެ؟ ނޫނެކެވެ. އެއްގޮތަކަށް ވެސް އެއިއްޔަކީ ނުފޫޒެއް ނޫނެވެ. ހަމަ އިސްލާހެވެ. ގެންނާން ވެފައި އޮތް މުހިއްމު އިސްލާހުތަކެވެ.

ދެހާސް އަށް ވަނަ އަހަރެވެ. ފެހި ގާނޫނު އަސާސީގައި ލިޔުނު 285 ވަނަ މާއްދާގެ (ހ)ގައި އޮންނަނީ "މި ގާނޫނު އަސާސީޔަށް އަމަލު ކުރާން ފަށާ އިރު ތިބި ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރުން މި މާއްދާގެ ދަށުން ގޮތެއް ކަނޑައަޅާންދެން ފަނޑިޔާރުކަމުގެ މަގާމުގައި ދެމިތިބޭނެ" ކަމަށެވެ. އެއިރު ހުންނެވި އުއްތަމަ ފަނޑިޔާރަކީ ފަޟީލަތުއް ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމެވެ. ފަނޑިޔާރުކަމަށް ބޭނުންވާ އިލްމު އެމަނިކުފާނުގެ ކިބައިގައި ހުއްޓެވެ. ފަނޑިޔާރުކަމަށް ބޭނުންވާ ތަޖުރިބާ ހުއްޓެވެ. ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އެއްވެސް އަމަލުފުޅެއް ކުރައްވައިފައެއް ނުވެއެވެ. ގާނޫނު އަސާސީގެ މާއްދާއަކުން އެމަނިކުފާނު ފަނޑިޔާރުކަމުން ވަކި ކުރި އިރު، އެމަނިކުފާނަށް ވުރެ ހުރިހާ ގޮތަކުން ފަނޑިޔާރުކަމަށް ނުއެކަށޭނަ އެތައް ބަޔަކު މަގާމުގައި ތިބީއެވެ. އެއިން މީހަކު ވަކި ވާނޭ ކަމަކަށް ގާނޫނު އަސާސީއަކު ނުލިޔައެވެ. ފަހުން ގާނޫނުން އެމީހުންގެ މަގާމާ މެދު ގޮތެއް ކަނޑައެޅި އިރު ވެސް، ވަކި މުއްދަތެއްގެ ތެރޭގައި އިލްމީ ޝަރުތުތައް ފުރިހަމަ ކޮށްގެން މަގާމުގައި ދެމިތިބެވޭނެ ފުރުސަތު ދިނެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރަކަށް އެ ފުރުސަތެއް ނުދިނެވެ. ގާނޫނު އަސާސީގެ މާއްދާއެއްގައި އެމަނިކުފާނު ވަކި ވާނީއޭ ލިޔެގެން، ނަގައި ހޫރައިލީ ދައުލަތަށް ކުރެއްވި ޚިދުމަތުގެ ބަދަލުގައި ރިޓަޔަރމަންޓަކަށް ފޮނުވާ އިރު ދޭން ޖެހޭ އެއްވެސް ޝަރަފެއް، އެއްވެސް އިނާޔަތެއް ނުދީއެވެ. މޫނުފުޅަށް ކުޅު ޖަހައިފައި، ފެއްސޭށޭ ބުނާ އުސޫލުންނެވެ. ދެން ފެނުނީ އެމަނިކުފާނަށް ހައްގު އިނާޔަތްތައް ދެވޭ ގޮތަށް ގާނޫނެއް ފާސް ކުރެވުނު މަންޒަރެވެ. ނަމަވެސް އެއީ ވެސް ގޯހަކަށް ވެގެން، އެ ގާނޫނު ވެސް ތަސްދީގު ނުކޮށް ކުނިވަށިގަނޑަށް އަޅައިލައިފިއެވެ.

މިއިން އެއްވެސް ކަމެއްގައި ނުފޫޒު ފޯރުވުމެއް، އަނިޔާވެރި ވުމެއް، އިހާނެތިކޮށް ހިތުމެއް ނެތެވެ. ހަމަ ހައްތަހާ ވެސް އިސްލާހެވެ. އިސްލާހުގެ މައްޗަށް ގެންނަ އިސްލާހެވެ.

