ނޮވެމްބަރު 3، 1988: ލަންކާގެ ޕްލޮޓް ޖަމާއަތް ރާއްޖެ ގެނެސްގެން ހިންގި ބަޣާވާތް ނާކާމިޔާބުކޮށްލުމުގައި އުޅުނު ދިވެހި ސިފައިން އަމަން ބެލެހެއްޓުމުގައި.

އިސްލާމީ ދައުލަތެއްގެ ސިޔާގުގައި ބަޣާވާތަކީ ޝަރުއީ ގޮތުން ނުވަތަ ގާނޫނީ ގޮތުން ހަރުދަނާ ޖަސްޓިފިކޭޝަނެއް ނެތި، އިސްލާމް ދީނާއި މުސްލިމުންގެ ގާނޫނުތަކުގެ ދަށުން ޝަރުއިއްޔަތު ލިބިހުރި އަދި އެ ޝަރުއިއްޔަތު ގެއްލިފައި ނުވާ ވެރިޔަކާ ދެކޮޅަށް ނުކުމެ ދެކޮޅުވެރި ވުމެވެ. އެގޮތުން ބަލާ އިރު މީގެ ދުއިސައްތަ ފަންސާހަކަށް އަހަރު ކުރީން، ދިވެހިރާއްޖޭގެ ކީރިތި މަހާރަދުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރުގެ ރަސްކަން އަތުލައިގަނެ، އެމަނިކުފާނު ޝަހީދު ކޮށް، އެމަނިކުފާނުގެ ޚާންދާނުގެ ބެއިފުޅުންނާއި ވަފާތެރީންގެ ގެދޮރާއި މުދާތައް ފޭރި، މަގުމަތި ކޮށް ފުރަމާލެއިން ބޭރު ކުރި ކުރުމަކީ ހަގީގީ ބަޣާވާތެކެވެ.

ދިވެހި ތާރީޚު އަޅުގަނޑުމެންނަށް ނަގައިދޭ އެންމެ އަގުހުރި ފިލާވަޅުތަކުގެ ތެރެއިން ބައެއް ފިލާވަޅުތަކަކީ މި ދެންނެވި ބަޣާވާތުގެ ވާހަކަ ލިޔެވިފައި ވާ ސަފުހާތަކުން ފެންނާން ހުރި ފިލާވަޅުތަކެވެ. ބަޣާވާތުގެ އިސް މޭސްތިރިޔެއްގެ ގޮތުގައި ހުންނެވީ އަތިރީގޭ ދޮންމަރުދުރު ފަޑިއްކަލޭފާނަށް ހޫރުކާފަ ވިދާޅުވާ މުޙައްމަދު މަނިކުފާނެވެ. ޣިޔާޘުއްދީން ކީރިތި މަހާރަދުންގެ ރަސްކަން ފޭރިގެންނެވުމަށް ފަހު، މި މުޙައްމަދު މަނިކުފާނު ދިވެހި ސިންގާސަނާގައި އިށީނދެވަޑައިގަތީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރުގެ ނަންފުޅުގައެވެ. މިއީ ދިވެހި ތާރީޚުގައި ރަސްކަން ކުރި އެންމެ ފަހުގެ ޚާންދާން ކަމަށް ވާ ހުރާގޭ ޚާންދާނުގެ ރަސްކަމުގެ ފެށުމެވެ.

މި ބަޣާވާތުގެ ވާހަކަ ފެށެނީ މީލާދީން 1752 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވީ ބުދަ ދުވަހުއެވެ. އެއީ އައްސުލްޠާނުލް މުކައްރަމް މުޙައްމަދު ޢިމާދުއްދީން ކޮރު ބަންޑާރައިންގެ ރަސްކަމުން ހަތަރު ވަނަޔަށް އޮތް އަހަރު، އިންޑިޔާގެ މަލާބާރީން ނުވަތަ ހޮޅީން މާލެ ހިފި ދުވަހެވެ. މާލެ ހިފައި، ޝާހީ ގަނޑުވަރު އަންދައިލުމަށް ފަހު، ހޮޅީން ދިމާ ކުރީ ކޮރު ބަންޑާރައިން ގޮވައިގެން މަލާބާރަށް ފުރުމަށެވެ. ރަދުން ވެވަޑައިގަތް ހާލުކޮޅެއްގައި ވެވަޑައިގަންނަވާން ބެއިފުޅުންކޮޅެއް އަރިޔަހުގައި މަލާބާރީންގެ އޮޑިޔަށް ވަޑައިގަތެވެ. އެއް ބެއިފުޅަކީ ކޮރުބަންޑާރައިންގެ ކުރީން ރަސްކަން ކުރެއްވި އެމަނިކުފާނުގެ ބޭބޭފުޅު އިބްރާހީމް ރަސްގެފާނުގެ މުޙައްމަދު މަނިކުފާނެވެ. ދިވެހި ތަޚްތުގެ ހައްގުވެރިޔާއެވެ. އަނެއް ބެއިފުޅަކީ ރަދުންގެ ބޮޑުން ކުރެ، އަތިރީގޭ ދޮންމަރުދުރު ފަޑިއްކަލޭގެފާނަށް ކާފަ ވިދާޅުވާ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ކިލެގެފާނެވެ. އެހެން ބައެއް ބެއިފުޅުން ވެސް ވަފާތެރިކަމާއި އަމާނާތްތެރިކަމާއި ގުރުބާނީގެ ލާމަސީލު ނަމޫނާއެއް ކަމުގައި ހިމެނުނު މި ފަޚުރުވެރި ލިސްޓުގައި ހިމެނިވަޑައިގަތެވެ.

މި ހިތާމަވެރި ހާދިސާޔަށް ފަހު، ދިވެހި ގައުމުގެ އިސްތިގުލާލުގެ ދިފާއުގައި ނުކުމެވަޑައިގަތް މާތް ބަޠަލަކީ މުލީގޭ ދޮން ޙަސަން މަނިކުފާނެވެ. އިބްރާހީމް ރަސްގެފާނަށް ވަފާތެރިކަމުގައި، އެމަނިކުފާނުގެ އަރިޔަހުގައި މަލާބާރީންގެ އޮޑިޔަށް އަރައިވަޑައިގަތް އަލްވަޒީރު މުޙައްމަދު ފާމުލަދޭރި ކިލެގެފާނުގެ ދަރިކަލުންނެވެ.

