އާއިލީ އިންސާފު ލިބޭނީ ނާޒުކު މީހުންގެ ހައްގުތައް ކަށަވަރުކޮށްގެން: އުއްތަމަ ފަނޑިޔާރު

ފެބްރުއަރީ 18، 2019: މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި އުއްތަމަ ފަނޑިޔާރު ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާއިލީ އަދުލު އިންސާފު ގާއިމް ކުރެވޭނީ ކުޑަކުދިންނާއި އަންހެނުންނާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައި ތިބޭ މީހުންގެ ނުވަތަ ނާޒުކު މީހުންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކޮށްދެވިގެން ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ފެމިލީ ޖަސްޓިސް ސިސްޓަމް ނުވަތަ އާއިލީ އަދުލުގެ ނިޒާމް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެ މަހާސިންތާގެ މަގުސަދަކީ، އާއިލީ އަދުލުގެ ނިޒާމުގައި ފަސޭހައިން އަދުލުއިންސާފަށް ވަސިލު ވެވޭނެ ގޮތްތައް ކަށަވަރު ކުރުމާއި އާއިލީ އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާއި އަންހެނުންނާއި ގެވެށިއަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންގެ ހައްގުތައް ރައްކާތެރިކުރާނެ ގޮތްތައް ހޯދުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކާއި ގެވެށި އަނިިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކުގެ ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދެވޭނެ ގޮތްތައްކެއް ހޯދިގެން ނޫނީ އާއިލީ އަދުލުގެ ނިޒާމު ހަރުދަނާ ނުކުރެވޭނެ ކަމަށެވެ.

"ހަގީގީ މާނައިގައި އާއިލީ އަދުލު އިންސާފު ގާއިމް ކުރެވޭނީ މި ގިންތިތަކުގެ ހައްގުތަކާއި މަސްލަހަތުތައް އެކަށޭނެ ގޮތެއްގައި ރައްކާތެރި ކުރެވޭނެ ގޮތްތަކެއް ހޯދިގެން،"

އާއިލާތައް ރަނގަޅު ގޮތެއްގައި ގާއިމްފެފައި އޮތުމަކީ މުޖުތަމައުުގެ ކާމިޔާބި އެކަމަކާ ގުޅިފައިވާ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެހެންކަމުން އާއިލާގެ ތެރޭގައި ނޭދެވޭ ކަންކަން ހިނގުމަކީ ކުޑަ ކެމެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އާއިލީ އަދުލުގެ ނިޒާމަކީ ކޮންމެ ދަނޑިވަޅެއްގައިވެސް އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގާބިލިއްޔަތު ލިބިގެންވާ ނިޒާމަކަށް ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ނިޒާމަކީ އެފަދަ ހިތާމަވެރި ހާދިސާއަކުން ކޮންމެ ދަނޑިވަޅެއްގައިވެސް މި ދެންނެވި ފަދަ ވަލްނަރަބަލް ފަރާތްތަކަށް އެކި ގޮތްގޮތުން ފޯރުކޮށްދޭން ޖެހޭ މަދަދާއި އެހީތެރިކަމާއި ރައްކާތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމުގެ ގާބިލިއްޔަތު ލިބިގެންވާ ނިޒާމަކަށް ހެދުމަކީ ލާޒިމް ކަމެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އޭގެ އިތުރުން، އެމަނިކުފާނު ވަނީ ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލުވެެވޭނެ ގޮތްތައް ހޯދުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވައިފައެވެ.

"އަދުލު އިންސާފުގެ ނިޒާމެއްގެ ފައިދާ ރައްޔިތުންނަށް ކުރާނީ އަދި އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމެއް އެދެވޭ ގޮތެއްގައި ހިނގަމުންދާ ކަމަށް ބެލޭނީ އަދުލުއިންސާފަށް ފަސޭހައިން ވާސިލުވެވޭނެ ގޮތް ކަށަވަރުކޮށްދެވިގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ފަސޭހައިން މައުލޫމާތު ސާފުކޮށްދެވޭނެ ގޮތް ފޯރުކޮށްދިނުމާއި، މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ގޮތެއް ހަމަޖައްސައިދިނުމާއި، އަވަހަށް މައްސަލަތައް ނިންމުމާއި، ހުކުމްތައް އަވަހަށް އަދި ފުރިހަމައަށް ތަންފީޒު ކުރުމަކީ ކޮންމެހެންވެސް ބޭނުން ކަންކަން ކަމަށް ވިދާޅުވިއެވެ. އެ ދާއިރާތަކުން ގެނެވިދާނެ އިސްލާހުތަކެއް އެބަ ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އާއިލީ އަދުލުގެ ނިޒާމާ ބެހޭ މަހާސިންތާ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަނޑޮހުގައެވެ. އެ މަހާސިންތާގައި ބޭރުގެ ފަނޑިޔާރުންނާއި، އުނިސެފްގެ އިސް އޮފިޝަލުންވެސް ކީ ނޯޓް ސްޕީޗުތައް ދެއްވާނެއެވެ.

comment ކޮމެންޓް