ދެހާސް ދިހަ ވަނަ އަހަރެވެ. ގާނޫނު ނަންބަރު 2010/22 ފާސް ކުރެވިއްޖެއެވެ. ނަމަކީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނެވެ. މި ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ "ހައިކޯޓުގެ އެންމެ އިސް ފަނޑިޔާރަކީ ހައިކޯޓުގެ އިސް ފަނޑިޔާރެވެ. މި ގާނޫނަށް އަމަލު ކުރާން ފެށުމުން ހައިކޯޓަށް އިސް ފަނޑިޔާރެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އައްޔަން ކުރާން ވާނެއެވެ" މިހެންނެވެ. މި މާއްދާ މިހެން ލިޔެ ގާނޫނު ފާސް ކުރި އިރު، ހައިކޯޓުގައި އިސް ފަނޑިޔާރެއް ނެތީކީ ނޫނެވެ. އިސް ފަނޑިޔާރެއް ހުންނެވިއެވެ. ގާނޫނުގެ ބާރުގައި، އެ އިސް ފަނޑިޔާރު މަގާމުން ވަކި ކޮށްފައި، އާ އިސް ފަނޑިޔާރެއް އައްޔަން ކުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލާޒިމު ކުރީއެވެ. އަދި މި ބަދަލާ އެކު ހައިކޯޓުގައި ހުންނެވި އިސް ފަނޑިޔާރު މަގާމުން ވަކި ކުރެވުނީއެވެ.

ހަމަ އިސްލާހެވެ. އެއިރު ހުންނެވި އިސް ފަނޑިޔާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަން ބޮޑު ވެގެން، އޭނާގެ ކިބައިން ހައިކޯޓު ސަލާމަތް ކުރުން ބޮޑު ގައުމީ ވާޖިބަކަށް ވެގެން ނޫނިއްޔާ، އެ ބެއިފުޅުން އެފަދަ ކަމެއް ނުކުރައްވާނެއެވެ. ވީމާ، ހަމަ އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ވެސް އިސްލާހެވެ. ދިވެހި ގައުމުގެ މަތިވެރި ސިޔާސީ ލީޑަރުން "ވަތަން އެދޭ ގޮތަށް ދަމާހެ ހެޔޮ ހިތުން މި ޖާނު ދޭން" އުސޫލުން ގެންނަވާ އިސްލާހެވެ.

ދެހާސް ބާރަ ވަނަ އަހަރެވެ. އެ އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުގެ ރެއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގެ ފައުޖެއްގެ މީހުން ކްރިމިނަލް ކޯޓުގެ އެއިރުގެ އިސް ގާޒީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު ދިރިއުޅުއްވާ ގެއަށް ގޮސް ވަދެގަނެ، އާއިލާގެ މެންބަރުންގެ ކުރިމަތީގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ އެތައް ހަމަތަކަކާއި، މިނިވަން ޖުޑީޝަރީއެއް ގާއިމު ކުރުމާ ބެހޭ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކުގެ އެތައް މާއްދާއެއް މުގުރައިލައިފައި، އޭނާ ކިޑްނެޕް ކޮށްގެން ގެންދިޔައީއެވެ. ހަތްދިހަ ދެ ގަޑި އިރު ވީ އިރުވެސް އޭނާ ވީނުވީ ތަނެއް، ދިރިހުންނެވި ކަމެއް ނުވަތަ ނޫންކަން ވެސް އާއިލާޔަށް ވެސް ނޭނގޭ ކަމަށް ކިޔައެވެ. އެކަމާ ގުޅިގެން، ޢަބްދުﷲ ގާޒީ ހައްޔަރު ކުރެވުނީ ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރެއް ނެރުއްވިއެވެ. ހަމަ އެފަދައިން ކަނޑައަޅުއްވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް އަމުރެއް ނެރުއްވިއެވެ. އެ ދެ އަމުރުގައި ވެސް ހަމަ ވަގުތުން ޢަބްދުﷲ ގާޒީ ދޫކޮށްލުމަށް ސަރުކާރުގެ މައްޗަށް އަމުރު ކުރައްވައިފައި ވެއެވެ. ނަމަވެސް މި އަމުރުތަކަށް ވެސް ސަރުކާރުން ގޮން ޖެހީއެވެ.