ހޮޅީންނާ ހަނގުރާމަ ކުރެއްވުމަށް ޓަކައި ދޮން ޙަސަން މަނިކުފާނު ނުކުމެވަޑައިގަތީ އިބްރާހީމް ރަސްގެފާނުގެ ބޮޑުންނާއި އަސްކަރީންނާއި ފުރަމާލޭގެ ރައްޔިތުން ކުރެ ދުއިސައްތަ ވަރަކަށް މީހުންނާއިގެންނެވެ. މީލާދީން 1753 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުގެ ރެއެވެ. ފުރިހަމަ ހިކުމަތުއަމަލީ އާއި، ހިތްވަރާއި ފަންވަރާ އެކު ދޮން ޙަސަން މަނިކުފާނު ހޮޅީންނާ ހަނގުރާމަ ކުރައްވައި، އެމީހުން ބަލި ކުރައްވައި މާލެ މިނިވަން ކުރެއްވިއެވެ.

މުލީގޭ ދޮން ހަސަން މަނިކުފާނަކީ ވަފާތެރި ބެއިފުޅެކެވެ. ދީންވެރި، ޚުލްގުފުޅު ހެޔޮ، އަމާނާތްތެރިއެކެވެ. އެމަނިކުފާނުގެ ބައްޕާފުޅެކޭ އެއްފަދައިން، ރަދުންނަށް ތެދުވެރި ބެއިފުޅެކެވެ. އެންމެ ފަހު ނޭވާފުޅާ ހަމަޔަށް ވެސް އެގޮތުގައި ހުންނެވިކަން ތާރީޚުން އެނގެއެވެ. ދިވެހިރާއްޖެ މިނިވަން ކުރެއްވުމަށް ފަހު ދައުލަތް ހިންގެވީ ވެސް ރަދުންގެ ނަންފުޅުމަތީގައެވެ. "ރިޖެންޓް"ގެ ގޮތުގައި ޝާހީ އާއިލާގެ ބެއިފުޅަކު ބަހައްޓަވައިގެންނެވެ. ރަދުން މާލެ ގެނެވޭތޯ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ، އެންމެ ފަހުން ހޮޅީންގެ ގައިދުގައި ހުންނަވައި ރަދުން އަވަހާރަ ވެއްޖެކަމުގެ ޚަބަރު މާލެޔަށް ފޯރުމުން، ދެން ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތީއެވެ. އައްސުލްޠާން ޙަސަން ޢިއްޒުއްދީންގެ ނަންފުޅުގައެވެ.

ހޮޅީންނާ އެކު ރަދުންގެ އަރިޔަހުގައި މަލާބާރަށް ވަޑައިގަތް ދިވެހި ރަސްކަމުގެ ވާރުތަވެރިޔާ، އިބްރާހީމް ރަސްގެފާނުގެ މުޙައްމަދު މަނިކުފާނު އެގާރަ ވަރަކަށް އަހަރު ކަރައިގައި އުޅުއްވިއެވެ. މި އުޅުއްވުމުގައި މަލާބާރީންގެ ގައިދުން ފިލައިވަޑައިގެން، އެކިއެކި ތަންތަނުން ދަތުރު ކުރައްވައި ހެއްދެވިއެވެ. ބުނެވޭ ގޮތުގައި ކަރައިގެ ބައެއް އިލްމުވެރީންގެ ގާތުން އިލްމު ވެސް ހޯއްދެވިއެވެ. މިހެން އުޅުއްވަމުން ގޮސް އެމަނިކުފާނަށް ރާއްޖެ ވަޑައިގެންނެވޭ ވަރު ވީ އައްސުލްޠާން ޙަސަން ޢިއްޒުއްދީން ނުވަތަ މަޝްހޫރު ދޮން ބަންޑާރައިންގެ ރަސްކަމުން ފަސްވަނަޔަށް އޮތް އަހަރުގެ ތެރޭގައެވެ. ވަޑައިގަތް އޮޑި މާލޭ ބަނދަރަށް ނަގިލި ލީ މީލާދީން 1763 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 16 ވީ ބުދަ ދުވަހުއެވެ.

މުޙައްމަދު މަނިކުފާނު މާލެ ވަޑައިގަތްކަން ދޮންބަންޑާރައިންނަށް އެނގިވަޑައިގެން، އެކަން އެމަނިކުފާނުގެ ބޮޑުންނާއި ވަޒީރުންނަށް އެންގެވީމާ، އެ ބެއިކަލުންގެ މެދުގައި ޚިޔާލު ތަފާތުވުމާއި ބަހުސްތަކެއް އުފެދުނީއެވެ. ގިނަ ބެއިފުޅުންގެ ރައުޔަކީ މުޙައްމަދު މަނިކުފާނު މާލެ އަރައިވަޑައިގަތަނުދިނުމެވެ. ނަމަވެސް ދޮން ބަންޑާރައިން މި ނުކިއްސަރު އަދި ބަޣާވާތްތެރި މަޝްވަރާ އައްސަވާކަށް މަޑެއް ވެސް ނުކުރެއްވިއެވެ. ދެބަސްވުން އުފެދުމާ އެކު، މަޖިލިސް ދޫ ކޮށްލައްވައިފައި ލަޝްކަރު ގޮވައިގެން އަތިރިމައްޗަށް ވަޑައިގަތީއެވެ. އަދި ރަސްކަލެއް ފަދައިން މުޙައްމަދު މަނިކުފާނު ރަށަށް ބައިލައްވައި، އިސްތިގުބާލު ކުރައްވައި، ހަތްކޮޅާއި ހަރުބީގެ އިއްޒަތުގައި ގަނޑުވަރަށް ގެންނެވީއެވެ. އަދި އެތެރެ ކޮއިލުގައި ބެހެއްޓެވީއެވެ.

ދިވެހި ތާރީޚު ބުނާ ގޮތުން، ދޮން ބަންޑާރައިން ދުނިޔޭގައި ހުންނެވިހައި ދުވަހަކު މުޙައްމަދު މަނިކުފާނު އެތެރެ ކޮއިލުގައި އުޅުއްވިއެވެ. ދޮން ބަންޑާރައިން އަވަހާރަ ވީ 1767 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 1 ވީ އާދީއްތަ ދުވަހުއެވެ. އެއީ މުޙައްމަދު މަނިކުފާނު މާލެ ވަޑައިގަތްތާ ހަތަރުވަރަކަށް އަހަރު ފަހުންނެވެ. މި މުއްދަތުގެ ތެރޭގައި މުޙައްމަދު މަނިކުފާނު ދޮން ބަންޑާރައިންނާ ޚިލާފަށް އެއްވެސް ކަމެއް، އެއްވެސް ސިފައެއްގައި، އެއްވެސް މިންވަރަކަށް ކުރައްވައިފައި ނުވާކަމާއި، ތަޚުތުގައި އިންނެވި ރަދުންނަށް ފުރިހަމަޔަށް ވަފާތެރި ވެވަޑައިގެންނެވިކަމަށް ތާރީޚު ހެކިދެއެވެ. މިއީ މުޙައްމަދު މަނިކުފާނުގެ މަތިވެރިކަމާއި، މުޙުތަރަމްކަމާއި، މުރުއްވަތްތެރިކަމާއި، ހެޔޮ ޚުލުޤުފުޅާއި، ޝާހިއްޔަތު އަންގައި ދަލީލު ކޮށްދޭ އެތައް ހެއްކެއްގެ ތެރެއިން އެއް ކަމެކެވެ.

