ގަތަރުގައި އޮންނަ ވޯލްޑް ކަޕުގެ އޮފިޝަލް ލޯގޯ ދައްކާލައިފި

ގަތަރުގައި ބާއްވާ ވޯލްޑް ކަޕުގެ ލޯގޯ ދައްކާލުމުގެ ތެރެއިން --- ފޮޓޯ// އަލްޖަޒީރާ

ދުނިޔޭގައި މިހާތަނަށް އެންމެ ބޮޑު ޙަރަދަކާ އެކު ބޭއްވޭ ވޯލްޑްކަޕަށް ގަތަރުން ތައްޔާރުވަމުން އަންނަ އިރު އެ މުބާރާތުގައި ބޭނުން ކުރާނެ އޮފިޝަލް ލޯގޯ ދައްކާލައިފި އެވެ.

ދެހާސް ބާވީސް ވަނަ އަހަރު ގަތަރުގައި ބާއްވަން ތައްޔާރުވާ ވޯލްޑް ކަޕުގެ އޮފިޝަލް ލޯގޯ ރޭ އާންމު ކޮށްފައިވާ އިރު އެ ލޯގޯގައި އަރަބިންގެ އާދަކާދައާއި އެ ވެރިންގެ ބިންތައް ރަމްޒުކޮށްދެ އެވެ. ގަތަރުގެ ދިދައިގައި ހުންނަ ހުދާއި ރަތް ކުލަ އެކުލެވިގެންވާ މި ލޯގޯ އިންނަނީ "އިންފިނިޓީ" ގެ ސިމްބޮލް އިންނަ ގޮތަށެވެ.

ގަތަރު ވޯލްޑް ކަޕުގެ އޮފިޝަލް ލޯގޯ

"އޮމާކޮށް ފެންނަ ބަނޑިތަކުން އެ ފެންނަނީ އަރަބިންގެ ސަހަރާތައް. އަދި މެދު ކެނޑުމެއް ނެތި ގޮސް ދެ ކޮޅު ގުޅުވާފައި އެވަނީ "އަށެއް" ރަމްޒުކޮށްދިނުމަށް. އަށެއް ރަމްޒު ކޮށްދެނީ މުބާރާތް ކުޅޭނެ އާދަޔާ ޙިލާފަށް ރީތި އަށް ސްޓޭޑިއަމް. "އިންފިނިޓީ" ސިމްބޮލް ރަމްޒު ކޮށްދެނީ ފުޓުބޯޅައިން މުޅ ދުނިޔެ ގުޅިފައިވާ ކަން." ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިއްޔެ ރަސްމީކޮށް މި ލޯގޯ ދައްކާލާފައި ވަނީ ގަތަރުގެ މިނިވަން ދުވަހާއި ވެސް ދިމާކޮށެގެންނެވެ. އެހެން ކަމުން ވޯލްޑް ކަޕުގެ ލޯގޯ އިއްޔެ ވަނީ ގަތަރުގެ އެކި އެކި ބޮޑެތި އިމާރާތްތަކުގައި ވެސް ދައްކާލައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕު ބޭއްވުމަށް ރާވަމުން އަންނަނީ ނޮވެމްބަރު ޑިސެމްބަރު ހިސާބުގަ އެވެ. މިއީ މިހާތަނަށް ވެސް މި މުބާރަތް އެދުވަސްވަރު ބާއްވަން ރާވާ ފުރަތަމަ ފަހަރެވެ. ފީފާއިން އެގޮތަށް ނިންމީ އާއްމު ގޮތެއްގައި މުބާރާތް ބާއްވާ ދުވަސްވަރު ކަމުގައިވާ ޖޫން ޖުލާ އަކީ ގަތަރަށް ވަރަށް ވެސް ހޫނު ދުވަސްވަރަކަށް ވާތީ އެވެ.

comment ކޮމެންޓް