ކުށްކުރާ މީހާއާ މެދުވެސް އަމަލު ކުރާނީ އިންސާފުވެރިކޮށް: އިމްރާން

އިމްރާން: ކުށް ކުރާ މީހާއާ މެދުވެސް އަމަލު ކުރަން ވާނީ އިންސާފުން ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުށްކުރާ މީހާއާ މެދުވެސް އަމަލު ކުރާނީ އިންސާފުގެ މަގުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގައި މިހާރު ތިއްބެވި ފަރާތްތައް ފެށުނީއްސުރެ ވަކާލާތު ކުރަމުން އައި އުސޫލުތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ، އެގޮތުން ބަންދުކުރަންޖެހޭ މީހުންވެސް ހައްޔަރުކުރަން ޖެހޭނީ އިންސާފުންކަމަށް އިމްރާން ވިދާޅުވިއެވެ.

"ކުށް ކުރާ މީހާއާ މެދުވެސް އަޅުގަނޑުމެން އަމަލު ކުރާނީ އިންސާފުވެރިކޮށް. ބަންދުކުރަން ޖެހޭ މީހުން އިންޝާﷲ އިންސާފުގެ ތެރެއިން ބަންދު ކުރެވޭނެ،" ރައީސް ޔާމީން ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރެއްވި އިމްރާން ވިދާޅުވިއެވެ.

އިމްރާން މިގޮތަށް ވިދާޅުވިއިރު، ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުނުކޮށް ލަސްވާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވަނީ ރިލްވާންގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ ފުލުހުން ހައްޔަރުކުރުމަށް ފުލުހުންނަށް އަންގާފަ އެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ، އެ ދެ މީހުންނަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތުމުގެ ސަބަބުން ހައްޔަރު ކުރެވެން ނެތް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު (އެމްސީ ހަމީދު) ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ރިޔާސީ ކޮމިޝަނުތަކަށް ބާރުދޭ ގާނޫނުން ރިލްވާންގެ މައްސަލަ ބެލުމުގެ ބާރު ކޮމިޝަނަށް ބަދަލުކޮށްފައިވާތީވެެ، ރިލްވާންގެ މައްސަލަ ބެލުމުގެ އިހްތިސޯސް ލިބިގެން ވަނީ މިހާރު ހަމަ އެކަނި ރިޔާސީ ކޮމިޝަނަށް ކަމަށެވެ. އެއާއެކު އެ މައްސަލައިގައި ތުހުމަތުގައި މީހަކު ހައްޔަރުކުރުމުގެ އަމުރަކަށް އެދެވޭނީ ރިޔާސީ ކޮމިޝަނަށްކަމަށް ހަމީދު ވިދާޅުވިއެވެ.

https://sun.mv/124118

މީޑިއާއާ ބައްދަލުކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ ރިލްވާންގެ މަރާ ގުޅިގެން މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓު އޮތީ ކަމާ ގުޅޭ ބައެއް މުއައްސަސާތަކާ ހިއްސާނުކުރެވި ކަމަށާއި އެހެން ކަމުން މުއައްސަސާތައް ގުޅިގެން ފިޔަވަޅު އަޅަން އުނދަގޫވީ ކަމަށެވެ.

އެހެން ނަމަވެސް އާދީއްތަ ދުވަހު ކަމާ ގުޅޭ ހުރިހާ މުއައްސަސާތައް އެއް މޭޒަކަށް އައިސް، އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އެ ރިޕޯޓާ ގުޅިގެން މިއަދުން މިއަދަށް ފިޔަވަޅުތައް އެޅިގެން އަންނަތަން ފެންނާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މިއަދުން މިއަދަށް، މިއަދު ވެސް އެކަމާ ބެހޭ މަސައްކަތްތައް ހަލުވިކޮށް ކުރިއަށްދާނެ. އަމަލީ ގޮތުން މަސައްކަތް ފެށުމާ އެކު، ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ،" ރައީސް އިއްޔެ ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންގެ ތަހުގީގުން އެނގޭ ގޮތުގައި އަލްގައިދާގެ ރާއްޖޭގެ ގޮފިން ރިލްވާން މަރާލުމަށްފަހު ވަނީ، ކަނޑުފައްތާފައެވެ.

comment ކޮމެންޓް