ދޮން ބަންޑާރައިން އަވަހާރަ ވުމަށް މެދުވެރި ވި އާލާސްކަންފުޅުގައި އޮންނަވައި، އާލާސްކަންފުޅު މާ ބޮޑު ވުމުން، އާއިލާގެ އިސް ބެއިފުޅުންނާއި ދައުލަތުގެ އިސް ބޮޑުން އެމަނިކުފާނުގެ އަރިޔަހަށް ހާޒިރު ކުރެއްވިއެވެ. އޭގެ ތެރޭގައި ބޮޑުބަނޑޭރި ޢުމަރު ސައިފުއްދީނާއި، ޢަލީ ހަކުރާ ތަކުރުފާނާއި، ޙުސައިން ދޮށިމޭނާ ކިލެގެފާނާއި، ޢަލީ ރަންނަބަނޑޭރި ކިލެގެފާނާއި، މުރައިދޫ ޙުސައިން ވެލާނާ ތަކުރުފާނާއި، ޢުމަރު މާފަތް ކަލޭގެފާނާއި، މާއެނބޫދޫ ޙަސަން ދަހަރާ ކަލޭގެފާނާއި، މުޙައްމަދު ފާމުލަދޭރި ކިލެގެފާނު ފަދަ ބެއިފުޅުން ހިމެނިވަޑައިގަތެވެ. މި އެންމެ ބެއިފުޅުންނާ ވަކިވަކިން މުޚާތަބު ކުރައްވައި، ދޮން ބަންޑާރައިން ވިދާޅުވި ގޮތަކަށް އަމަލު ކުރައްވާނޭކަމަށް ވަކިވަކީން އެ ބެއިފުޅުންގެ އަހުދުކަށަވަރު ހިއްޕަވައިފައި، އެ މަޖިލިހުގައި އިންނެވި އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރު ކަލޭގެފާނު ހެކި ކުރައްވައި، ދިވެހި ތަޚުތާއި ތާޖު އޭގެ ހައްގުވެރިޔާ އިބްރާހީމް ރަސްގެފާނުގެ މުޙައްމަދު މަނިކުފާނަށް ދޫ ކުރެއްވިއެވެ. އެއީ އެމަނިކުފާނުގެ ހައްގެކޭ ވިދާޅުވެއެވެ. ދެން ވިދާޅުވީ "އަހުރެންގެ ކުދީންނާ މާތްﷲ އާ ވަކީލޭ" މިފަދައިންނެވެ. ދެން ގިނަ ދުވަހެއް ނުވެ ދޮން ބަންޑާރައިން އަވަހާރަ ވީއެވެ. ﷲ އާ ވަކީލު ކުރައްވައި ފަހުތިބީންގެ އަމާނާތުގެ ދަށަށް ދޫ ކުރެއްވީ ތިން ބެއިފުޅުންނެވެ. އެއީ އުމުރުފުޅުން ސާދަ އަހަރުގެ މުޙައްމަދު މަނިކުފާނާއި، އުމުރުފުޅުން އަށް އަހަރުގެ އިބްރާހީމް މަނިކުފާނާއި، އުމުރުފުޅުން ހަތަރު އަހަރުގެ ޢަލީ މަނިކުފާނެވެ.

ދޮން ބަންޑާރައިން އަވަހާރަ ވުމުން، އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރު ދިވެހިރާއްޖޭގެ ތަޚުތުގައި އިށީނދެވަޑައިގެން، ރަސްކަން ކުރައްވާން ފެއްޓެވީ އަދުލުވެރި މަގުންނެވެ. ދޮން ބަންޑާރައިންގެ އާއިލާގެ ބެއިފުޅުންނަކީ ސިޔާސީ އަދާވާތްތެރީން ކަމަށް ބައްލަވައިގެން އެއްވެސް ބެއިފުޅަކަށް ދެރަ ގޮތެއް ނުހައްދަވައެވެ. ދޮން ބަންޑާރައިން އެމަނިކުފާނާ މެދު ކަން ކުރެއްވިހައި އޯގާތެރިކޮށް އަދި ހެޔޮފުޅުކޮށް ކަންތައް ކުރެއްވި ކަމަށް ދިވެހި ތާރީޚުގައި ލިޔެފައި ވެއެވެ. ދޮން ބަންޑާރައިންގެ ހުވަފަތް އަނބިކަނބަލުންނާއި ތިން ބެއިފުޅުން ވެސް ބެއިތިއްބެވީ ޝާހީ ގަނޑުވަރުގައެވެ. ކުޑަ ކިބައިގައެވެ.

