ގއ. މާމުޓާގައި ތަރައްގީކުރި ޕުލްމަން މޯލްޑިވްސް މާމުޓާ ރިސޯޓު ހުޅުވައިފިއެވެ.
ގއ. ކޫއްޑޫ އެއާޕޯޓުން ފުރައިގެން ލޯންޗުގައި 15 މިނެޓެއްހާ އިރުން ދެވޭ ސަރަހައްދުގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގައި ޖުމްލަ 122 ވިލާ ހުރެއެވެ.
މާމުޓާއަކީ ރާއްޖޭގައި ދެވަނައަށް އަންޑަވޯޓާ ވިލާ ތަރައްގީކުރި ރިސޯޓެވެ. މި ރިސޯޓުގައި އަންޑަވޯޓާ ދެ ވިލާ ހުންނާނެއެވެ. އެންމެ ފުރަތަމަ އަންޑަވޯޓާ ވިލާއެއް ހުޅުވީ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގައެވެ.

ގއ މާމުޓާގައި ތަރައްގީކުރި ޕުލްމަން މޯލްޑިވްސް މާމުޓާ
ކަނޑުއަޑީގެ ވިލާގެ އިތުރުން ޕުލްމަން މޯލްޑިވްސްގެ އަނެއް ހާއްސަ ކަމަކީ އެ ރިސޯޓުގެ ދަ ރޯޔަލް ސުއީޓްއެވެ. ފަތުރުވެރިން ބޭނުން ހިދުމަތްތައް މި ސުއީޓްއިން ލިބޭއިރު މިއީ ފުލް ޕްރައިވެސީ ލިބޭ ޖާގައިގެ ގޮތުންވެސް ތަނަވަސް ތަނެކެވެ.
މި ރިސޯޓުގައި ހަ ރެސްޓޯރެންޓާއި ބާ ހުންނައިރު ކުޑަކުދިންނަށާއި ޒުވާނުންނަށް ހާއްސަ ވަސީލަތްތައްވެސް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ކަސްރަތަށް ހާއްސަ ސަރަހައްދުތަކާއި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބުތައް ރިސޯޓުގައި ގާއިމްކޮށްފައިވާއިރު ފުރިހަމަ ސްޕާއެއްވެސް ވަނީ ގާއިމްކޮށްފައެވެ.
ފަތުރުވެރިންނަށް ސްނޯކަލްކުރުމުގެ ފުރުސަތާއި ވޯޓާސްޕޯޓްސްގެ ފުރިހަމަ ހިދުމަތެއްވެސް ލިބެނެ މި ރިސޯޓުގެ ވަށައިގެންވާ ސަރަހައްދުން ތަފާތު ވައްތަރުގެ މިޔަރާއި ވެލާ ކަހަނބު ފެންނާނެއެވެ. ރިސޯޓު ހިމެނޭ ސަރަހައްދަކީ ގިނަ އަދަދެއްގެ ޑައިވިން ސްޕޮޓުތައް ހިމެނޭ ސަރަހައްދެކެވެ.

ގއ މާމުތާގައި ތަރައްގީކުރި ޕުލްމަން މޯލްޑިވްސް މާމުޓާ
ރިސޯޓު ހުޅުވުމާ ގުޅިގެން މިއަހަރުގެ ޑިސެމްބަރު 23 ގެ ނިޔަލަށް ޕުލްމަން އިން ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށައިފައެވެ.
މިއީ ފްރާންސްގެ އެކޯހޮޓެލްސްއިން ހިންގާ ޕުލްމަން ބްރޭންޑުގެ ދަށުން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. އެކޯހޮޓަލްސް ރާއްޖޭގައި އިތުރު ހަތަރު ރިސޯޓު ހިންގައެވެ. އެއީ ފެއާމޮންޓް މޯލްޑިިވްސް ސިއްރު ފެންފުއްޓާއި މާކިޔޮ މޯލްޑިވްސް ކޫއްޑޫ އަދި މޫވިންޕިކް ރިސޯޓު ކުރެދިވަރު މޯލްޑިވްސްގެ އިތުރުން ރެފްލްސް މޯލްޑިވްސް މެރަދޫއެވެ.