ނޫނެކެވެ. ނޫނެކެވެ. ނުފޫޒެއް، ބިރު ދެއްކުމެއް، ޖުޑީޝަރީގެ ހުރުމަތް ކަނޑައިލުމެއް، ފަނޑިޔާރުގޭގެ މުސްތަގިއްލުކަމާއި މިނިވަންކަމަށް އަރައިގަތުމެއް، ގާނޫނުއަސާސީގެ ބާރު ކަނޑުވައިލުމެއް ފަދަ އެއްވެސް ކަމެއް ނޫނެވެ. ހަމަ އިސްލާހެވެ. އަބްދުﷲ ގާޒީ އަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްތާއެވެ! އެހެންވީމާ އޭނާ ކިޑްނެޕް ކުރުމުގައި ގާނޫނުއަސާސީއެއް، ގާނޫނެއް، އިންސާނީ ހައްގެއް، ގާނޫނުގެ ހުކުމެއް، އެއްވެސް އެއްޗެއް ބަލާކަށް ނުޖެހޭނެޔޭ އެ ބެއިފުޅުން ވިދާޅުވާނީ އެކަން އޮންނާން ވީ އެގޮތަށް ކަމުންތާއެވެ! އެހެންވީމާ، އެޔަކު އެއްވެސް ގޯހެއް ނެތެވެ. އަޅުގަނޑުމެން ކަހަލަ މީހުންނަށް ހަމަ ނުވިސްނެނީއެވެ. އެ ބެއިފުޅުން ކޮންމެ ކަމެއް ކުރެއްވިޔަސް އެ ވާނީ ހަމަ އިސްލާހަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރެވެ. ކުއްލިޔަކަށް ފެނުނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ބެއިފުޅަކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކި ކުރުމަށް ޓަކައި ގާނޫނަށް އިސްލާހު ގެނައިތަނެވެ. އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިނަކީ އެތައް ޒަމާނަކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބެއިފުޅެކެވެ. އިންތިގާލީ މަރުހަލާގައި، އުއްތަމަ ފަނޑިޔާރަކު އައްޔަން ކުރެވޭންދެން ޝަރުއީ ދާއިރާގެ އިސް ބެއިފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ވެސް އެމަނިކުފާނެވެ. ނަމަވެސް ކުއްލިޔަކަށް އެ މަނިކުފާނަކީ ނާގާބިލު ބެއިފުޅަކަށް ވެއްޖެއެވެ. ދެން ހަމަ ވަގުތުން، ރައްޔިތުންގެ މަޖިލިހޭ އެ ކިޔާ އިސްލާހިއްޔާއިން ފާސް ކުރެއްވި ގާނޫނަކުން އެމަނިކުފާނުގެ މަގާމު ގެއްލުވައިލީއެވެ.

މިއީ ވެސް ހަމަ އިސްލާހެވެ. ގަސްދުގައްޔާއި އޮޅިގެންނާއި ދެންވެސް އެކި ގޮތްގޮތުން ބަޓަނަށް ފިއްތަވައިގެން ގެންނެވި އިސްލާހެވެ.