ނަމަވެސް ބާޣީންނަކަށް ހަގީގަތާއި އިންސާފުގެ އަލިކަމުގެ ކުރިމަތީގައި ލޯ ހުޅުވައެއްނުލެވުނެވެ. މުޙައްމަދު ޣިޔާޘުއްދީން ކީރިތި މަހާރަދުންނަކީ ރާއްޖޭގެ ތަޚުތުގެ ހައްގުވެރިޔާކަމާއި، އެމަނިކުފާނު ދޮންބަންޑާރައިންނާ މެދުގައި ބެހެއްޓެވި އިހުސާންތެރިކަމާއި، ދޮން ބަންޑާރައިންނަށް ފަހު އެމަނިކުފާނުގެ އާއިލާޔާ މެދުގައި ކީރިތި މަހާރަދުން ކަން ކުރެއްވި ރިވެތި ގޮތްކޮޅާ މެދު އެމީހުންނަކަށް އިންސާފުވެރި ބެލުމަކުން ނުބެލުނެވެ. މިޔަށް ވުރެ ވެސް ބޮޑަށް، އަތިރީގޭ ޚާންދާނަށް ދައުލަތުގެ ބޮޑުންގެ އާއިލާއެއްގެ ދަރަޖަ ދެއްވީ މުޙައްމަދު ޣިޔާޘުއްދީނުގެ ކާބަފައި ރަސްރަސްކަލުންކަމާއި، އެމަނިކުފާނަށް ޣައްދާރު ވެގަތުމީ ކާން ދިން އަތުގައި ދަތް އެޅުން ކަމަށް މެނުވީ ނުވާނޭކަން ވެސް އެމީހުންގެ ބުއްދިތަކަކަށް ނުވަނެވެ. "ތަޚުތުގެ ޒީނަތްތެރިކަމުގެ ވިދުވަރުގެ" ސަބަބުން އެމީހުންގެ ބުއްދިތަކާއި ހިތްތައް ހުރީ ކަނު ވެފައެވެ. އެމީހުންގެ "އެދުމުގެ ދޫތައް" ގޮވާން ފެށި ގޮވުމުގެ އަޑު ބާރުކަމުން، އެއްވެސް އެހެން އަޑެއް އެމީހުންގެ ސަފުތަކުގެ ތެރެޔަކު އިވޭގޮތެއް ނުވިއެވެ.

މި ދެންނެވި ގޮތުގެ މަތީން ބަޣާވާތުގެ ނުބައި ފުމުންތައް ފުމޭން ފަށައިގަތުމުގައި އިސްކޮށް ތިއްބެވި ބެއިފުޅުންނަކީ، ހުރާގޭ ޚާންދާނުން ޢަލީ ރަންނަބަނޑޭރި ކިލެގެފާނާއި، އަލްވަޒީރު އިބްރާހީމް ފާމުދޭރި ތަކުރުފާނާއި، މުޙައްމަދު މުރީދު ތަކުރުފާނާއި، ޙުސައިން ކަކާ ތަކުރުފާނެވެ. މި ބެއިފުޅުންގެ ފިތުނަފަސާދައިގެ ޚަބަރުތައް ރަށުތެރޭގައި ފެތުރޭން ފެށުމުން، ކީރިތި މަހާރަދުން އެ ހާލަތުގައި އެޅުއްވުން ޒަރޫރަތްތެރި ހުރިހައި ފިޔަވަޅުތަކެއް އެޅުއްވިއެވެ. އެކަމުގައި އުޅުނު ހުރާގޭ ޚާންދާނުގެ ބެއިފުޅުންނާއި، އެ ބެއިފުޅުންނާ ބައިވެރި ވެވަޑައިގެންނެވި އެހެން ބެއިފުޅުންނާއި، ރަދުންނަށް އިތުބާރު ނުކުރެއްވެވޭ ބޮޑުންގެ ބެއިފުޅުންތައް މަގާމުތަކުން ދުރު ކުރެއްވުމާއި، ބައެއް ބެއިފުޅުން އެކިއެކި ރަށްރަށަށް އަރުވައިލެއްވުން ފަދަ ފިޔަވަޅުތައް އެޅުއްވިއެވެ. ފިތުނަ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މީހުން އަރުވައިލެއްވީ ދުއްރައިން ތެޅުމުގެ އަދަބު ވެސް ދެއްވައިފިއެވެ.

މި ފިޔަވަޅުތަކުން ވެސް ބާޣީންގެ ހަރަކާތްތައް ހުއްޓޭ ގޮތެއް ނުވިއެވެ. އެމީހުން ގެންދިޔައީ ރޭވުންތައް ރާވަމުންނެވެ. ކީރިތި މަހާރަދުންގެ ރަސްކަމުން ފަސްވަނަޔަށް ވީ އަހަރު، އަނެއްކާވެސް ބަޣާވާތުގެ ކަނޑުން ބިޔަ ރާޅެއް އުފުލުނެވެ. މި ފަހަރު އެކަމުގައި އިސްކޮށް ހުންނެވީ ދޮންބަންޑާރައިންގެ ކޮއްކޯފުޅު ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ މުޙައްމަދު މަނިކުފާނެވެ. މި ފަހަރުގެ ރޭވުންތައް އޮތީ މި ޒަމާނުގެ އިބާރާތުން ދަންނަވާ ނަމަ ޓެރަރިޒަމުގެ އަމަލުތަކެއްގެ ތެރެއިން ރަސްގެފާނު އަވަހާރަ ކޮށްލުމާ ހަމަޔަށް ދިޔުމަށް އަމާޒު ކުރެވިފައެވެ. އެއީ ޝާހީ ގަނޑުވަރުގެ ކައިރީގައި ހުރި އިމާރާތެއްގައި ރޯ ކޮށްލައިގެން، އެ ކަންތައްގަނޑުގެ ތެރޭގައި ރަދުން ގަނޑުވަރުން ނުކުމެވަޑައިގަންނަވާ ތަނުން ގަނޑުވަރުގެ ތެރެޔަށް ބާޣީން ވަދެ، ހެދުނު އެއްޗެއް ހަދާ ގޮތަށެވެ. މި ރޭވުމުގެ ދަށުން، ގަނޑުވަރާ ދާދި ކައިރީގައި ހުރި ބަޑިބޭސް ރައްކާ ކުރާ ތަނެއްގައި އަލިފާން ރޯ ކޮށްލެވުނެވެ. އަދި އެ ހައިޖާނުގަނޑުގެ ތެރޭގައި ގަނޑުވަރުން ނުކުމެވަޑައިގެން ރޯ ކޮށްލެވުނު ތަނަށް ވަޑައިގަންނަވާން ރަދުން އުޅުއްވިމެއެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަރިހު ބެއިކަލުން ދެއްވި ލަފަޔާއި މަޝްވަރާގެ މައްޗަށް، ރަދުން ބޭރަށް ނުކުމެވަޑައިގަތުމުގެ ޚިޔާލުފުޅު ދޫ ކޮށްލެއްވީއެވެ.

ބާޣީންގެ ރޭވުން ކާމިޔާބު ނުވެ ދިޔުމަށް ފަހު، މި ފަހަރު ވެސް އެމީހުންގެ އިސް މީހުންނަށް ހައްގު އަދަބު ދެވި، އެކިއެކި ރަށްރަށަށް އަރުވައިލެވުނެވެ. މުޙައްމަދު މަނިކުފާނު ވެސް ހައްދުންމަތީ ކަޅައިދުއަށް އަރުވައިލެވުނީއެވެ. ނަމަވެސް ފަހުން މާލެ ގެންނަވައި، ބަޣާވާތްތެރި އަމަލެއް ނުކުރެއްވުމަށް އެތައް އަހުދެއް ކުރުއްވަވައިފައި، ހެޔޮކޮށް ހިއްތަވައި މިނިވަން ކުރެއްވިއެވެ. އަދި އޭނާޔަށް ގަނޑުވަރެއް ވެސް ދެއްވިއެވެ.

