ސްޓެލްކޯ މުވައްޒަފުންގެ އަގުވަޒަކޮށް އެވޯޑު ދީފި

ސްޓެލްކޯގެ އެނުއަލް ނައިޓުގެ ތެރެއިން -- ފޮޓޯ: ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މުވައްޒަފުންގެ ތެރެއިން މަސައްކަތުގައި އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފި އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި އެ ކުންފުނީގެ 2018 ވަނަ އަހަރުގެ އެނުއަލް ނައިޓުގައި މުވައްޒަފުންނާ އެވޯޑު ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ބޯޑު މެންބަރުންނެވެ.

އެގޮތުން ކުންފުންޏަށް 30 އަހަރު ހިދުމަތްކޮށް ދެއްވި ފަސް ބޭފުޅަކާއި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި 14 ބޭފުޅަކަށް މިރޭ ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން ސްޓެލްކޯ އިން އަތޮޅުތަކުގައި ހިންގާ އިންޖީނުގެތަކުގެ އެންމެ ހިދުމަތްތެރި މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑު ދީފައިވާ އިރު ކުންފުނީގެ ޑިޕާޓުމެންޓުތަކުން އެންމެ ފާހަގަކުރެވޭ މުވައްޒަފުންނަށް ވެސް މިރޭ ވަނީ އެވޯޑު ދީފަ އެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ކުންފުނިންދޭ މަތީ ތައުލީމުގެ ފުރުސަތުތަކަށް ހޮވުނު ފަރާތްތަކަށް މިރޭވަނީ އެކަމުގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ކުންފުންޏަށް ރީތިނަން ހޯދައިދިން މުވައްޒަފުންނަށާއި ސަރުކާރުުން ހިންގި "ރަށްފެހި" ގަސް އިންދުމުގެ މުބާރާތުން ފާހަގަކޮށްލެވުނު ޑިޕާޓްމެންޓުތަކަށާއި އިންޖީނުގެތަކަށް މިރޭ ވަނީ އެވޯޑް ދީފަ އެވެ.

comment ކޮމެންޓް