ހުރިހާ އެންމެން ވެސް އިސްލާހޭ ކިޔައިގެން ވާހަކަ ދައްކަދައްކައިފައި، އެއްވެސް ކަމެއް ނުކުރާތީ، އެންމެ ފަހުން ދިވެހިރާއްޖޭގެ ފަނޑިޔާރުގެއިން އަމިއްލަޔަށް ނިންމީ މުޅި ނިޒާމު އިސްލާހު ކުރުމުގެ ޝާމިލު މަސައްކަތެއް ކުރުމަށެވެ. އެގޮތުން މި ހިނގާ 2019 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ޖުޑީޝަރީން ކޮންފަރެންސެއް ބޭއްވީއެވެ. ހަމައެކަނި ޖުޑީޝަރީއެއް ނޫނެވެ. ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލިހާއި، ބަންޑާރަ ނާއިބުގެ އޮފީހާއި، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހާއި، މިހެން ގޮސް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ދައުވަތު ދީގެން، އެ އެންމެހައި ފަރާތްތައް ބައިވެރި ކޮށްގެންނެވެ. ރާއްޖެއިން ބޭރުގެ ފަރާތްތައް ވެސް އެކި ހައިސިއްޔަތުތަކުގައި ބައިވެރި ކޮށްގެންނެވެ. ރާއްޖެއިން ބޭރުގެ ތިން ތަޖުރިބާކާރެއްގެ އިލްމީ ކަރުދާސްތަކާއި، ރާއްޖޭގެ އެތައް ތަޖުރިބާކާރުންނެއްގެ އިލްމީ ކަރުދާސްތައް މި ކޮންފަރެންސަށް ހުށައެޅުނެވެ. ކޮންފަރެންސް އިފްތިތާހު ކޮށްދެއްވެވީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއެވެ. މި ކޮންފަރެންސުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ އިނީޝަލް ޕްލޭނަކާއި، މަގުޗާޓެއް އެކުލަވައިލިއެވެ. ނަމަވެސް ދެން ފެނުނީ އެ ހުރިހާ އެއްޗެއް "ކުނިވަށިގަނޑަށް" އަޅައިލައިފައި، ދުސްތޫރީ ގޮތުން ޖުޑީޝަރީ އިސްލާހު ކުރުމުގެ އެއްވެސް ޕްލޭނެއް ހަދައި، އެފަދަ ކަމެއް ލީޑް ކުރުމުގެ އެއްވެސް ދުސްތޫރީ ހައިސިއްޔަތެއް، ބާރެއް، ލެޖިޓިމަސީއެއް ނެތް ބަޔަކު ޖުޑީޝަރީ އިސްލާހު ކުރުމުގެ ނަމުގައި ޣައިރުދުސްތޫރީ އަދި ޣައިރުގާނޫނީ ކަންތައްގަނޑެއް ހިންގާން ފެށިތަނެވެ. މި ކަންތައްގަނޑުގެ ތެރޭގައި ގާނޫނު އަސާސީގެ ހަ ވަނަ ބާބުގެ އެތައް މާއްދާއެއްގެ ބާރު ކަނޑުވައިލައިފިއެވެ. ޝަރުއީ ދާއިރާގެ އިދާރީ ނިޒާމު ޝަރުއީ ދާއިރާގެ އަތްމަތީން ނިގުޅައިގެންފިއެވެ. އެ ތަނެއްގެ ކޮމްޕޮޒިޝަން އޮތް ގޮތުން، އެއީ ސިޔާސީ ނުފޫޒު އޮންނާނޭ ތަނެކޭ، އެތަން އިސްލާހު ކުރާން ޖެހެޔޭ، އެތަނުގެ މެންބަރުންގެ ގޮތުގައި ސިޔާސީ ބެއިފުޅުން ތިއްބެވުން ނިމުމަކަށް ގެންނާން ޖެހެޔޭ ބުނެ އެންމެން އެއް އަޑަކުން ފާޑު ކިޔަމުން ދިޔަ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދަށަށް މުޅި ޖުޑީޝަރީ ގެންގޮސްފިއެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު، ދުސްތޫރީ ކޮމިޝަނެއްގެ ވާސިތާއިން ސިޔާސީ ޕާޓީއެއްގެ ދަށަށް ގެންގޮސްފިއެވެ.

މިއީ ވެސް ހަމަ އިސްލާހެވެ. އަޅުގަނޑުމެން ކަހަލަ މީހުންނަށް ފެންނަ ގޮތް ހަމަ ގޯހީއެވެ. މިއީ އެއްގޮތަކަށް ވެސް ނުފޫޒު ފޯރުވުމެއް ނޫނެވެ. އެހެން ހީވާ މީހަކަށް ހަމަ ނޭނގެނީއެވެ.

comment ކޮމެންޓް