ފުރަމާލޭގައި ބާޣީންތަކެއްގެ ފިތުނަފަސާދަ، އުދަރެސް ބަނަ ކުރަމުންދާ ކަޅު ވިލާގަނޑެއް ފަދައިން އޮއްވައި ވެސް، ކީރިތި މަހާރަދުން އެމަނިކުފާނުގެ ރަސްކަމުން ހަތް އަހަރު ފުރި އަށްވަނަ އަހަރުގެ ތެރޭގައި މާތް ވެގެންވާ މައްކާޔަށް ހައްޖު ދަތުރުފުޅެއް ކުރެއްވުމަށް ގަސްދު ކުރެއްވިއެވެ. އެ އެދުންފުޅުގައި އަރިސް ބައެއް ބެއިކަލުންނާއި އާއިލާގެ ބައެއް މެންބަރުންނާ އެކު ކީރިތި މަހާރަދުން މާލެއިން ފުރައިވަޑައިގަތީ 1773 ވަނަ އަހަރުގެ ޑިސެންބަރުން 17 ވީ ހުކުރު ދުވަހުއެވެ.

ރަދުން ފުރައިވަޑައިގަތުމަށް ފަހު، މާކަ ގިނަ ދުވަހަކު ބާޣީންގެ ބޮޑުންނަށް ކެތެއް ނުކުރެއްވުނެވެ. އެއްކަލަ މުޙައްމަދު މަނިކުފާނު އޭނާގެ އައުވާނުންނާއިގެން މަގުމައްޗަށް ނުކުމެވަޑައިގަތީ ރަދުން މާލެއިން ބޭރު ވެވަޑައިގަތްތާ ހަތަރުވަނަޔަށް ވީ ދުވަހުއެވެ. އޭނާ ފުރަމާލޭގައި ފެތުރުއްވެވި އަޑަކީ ޢަލީ ވެލާނާ މަނިކުފާނު، ނުވަތަ ޢަލީ ޝާހުބަންދަރު ރަސްކަން ފިރުކައިގަންނަވައިފި ވާހަކައެވެ. މިއީ ތެދެއްތޯ، ނުވަތަ މުޙައްމަދު މަނިކުފާނުގެ އަމުރުފުޅަށް އެމަނިކުފާނުގެ އައުވާނުން ފެތުރި މަކަރުވެރި ޕްރޮޕެގެންޑާއެއްތޯ، މިއީ އިތުރަށް ދިރާސާ ކުރާންވީ ކަމެކެވެ. ކޮންމެއަކަސް، މި ހައިޖާނުގަނޑެއްގެ ތެރޭގައި މުޙައްމަދު މަނިކުފާނު ޖަމާއަތަކާއިގެން ހަތިޔާރު ހިއްޕަވައިގެން ނުކުމެވަޑައިގެން ބޮޑުކޯއްޓޭގައި މަރުކަޒު ގާއިމު ކުރެއްވީއެވެ. ޢަލީ ވެލާނާ މަނިކުފާނާއި އެމަނިކުފާނުގެ އެކުވެރީން ހަތިޔާރާ އެކު އެއް ވެވަޑައިގަތީ އައު ކޯއްޓޭއަށެވެ. އެއިރު މުޙައްމަދު މަނިކުފާނުގެ ފަރާތްޕުޅުން ރަށުތެރޭގައި ގޮވަމުން ދިޔައީ "ޢަލީ ވެލާނާ މަނިކުފާނު އެ ހުންނެވީ ރަސްކަން މިލްކު ކޮށްގެންނޭ، ފުރައިވަޑައިގެންނެވި ރަދުންނަށް ވާތްގެއް ދޭން ތިބި ބަޔަކު ވިއްޔާ" ބޮޑުކޯއްޓޭ ދޮށަށް އައިސް އެމަނިކުފާނާ ބައިވެރި ވުމަށެވެ. މި ގޮވުމުގެ ސަބަބުން ރައްޔިތުން ނުކުތީ ކީރިތި މަހާރަދުންނަށް ނަސްރު ދިނުމުގެ މަގުސަދުގައެވެ. ބަޑި ޖަހައި ހަނގުރާމަ ފަށައިގަންނަ ހިސާބަށް ކަންތައް ގޮސްފައި އޮއްވައި، އެއިރުގެ ބޮޑު ފަނޑިޔާރު މަނިކުފާނު މުޙައްމަދު މުޙިއްބުއްދީން ވަޑައިގެން ދެބައިމީހުންނަށް ނަސޭހަތް ދެއްވައިގެން، ހިސާބަކަށް މަސްރަހު ފިނި ކުރެއްވިއެވެ.

އެ ހިސާބުން އުފެދިފައި އޮތް އޮޅުންބޮޅުމާއި ހާސްކަމުގެ ފައިދާ މުޙައްމަދު މަނިކުފާނު ވަރަށް ރަނގަޅަށް ނެންގެވިއެވެ. ގަނޑުވަރު އޭނާގެ ބާރުގެ ދަށަށް ގެންނަވައި، ރަދުންނަށް ވަފާތެރި ބެއިފުޅުންނަށް މަގުތައް ބަންދު ކޮށް، ދޮގު ވާހަކަތައް ފަތުރުއްވަވައި، ހުރާގޭ ޚާންދާނާއި އެ ޚާންދާނަށް މަދަދުވެރި ވާން ތިބިހައި ބަޔަކު ނެރުއްވިއެވެ. އެޔަށްފަހު އޭނާގެ ހަގީގީ މަގުސަދު ބަޔާން ކުރެއްވީ، ދިވެހި ތާރީޚުގައި ލިޔެވިފައި ވާ ގޮތުން، ގާތްގަނޑަކަށް އަންނަނިވި އިބާރާތްތަކުންނެވެ. "މަލާބާރީން މި ރާއްޖެ ހިފައި، ރާއްޖެ ދަރަނިވެރި ވެފައި އޮއްވައި އަހަރެންގެ ބޭބޭފުޅު ރާއްޖެ ހިއްޕަވައި، ދަރަނި ދެއްވަވައި، ރާއްޖެ މިނިވަން ކުރެއްވިއެވެ. ވީމާ ރާއްޖޭގެ ރަސްކަމެއް ދެން އެހެން މީހަކަށް ނުދެއްވާނަމެވެ. މި ރަސްކަން ހައްގު ވެގެން ވަނީ އަހަރެންނަށެވެ. މި ރަސްކަމާ ހުރެ އަހަރެން މަރުދީ ތޮޅޭނަމެވެ."

ބާޣީންނަށް ކާމިޔާބު ލިބުމަށް ފަހު، މުޙައްމަދު މަނިކުފާނު އަމިއްލަފުޅަށް ތަޚުތަށް އަރުއްވައި، އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު މި ނަމުގައި ރަސްކަން ކުރައްވާން ފެއްޓެވީއެވެ. ދެން ފެނިގެން ދިޔައީ ދިވެހި ތާރީޚުގެ އެންމެ އަނދިރި އެއް ބާބެވެ. މިއަދާ ހަމަޔަށް ގައުމު އޭގެ އަގު ދައްކަމުން އަންނަ އެތައް ނުބައެއް ފެށުނު ބާބެވެ. ވަރަށް ކުރުކޮށް ކިޔަމާ ހިންގަވާށެވެ. ކީރިތި މަހާރަދުން މުޙައްމަދު ޣިޔާޘުއްދީންގެ ގަނޑުވަރުކޮޅުގައި ހުރި ބޭނުން ހިފޭ ހުރިހާ އެއްޗެއް ފޭރިގަންނަވައި، ގަނޑުވަރު ތަޅުއްވައިލެއްވީއެވެ. ރަދުންގެ އާއިލާ ކަމަށް ވާ ދިޔަމިގިލީ ޚާންދާނުގެ ބެއިފުޅުންގެ ގެދޮރާއި މުދަލުގެ ތެރެއިން، މުޙައްމަދު ޢިމާދުއްދީން ރަދުންގެ ދިޔަމިގިލީގައި ހުރި ގަނޑުވަރު ނޫން އެހެން ހުރިހާ އެއްޗެއް ފޭރިގެންނެވީއެވެ. އެ ޚާންދާނުގެ ބެއިފުޅުންނާއި، އެ ބެއިފުޅުންނަށް ވަފާތެރި ބެއިފުޅުންގެ ވެސް ގެދޮރާއި މުދާ ފޭރިގަންނަވައި، އަރުވައިލެއްވީއެވެ. ކީރިތި މަހާރަދުންގެ ބައްޕާފުޅު އިބްރާހީމް ރަސްގެފާނުގެ މާލޭގައި އޮތް ގޯތިތަކުގެ އިތުރުން ވަގުފު ކުރައްވައިފައި ހުރި ބިންތައް ވެސް އަތުލައްވައިގެންނެވީއެވެ. އެތައް ބަޔަކަށް ދުއްރައިގެ އަނިޔާ ތަހައްމަލު ކުރާން ވެސް ޖެހުނެވެ. އެއަށްފަހު، ދިޔަމިގިލީ ދަރިކޮޅުގެ އެއްވެސް ބެއިފުޅަކު އިލްމު އުނގެނުން ވެސް މަނާ ކުރެއްވިއެވެ. ފަހުން މި އަމުރުފުޅުގެ ދާއިރާ ފުޅާ ކުރައްވައި، ރަދުން ހިތްޕުޅާ ވެގެން ހުއްދަ ދެއްވި އެއްވެސް މީހަކު ފިޔަވައި، ދިވެހި އެއްވެސް ރައްޔިތަކު އިލްމު އުނގެނުން މަނާ ކުރެއްވިއެވެ. މިގޮތުން މަޝްހޫރު އިސްކަންދަރު ރަސްގެފާނު ރާއްޖެ އިލްމީ ސޮސައިޓީއަކަށް ބަދަލު ކުރުމަށް އެޅުއްވި ބިންގާ ފުނޑުފުނޑު ވެގެން ދިޔައީއެވެ. ދިވެހި ތާރީޚުގައި އޮންނަ ގޮތުން، ރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް ރައްޔިތުންގެ ގެދޮރު ތަޅުއްވައި، އިލްމު އުނގެނުން މަނާ ކުރެއްވި ރަސްކަލަކީ މި މުޙައްމަދު ޝަމްސުއްދީނެވެ.

ހަގީގަތުގައި މި މުޙައްމަދު ޝަމްސުއްދީން އިސްކަންދަރަކީ ހުރާގޭ ޚާންދާނުގެ ރަސްކަމުގެ ފުރަތަމަ ރަސްގެފާނެވެ. ދޮން ބަންޑާރައިންނަކީ މި ޚާންދާނުގެ ބެއިފުޅަކަށް ވިޔަސް، އެމަނިކުފާނަކީ މި ޚާންދާނުގެ ރަސްކަމެއް ގާއިމު ވެގެން، ނިޒާމުގެ ތެރެއިން ރަސްކަމަށް ވަޑައިގަތް ބެއިފުޅަކަށް ނުވާތީ، އަދި އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައިގެން، އެމަނިކުފާނަށް ފަހު އެމަނިކުފާނުގެ ޚާންދާނުގެ ރަސްކަމެއް އޮވެގެން ނުވާނޭކަން ސާފުބަހުން ވިދާޅުވެ، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މަނިކުފާނު ހެކި ކުރައްވައި ކުރެއްވި ވަސިއްޔަތަކުން ހަގީގީ ޝާހީ އާއިލާޔަށް ރަސްކަން ފުރާތަ ކުރައްވައިފައި ވާތީ، އެމަނިކުފާނަކީ ހުރާގޭ ޚާންދާނުގެ ރަސްކަމެއްގެ ފުރަތަމަ ރަސްގެފާނު ކަމަށް ބެލެވޭނެ ގޮތެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ބަޣާވާތުގެ ރަސްކަމުގެ އޮޑި ސަމާލު ކުރެއްވުމަށް ފަހު، މުޙައްމަދު ޝަމްސުއްދީން ރަސްކަމުން ފައިބައިވަޑައިގެން، އޭނާގެ ދެބެންގެ ދެދަރި ކޮއްކޯފުޅު، ދޮން ބަންޑާރައިންގެ ދަރިކަލުން މުޙައްމަދު މަނިކުފާނަށް ރަސްކަން ހަވާލު ކުރެއްވިއެވެ. އެމަނިކުފާނު ތަޚުތުގައި އިށީނދެވަޑައިގަތީ އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން އިސްކަންދަރުގެ ނަންފުޅުގައެވެ. އެޔަށްފަހު، މުޙައްމަދު ޝަމްސުއްދީން އަމިއްލަފުޅަށް ފާށަނާ ކިލެގެފާނުގެ މަގާމު އިޚްތިޔާރު ކުރެއްވިއެވެ.

ދެން އައީ ބަޣާވާތުގެ އެންމެ އަނދިރި ވަގުތުކޮޅެވެ. ދިވެހި ތާރީޚުގެ އެންމެ ހިތާމަވެރި އެއް އެޕިސޯޑެވެ. ދިވެހިރާއްޖޭގެ ކީރިތި މަހާރަދުން އިންތިހާ ދަރަޖައިގެ އަނިޔާވެރި ގޮތެއްގައި ޝަހީދު ކޮށްލެވުނު ވާހަކަ ލިޔެވޭ ކަޅު ސަފުހާއެވެ. ކީރިތި މަހާރަދުން މުޙައްމަދު ޣިޔާޘުއްދީން ޙައްޖުން އެނބުރި ވަޑައިގަތީ 1774 ގައެވެ. ރާއްޖެ ވެދެވަޑައިގަތީ ތިލަދުންމައްޗާ ދިމާއިންނެވެ. ތިލަދުންމަތީން ބަޣާވާތުގެ ޚަބަރު ލިބިވަޑައިގަތެވެ. ނަމަވެސް ކީރިތި މަހާރަދުން ގަސްދު ކުރެއްވީ މާލެ ވަޑައިގަތުމަށެވެ. އެހެންކަމުން މާލެޔާ ދިމާޔަށް ދަތުރުފުޅު ކުރައްވައި، ގުރައިދޫ ވިލިގިލިވަރު ކައިރީން މާލެ އަތޮޅަށް ވެދެވަޑައިގެން، އެތަނުގައި ނައު ބާއްވަވައިފައި، ބާޣީ ރަސްގެފާނަށް ފަތްކޮޅެއް ފޮނުއްވެވިއެވެ. ނަވުގެ މާލިމީ އާއި ދަންޑެހެލާ ހަވާލު ކުރައްވައި ފޮނުއްވި އެ ފަތްކޮޅުން އެދިވަޑައިގަތީ އަމާންކަން ދެއްވުމަށެވެ. މާތްކަލާނގެ ނިޔާފުޅާ ރުހިވަޑައިގެން ހުންނެވި ވާހަކަ ވެސް ލިޔުއްވެވިއެވެ.

ކީރިތި މަހާރަދުންގެ ފަތްކޮޅަކުން، ބާޣީންގެ ހިތަކަށް އަސަރެއް ނުކުރިއެވެ. ތަޚުތުގައި އިންނެވި މުޙައްމަދު މުޢިއްޒުއްދީނާއި، އޭނާގެ އިސް މުޝީރު މުޙައްމަދު ފާށަނާ ކިލެގެފާނު، ކީރިތި މަހާރަދުންގެ އެދިވަޑައިގަތުން ގަބޫލެއް ނުކުރެއްވިއެވެ. ދެން އަސްކަރު ފޮނުއްވަވައިގެން ނަވުގެ ކަލާސީންނާއި، ކީރިތި މަހާރަދުން ފިޔަވައި ނަވުގައި ތިބި ހުރިހާ ދިވެހީން މާލެ ގެންނެވިއެވެ. އެޔަށްފަހު އަސްކަރުންގެ ބަޔެއްގެ ބެލުމުގެ ދަށުން، ދޯންޏަކަށް ކީރިތި މަހާރަދުން ލައިގެން ގެންގޮސް، ހަށިކޮޅުގައި ހިލަ ދަޔަކުން ބަރޯސީ ބަނދެފައި، މާކަނޑަށް ފައްތައި ޣަރަގު ކޮށްގެން ޝަހީދު ކޮށްލީއެވެ. މާތްރަސްކަލާނގެ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށިއެވެ.

ބާޣީން އެންމެ ފުރަތަމަ އުޅުނީ ކީރިތި މަހާރަދުންނާ މެދު ކަންތައް ކުރި އަނިޔާވެރި، ރަހުމުކުޑަ، ލާއިންސާނީ ގޮތުގެ ވާހަކަ ސިއްރު ކޮށްގެންނެވެ. މުޙައްމަދު ފާށަނާ ކިލެގެފާނު ރައްޔިތުންނަށް އެންގެވީ މުޙައްމަދު ޣިޔާޘުއްދީން ރަންޖެހި ގަނޑުވަރަށް ފައިބައިވަޑައިގެންފި ކަމުގައެވެ. މިހާރު ވީތަނެއް އެނގިވަޑައިނުގަންނަވާ ކަމުގައެވެ. ނަމަވެސް އިސާހިތަކު މި ބޮޑު ދޮގު ފަޅާ އެރީއެވެ. އެ ހިސާބުން ދެން ވިދާޅުވީ ޣިޔާޘުއްދީނަށް ހަދާންވީ ގޮތެއްގެ ލަފާ ފަނޑިޔާރު މަނިކުފާނުގެ އަރިޔަހުން އެހީމާ، ގަތުލު ކޮށްލައްވާން ފަނޑިޔާރު މަނިކުފާނު ވިދާޅުވެގެން ގަތުލު ކޮށްލައްވައިފީމޭއެވެ. މުޙައްމަދު މަނިކުފާނު މި ވިދާޅުވި ބަސްފުޅާ މެދު، ފަނޑިޔާރު މަނިކުފާނު ހުވައި ކުރައްވައިފައި ވިދާޅުވީ އެއީ އެމަނިކުފާނު އެއްގޮތަކަށް ވެސް ދެނެވަޑައިގެން ހުންނެވި ކަމެއް ނޫން ކަމުގައެވެ.

ހުރާގޭ ޚާންދާނުގެ ބެއިފުޅުންނާއި އެ ޚާންދާނުގެ ވާގިވެރީން ކީރިތި މަހާރަދުންނާ ދެކޮޅަށް ހިންގެވީ ބަޣާވާތެއްކަމާ މެދަކު އޮޅުމެއް ނެތެވެ. އެތައް ނުކުތާތަކަކުން އެކަން ސާބިތު ވެއެވެ. އެންމެ ފުރަތަމަ ކަމަކަށް، ކީރިތި މަހާރަދުން މުޙައްމަދު ޣިޔާޘުއްދީނަކީ އެއިރަށް ދިވެހިރާއްޖޭގެ ސިންގާސަނާގައި ރެނދަލި ކުރައްވަމުން ވަޑައިގެންނެވި ރަސްރަސްކަލުންގެ ތަރުތީބުން، ތަޚްތު ހައްގު ބޭފުޅާއެވެ. ދެވަނަ ކަމަކަށް، ހުރާގޭ ޢާއިލާޔަކީ ކީރިތި މަހާރަދުންގެ ކާބަފައި ރަސްރަސްކަލުން ދައުލަތުގެ މަގާމުތައް ދެއްވައިގެން ބޮޑުންގެ ގޮތުގައި ގެންގުޅުއްވި އާއިލާއެއް ކަމުން، ޝާހީ އާއިލާޔަށް ތެދުވެރި ވެ ވަފާތެރި ވުމަކީ ހުރާގޭ ބެއިފުޅުންގެ މައްޗަށް އޮތް ބޮޑު ވާޖިބެއްކަން ސާފެވެ. އަދި އެ އާއިލާޔަށް ޚިޔާނާތްތެރި ވެގަތުމީ ކާން ދިން އަތުގައި ދަތް އެޅުންކަން ވެސް ޔަގީނެވެ. ތިންވަނަ ކަމަކަށް، ހުރާގޭ ދަރިކޮޅުގެ ދޮން ބަންޑާރައިން ރަސްކަން ކުރެއްވީ، އެމަނިކުފާނު ރަސްކަމަށް ވަޑައިގަތް ހާލަތުގައި ރަސްކަން ކުރައްވާނޭ ޝާހީ އާއިލާގެ އެއްވެސް ބެއިފުޅަކު މާލޭގައި ނެތުމުން، އެ ވަގުތު އޮތް ޒަރޫރީ ހާލަތަކަށް ޓަކައިކަން އެމަނިކުފާނު ރަސްކަމަށް ވަޑައިގަތުމުގެ ކުރީން ކަންތައް ކުރެއްވި ގޮތާއި، ރަސްކަމަށް ވަޑައިގަތް ގޮތާއި، ރަސްކަމުގައި ހުންނަވައިގެން އަމަލު ކުރެއްވި ގޮތާއި، ރަސްކަން އޭގެ ހައްގުވެރިޔާއާ ހަވާލު ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި ވަސިއްޔަތްޕުޅުން ހާމަ ވެއެވެ. ހަތަރުވަނަ ކަމަކަށް، ދޮން ބަންޑާރައިންނަށް ފަހު އެމަނިކުފާނުގެ ޚާންދާނަށް ރަސްކަން ވާރުތަ ނުވާނޭކަމަށް ޚުދު އެމަނިކުފާނު ވަނީ ކަނޑައަޅުއްވައިފައެވެ. އަދި އެމަނިކުފާނުގެ ބެއިފުޅުންނަށް ރަސްކަން ވާރުތަ ވާނޭ އެއްވެސް ގޮތެއް އޮތް ނަމަހީވެސް، އެކަން ވަނީ ދޮން ބަންޑާރައިންގެ އަމިއްލަފުޅު ބަސްފުޅުން ނަފީ ކުރައްވައިފައެވެ. ފަސްވަނަ ކަމަކަށް، ބޮޑުކޯއްޓޭ ދޮށަށް ރައްޔިތުން އެއް ކޮށް، މުޙައްމަދު މަނިކުފާނުގެ ބައިގިނަ ކުރައްވާން ވެގެން، ކީރިތި މަހާރަދުން ޣިޔާޘުއްދީނަށް ވަފާތެރި މީހުން އަންނާށޭ ވިދާޅުވެ އޮޅުވައިލެއްވި އޮޅުވައިލެއްވުމަކީ ވެސް ވިސްނައިލާން ޖެހޭ ނުކުތާއެކެވެ. ހަވަނަ ކަމަކީ، އެއްވެސް ޝަރީއަތެއް ކުރުމެއް ނެތި، ކީރިތި މަހާރަދުން މާލޭގެ ފަސްގަނޑަށް އަރައިވަޑައިގަތަވެސް ނުދެއްވައި، ނުހަނު އަނިޔާވެރި ގޮތެއްގައި އެމަނިކުފާނު ޝަހީދު ކުރި ކުރުމެވެ.

މި ދެންނެވީ ދިވެހި ތާރީޚު ދުށް ހަގީގީ ބަޣާވާތެއްގެ ވާހަކައެވެ. މި ބަޣާވާތަށް ދުއިސައްތަ ފަންސާސް އަހަރު ވެގެން ދިޔަ އިރު ވެސް، ދިވެހި ރައްޔިތުން އެކަން ހަނދާން ނައްތައެއްނުލައެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ ވަރުގަދަ ޕްރޮޕެގެންޑާތަކަކުން ވެސް، މުޙައްމަދު ޣިޔާޘުއްދީން ކީރިތި މަހާރަދުންގެ ނަންފުޅާއި އަބުރުފުޅަށް ހުތުރެއް ނޭރުވުނުކަމެވެ. ދުއިސައްތަ ފަންސާސް އަހަރު ފަހުން، އެ ރަދުންގެ ވާހަކަ ދިވެހީން އަދިވެސް ރަން އަކުރުން ލިޔާކަމެވެ. މި ވާހަކަ 23 މެއި 1982 ގެ "ހަވީރު" ނޫހުގައި ލިޔުއްވި ލިޔުމެއްގައި ޢަބްދުލްޙަކީމް ޙުސައިން މަނިކު ލިޔުއްވީ އަންނަނިވި އިބާރާތުންނެވެ. "އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އުތީމު ބަންޑާރައިންނާ ހަމަ އެއްވަރަށް ހެން، ދިވެހީން އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން ޙާޖީ ބަންޑާރައިން ވެސް ދެކެނީ މަތީ ދަރަޖައިގެ ވަލީވެރިޔެއް ކަމަށެވެ. މި ރަދުންނަށް ފާތިޙާ ފަރިއްކޮޅު ނުކިޔަވާ އެއްވެސް ރަށެއް ދިވެހިރާއްޖޭގައި އަޅުގަނޑުމެން ހަނދާން ހުންނާން ފެށި އިރަކު ނެތެވެ. އަދި އެ ރަދުންގެ ނަންފުޅުގައި ހުންނަ ކޮންމެވެސް މަގާމުފުޅެއް ނެތް ރަށެއް ވެސް ނެތޭ ބުނުމަކީ ހަގީގަތާ ޚިލާފު ކަމަކަށް ނުވާނެއެވެ."

comment ކޮމެންޓް